އިންޑިޔާ އަދި އެމެރިކާއަށް ނިސްބަތްވާ އުމުރުން 4 އަހަރުގެ ކިއާރާ ކޯރު ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖަކު ރެކޯޑް ފޮތުން ޖާގަ ހޯދާފައިވަނީ މެދުނުކެނޑި 2 ގަޑިއިރު ތެރޭގައި 36 ފޮތެއް ކިޔައިގެންނެވެ.

ޔޫއޭއީގައި ދިރިއުޅެމުންދާ ކިއާރާ ވަނީ ލަންޑަންއާއި އޭޝިއާގެ ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދަައިފައިވާ ކިއާރާއަށް ލަންޑަންއިން ދީފައިވާ ނަމަކީ ''ޗައިލްޑް ޕްރޮޑެޖީ'' އެވެ. ޅަ އުމުރުގައި ވެސް އާދަޔާ ޚިލާފު ގާބިލްކަމާއި ތޫނުފިލިކަން ހުންނަ ކުއްޖެއްގެ ލަގަބެވެ.

ދެ ގަޑިއިރުތެރޭގައި މެދުކެނޑުމެއް ނެތި، ހުއްޓާނުލާ 36 ފޮތް ކިޔުމުގެ ރެކޯޑް ކިއާރާ ހަދާފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

އޭޝިއާގެ ދުނިޔޭގެ ރެކޯޑު ފޮތުން ކިއާރާއަށް ލިބިފައިވާ ރެކޯޑަކީ މެދުކެނޑުމެއްނެތި އެންމެ ގިނަ ފޮތް ކިޔުމުގެ ރެކޯޑެވެ.

ކިއާރާ ފޮތް ކިޔުމަށް ހުންނަ ޝައުގުވެރިކަން ފާހަގަ ކުރެވިފައިވަނީ އަބޫ ދާބީ ސުކޫލެއްގެ ކިއާރާގެ ނާސަރީ ޓީޗަރަކަށް ކަމަށް ރިޕޯޓްތަކުގައިވެއެވެ. ޓީޗަރަށް މިކަން ފާހަގަ ކުރެވިފައިވަނީ ކޮރޯނާ ވައިރަސް ފެތުރުމުގެ ކުރިންނެވެ.

''އަހަރެން ފޮތް ކިޔުމަށް ލޯބިކުރަން. ފޮތުގައި ހުންނަ ކުލަކުލައިގެ ފޮޓޯތައް އަހަރެންނަށް ވަރަށް ކަމުދޭ. އަކުރުތައް ބޮޑެތިކޮށް ހުރުމުން ކިޔައިލަން އަހަރެންނަށް ފަސޭހަ'' ނޫހަކަށް ދިން އިންޓަވިއުއެއްގައި ކިއާރާ ބުނެފައިވެއެވެ.

މިދިޔަ އަހަރު 200 އަށް ވުރެ ގިނަ ފޮތް ކިޔާފައިވާ ކިއާރާއަށް އެންމެ ކަމުދާ ފޮތްތަކަކީ ''އަލައިސް އިން ވޮންޑަލޭންޑް''، ''ސިންދުރެއްލާ''، ''ލިޓްލް ރެޑްރައިޑިން ހުޑް'' އަދި ''ޝޫޓިން ސްޓަރ'' އެވެ.

ކިއާރާގެ މަންމަ ބުނެފައިވަނީ ގޭގައި ވެސް ކިއާރާ އަބަދު ފޮތް ކިޔުމުގައި ހޭދަ ކުރާ ކަމަށާއި ވިޔަފާރި ކުރުމަށް ފިހާރައަށް ގޮސްފިނަމަ އެތައް ފޮތްތަކެއް ގަންނަން ޖެހޭ ކަމަށެވެ.