ރީކޯ މޫސާ މަނިކް ނުދަންނަ މީހަކު މިހާރު ރާއްޖޭގައި މަދުވާނެއެވެ. އޭނާއަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ކުޅަދާނެ އެއް ފިލްމީ ތަރިއެވެ. ސިޔާސީ ހަރަކާތުގެ އެންމެ އިސް ސަފުގައި ވެސް އުޅުއްވިއެވެ. ސިޔާސީ މަސައްކަތުގެ އެންމެ ބޮޑު މައިދާން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ފެށިގެން އެ މަޖިލިހުގެ ނައިބު ރައީސްކަންވެސް ކުރެއްވިއެވެ.

މިއަދު "މަންޒަރުން ދުރުގައި" ހުންނެވި ނަމަވެސް ރީކޯ މޫސާ މަނިކު ގެންދަވަނީ ކޮންމެ ވެސް ވަރަކަށް މީސް މީޑިއާ މެދުވެރިކޮށް ސިޔާސީ ވާހަކަ ވެސް ދައްކަވަމުންނެވެ. އަދި ފިލްމީ ތަރިންގެ ދިފާއުގައި ވެސް އޭނާ ވާހަކަ ދައްކަވައެވެ.

މޫސަ މިހާރު ހިންގަވާ ވިޔަފާރި ކަމުގައިވާ "ހެވީ ލޯޑް" ގެ މައި އޮފީސް ހުންނަ އިމާރާތުގައި "ވަގުތު" ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަތައް ހިއްސާ ކުރައްވަން ފެށްޓެވިއިރު ކަނުލައި އަޑުއަހަން އިނީމެވެ. ޝައުގުވެރި އެކި ވާހަކަތައް ހިމެނޭ އެ ހަޔާތުގައި އެންމެ ބޮޑަށް އެނގެން ބޭނުންވާ ކަމަކަށް އޮތީ ފިލްމީ ދާއިރާއަށް ރީކޯ ނުކުންނަވަން ބޭނުންވި ސަބަބެވެ. ފިލްމީ ދާއިރާގައި އުޅުއްވުމަށް ފަހު ސިޔާސީ ދާއިރާއަށް ނުކުންނެވި ސަބަބެވެ. ސިޔާސީ މަސައްކަތަށް އަލުން ނުކުންނަވާނެތޯ އުފެދޭ ސުވާލަކީ ވެސް މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލެވެ.

މި ސުވާލުތަކުގެ ޖަވާބާ ހަމައަށް ދިއުމަށް ކުޑަ ހިނދުކޮޅަކަށް އިންތިޒާރު ވެސް ކޮށްލަން ޖެހުނެވެ. އަމާޒު ކުރި ސުވާލާ އެކީ ރީކޯ ފުރަތަމަ ޙިއްސާ ކުރެއްވީ ޅައިރުގެ ހަނދާންތަކެވެ.

ރީކޯ މޫސާ މަނިކް "ވަގުތު" އަށް ދެއްވިި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޅައިރު މަޖާ ކަމެއް ނެތް، ނިކަމެތި ދިރިއުޅުމެއް

ރީކޯ މޫސަ ވިދާޅުވި ގޮތުގައި އޭނާއަކީ އަބަދުވެސް ޢިލްމަށް ލޯބި ކުރެއްވި ބޭފުޅެކެވެ. އެކަމަކު އޭރު ހާލަތު އޮތް ގޮތުން، މިއަދު ދިވެހި ގިނަ ދަރިވަރުންނަށް އެ ލިބިދޭ ފުރުސަތެއް ލިބިވަޑައެއް ނުގަންނަވައެވެ. އެހެން ވިޔަސް ޢިލްމު ހޯދަން މަސައްކަތްތަކެއް ވެސް ކުރެއްވިއެވެ.

"އަޅުގަނޑަކީ ވެސް އުފަން މާލެ މީހެއް، އަޅުގަނޑު ވެސް ބޭނުންވީ މަޖީދިއްޔާ ސްކޫލްއަށް ކިޔަވަން ދާން. އޭރުގަ ދެން ބޮޑެތި މީހުންގެ ދަރިންނަށް ކިޔަވަން ނޫނީ ފުރުސަތެއް ނުލިބޭ. ދެން އާލިއްޔާ ސްކޫލްއިން ފުރަތަމަ ކިޔެވީ. ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން، މާލީ ހާލަތު ވެސް ތަން ނުދޭތީ، އެ ތަނަށް ވެސް ނުދެވުން ކިޔަވަން،" ރީކޯ ތަފްސީލް ކޮށްދެއްވިއެވެ.

ރީކޯ ދެން ތައުލީމް ހާސިލް ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގްގެ ބައްޕަ، ހާޖަރާ ތައުފީގް ހިންގެވި ކްލާހެއްގައެވެ. އެއީ ވެސް އެ ގެއަށް މަސައްކަތް ކޮށްދީ، ބާޒާރުކޮށްދޭ މަތިން ކަމުގައި ރީކޯ ވިދާޅުވިއެވެ. ދެން ޞާދިޤްގެ އަރިހުން ދިވެހި ބަސް ކިޔަވައި ވިދާޅުވި ކަމުގައިވެއެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު އައިޝައިޚް އަހުމަދު އާދަމްއާ ބައްދަލުވެ އޭނާގެ އަރިހުން ދީނީ ޢިލްމު ދަސްކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އެކި މީހުން ކައިރިއަށް ގޮސްގެން މިހެން ދަސްކުރީ ހަމަ، އިނގިރޭސި ބަސް ވެސް އަމިއްލައަށް ދަސްކުރީ ހަމަ، މީހުން ކައިރިއަށް ގޮސްގެން، އިނގިރޭސި ފޮތްތައް ކިޔަވައިގެން އާންމުކޮށް ވާހަަކަ ދެކެވޭ ވަރަށް އިނގިރޭސި ބަސް ވެސް ދަސްކުރީ،" ރީކޯ ވިދާޅުވިއެވެ.

ޅައިރުގެ އެ ހަޔާތުގައި މަޖާ ކަމެއް ދިމާވެފައިވޭތޯ ސުވާލުކޮށްލުމުން ރީކޯ ވިދާޅުވީ "ޅައިރު ދެން މަޖާ ކަމެއް މާ ބޮޑަކަށް ނެތް"ކަމަށާއި އެއަށް ވުރެ މާ ނިކަމެތިކޮށް ޅައިރު އުޅެން ޖެހިވަޑައިގެންނެވި ކަމަށެވެ.

އޭރު ތަނަވަސް ދިރިއުޅުމެއް ވެސް ނެތުމުން ވަރަށް ޅައިރުން ފެށިގެން އާމްދަނީ ހޯދުމަށް އެކި އެކި މަސައްކަތް ވެސް ކުރަން ޖެހުނު ކަމަށް ރީކޯ ވިދާޅުވިއެވެ. މި ގޮތުން ގޭ ތެރޭގައި ތޮރާ ހައްދާފައި ގޭގެއަށް ތޮރާ ވިއްކުމާއި، ގޮނޑުދޮށަށް ގޮސްގެން ގޮނޑު ހޮވައިގެން އެ ތަކެތި ބޭނުން ކުރެވޭ ގޮތް ހެދުމަށް ފަހު އެ ތަކެތި ވިއްކުން ފަދަ އެކި ކަންކަން ކުރެއްވި ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ބައްޕައަކީ ވަރަށް މަސައްކަތްތެރި މީހެއް. އޭރުގައި ސިމެންތިން ހޮޅި ލާނީ. އެސްލޯން ހޮޅި ގެނެސްފައެއް ނުހުރޭ. ދެން ބައްޕައާ އެކު ފާހާނާ ހޮޅި އެޅުމުގެ މަސައްކަތް އަޅުގަނޑު ކުރީ. ފުރާވަރުގެ އުމުރުފުރާ އެއީ. ދެން ވަރަށް ބުރަ މަސައްކަތެއް އެއީ. އެހެން އުޅެމުން އަނިޔާ ވެސް ލިބޭ. ބުރަ މަސައްކަތަކަށް ވާތީ ބުރަކަށީގެ ރިއްސުން ވެސް އޮންނާނެ. ދެން މި ބުނާ ގޮތަށް އެކިއެކި އެއްޗެހި ވިއްކައިގެން ލާރި ހޯދަނީ،" ރީކޯ ތަފްސީލް ކޮށްދެއްވިއެވެ.

ރީކޯ މޫސާ މަނިކް "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ފިލްމީ ދާއިރާއަށް ވަންނަން ފުރުސަތު ލިބުނު ގޮތް

ރީކޯ މޫސާގެ ވާހަކަ ދެއްވާ ތަރުތީބު ވެސް ވަރަށް ހިތްގައިމެވެ. ފިލްމީ ދާއިރާއަށް ވަންނަން ޖެހޭ ސަބަބު ސުވާލު ކުރާކަށް ވެސް ނުޖެހުނެވެ. ޅައިރުގެ ހަޔާތުގައި ތަޖުރިބާ ކުރެއްވި ކަންކަން ވިދާޅުވުމަށް ފަހު ދެން ފެއްޓެވީ ޖަލަށް ވަޑައިގަންނަވަން މެދުވެރިވި ހާދިސާއަށެވެ. ބޭބެ، އިބްރާހިމް މަނިކަށް ވެރިކަން ހޯއްދަވަން އުޅުއްވުމުގެ ތެރެއިން ބޭބެއާއި އޭނާގެ ވިޔަފާރިތައް ބަންދުކޮށް ރީކޯ ޖަލަށްލިއެވެ.

"އެންމެ ފުރަތަމަ އެކްސްޕޯޓް ކުރީ ކަށި މިޔަރު ތެޔޮ. ދެން ސަރުކާރުން މި ވިޔަފާރި ހުއްޓުވައިލި ފަހުން. ދެން އަޅުގަނޑުމެން އުފެއްދި ރީކޯ އެޖެންސީ. ރީކޯ އެޖެންސީ ވެސް ބަންދުކޮށް އަޅުގަނޑު ޖަލަށްލި، އޭގެ ފަހުން ކިޔަން ފެށި ނަމެއް އަދި އެއީ ރީކޯ މޫސަ. އޭރު ރައީސް މައުމޫން ދިން ނަމެއް އެއީ ދެން، ޖަލުން ނުކުތް ތަނާ އަޅުގަނޑުގެ ފައިސާތައް ވެސް ސަރުކާރަށް ނަގައިފި،" ރީކޯ ވިދާޅުވިއެވެ.

ޖަލުން މިނިވަންވެ ވަޑައިގަތުމަށް ފަހު ރީކޯ އަނެއްކާ ވެސް ފެއްޓެވީ ވިޔަފާރި ކުރައްވާށެވެ. ކޮއްޔަ ހަސަން މަނިކްގެ ގޭގައި ފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރެއްވިއެވެ. އާންމުކޮށް ވިއްކަވަމުން ގެންދެވީ ހެދުމާއި އަންނައުނުގެ ބާވަތްތަކެވެ. އެ ދުވަސްވަރު ޓީވީ މޯލްޑިވްސްގެ ގޭތެރޭގައި ކާނިވާ ހުޅުވައިގެން ޑްރާމާ ކުޅުނު އިރު ރީކޯ ވެސް އެ ތަނަށް މަންޒަރު ބައްލަވަން ވަޑައިގަންނަވާ ކަމުގައިވެއެވެ.

"ޓީވީ މޯލްޑިވްސް ކޮށީގަ ކާނިވާއެއް ހުޅުވީ. އީސާ ޝަރީފްއާއި ނިމާލްއާ އެ މީހުން ގޮސް ހުޅުވައިގެން މި ޑްރާމާއާއި ފިލްމު ކުޅެން ފެށީ މި، ދެން އެއް ދުވަހަކުން އައްސަދުއަށް އެކްޝަން ގޮވަ ގޮވައި ހުއްޓަ އަޑު ނީވުން، އަޅުގަނޑު ވެސް އެ ތަނުގަ ހުރެފަ ގޮސްފަ ބުނެފިން، އަހަރެމެން ކައިރީ ބުނެބަލާށޭ ނިކަން ތި، ކޮށްފަ ދައްކާނަމޭ، އަޅުގަނޑު ދެން ވަރަށް އަނގަ ތަޅަން ވިއްޔަ ދެން. އެހެން ގޮސް ބުނެވުނީ ދެން." ރީކޯ ކިޔައިދެއްވިއެވެ.

ދުވަސްތަކަކަށް ފަހު ސްކްރިޕްޓްއެއް ހިއްޕަވައިގެން އީސާ ޝަރީފް ވަޑައިގެންނެވި ކަމަށް ރީކޯ ވިދާޅުވިއެވެ. ދެން އެ ސްކްރިޕްޓް ކިޔުއްވުމަށް ފަހު ފިލްމުތަކުގައި މަސައްކަތް ކުރެއްވޭތޯ ބަލަން ބޭނުންފުޅުވީ ކަމުގައި ރީކޯ ވިދާޅުވިއެވެ.

ބޭނުންވީ ރައީސް މައުމޫނަށް ވުރެ މަޝްހޫރު ވާން

ރީކޯ ވިދާޅުވި ގޮތުގައި، ފިލްމީ ދާއިރާގައި މަސައްކަތް ކުރައްވަން ނިންމަވައި އެ ގޮތުގެ މަތިން ކުރިއަށް ވަޑައިގަތީ އިތުރު އެއްވެސް އެހެން ސަބަބެއް އޮވެގެނެއް ނޫނެވެ. ބޭނުންވީ އެންމެ ކަމެކެވެ. ސިޔާސީ މަސައްކަތަށް ނުކުންނެވުމަށެވެ. އެ މަސައްކަތަށް ނުކުންނަވާ އިރު ވެސް ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް އޮތް މަގްބޫލް ބޭފުޅަކަށް ވާށެވެ. ފިލްމީ ދާއިރާއަށް ވަދެވަޑައިގެން އެ ކަން ހާސިލް ވެގެން ދިޔަ ކަމަށް ރީކޯ ވިދާޅުވިއެވެ.

"ރައީސް މައުމޫންއަށް ޗެލެންޖް ކުރާ ހިތްވެފަ ހުރީ. އޭރު އެހާ އަނިޔާ ލިބުނީމަ އެ ވާހަކަ ކިޔައިދޭނެ ޕްލެޓްފޯމެއް ނެތް. އެހެންވެ ހިތަށް އެރި، މި ގޮތަށް މަޝްހޫރު ވެއްޖެއްޔާ ވެސް ވާނެއޭ. ވަކި ހިސާބަކުން ވަރަށް މަޝްހޫރުވި. ރާއްޖޭގެ އެންމެ މަޝްހޫރު މީހަކަށް ވާނެ ރައީސް މައުމޫން. ރައީސް މައުމޫން ނަގާފައި އެންމެ މަޝްހޫރު މީހަކަށް އަޅުގަނޑު ވާނެ." މަޖާޒީ ރާގެއްގައި ރީކޯ ވިދާޅުވިއެވެ.

ރީކޯ ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ލ. އަތޮޅުގެ ގޮނޑިއަކަށް ވާދަކުރައްވައިގެން އިންތިޚާބު ކާމިޔާބު ކުރެވުނީ ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރައްވައިގެން ލިބިވަޑައިގެންނެވި މަގްބޫލް ކަމުގެ ސަބަބުންނެވެ. އޭރު އެމްޑީޕީ އަދި އެހެން ޕާޓީއެއް ވެސް އުފެދިފައި ނެތުމުން މަޖިލީހަށް ވަޑައިގެންނެވުނީ ވަރަށް ބޮޑަށް ފަރުދީ ގޮތުން މަގްބޫލް ކަން ހޯއްދަވައިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

ރީކޯ މޫސާ މަނިކް ރައްޔިތުންގެ މަޖިލީހުގައި - ފޮޓޯ: މަޖިލިސް

ސިޔާސީ މައިދާނުގައި ހެދުނު އެންމެ ބޮޑު ގޯސް

ސިޔާސީ ދާއިރާގައި، އެމްޑީޕީ އުފައްދައިގެން އެ ޕާޓީގައި ވަރަށް ރަނގަޅަށް ކުރިއަށް ދަނިކޮށް ސިޔާސީ ކަންކަމުގައި ފެޔަށް ދާން ޖެހިވަޑައިގެންނެވީ އަމިއްލައަށް ހެދުނު ގޯހަކުން ކަމުގައި ރީކޯ މިއަދު ގަބޫލު ކުރައްވައެވެ. އެއީ 2018 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ކަމުގައި އިއުލާން ކުރެއްވުމެވެ.

"އަޅުގަނޑަށް ކުރެވުނު ގޯހަކީ 2018 ގައި ވެރިކަމަށް ކުރިމަތިލާނަމޭ ބުނެވުން. އެއީ ދެން އެ ލިބެން އޮތް އެއްޗެއް ލިބި ގަތުމުގެ ކުރިން އެއަށް ދަހިވެތިވެގެން ބުނެވުނު އެއްޗެއް. އެއީ ހެދުނު ގޯހެއް. އިންސާނާގެ ދަހިވެތިކަން އިތުރުވެގެން ދެން ބުނެވުނީ." އެންމެ ފަހު ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި ރީކޯ މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސާ މަނިކް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި - ފޮޓޯ: މަޖިލިސް

މިއަދު ސިޔާސީ މަސައްކަތާ ފިލްމީ މަސައްކަތުގައި ވެސް ރީކޯ ހުންނެވީ ދުރުގައެވެ. އެކަމަކު އެ ކަންކަމާ ދުރަށް ޖެހިވަޑައިގަނެގެން ނުހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާއަކީ އަބަދުވެސް "އެމްޑީޕީ" މީހެއް ކަމުގައި ވިދާޅުވެ އަލުން އަނބުރާ ސިޔާސީ މަސައްކަތް ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފިލްމީ ދާއިރާގައި ވެސް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އާދަމް ނަވާޒު

  ތީ ިއިތުބާރު ހުރި މީހެއް ނޫން ، އިތުރަކައް ބޭނުމެއްނޫން ޕާޓީ އައް ގެނަން

  34
  3
  • އަހްމަދު

   ބަލަމިހާރު ރައީސްމައުމޫނައްވުރެ ރީކޯމާމަސްހޫރުނޫންތޯ

   5
   2
  • ހުސޭނު2323

   ރީކޯ އަކީ ދަމާ ކަނޑާ މީހެއް ނޫން. އެންޑީޕީއަށް މަައުމޫނު ވަނީމަ ރީކޯ އެންޑީޕީއަށް އަލްވަދާއުކީ

 2. ލާމު

  ރީކޯ މޫސައަކީ ވެސް ސިޔާސީ މައިދާނުގައި ދަމާކަނޑާ މީހެއް. އަމިއްލަ އެދުމަށް އިސްކަންދޭ މީހުން އުޅެނީ އެހެން.

  38
  3
 3. ޙަސަން

  ސުމެއްގެ މީހެއް. ހަކުރު ހުންނަ ތަންތަނށް ދުވާ މާބުރެއް

  21
 4. އަހުމަދު

  ﷲއަށް ކިޔަމަންތެރިކަން އަދާ ނުކުރާނަމަ އެއްވެސް ގަޓުކަމެއް ނެތް

  19
  1
 5. ޙަސަނާ

  މީކިހާ ހެއްވާކަމެއް ކައުންސިލްއިންތިހާބުގެ ނަތީޖާތައް ނޫސްތަކުން ގެނެސްދެންފަށާފަ މޑޕ ބަލިވާހެން ހީވުމާއެކު ނަތީޖާތައްގެނެސްދޭންވެސް ނުކެރުނު މީގެން އިގެނީ ހުރިހާނޫހެއްވެސްވަނީ ސަރުކާރުންގަނެލާފަކަން މިވެސްސަރުކާރުން ކުރާވަގު ހަރަދުތަކެއް މީގެކުރިންމަޖުލިސްއިންތިހާބުނަތީޖާތައް ވަރައްސާފުކޮއް ގެނެސްދިނީ މޑޕ އައްކާމިޔާބު ލިބޭތީ ވީމާމިތާކު މިނިވަންނޫސްވެރިކަމެއްނެތް....

  21
 6. ޢައިން

  ޙިސާބުގަނޑުގެ މީހުން ލޮލުގައި އަނދުން އަޅުވާފަ.. ސޯމިލް ހުރިތަނުގައި ފުލެޓް އަޅާނަމޭ ކިޔާފައި ފިލީ...

  13
 7. ާޢައިން

  ޙިސާބުގަނޑުގެ މީހުން ލޮލުގައި އަނދުން އަޅުވާފަ.. ސޯމިލް ހުރިތަނުގައި ފުލެޓް އަޅާނަމޭ ކިޔާފައި ފިލީ...

 8. ހެެނސަން

  "އަޅުގަނޑު ވެސް ބޭނުންވީ މަޖީދިއްޔާ ސްކޫލްއަށް ކިޔަވަން ދާން. އޭރުގަ ދެން ބޮޑެތި މީހުންގެ ދަރިންނަށް ކިޔަވަން ނޫނީ ފުރުސަތެއް ނުލިބޭ." މިއީ ކަނޑައެޅިގެން ދޮގެއް ދަންނާނެ އެންމެންވެސް.

  16
  2
 9. ރީކޯ

  ރީކޯ ކުރެން އަހާލި ނަމަ މިހާރު މާލޭގެ އުތުރުފަރާތު ފަޅުގައިހުރި ސިފައިންގެ އުޅަނދުތައްނަގައި އެތަނުގައި އޮންނަނީ ރާއްޖެތެރޭގެ އުޅަނދު ފަހަރުތޯ އޭރު ހުރި ޑިފެންސް މިނިސްތަރު އިސްމާޢީލު ޝަފީޢު މަޖްލިހަށް ހާޒިރު ކޮށްގެން މާރިޔާއްތައާއެކު މަޖްލީހުގަ ދެއްކިވާހަކަ ތަކުގެ ރިކޯޑިން ޕީއެސްއެމްގަ ހުންނާނެ ކިހިނެއްތޯ މިހާރު އެކަންއޮތީ ރީކޯ ކުރެން އަހާބަލަ އާޅެ

 10. Anonymous

  މުނާފިގުންހެން އެތެރރެއާ ބޭރު ތަފާތުވާތީ ކަޑަ.