ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސީކުއަލް ފިލުމު ''ހެރީ ޕޮޓާ'' ގައި ޕަދުމާ ޕަޓިލްގެ ރޯލުން ފެނިގެން ދިޔަ ބަތަލާ އަފްޝާން އާޒާދު އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަަން ހާމަަކޮށްފިއެވެ.

އޭނާ އެކަން ހާމަކޮށްފައި ވަނީ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ފިރިމީހާއާއި އެކު އަފްޝާންގެ ބަނޑުގައި ހިފަހައްޓައިލައިގެން ނަގާފައިވާ ފޮޓޯ އިންސްޓަގުރާމުގައި ހިއްސާ ކުރަމުން އަފްޝާން ބުނެފައިވަނީ ބޮޑު ސިއްރު ފަޅާއަރުވާލަނީ ކަމަށެެވެ. އަފްޝާން މަންމައަކަށް ވަނީ ކަމަށާއި އޭނާގެ ހިތްވަނީ ލޯތްބާއި އުފަލާއި އަދި ހާސްކަމުން ފުރިފައި ކަމަށް ވެސް ބުނެފައިވެއެވެ. އެންމެން ވެސް އޭނާއަށް ހެޔޮ ދުޢާ ކޮށްދިނުމަށް އެދިފައިވެއެވެ.

އަފްޝާންގެ ބަނޑާއި އެކު ނަގާފައިވާ މި ފޮޓޯތަކާއި މި އުފާވެރި ޚަބަރާއި އެކު މަރުހަބާގެ މެސެޖުތައް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

މީގެތެރޭގައި ހެރީ ޕޮޓާގައި ލޫނާ ލަވްގުޑްގެ ކެރެކްޓަރއިން ފެނިގެން ދިޔަ އިވެންނާ ލިންޗު ވަނީ އަފްޝާންއަށް މަރުހަބާއާއި އެކު އޭނާއަކީ ރަނގަޅު މަންމައެއް ކަމުގައިވާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން ވެސް ބައެއް ފަންނުން ވަނީ އަފްޝާންއަށް މަރުހަބާ ކިޔައިފައެވެ.

މަރުހަބާގެ މި މެސެޖުތަކަށް ޖަވާބުދާރީ ވުމަށް އިތުރު ފޮޓޯއަކާއި އެކު އަފްޝާން ކޮށްފައިވާ ޕޯސްޓުގައި ވަނީ އެންމެންގެ މެސެޖުތަކާއި ހެޔޮ އެދުންތަކަށް ޝުކުރު އަދާ ކޮށްފައެެެވެ. އަދި އެ ހުރިހާ ހެޔޮ އެދުންތަކުގެ ސަބަބުން އޭނާގެ ދަރިފުޅަކީ މިހާރު ވެސް ގިނަ ބައެެއްގެ ލޯބި ލިބިފައިވާ ދަރިއެއް ކަމަށް ވެސް ބުނެފައިވެއެވެ.

އަފްޝާން ވިހާނެ ކަމަށް އޭނާ ބުނެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.