އެއީ ކުށެއް ކުރާނެ މީހެއް ނޫނެވެ. އެއީ ވަރަށް ރަނގަޅު ރަހުމަތްތެރިއެކެވެ. އެއީ އަހަންނާއި އެއް ކުލާހެއްގައި ކިޔެވި އަހުލާގް ރަނގަޅު ކުއްޖެކެވެ. މިއީ މިިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ބޮޑު ގުރޫޕެއްވެގެން އަނިޔާކޮށް މަރާލި އިންޑިއާގެ އަސާމް އަވަށުގެ އަބިޖީތް މަރާލި މައްސަލާގައި މީސް މީޑީޔާގައި ގިނަ ބަޔަކު ދައްކަމުންދާ ވާހަކައެވެ.

މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަބިޖީތް އާއި އޭނާގެ ރަހުމަތްތެރިއެއްކަމަށްވާ ނިޓޮޕަލް ދިޔައީ މަސް ބޭނުމަށެވެ. އެހެން ނަމަވެސް އެ ދެ މީހުންނަށްވެސް ވަނީ 200 މީހުންގެ ބޮޑު ގުރޫޕަކުން ހަމަލާ ދީފައެވެ. އެ މީހުންނަ ހަމަލާ ދީ މަރާލާފައި ވަނީ އަބިޖީތް އާއި އޭނާގެ ރަހުމަތްތެރިޔާއަކީ ކުޑަކުދިން ވަގަށް ނަގާ މީހެއްކަމަށް ބުނެއެވެ.

އެ މީހުންނަށް ހަމަލާ ދިނީ އޮނު ފަދަ ތަކެތި ބޭނުންކޮށްގެންނެވެ. އަދި ވަޅިންވެސް ދެ މީހުންނަ ހަމަލާ ދީފައިވާކަމަށް ވެއެވެ.

"އަބިޖީތް ލޯބިވެރިޔާއަށް ގުޅާފައި ބުނި ވަރަށް އަވަހަށް ގެއަށްދާނަމޭ. އެއިރު ގަޑިން އިރުއޮއްސި 6:00 ޖަހާނީ. އޭގެ ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު ފަހުން އަހަރެންވެސް ގުޅިން އޭނާއަކަށް ނުގުޅޭ". އަބިޖީތްގެ ދައްތަ ބުންޏެވެ.

އެއިރު، އަބިޖީތްގެ ލޯބިވެރިޔާވެސް ދިޔައީ އޭނާއަށް ގުޅަމުންނެވެ. އެގޮތަށް ގުޅުމުގެ ތެރޭގައި ގާތްގަނޑަކަށް އެރޭ 8:00 ޖެހި އެހާކަންހާއިރު، އެ ފޯނަށް ޖަވާބު ދިނީ އޭނާ މަރާލުމުގައި ބައިވެރިވި މީހެކެވެ. އޭނާ ބުނީ"އަހަރެމުން އޭނާ މަރާލައިފިން. މާދަމާ ހަބަރުގައި އެ ވާހަކަ އޮންނާނެ" ކަމަށެވެ.

އެކަން ފުލުހުންނަށް އެންގިއެވެ. އަދި އެރޭ އޭނާގެ ހަށިގަނޑު ވަނީ ގެއަށް ގެނެސްފައެވެ.

އަބިޖީތް މަރާލުމާއި ގުޅިގެން އޭނާގެ ރަހުމަތްތެރިން އަދިވެސް ތިބީ ހައިރާންވެފައެވެ. އަބިޖީތް އަކީ ކަންކަމާއި ވަރަށް ލަދުގަންނަ މަޑުމައިތިރި ކުއްޖެއްކަމަށް އޭނާގެ ރަހުމަތްތެރިން ދިޔައީ ބުނަމުންނެވެ.

މިހާރުވެސް ގިނަ ބަޔަކު ދަނީ އޭނާ މަރާލީ ކީއްވެތޯ ސުވާލު ކުރަމުންނެވެ. އޭނާއަކީ ކައިވެންޏަކަށްވެސް ތައްޔާރުވަމުން ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

އޭނާ މަރާލި ވީޑީޔޯވެސް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

މި މައްސަލާގައި އަދި ބަޔަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުނަށް ވަނީ އެއީ ކޮން ބައެއްކަން ދެނެގަނެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު