މިދިޔަ އަހަރު ވަޒީފާ ގެއްލުނު މީހުންގެ އަދަދު ވަނީ 114 މިލިއަނަށް އަރާފައެވެ. ކޮވިޑް ފުރަބަންދާއިއެކު އެތައް ބަޔެއްގެ އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވެއެވެ.

މިދިޔަ އަަހަަރުގެ އެޕްރީލް މަހު ހަމަ އެކަނި އިންޑިއާއިން ވެސް 112 މިލިއަން ވަޒީފާ ވަނީ ގެއްލިފައެވެ. އެއާއި އެކު މިހާރު އެގައުމުގައި ވަޒީފާ ހޯދަން އުޅެ ވަޒީފާ ނުލިބިފައިވާ މީހުންގެ އަދަދު ވަނީ 6.52 އިންސައްތައަށް އަރާފައެވެ.

ދުނިޔޭގެ ޓެކްނޮލޮޖީ ކުރިއަރައި އިންސާނުން ކުރަމުން ދިޔަ އެތައް މަސައްކަތެއް މިހާރު ވަނީ މެޝިނު ބޭނުން ކޮށްގެން ކުރަން ފަށާފައެވެ. މީގެ ސަބަބުން ކުންފުނި ތަކުގައި މަސައްކަތް ކުރެވޭލެއް އަވަސް ވީ ނަމަވެސް، ވަޒީފާ އަދާކުރާ އިންސާނުންނަށް ލިބޭ ގެއްލުން ބޮޑެވެ.

ދުނިޔޭގެ އިކޮނޮމިކް ފޯރަމް އަކުން މިދިޔަ އަހަރު ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 2025 ވަނަ އަހަރާއި ހިސާބަށް ދާއިރު ވަޒީފާ ތަކުގެ ދެބައި ކޮށްފަ އެއްބައި މަސައްކަތް މެޝިނު ބޭނުން ކޮށްގެން ކުރަން ފަށާފާނެ ކަމަަށެވެ. ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން މެޝިނުތައް ބޭނުން ކުރަން ފެށުމުން 85 މިލިއަނާއި ގާތްކުރާ އަދަދަކަށް ވަޒީފާތައް ގެއްލޭނެ އެވެ. އެހެން ކަމުން އިތުރު 95 މިލިއަން ވަޒީފާއެއް އުފެއްދުމުގެ ޕްރޮޖެކްޓެއް ރޭވިފައިވާ ކަމަށް ބުނެފައިވެއެވެ.

ޓެކްނޮލޮޖީގެ ކުރިއެރުމާއި އެކު ވަޒީފާތައް އުވިގެން ދިޔަ ނަމަވެސް، ކަންކަމުގައި ގޮތް ނިންމުމާއި، ގިނަ މީހުންނާއި ބައްދަލުވެ މުއާމަލާތު ކުރަން ޖެހޭ ވަޒީފާތަކާއި، އިސްތިހާރު ކުރުމަށް ހާއްސަ ވަޒީފާތަކަށް ބަދަލެއް ނާންނާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ބަސް ޑްރައިވަރުންނާއި ޓެކްސީ ޑްރައިވަރުން، ފިހާރަ ތަކުގެ ކޭޝިއަރުން، ރިސެޕްޝަނިސްޓުންނާއި ޕާރްސެލް ބަންދު ކުރުމުގައި ހަރަކާތްރެރިވެ އުޅޭ މީހުންގެ ވަޒީފާ އަކީ މިހާރު މެޝިނު ބޭނުން ކޮށްގެން ކުރާ އަދި ކުރިޔަށް އޮތް އަހަރު ތަކުގައި މެޝިނު ބޭނުން ކޮށްގެން ކުރަން ނިންމާފައިވާ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ދިވެހި ގައުމުގެ މަޖިލިސް ވެސް ތިޔަގެ ރޮބަޓަކައް ހިންގަން ހަވާލު ކުރަންފެނޭ ނަޝީދައްވުރެ ފުރިހަމައައް އެކަން ކުރާނެ.

    8
    2