ބިގް ބޮސް އިން އާއްމުންގެ ސަމާލުކަން ހޯދި ޝެހެނާޒް ގިލްގެ އާ ފެނިލުމަށް އޭނާގެ ސަޕޯޓަރުންގެ ލޯބި ލިބެމުންދެއެވެ. ޕަންޖާބީ ތަރި ބިގްބޮސް ގައި އުޅުނު ދުވަހުން ފެށިގެން ވެސް އޭނާދެކެ ލޯބިވާ މީހުން ހިތް ފުރޭވަރު ކޮށް ނުދެވެއެވެ.

ދާދި ފަހުން ޝެހެނާޒް ގިލް ވަނީ އާގޮތަކަށް އޭނާގެ އިސްތަށިގަނޑު ކޮށާލުމަށްފަހު ހޯމަ ދުވަހުގެ ރޭގަނޑު އޭނާ މިވަނީ މީގެ ކުރިން ފެނިފައި ނުވާ، މިހާރު އޭނާ ހުންނަ ގޮތުގެ ބައެއް ފޮޓޯތަށް ހިއްސާކޮށްފައެވެ. ފޮޓޯގައި އޭނާ ފެނިގެންދަނީ ނޫކުލައިގެ ހެދުމެއްގައި ރަން ކަރުގައި އަޅާ ފަށެއް އަޅައިގެން އޮރެންޖް ލިޕްސްޓިކް ޖައްސައިގެން ހުންނަތަނެވެ.

އޭނާގެ އިސްތަށިގަނޑުގެ އިތުުރުން އޭނާގެ ބަރުދަންވެސް ލުއި ކޮށްލާފައި ހުރިކަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.

ޝެހެނާޒްގެ އާ ފޮޓޯތަކަށް އޭނާގެ ސަޕޯޓަރުން ދަނީ ލައިކްދީ ޝެއާރ ކުރަމުންނެވެ.އަދި އޭނާގެ ފޮޓޯ އިން ފެނިގެން ގޮސްފައިވާ ރީތި ކަމާއި ފުރިހަމަ ކަމަށް އޭނާގެ ސަޕޯޓަރުން ދަނީ ތައުރީޕް ކުރަމުންނެވެ.

ބިގްބޮސް އަށް ފަހުގައި ޝެހެނާޒް ދަނީ އޭނާގެ ކުރިމަގު ހޯދަމުންނެވެ. މިގޮތުން އޭނާ ދާދި ފަހުންް ބާދްޝާހުގެ ލަވައަކުން ފެނިގެން ގޮސްފައިވެއެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ދިލްޖިތް ދޯސަންޖް، ޝިންދާ ގްރެވާލް އަދި ސޯނަމް ބަޖްވާ އާއި އެކީ ޕަންޖާބީ ފިލްމަކުންނެވެ.