މީހުންގެ ވާހަކަދެއްކުމަކީ އެއް ބަޔަކަށް ވަރަށް މަޖާ ކަމަކަށް ވެދާނެއެވެ. ނަމަވެސް މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ބުނިގޮތުގައި، އެއީ އޭނާ ވަރަށް ނަފްރަތު ކުރާކަމެކެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ އައިސް ޓީވީން ގެނެސްދިން "މީހުންގެ ވާހަކަ" ޝޯވގައި ސުނީ ލައްކަ ވާހަކަދެއްކިއެވެ. ސުނީ އަށް ސުނީ ބޭނުން ގޮތަކަށް ވާހަކަދައްކާލުމުގެ ފުރުސަތު ޝޯވގެ ހޯސްޓް ޝަހޫ ދިނެވެ. ސުނީ އަމިއްލައަށް އެކަން ވަނީ ހާމަކޮށްފައެވެ.

ޝޯވގެ ތެރެއިން ސުނީ ވަނީ އޭނާއާއެކު މަސައްކަތް ކުރި ބައެއް ފަންނާނުންގެ މޮޅު ކަމުގެ ވާހަކަދައްކާފައެވެ. އެ ޝޯވގައި ސުނީއަށް ލިބުނު ފަސް ކާޑުގައިވާ ފަސް ފަންނާނަކާއި ގުޅޭގޮތުން ސުނީ ވާހަކަދެއްކިއިރު، އަޒޭއަކީ އޭނާ އެންމެ ލޯބިވާ އެއް ތަރިކަމަށާއި، ޝީލާއަކީ އެކްޓް ކުރުމަށް ވަރަށް މޮޅު ފަންނާނެކަމަށް ސުނީ ބުންޏެވެ.

އަދި އެ ނޫނަސް ބައެއް ތަރިންނާއި ގުޅޭގޮތުން ސުނީ ވާހަކަދެއްކިއެވެ.

މީގެ އިތުރުން ސުނީ އޭ ކިޔައިގެން ފިލްމް އިންޑަސްޓްރީގައި ދެކެވެމުންދިޔަ ބައެއް ވާހަކަތަކުގެ ތެދު މައުލޫމާތު ސުނީ ވަނީ ހާމަކޮށްފައެވެ.

ޝޯވއާއި ގުޅޭގޮތުން ފޭސްބުކްގައި ސުނީ ބުނެފައި ވަނީ، އޭނާގެ އަމިއްލަ ވާހަކަތައް ހިއްސާކޮށްލުމަށް އެ ޝޯވގެ ތެރެއިން އޭނާއަށް ފުރުސަތު ލިބުނުކަމަށާއި، އެ ޝޯވ ވަރަށް ކަމުދިޔަ ކަމަށެވެ. އަދި ޝޯވގެ ކޮންސެޕްޓުގެ ސަޅިކަމާއި، ޝޯވގެ ހޯސްޓަށްވެސް ސުނީ ވަނީ ތައުރީފްކޮށްފައެވެ.

"އަހަންނަ މި ޝޯވގެ އެންމެ ސަޅި ތަންކޮޅަކީ އަހަރެން ބޭނުން ގޮތަކަށް އަހަންނަށް ވާހަކަދައްކާލަން ފުރުސަތު ލިބުން" ސުނީ ފޭސްބުކްގައި ލިޔުނެވެ.

މި ހަފްތާ ބުދަ ދުވަހު މީހުންގެ ވާހަކަ ޕްރޮގްރާމްގައި ދައްކާނީ ފިލްމީ ތަރި އަޒޭއެވެ. އަދި އަންނަ އީދު ދުވަހު އަންނަ މީހުންގެ ވާހަކައިގެ ހާއްސަ އެޕިސޯޑްގައި ފެނިގެންދާނީ ރާއްޖޭގެ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދުއެވެ.