ހާރުކާން މަހެއް ފިހުމުގެ ނިޔަތުގައި މާރުކޭޓުން މާނިޔާމަހެއް ގަނެފީމެވެ. ހިތުގައި އޮތީ މަސްކަނޑާނީ ގެއަށް ގެންގޮސް ގެންނެވެ. ރޯދަ މަހެއް އަންނާތީ ވާ އުފަލެވެ. އަހަރެން ހާނދާން ހުންނަން ފެށުނީން ސުރެ ރޯދަމަސް އައުމަކީ ބުނެދޭން ނޭނގޭ އުފާވެރިކަމެއް އިހުސާސް ކުރެވޭ މަހެކެވެ. އަޅުކަމެވެ. ގޭތެރޭގެ އެކުވެރިކަމެވެ. ރޭޑިއޯއިން އިވޭ ވާހަކަ ތަކާއި ސިޔަރަތެވެ. އަދި މީރު ކާތަކެތި ކާން ލިބޭ މަހެކެވެ. މިހާރު އޮފީހަކަށް ވަންތާވެސް ދެއަހަރު ވީއެވެ. އަހަރެން ވަރަށް ޅައުމުރުގައި ވަޒީފާ އަދާކުރަން ފަށައިފީމެވެ. މިހާރު އުމުރަކީ 17 އަހަރެވެ. ފަނަރަ ފުރުނު އިރު ހުރީ އޮފީހެއްގެ ކާތިބު ކަމުގައެވެ.

އަހަރެން ދުއްވާ، ސްޕީޑް ބައިސްކަލުވެސް ރޯދައަށް ފޮހެ އޮފުއަރުވާލީ އިއްޔެވެ. ބައިސިކަލް ޓައިރުވެސް ޕޮލިސް ކުރީމެވެ. ނަމަވެސް މަގުތަކުގައި ވާރޭފެން ހުރުމުން މިއަދު އަނެއްކާ ބައިސިކަލަށް ހުރީ ޗަކައާއި ކިލާ ކޮންމެވެސް ވަރަކަށް އުނގުޅިފައެވެ.

މާރުކޭޓުންގަތް މަސް ބައިސިކަލްގެ ހުންގާނުގައި އެލުވާލައިގެން މަޑު މަޑުން ދުއްވާލާފައި ދާއިރު ހިތުގައި އޮތީ މަސް ފިހާނެ ގޮތެވެ. މީރު ލޮނު މިރުސް ގަނޑެއްގައި މަސް ފިހެލައިގެން ކައިލުމުގެ ފޮނި އުންމީދެވެ. ކުޑައިރުންސުރެ އަހަރެމެން ގޭގައި މިއާދަ އޮވެއެވެ. މުލަރޯދަ ވިލޭރޭ ހާރަށް ފިހުނު މަހާ ކިރާ ހަކުރާ ބަތާ ކެއުމެވެ. މިއަދު ދޮން ކެޔޮ ގަންނާކަށް ނުޖެހުނެވެ. ގޭ މީހުންގެ ގާތް ރަހުމަތްތެރިއަކު ކުޑަ ފަތްކެޔޮ ގަނޑެއް މީގެ ދެދުވަސް ކުރިން ގެނެސް ދިނެވެ. ކެޔޮގަނޑު ކުޑަޔަސް ވައްތަށް ފަލައެވެ. ކެވޭވަރަށް މިހާރު ހުރީ ދޮންވެ ފައްކާވެފައެވެ.

އެހެންނާ ނުފެންނަ ވަރަށް މިއަދު މަގުމަތީގައި މީހުން ހޭލި މޭލީވެ އުޅެއެވެ. ރޯދައަށް ތަކެތި ގަތުމުގައެވެ. ދުވަސްވަރަކީ 1980ގެ އަހަރުތަކުގެ ކުރީކޮޅެވެ. މާލޭގައި އިންޖީނުލީ އުޅަނދު ވަރަށް މަދެވެ. ޚާއްސަކޮށް ސައިކަލެވެ. އަހަރެން އުޅޭ އޮފީހުގެ ހުރިހާ އެންމެން ވެސް ދުއްވަނީ ބައިސިކަލެވެ. އަމީރު އަޙްމަދު މަގުން އައިސް ސޯސަންމަގަށް ލަނބައިލައިފީމެވެ. ފެންނަނީ ދެމީހަކު ޒުވާބު ކުރާތަނެވެ. އެދެމީހުން ދެންމެ ދެންމެ ގަޔަށް އަތްލަފާނެހެން ހީވެއެވެ. އެދެމީހުން ދުރުކުރާންވެސް ބަޔަކު އުޅެއެވެ. ލާނެއް ފުރައިގެ ކުއްޖަކު އަޑުގެ ނެތްތަނަށް ގޮވައެވެ. ރޯދަމަސް ނުފެށެނީސް ކުޅިވަރު ފެށުނީތާއެވެ.

މިއީ އޭރުގެ ސަގާފަތެވެ. ރޯދަމަސް ފެށިއްޖިއްޔާ ބާޒާރު މަތީގައި އަދި ބައެއް ގޭގޭގެ ދޮށުގައި ވެސް މީހުންގެ ޒުވާބު ގަދަވެއެވެ. އަހަރެންނަކީ މިފަދަ ތަންތަނުގައި ކުޅި ބަލަން މަޑު ކުރާހިތްވާ މީހެއް ނޫނެވެ

އަވަހަށް އިރު ހުއްޓާ މަސް ކަނޑައިގެން ފިހެވޭތޯ ބެލިއްޔާ ރަނގަޅު ވާނެއޭ ހިތް ބުނެއެވެ.

ސޯސަން މަގުން އައިސް މަޖީދީ މަގަށް ލަނބާލުމުގެ ކުރިން ސެންޓަރަލް ހަސްފަތާލު ކައިރިން މާރިތި ކުއްޖަކު ފެނިއްޖެއެވެ. ނުކުތީ ހޮސްޕިޓަލުންނެވެ. ކައިރީގައި މީހަކު ނެތެވެ. ހަރުވާޅު ހެދުމެއްގައި ހުރި ކުއްޖާގެ އަތުގައި ބޭސް ސިޓީއެއް އޮތެވެ. ދެކޮޅު ހޯދާ ބަލަނީއެވެ. ހާސްވެގެން އުޅޭ ހެންވެސް ހީވެއެވެ. އޭނާއަށް ބަލަމުން ގޮސް މަޖީދީ މަގަށް ލަނބާލި ތަނުން ބައިސިކަލް ހުރިތަނަށް ކުއްލިއަކަށް ހުއްޓިއްޖެއެވެ. އަހަރެން ބުރަތްކެއް ނުޖައްސަމެވެ. ފަހަތު ފުރޮޅު މައްޗައް އަރައިފިއެވެ. އަހެއްގެ ފަހަތު ދެމޮއްގަނޑު އުފުލޭހެންނެވެ. ބައިސިކަލް އަރިއަޅާލައިފިއެވެ. ކުއްލި ބިރުވެރިކަމަކާއިއެކު ވެއްޓެން ދިޔަ ބައިސިކަލް މަތަނުކުރެވި ބިމަށް ތިރިވެއްޖެއެވެ. ނަސީބަކުން އަހަރެން ބައިސިކަލުގެ ދަށުނުވެ ސަލާމަތް ވެއްޖެއެވެ. މަސް އޮތީ ކުރީ ފުރޮޅުގެ ތެރެއަށްވަދެ ތާށިވެފައެވެ. ބުރަކި ޖެހޭހެން ނަރުތަކުގައި ތާށިވެފައެވެ. ބައިސިކަލް ނަގަމުން ބަލައިލި އިރު ހަވީރު ފިންޏަށް ގެއެއްގެ ދޮށުގައި ނުކުމެ ތިބި އަންހެން ކުދި ބަޔަކު ތިބީ ހީނހީނއެވެ. އަހަރެން ވެސް މާ ނޫންކަމަށް ހަދާފައި ހީނލީމެވެ. ދެރަ ނުވާންވެގެން މޮޅުކަން ދައްކަންވެގެންނެވެ. އަވަހަށް ބައިސިކަލް ނަގައިގެން ނައްޓާލައިފީމެވެ.

މަސްކަނޑާ ނިމުނު އިރު މަޣްރިބް ނަމާދަށް ގޮވައިފިއެވެ. ގެއަށް އާންމުކޮށް ކަށިވެލި ގެންނަ މީހާ ކަށިވެލި ބަސްތާތަކެއް ގެނެސްފިއެވެ. ފެންވެރުމުގެ ކުރިން ގޯތީގައި ހުސްކޮށް އޮތް ތަނުގައި ކަށިވެލި ފަތުރާލައިފީމެވެ. ރޯދައިގެ ކުލަވަރު ފެންނަން ފެށީއެވެ. މަގުމަތީ ފާރުގައި އުވަލީ އިއްޔެވެ. ބަދިގެ ދޮވެ ސާފު ކުރީ ވެސް މީގެ ދެދުވަސް ކުރީންނެވެ.

އިޝާނަމާދުން ފައިބައިގެން އައިސް ކައިހަދައިގެން މަސް ފިހުމުގެ މަސައްކަތް ފެށިއްޖެއެވެ. ނާށި އަންދައިގެން މަސް ފިހެލީއެވެ. ކަލަންޑަރުން ބުނާ ގޮތުގައި މިރެއަކީ ރޯދަ މަހުގެ ފުރަތަމަ ރެއެވެ. މުލަ ރޯދަ ވިލޭރެއެވެ. އިސާހިތަކު ބަޑި ޖަހައިފިއެވެ. ރޭޑިއޯއިން ހަނދު ފެނުނުކަން އިއުލާން ކޮށްފިއެވެ. ރީތި ލަވަތައް އަންނަން ފަށައިފިއެވެ. މަގުމަތީގެ އަޑުފައް ގަދައެވެ. ފަޓާސް ވެސް ވަރަށް މަދުން ޖަހާ އަޑު އިވެއެވެ. ފަޓާހުގެ އަޑުފަށް އެންމެ ގަދަވާނީ އީދުގައެވެ. ގޭގޭގައި ހަވާދުތަޅާ އަޑުވެސް އިވެން ފަށައިފިއެވެ. ފުނޑާ އަޑުވެސް އިވެއެވެ. ދުންހޮޅި ތަކުން ދުން އަރަން ފަށައިފިއެވެ. ކެއްކުމުގެ މީރުވަސް ވެސް ދުވަން ފަށައިފިއެވެ. މުލަ ރޯދައެވެ.

ގޭފެންޑާގައި ހުރި ސަރަންފީއެއްގައި އޮށޯވެލައިގެން އޮވެވުނީ މިއަދު ހޮސްޕިޓަލު ކައިރިން ފެނުނު ކުއްޖާގެ ހަނދާނުގައެވެ. ހިތް ބުނަނީ އެއީ ކޮންމެވެސް ތަނަކުން ދުށްކުއްޖެކެވެ. ވިސްނާ ވިސްނާ ވެސް ޚިޔާލަކަށް ނައެވެ. އެންމެ ފަހުން ނިންމީ ހަސްފަތާލު ދޮށަށް ދިއުމަށެވެ. އަހަރެމެންގޭގެ އާދައަކީ 12 ޖަހާއިރު ހާރު ކެއުމެވެ. ވަގުތު ވެސް އޮތުމާއި އެކު ބައިސިކަލަށް އަރާ ހަސްފަތާލާ ދިމާއަށް މިސްރާބު ޖަހައިފީމެވެ. އަހަރެމެންގެ ގެއާއި ހަސްފަތާލަކާ ވެސް މާކަ ދުރެއް ނޫނެވެ.

ތަންކޮޅަކަށް ދިޔަ ތަނާ އޮފީހުގެ ރަހުމަތްތެރިއަކާއި ދިމާވެއްޖެވެ. އެއީ މީގެ ދެތިން ހަފުތާ ކުރިން ކައިވެންޏެއް ކުރި މީހެކެވެ. އޭނާ މިވަގުތު ހުރީ ޗުއްޓީގައި ކަމުން އޮފީހާ ގުޅޭ ބައެއް ވާހަކަވެސް ދައްކާލީމެވެ. އަދި ކައިވެނި ޕާރޓީގެ ވާހަކަ ވެސް ދައްކާލީމެވެ. އަހަރެން ކުއްޖަކާ ރަށްޓެހި ވުމަށް އޭނާ ހިތްވަރު ދިނެވެ. އަދި ޒުވާން އިރުގައި ކައިވެނިކުރުން ބުއްދިވެރިކަމުގައި ވެސް ބުންޏެވެ. އަހަރެންނަކީ އޭރު މާ ކެރޭ މީހަކަށް ނުވާތީ އެކަމާއި ނޫޅެވި އޮތީއެވެ. ނަމަވެސް މިރޭ މާ ކެރޭ މީހަކަށް ވެގެން އެކުއްޖާ ފެނޭތޯ މުގޯލި އަޅަން ޚިޔާލު އައީތީ ވެސް އަމިއްލަ ނަފުސާ ސުވާލު ކޮށްލެވުނެވެ. އިރުކޮޅަކު ގަބު އަރާފައި ހުރުމުން ރަހުމަތްތެރިޔާ ކޮނޑުގައި ޖަހާލާފައި ބުންޏެވެ. ދެއްކުނު ވާހަކައަކުން ސަކަރާތް ވީ ދޯއެވެ. މިހެން ބުނެލާފައި އޭނާ ހިނގައްޖެއެވެ. ރަހުމަތްތެރިއާގެ ކައިވެނި ޕާރޓީ ތެރެއިން ތަފާތު އުމުރުގެ އަންހެނުން ފެނުނެވެ. އެރޭ ފެނު އެއްކުއްޖެއްގެ މަތިން ކުޑަކޮށް ހަދާން ވެއްޖެއެވެ. އެކުއްޖާ އާއި މިއަދު ދިމާވި ކުއްޖާއާ ވައްތަރުކަން ވެސް މިހާރު ހިތަށް ގެނެވެން ފަށައިފިއެވެ.

ހަސްފަތާލު ދޮށުގައި ދެބުރެއް ޖަހާލައިފީމެވެ. އޭނާ ފެންނަ ގޮތެއް ނުވެއެވެ. ހިތަށް އެރިއެވެ. އަހަރެން މިތާ ކިތަންމެ އިރަކު މުގޯލި އަޅިޔަސް އޭނާ ފެންނާނެ ހެއްޔެވެ. ހަސްފަތާލަކީ އެތަކެއް މީހުން ކޮންމެ ދުވަހަކު އަންނަތަނެކެވެ. އެކުއްޖާ ވެސް އަންނާނީ ޑޮކްޓަރަށް ދައްކާށެވެ. ނުވަތަ ބަލިމީހެއް ގާތުގައި މަޑު ކުރާށެވެ.

ހަސްފަތާލުގެ ދޮރާ ކުރިމަތިވާ ގޮތަށް މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލައިގެން އިންދާ ކުއްލިއަކަށް ފެނުނީ އެއްކަލަ ކުއްޖާ ނުކުތްތަނެވެ. އަދި ދެކޮޅު ބަލާލުމަށްފަހު ހަރުކޮށް ހިނގައި ގަނެފިއެވެ. ހީވަނީ ވަރަށް އަވަސް ކަމެއް ދިމާވެގެން އުޅޭހެނެވެ. މިއަދު ހަވީރު ވެސް އޭނާ ފެނުނީ އެގޮތަށެވެ.

މަޖީދީ މަގުން ހުޅަނގަށް މަގުގެ އެއް ފަރާތުން ހިނގާފައި ދެއެވެ. ރޭ ވެހުނު ވާރޭގެ ފެން އަދި ނުހިނދެއެވެ. މަގުގެ އެކި ތަންތަން ކޮޅުގައި ފެން ހެދިފައި ހުއްޓެވެ. ބައެއް ދިމަ ދިމާ ހީވަނީ އޮށްވަޅު ގޮނޑިއެއް ހެންނެވެ. މިރޭ މަގުމަތިން ވެސް ތަންކޮޅެއް ގިނައިން މީހުން ފެނެއެވެ. އޭނާގެ ފަސް ފަހަތުން އަހަރެން ބައިސިކަލް އަތުން ހިފައިގެން ހިނގައިގެންފީމެވެ. ވާހަކަ ދައްކާނެގޮތަކާއި މެދު ޚިޔާލު ކުރެވެނީއެވެ.

އަހަރެންނަކީ މިކަހަލަ ކަންތަކުގައި ޖެހެލުންވާ އަދި ފިނިވާ މީހަކެވެ. ދައްކާނެ ވާހަކަ ވެސް އެކި ގޮތްގޮތަށް ހިތަށް އާދެއެވެ. ކުރެވޭ ސުވާލަކުން ރުޅި އަތުވެއްޖެއްޔާ ހުރިހާ ކަމެއް ފަނުފުލުން ދާނެއެވެ. ކޮންތާކަށް ތޯ ދަނީ އެހުމީ ވަރަށް އާދައިގެ ސުވާލެކެވެ. އެދުވަސްވަރު އަންހެން ކުދިންނާ އަހަރެން ދަންނަ ރަށްޓެހިން އެންމެ ގިނައިންކުރާ ސުވާލެވެ. ގިނަ ފަހަރަށް އެސުވާލުގެ ޖަވާބު ލިބޭނީ ވަރަށް ހޫނުކޮށެވެ.

ގަލޮޅު ބޯޅަ ދަނޑާ އަރާހަމަވަނީއެވެ. ހިނގުން ބާރުކޮށްލައިފީމެވެ. އިސާހިތަކު އަރާ ހަމަ ކޮށްފީމެވެ. އަދި އޭނާ ބަލައިލުމުން ބުނެލީމެވެ. ސުވާލެއް ކޮށްލިއަސް އެންމެ ރަނގަޅު ހެއްޔެވެ؟ އެހެން އެހުނީ ވެސް ތުރުތުރު އަޅާ އަޑަކުންނެވެ. އޭނާ ބޯ ޖަހާލިއެވެ. އަދި ބުންޏެވެ. އަހަރެންނަކަށް ތިއީ ކާކު ކަމެއް ނޭނގުނެވެ. އެވަގުތު އަހަރެން ކުރަން އުޅުނު ސުވާލު ނުކުރެވި ހުއްޓުން އަރާގޮތްވިއެވެ. އަތްފައި ވެސް ހުރީ ލޮނުދާ ހިތްލާފައެވެ. ކުޑަހިނދު ކޮޅަކަށްފަހު އޭނާ އަލުން ހިނގައިގަންނަން އުޅެނިކޮށް ބުނެފީމެވެ. ހަމަ އެންމެ ސުވާލެކެވެ. އެހެން ބުނުމުން އަލުން މަޑު ކޮށްލައިފިއެވެ. އަހަރެން ބުނެފީމެވެ. މިއަދު ހަވީރު ވެސް ހަސްފަތާލު ކައިރިން ދުށީމެވެ. އޭރުވެސް ހުރީ ހާސްވެ ކަންބޮޑުވެފައެވެ. އަދި މިރޭ ފެނުނު އިރުވެސް ތިޔަ ހުރީ ހާސްވެފައެވެ. ވެގެން އުޅޭ ގޮތް ބުނެލަ ދޭނަން ހެއްޔެވެ. އޭނާ ވާހަކަ ދައްކަން ފެށިއެވެ.

އަހަރެންގެ މަންމަ ބަލިވެގެން އެނދުމަތި ކުރީ އިއްޔެވެ. ރޭ ދަމަށް ހޭލާ ހުރީ އަހަރެންގެ ބޭބެއެވެ. މަންމަ ބުނެގެން މިއަދު ހަވީރު ނުކުތީ ބޭބެ ހޯދަން ދާށެވެ. އަހަރެމެންގެ ގޭގައި ފޯނެއް ނުހުރެއެވެ. ފޯނުކުރަން ދާންޖެހެނީ ޖެހިގެން ހުންނަ ގެއަށެވެ. އެގެއަށް ހަސްފަތާލުގައި ހުރި ފޯނުން ގުޅައިގެން ފޯނު ނުނެގުމުން ދާންޖެހުނީއެވެ.

އަހަރެން އިތުރު ސުވާލެއް ކުރީމެވެ. މިރޭ އަނެއްކާ ތިޔަހާ ހަރުކޮށް ތިޔަ ދަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ބުންޏެވެ. ހާރަށް ކައްކާށެވެ. ގޭގައި ތިބީ ކުޑަ ދެކޮއްކޮއެވެ. ދެން ބޭބެއެވެ. މިއަދު މެންދުރު ފަސް ވަންދެން ހަސްފަތާލުގައ އިނީ ބޭބެއެވެ. އަހަރެން އޮފީހުން ނިމުނުގޮތަށް މަންމަ ކައިރިއަށް އައީއެވެ. އަހަރެން ޝައުޤުވެރިކަމާއި އެކު އޭނާގެ ވާހަކަތައް އަޑު އެހީމެވެ. އަދި އަހަރެން ތައާރަފުވީމެވެ. އުޅޭ އޮފީސް ވެސް ބުނީމެވެ. އަދި އޭނާ އުޅޭ އޮފީހުގެ ނަމާއި ނަންވެސް ބުންޏެވެ. ގެއާއި ހަމައަށް ގެންގޮސް ދޭންތޯ ވެސް އެހީމެވެ. އޭނާ ނޫނެކޭ ބުނެ ހިނގައި ގެންފިއެވެ.

ބައިސިކަލަށް ނާރާ އޭނާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ. ތަންކޮޅަކަށް ހިނގާލާފައި ފަސް އެނބުރި ބަލައިލިއެވެ. އަދި ކުޑަކޮށް ހިނިތުންވެލިއެވެ. އަހަރެން ވެސް ހީނލެވޭތޯ ބެލީމެވެ. ހާސްކަން ފިލާ ނޭނގޭ އުފާވެރިކަމެއް ހިތުތެރޭގައި ހިނގައިގެންފިއެވެ. ވީ އުފަލުން ބައިސިކަލަށް އަރާ ވަރަށް ބާރަށް ދުއްވާލައިފީމެވެ. ހުންގާނުގައި އެއް އަތުން ހިފަހައްޓާލައިގެން އިނދެ ދުއްވަމުން ދިޔައިރު ހީވީ އުދުހެވޭ ހެންނެވެ. މިއަދު ހަވީރުން ސުރެ ބޮލުގައި ހުރި ރިހުމާއި ފައިކޮޅުގައިހުރި ކަންނެތްކަން ވެސް ފިލައިފިއެވެ. ދުއްވުނީ ކިހާ ހިސާބަކަށްކަން ރޭކާލީ މީހަކު ރަނގަބީލެއް ޖަހާލި އަޑަށެވެ. އެއީ ކައިރިން ދިޔަ ބައިސިކަލެއްގައި އިން މީހެކެވެ. އޭރު ދުއްވަމުން ދެވުނީ މަގުގެ ނުބައި ފަޅިންނެވެ. މިހާރު އާދެވިފައި މިހުރީ މާފަންނު ހިއްކި ސަރަހައްދަށެވެ.

އަމިއްލަ ނަފުސަށް ވެސް ހިނިއާދެވުނެވެ. އަލުން އައި ކޮޅަށް ގެޔާދިމާއަށް އަނބުރާލާއިފީމެވެ.

ހާރު ތަށިމަތި ވަރަށް ތިޔާތްގެވެ. ފިހުނު މަހާ ކިރާ ދިޔާ ހަކުރެވެ. ދޮންކޭލެވެ. ތެއްލި މަހާ ގަރުދިޔައެވެ. ލުނބޯ މިރުހެވެ. ރޯދައަށް އެޅި ލޮނު ލުނބޮޔާ އަސާރައެވެ. މިރޭ ކެވެނީ ވެސް ވަކިގޮތަކަށް ނޫނެވެ. ބަނޑު ފުރެންދެން ކާލީމެވެ.

ނިދެމުން ދިޔައިރު ވެސް ހިތުގައި ކުރެހޭނީ އޭނާގެ ފޮޓޯއެވެ. އޭނާ ދެއްކި ވާހަކަތައް ކަންފަތުގައި ހަރުލާ ހުއްޓެވެ. މުލަ ރޯދާއިގެ އުފާ މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ލޯ ލެއްޕެމުން ދަނީ ހުވަފެނެއްގައި އޮވެގެން ހެންވެސް ހީވެއެވެ. އޮފީހަށް ނުކުމެފައި އޭނާއާއި ގުޅާލާނެ ގޮތުގެ ފޮނި ހުވަފެނެވެ.