ޗައިނާގެ އުމުރުން އެންމެ 37 ދުވަސްވީ އަންހެން ކުއްޖަކު ދަގަނޑު އިސްކުރުތަކެއް ކާލުމުން ފުރާނަ ނުރައްކަލަށް ހުށަހެޅުނު ނަމަވެސް ދިގު ދެމިގެންދިޔަ އޮޕަރޭޝަނަކަށް ފަހު ފުރާނަ ސަލާމަތް ކުރެވިއްޖެއެވެ.

އަންހެން ކުއްޖާ ތިން އިސްކުރު ކާލީ އޭނާގެ ބޭބެ ކުއްޖާގެ އަނގައަށް ތިން އިސްކުރު ލެވުމުންނެވެ. ބޭބެ އަކީ ވެސް ދެތިން އަހަރުގެ ކުއްޖެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކުއްޖާ ތިން އިސްކުރު ކާލުމުން ބޭބެ ވަނީ އެވާހަކަ މަންމަ ކައިރީގައި ބުނެފައެވެ.

ވަގުތުން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނެގިއިރު ތިން އިސްކުރު އޮތީ ބަނޑުތެރޭގައެވެ. އެވަރުގެ ތުއްތު ކުއްޖެއްގެ ބަނޑުން އިސްކުރުތައް ނެގުންވީ ޑޮކްޓަރުންނަށް ވެސް ކުރިމަތިވި ވަރަށް ބޮޑު ޗެލެންޖަކަށެވެ.

ނަމަވެސް އެތެރެހަށީގެ ގުނަވަނަކަށް ގެއްލުން ނުލިބި ހުރިހާ އިސްކުރެއް ވެސް މިހާރު ވަނީ ކުއްޖާގެ ބަނޑުން ނެގިފައެވެ.

އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނީ ކުއްޖާ އަށް ގެއްލުމެއް ނުލިބި އިސްކުރުތައް ނެގުން އެއީ ޑޮކްޓަރުންނަށް ވެސް ލިބުނު ބޮޑު ހައިރާން ކަމެއް ކަމަށެވެ.