އެކްޓަރ އަޖޭ ދޭވްގަންގެ ކުރިއަށް ފިލިމު ''މެއިދާން'' އިން ދުނިޔޭގެ އެކި ހިސާބުތަކުގެ ފުޓުބޯޅަ ކުޅުންތެރިން ފެނިގެންދާނެ ކަމަށް ފިލުމުގެ ޑައިރެކްޓަރ ބުނެފިއެވެ.

ކުޅިވަރަށް ބިނާކޮށް އުފައްދާ މި ފިލުމުގެ ޑައިރެކްޓަރ އަމިތު ޝަރުމާ ބުނެފައިވަނީ މި ފިލުމުގައި ދައްކުވައިދޭ މެޗުތަކުގައި ތައިލެންޑާއި ފުރާންސާއި ދެކުނު ކޮރެޔާ އަދި ޖަޕާނުގެ ފުޓުބޯޅަ ކުޅުންތެރިން ފެނިގެންދާނެ ކަމަށެވެ.

ތައިލޭންޑުގެ ފުޓުބޯޅަ ކުޅުންތެރިން މިހާރު ވެސް ތިބީ އިންޑިޔާއަށް އައިސް ކަމަށާއި ފިލުމުގެ ޑައިރެކްޓަރ ކޯވިޑަށް ފައްސިވެފައިވާތީ އޭނާ ރަނގަޅު ވަންދެން ތިބި ކަމަށާއި ޑައިރެކްޓަރ ކޯވިޑުން ރަނގަޅު ވީހާ އަވަހަކަށް މި ޓީމުގެ ޝޫޓިން ފެށިގެންދާނެ ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ.

ފިލުމުގެ ޑައިރެކްޝަން ޓީމުން ބުނެފައިވާ ގޮތުގައި އޮސްޓްރޭލިޔާ ފުރަބަންދު ކުރުމާއި ގުޅިގެން އޮސްޓްރޭލިޔާގެ ފުޓުބޯޅަ ކުޅުންތެރިން ލިބުމުގައި ދަތިތަކަކާއި ވަނީ ކުރިމަތިވެފައެވެ.

އިންޑިޔާގެ ފުޓުބޯޅައިގެ ރަން ދުވަސްވަރަށް ބިނާކޮށް ތައްޔާރު ކުރާ މި ފިލުމަކީ އެންމެ މޮޅު އެންމެ ކޮލިޓީ ރަނގަޅު ފިލުމަކަށް ހެދުމަށް ޑައިރެކްޓަރ ދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށް ފިލުމުގެ ޑައިރެކްޓަރ ބުނެފައިވެއެވެ.

މި ފިލުމުގައި އަޖޭ ދޭވްގަން އަދާކުރަނީ އިންޑިޔާއަށް ފުޓުބޯޅަ ތަޢާރަފް ކޮށްދިން އިންޑިޔާގެ ފުޓުބޯޅައިގެ ބައްޕަ، ކޯޗު ސައްޔިދު އަބްދުލް ރަހުމާންގެ ރޯލެވެ.

މި ފިލުމުގެ ލީޑު ރޯލުން އަޖޭ ދޭވްގަންއާއި އެކު ފެނިގެންދާނީ ބަތަލާ ޕްރިޔަމާނީއެވެ. ފިލުމު ރިލީޒް ކުރުމަށް ތާވަލު ކުރެވިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގައެވެ.