ބޮލީވުޑުގެ ވެތަރެން އެކްޓަރ ސަތިޝް ކޯލް ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

300 އެތައް ހިންދީ އަދި ޕަންޖާބީ ފިލުމުތަކެއް ގުޅެފައިވާ ސަތިޝް މަރުވެފައިވަނީ ކޮވިޑް ޖެހިގެން ހާލު ދެރަވެގެންނެވެ. އޭނާ މަރުވެފައިވަނީ އުމުރުން 74 އަހަރުގައެވެ.

ސަތިޝްގެ ދައްތަ ސަތިޔާ ދޭވީ އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފާއިތުވި ހަވަރަކަށް ހަތްވަރަކަށް ދުވަހު ސަތިޝް ހުންއައިސްފައިވާ ކަމަށާއި ހާލު ދެރަކަމަށާއި އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު ޝްރީ ރާމާ ޗެރިޓަބަލް ހޮސްޕިޓަލުގައި އެނދުމަތި ކުރި ކަމަށާއި ޓެސްޓު ހެދުމުން ކޯވިޑަށް ފައްސިވެފައިވާ ކަމަށެވެ.

މީގެއިތުރުން ސަތިޔާ ބުނެފައިވަނީ ސަތިޝްގެ ވަޅުލުމުގެ ކަންތައް ކުރިއަށް ދާނީ މިއަދު ކަމަށެވެ.

މިދިޔަ އަހަރު ސަތިޝް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ކުރެވުނު ފުރަބަންދުގައި އޭނާގެ އަތްމަތި ދަތިވެފައިވާ ކަމަށާއި ބޭހާއި ކާބޯތަކެއްޗާއި އަދި އެނޫންވެސް މުހިންމު ބައެއް އެއްޗެހި ހޯދުމަށް ދަތިވި ކަމަށެވެ.

އަތްމަތި ދަތިވުމުން އިންޑަސްޓްރީގެ ބައެއް މީހުންގެ ފަރާތުން އެހީއަށް އެދިފައިވާ ކަމަށާއި އަދި އެހީ ލިބިފައިވާ ކަމަށް ވެސް ސަތިޝް ބުނެފައިވެއެވެ. އެކްޓަރެއްގެ ހައިސިއްޔަތުން އޭނާއަށް ވަރަށް ލޯބި ލިބިފައިވާ ކަމަށާއި އަދި އިންސާނެއްގެ ހައިިސިއްޔަތު ވެސް މީހުން އޭނާ ބަލައިގަތުމަށް ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ.

70ގެ އަހަރުތަކުގައި ފިލުމު އިންޑަސްޓްރީގައި މަސައްކަތް ފަށާފައިވާ ސަތިޝް ކުޅެފައިވާ ބައެއް ފިލުމު ތަކަކީ ރާމް ލަކަން، ޕިޔާރު ތޮ ހޯނާހިތާ، އާންޓީ ނަންބަރު 1 އެވެ.

ކިޔުންތެރިންގެ ހިޔާލު