މި ސޫރުދަ (ސޯލާ ސިސްޓަމް) އިން ދުނިޔޭއާއި އިންވެގެން އޮންނަ ރަތް ގުރަހަ (ޕްލެނެޓް) ނުވަތަ މިއްރީޚު (މާސް) އިން ނަގާފައިވާ އާދަޔާއި ޚިލާފު ރީތި ފޮޓޯއެއް އަނެއްކާވެސް ދައްކާލައިފިއެވެ.

މިއްރީޚުގެ ބިންފަދަ ފަށަލައިން ދުނިޔެއަށް ފޮނުވާފައިވާ މި ފޮޓޯއަކީ، މީގެ އެތައް އަހަރެއް ކުރީން ފެށިގެން އެ ގުރަހައިގެ ވަށައިގެން ދައުރުކުރާ، އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޖައްވީ އުޅަނދު، "އޮޑިސީ" އިން ނަގާފައިވާ ފޮޓޯއެކެވެ. މިއްރީޚުގެ 30 ކިލޯމީޓަރު ނުވަތަ 19 މޭލުގެ ބޮޑު ސަރަޙައްދެއް ދައްކުވައިދޭ މި ފޮޓޯއިން ފެންނަނީ އެ ގުރަހައިގެ އުތުރު ތަނޑީގެ މަތީ ފަށަލައެވެ.

ނާސާގެ އޮފިޝަލުން ބުނެފައިވާ ގޮތުން މިއްރީޚުގެ ފުރިހަމަކަމާއި ރީތިކަން ދައްކުވައިދޭ މި ފޮޓޯއަކީ އެ ގުރަހައިގެ މަޢުލޫމާތުތައް އެއްކޮށް ދިރާސާ ކުރުމަށް އެ ގުރަހައަށް ފޮނުވާފައިވާ އޮޑިސީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޢާންމުކޮށްފައިވާ ފޮޓޯއެއް ކަމަށެވެ. އޮޑިސީއަކީ މިހާތަނަށް މިއްރީޚަށް ފޮނުވާފައިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އުޅަނދެވެ.

އޮޑިސީގެ އަހަރީ ދުވަހާއި ދިމާކޮށް ނާސާއިން ޢާންމުކޮށްފައިވާ މި ފޮޓޯއިން މިއްރީޚުގެ އުތުރު ތަނޑީގެ ބިންފަދަ ފަށަލައިގެ މަތީގައިވާ ގަނޑުފެނުގެ ބޮޑު ސަރަޚައްދެއް ދައްކައިދެއެވެ. އަދި އެ ސަރަޙައްދުގައި އެއްގޮތަކަށް އެތުރިފައި ހުންނަ ގިނަ ޢަދަދެއްގެ އުސްގަނޑުތަކާއި ގަނޑުފެން އެކި މިންވަރަށް އެކުލެވޭ ހިސާބުތައް ވެސް މި ފޮޓޯއިން ކުލަކޮށް ދައްކުވައިދެއެވެ.

އޮޑިސީން ނަގާފައިވާ، މިއްރީޚުގެ ފޮޓޯ

ނާސާއިން ޢާންމުކުރި މި ފޮޓޯއަށް މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު މިއީ އެ އިދާރާއިން މިހާތަނަށް ޢާންމު ކުރި، މިއްރީޚުގެ އުތުރު ތަނޑި އެންމެ ރީއްޗަށް ދައްކުވައިދޭ އެއް ފޮޓޯއެވެ. މިއީ އޮޑިސީ އިން 2002 ވަނަ އަހަރާއި 2004 ވަނަ އަހަރާއި ދެމެދު ނަގާފައިވާ ގިނަ ޢަދަދެއްގެ ފޮޓޯ އެއްކޮށްލައިގެން ތަޖުރިބާކާރުން ތަރުތީބުކޮށްފައިވާ ފޮޓޯއެކެވެ.

ގަނޑުފެނުގެ ބޮޑުބައެއް ޙިއްސާކުރާ މިއްރީޚުގެ ދެކުނުތަނޑީގެ މި ސަރަޙައްދަކީ ޖައްވީ ދިރާސާތައްކުރާ ގިނަ ތަޖުރިބާކާރުން ވެސް ވަރަށް ޝަޢުޤުވެރިވާ ސަރަޙައްދެކެވެ. އެއީ އެ ސަރަޙައްދަކީ ގުރަހައިގެ ދިރުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ވާތީއެވެ.

މިއްރީޚުގެ އުތުރު ތަނޑިން ގަނޑުފެން އެކުލެވޭ ސަރަޙައްދަކީ އެމެރިކާގެ ޓެކްސަސް އަށްވުރެ ބޮޑު ސަރަޙައްދެކެވެ. މިއީ އެ ގުރަހައިގެ އެންމެ ފިނި އެއް ސަރަޙައްދުވެސް މެއެވެ.

މިއްރީޚަކީ ނާސާއިން އެންމެ ބޮޑު އިސްކަމެއް ދީގެން ދިރާސާތައް ކުރިޔަށްގެންދާ ގުރަހައެވެ. އެއީ ފަސޭހަކަމާއެކު އެ ގުރަހަ އާއި ހަމައަށް ވާސިލްވުމުގެ ޤާބިލްކަން ސައިންސްގެ ޒަރިއްޔާއިން ލިބިދިނުމާއެކު އެ ގުރަހައަށް ކައިރި މުސްތަޤުބަލެއްގައި އިންސާނުންނަށް ދަތުރުކުރެވުމުގެ އުންމީދު އޮތުމުންނެވެ. އެފަރާތްތަކުން އަންނަނީ މިއްރީޚުގެ ބިމުގައި ސްޓޭޝަންތައް ތައްޔާރުކޮށް އެތަނުގައި އިންސާނުންނަށް ޤާއިމްވެ ތިބެވޭނެގޮތުގެ ޕްލޭނެއްވެސް ތައްޔާރު ކުރަމުންނެވެ.

ނާސާއިން ތައްޔާރުވަނީ މިހާރު ގުރަހައިގައި ކުރިޔަށްގެންދާ ދިރާސާތަކަށް ފަހު، 2025 ވަނަ އަހަރުގައި އިންސާނުން އެ ގުރަހައަށް ފޮނުވުމަށެވެ.

މިއްރީޚަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. ދުނިޔެއާއި 225 މިލިއަން ކިލޯމީޓަރު ދުރުގައިވާ މިއްރީޚުގެ ތަހުލީލުތައް ކުރުމަށް މިހާރު އެ ގުރަހައިގެ ބިމުގައިވެސް ނާސާގެ އުޅަނދުތައް ހަރަކާތްތެރިވަމުން ދެއެވެ.

މިއްރީޚަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ މާޙައުލެއް އޮތް ތަނެއްކަމަށާއި އިންސާނުން އެ ގުރަހައިގައި ދިރިއުޅޭ ދުވަސް ލަސްތަކެއްނުވެ ފެންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.