13 އޭޕްރީލް ވަނަ ދުވަހު ގެނެސްދިން ބައި

ނިހާގެ ކޮނޑުގައި މީހަކު އަތް ޖައްސާލަމުން ގޮވާލުމާއެކު ނިހާއަށް ސިހިފައި ހޭލެވުނެވެ. އޭރު މުޅިމީހާވަނީ ދަލުން ފޯވެފައެވެ. ކުރިމަތީގައި ހުރީ ދީޕިކާއެވެ.

"ދައްތަ ގޮވަނީ.. ކޮޓަރި ބުނަނީ އަންނަނީ." ކޮށި ދިވެހި ބަހުން ދީޕިކާ ބުންޏެވެ. ނިހާ ހަމަޔަކަށް އެޅިލުމަށްފަހު ބޯޖަހައިލިއެވެ. ދީޕިކާ ނުކުމެގެން ދިޔައެވެ.

ފެނުނު ހުވަފެނާމެދު ނިހާ ވިސްނާލިއެވެ. ނުބައި ގަޑިއެއްގައި ނިދުނީތީ ފެނުނު ނުބައި ހުވަފެނެއް ހެއްޔެވެ؟ ނޫނެކެވެ. އެ ހުވަފެން ހަޤީޤަތަކާ ވަރަށް އެއްގޮތެވެ. އެއީ އެތަކެއް އަހަރުތަކެއްކުރިން ހިނގާފައިވާ ހާދިޘާއެކެވެ. މިހާރު އެފަދަ ހުވަފެންތައް ނިހާއަށް ފެނުން ވަނީ އާންމު ކަމަކަށްވެފައެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ ހަނދާންކުރަން ބޭނުންނުވާ މާޒީ ހަނދާންކޮށްދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މަންމަގެ މަރަށް އިންސާފު ނުލިބި އޮތުން ސަބަބަކަށް ވެދާނެބާއެވެ؟ މަންމަގެ މަރަށް އިންސާފު ހޯދައިދިނުމަށް ނިހާ ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ފައިސާވެރިންނަށް ޤާނޫނުގެ ބާރު ހިނގަނީ ކޮން ޤައުމަކު ހެއްޔެވެ؟ އެމީހުން ތިބޭނީ ޤާނޫނަށްވުރެ މަތީގައެވެ. ޤާނޫނު ތަންފީޛުކުރުމަށް ތިބޭ މީހުންނަކީ އެމީހުން ޖަހާބެރަށް ނަށަން ތިބޭ ބަޔެކެވެ. ނިކަމެތިންނަށް ނިކަމެތިގޮތެވެ. މޮޅު މީހުންނަށް މޮޅު ގޮތެވެ. އެއީ މަންމައަށް އިންސާފު ހޯދައިދިނުމަށް އެޅި ފުރަތަމަ ފިޔަވަޅުން ނިހާއަށް ލިބުނު ފިލާވަޅެވެ.

ބާބު 03 – ވިހަވި ސަމާސާ

ނިހާއަށް ގޮވަމުން ކޮޓަރީގެ ދޮރު ޞަފިއްޔާ ހުޅުވާލިއެވެ. އެނދުގައި އިށީނދެލައިގެން އިން ނިހާގެ މޫނު މަތިން ހިތާމަވެރިކަމުގެ ކުލަވަރެއް ޞަފިއްޔާއަށް ފެނުނެވެ.

"ބަލީތަ؟" ޞަފިއްޔާ އެހިއެވެ.

"ނޫން. ދެންމެ މި ހޭލެވުނީ." ނިހާ ގަދަކަމުން ހިނިތުންވެލިއެވެ. "ދައްތަ ކަމަކުތަ؟"

"މިހާރު މާގިނައިން ކޮޓަރީގަ އޮންނާތީ." ޞަފިއްޔާ އައިސް ނިހާ ގާތުގައި އިށީނެވެ. "ދައްތައަށް ހީވަނީ ނިހާ ކޮންމެވެސް ކަމަކާ ފިކުރުކުރާހެން.. ނިހާގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެ. ކިހިނެއްވެގެން ތިއުޅެނީ؟ ދައްތަމެންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟"

ނިހާއަށް ފެންނަންފެށި ހުވަފެންތަކުގެ ސަބަބުން ނިހާގެ އުޅުމަށް ބަދަލުތަކެއް އަޔެވެ. ނިހާއަކީ މަޑުމައިތިރިކަމަށް ލޯބިކުރާ، ބަސްމަދު، އެކުވެރި ކުއްޖެކެވެ. އޭނާއަކީ އެއްވެސް އިރެއްގައި އެކަނިވެރިކަމަށް ލޯބިކުރި ކުއްޖެއް ނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ނިހާއަށް އަބަދުވެސް ހުރެވެނީ ފާޑަކަށް ނެގި މަޑުވެފައެވެ. އަބަދުވެސް ވިސްނެނީ ސަފީނާގެ މަރާ މެދުއެވެ. ސަފީނާ މަތިން ނިހާ ވަރަށް ހަނދާންވާ ދުވަސްކޮޅެކެވެ. ނަތީޖާއަކަށް ވީ ނިހާ ގިނަ ވަގުތު ކޮޓަރި ތެރޭގައި ހޭދަކުރާ ހިތްވުމެވެ.

"އެއްވެސް ކަމެއް ނުވޭ." ނިހާ ދޮގެއް ހަދާލިއެވެ. "މިދުވަސްކޮޅު ހޮސްޕިޓަލުގަ މާ ބުރައީ."

ނިހާއަކީ ރަށު ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަމުންދާ ޒިންމާދާރު ނަރުހެކެވެ. ޞަފިއްޔާ ހިނިތުންވެލިއެވެ. އަދި ނިހާ ބޮލުގައި ފިރުމާލިއެވެ.

"އެންމެ ރަނގަޅު." ޞަފިއްޔާ ބުންޏެވެ. "ދައްތަ ދައްކާލަންޖެހޭ އިތުރު ވާހަކައެއްވެސް އެބައޮތް.. ނިހާ މީހަކާ އިންނާކަށް ނުވޭތަ؟ އެއްވެސް ވަރަކަށް އެކަމާ ވިސްނަންތަ؟"

ކުއްލިއަކަށް ނިހާގެ ޚިޔާލަށް އައީ ނިކާލެވެ. އެ ދެމީހުން އުޅެ ބޮޑުވީ އެކީގައެވެ. ކިޔެވީ އެއް ސުކޫލަކުންނެވެ. އުޅުނީ އެއް ކުލާހުގައެވެ. ދެންވެސް ނިހާ އުޅެން ބޭނުންވަނީ ނިކާލާ އެކުގައެވެ. ނިކާލް ފެންނަ ހިސާބުގައެވެ. އެ ބާރު ގަދަ އަތުގެ ހިމާޔަތުގެ ތެރޭގައެވެ. ދުވަހެއްގެ ކޮޅުން ވެސް އެ ފުރުޞަތު ނިހާއަށް ލިބިދާނެ ހެއްޔެވެ؟ ނިކާލްގެ ލޯބި ލިބޭނެނަމައެވެ. ނިކާލާއެކު ލޯބިން އުފާވެރި ހަޔާތެއް އުޅެމުންދާ މަންޒަރު ނިހާއަށް ސިފަކޮށްލެވުނެވެ. އެޔާއެކު ބޭއިޚްތިޔާރުގައި ނިހާއަށް ހިނިތުންވެވުނެވެ.

ކާވެނީގެ ވާހަކަ ދެއްކުމާއެކު، ނިހާގެ މޫނު މައްޗަށް އަރައިގެންދިޔަ ހުރިހާ ކުލައެއް ޞަފިއްޔާ ތަރުޖަމާކުރިއެވެ.

"އެ ނަސީބު ވެރިޔަކީ ކާކު؟" ޞަފިއްޔާ ސުވާލުކުރިއެވެ. ނިހާ ދެބުމަ ގޮށް ޖަހައިލިއެވެ. ޞަފިއްޔާ ބުނި އެއްޗެއް ނިހާއަށް ނޭނގުނޭ ބުނިކަހަލައެވެ.

"ނިހާ ލޯބިވަނީ ކާކުދެކެހޭ؟" ޞަފިއްޔާ ހީނގަތެވެ. "ނިހާ ކުއްޖެއްދެކެ ލޯބިވާކަން ޔަޤީން.. ތި ހިނިތުންވުން އެކަމަށް ހެކިދޭ."

ނިހާ ލަދުން އިސްޖަހާލިއެވެ. ނިކާލްގެ ނަން ޞަފިއްޔާ ގާތުގައި ބުނާނެ ހިތްވަރެއް ނިހާއަކަށް ނުލިބުނެވެ. އެކަމާމެދު ޞަފިއްޔާ ދެކޭނެ ގޮތެއް ނުވިސްނޭތީއެވެ. ސަފީނާގެ މަރަށްފަހު، ނިހާއަށް އުނިވި މައިވަންތަކަމުގެ ލޯބި ޞަފިއްޔާގެ ފަރާތުން ލިބުނު ނަމަވެސް އަދިވެސް އިތުބާރުކުރަން އުނދަގުލެވެ. ލޯބިން ފިރުމާފައި ވެސް ކަރަށް ވަޅި ޖަހާކަށް ޞަފިއްޔާ ފަހަކަށް ނުޖެހޭނެއެވެ. ނިހާ ޤަބޫލުކުރާ ގޮތުގައި ޞަފިއްޔާ ސަފީނާއާމެދު ކަންތައްކުރީ ވެސް އެބީދައިންނެވެ.

"ދައްތަ ހީކުރީ ނިހާގެ ލޯބިވެރިޔަކު ނުހުންނަކަމަށް." ޞަފިއްޔާ ނިހާގެ އަތުގައި ހިފައިލަމުން ބުންޏެވެ. ".އެހެންވެ ބޭބެ ރައްޓެހި ސައްތާރުގެ ދަރި ފައިރޫޒްއާ ނިހާ ދެވުމަށް ބޭބެ ނިންމާފަވާތީ އެ ވާހަކަ ނިހާއާ ދައްކާލަން މި އައީ.. އެކަމަކު މީދެން ނުދައްކާ ވާހަކައެއް.. ނިހާ ކާވެނިކުރުވާނީ ނިހާ ބޭނުންވާ މީހާއާ.. ނިހާ އުފަލުގަ އުޅުނީމަ ދައްތަ ވެސް އުފާވާނެ."

ނިހާގެ ބޮލުގައި ފިރުމާލައިފައި ޞަފިއްޔާ ނުކުމެގެން ދިޔައީއެވެ. ނިހާ އިނީ ކަންބޮޑުވެފައެވެ. ނިހާގެ ކާވެނި ކުރުވުމަށް އިލްހާމް ނިންމާފައިވާނަމަ އެއީ ކަންބޮޑުވާންޖެހޭ ވަރުގެކަމެވެ. ވިސްނަންޖެހޭ ވަރުގެކަމެކެވެ. ނިހާ ވިސްނަން އިނދެފައި، ކުއްލިއަކަށް ކޮޓަރިން ނުކުތެވެ. ދެކޮޅު ބަލައިލުމަށްފަހު ހަލުވި ހިނގުމެއްގައި ގޮސް ތިން ވަނައަށް ހުރި ކޮޓަރި ދޮރުގައި ޓަކިޖަހައިލިއެވެ. އިންޝާ ދޮރު ހުޅުވާލިއެވެ. އިންޝާއަކީ ނަޒީލްގެ އަނބިމީހާއެވެ. އަދި ނިހާގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަޒީލް އުޅޭތޯ ނިހާ ސުވާލުކޮށްލިއެވެ. ނޫޅޭކަމަށް ބުނެ އިންޝާ ޖަވާބުދިނުމާއެކު ނިހާ ކޮޓަރި ތެރެއަށް ދެމިގަތެވެ.

"ކިހިނެއްވީ؟" އިންޝާ ދޮރު ލައްޕާލިއެވެ.

"އެމީހުން އަހަރެންގެ ކާވެނި ހަމަޖައްސައިފި." ނިހާ ކޮޓަރި ތެރޭގައި ދެކޮޅަށްދެކޮޅަށް ހިނގަން ފެށިއެވެ.

"ކާކާ؟" އިންޝާ އެހިއެވެ.

"ފައިރުއާ." ނިހާ ފުންނޭވާއެއް ދޫކޮށްލިއެވެ. ނިހާ ގާތުގައި ހަމަޖެހުމަށް ބުނަމުން އިންޝާ އެނދުގައި އިށީނެވެ. އަދި ނިހާ ގާތު އިށީނުމަށް ބުންޏެވެ. ނިހާ އިށީނެވެ.

"ތިވީ ރަނގަޅަށް." އިންޝާ ބުންޏެވެ. "މަ ތިކާވެންޏާ ޤަބޫލު."

"ކީކޭ؟" ނިހާގެ ދެލޯ ބޮޑުވިއެވެ. ނިހާގެ ހިތުގައި ލިޔެވިފައިވާ ނަމަކީ ނިކާލްކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އިންޝާއެވެ. ވީއިރު އެކާވެންޏަށް އިންޝާ ޤަބޫލުވީ ކީއްވެގެން ހެއްޔެވެ؟

"އަހަންނަށް ފެންނަ އެއްޗެއް އަހަރެން މިބުނީ." އިންޝާ އޮޅުންފިލުވައި ދިނެވެ. "ފައިރުއާ ނިކްއާ ދެމީހުން ތެރެއިން މީހަކު ނަގަންޏާ އަހަރެން ނަގާނީ ފައިރު.. ފައިރުއަކީ އަޙްލާޤް ރަނގަޅު ހަރުދަނާ މީހެއް.. ނިހާއަށް އެނގޭނެ އެކަން.. އެޔާ ޚިލާފަށް ނިކާލްގެ ނެތް އެއްވެސް ހަރުދަނާކަމެއް."

"އިންޝާ މޮޔަވީތަ؟" ނިހާއަށް ބުނެވުނެވެ. "އަހަރެން ލޯބިވަނީ ނިކް ދެކެއޭ. ފައިރޫޒްދެކެއެއް ނޫން."

"އަހަރެން މި ބުނާ ވާހަކައަކީ ހަމައެކަނި ލޯބިވިޔަކަސް ދިރިއުޅުމެއް ނުލިބޭނެ ނިހާ.. ނިކް އެހާ...." އިންޝާއަށް ބުނެވުނީ އެހިސާބަށެވެ.

"ދެން އެންމެ ރަނގަޅޭ!" ނިހާ ހިތްހަމަ ނުޖެހޭގޮތްވިއެވެ. "އިންޝާގެ ހިޔާލުވެސް އެނގިއްޖެ. އެކަމަކު އަހަރެން ނިކް ނޫން މީހަކާ ނީންނާނަން."

ނިހާ ހިތްހަމަ ނުޖެހިފައި ހުރެ ކޮޓަރިން ނުކުތެވެ. އިންޝާގެ ހިޔާލު ހުރިގޮތުން ނިހާ ހުރީ އަޖައިބުވެފައެވެ. ލޯބިނުވާ މީހަކާ އެއްކޮށް ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އަޙްލާޤު ރަނގަޅުވެ، ހަރުދަނާވުމުން ހުރިހާ ކަމެއް ފުރިހަމަވީ ހެއްޔެވެ؟ އުފާވެރި ހަޔާތެއް ލިބޭނީ ތިމާ ލޯބިވާ މީހާއާ އިނީމަނޫން ހެއްޔެވެ؟ ނިހާ ލޯބިވާ މީހަކު ވަރަށް ގާތުގައި އެބަހުއްޓެވެ. އެކަންވެސް އެންމެ ރަނގަޅަށް އެނގޭނީ އިންޝާއަށެވެ. ވީއިރު ފައިރޫޒްއާ އިނުމަށް އިންޝާ ބުނީ ކީއްވެގެން ހެއްޔެވެ؟

އެރޭ ނިހާގެ ލޮލަށް ނިންޖެއް ނައެވެ. އެނދުމަތީގައި ދެއަތަށް ފުރޮޅިފުރޮޅި އެތައްއިރަކު އޮތެވެ. ވަގުތުފާއިތު ނުވަނީސް ލޯބިވާ ވާހަކަ ނިކާލްގެ ގާތުގައި ބުނަން ނިހާގެ ހިތަށް އެރިއެވެ. ބޮއްކުރާދޮށަށް އޮޑި ކެނބުމަކީ ނިހާއަށް މައްސަލައެއް ނޫނެވެ. މައްސަލައަކީ ނިކާލް އެފަދަ ނަޒަރަކުން ނިހާއާމެދު ދެކޭކަމެއް އެނގިފައިނުވުމެވެ. އެފަދަ އިޝާރާތެއް ވެސް ކޮށްފައި ނުވުމެވެ. އަދި އެހެންމެ އެގުޅުމާމެދު ޞަފިއްޔާގެ ވިސްނުން ހުންނާނެ ގޮތެއް ނޭނގުމެވެ. ނަމަވެސް އެގުޅުމަށް އިލްހާމް ދެކޮޅު ހަދާނެކަން ނިހާއަށް ކަށަވަރެވެ. އިލްހާމް ނިހާގެ ކާވެނި ހަމަޖެއްސުމުގެ ފަހަތުގައި ވެސް ކޮންމެ ވެސް ސިއްރެއް ފޮރުވިފައިވާނެއެވެ. އެގެއިން ނިހާ ފޮނުވާލުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ. އިލްހާމްގެ ރޭވުމުގައި އަމަލީ ސިފައެއް ޖެހުމުގެ ކުރިން ނިކާލަށް ހިތުގެ ހާލަތު ބަޔާންކޮށްދިނުމަށް ނިހާ ނިންމިއެވެ.

************

ނިހާއަށް ހޭލެވުނުއިރު 10 ޖަހާ ބޮޑުވެއްޖެއެވެ. ފެންވަރާ، ތައްޔާރުވެލައިގެން ތިރިއަށް ދިޔައިރު ޞަފިއްޔާ އުޅުނީ ތަށިތައް ނެގުމުގައި އަވަދިނެތިއެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ނިހާ ފެނުމާއެކު ޞަފިއްޔާގެ ސުވާލުތައް އަމާޒުވާނެކަން ނިހާއަށް ކަށަވަރެވެ. ނިހާގެ ލޯބިވެރިޔަކީ ކާކުތޯ ބަލަން ބޭނުންވާނެއެވެ. ނިހާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ނިހާ ހެނދުނުގެ ނާސްތާނެގިއެވެ. އެޔަށްފަހު މެންދުރަށް ކެއްކުމުގައި ޞަފިއްޔާއަށް އެހީތެރިވެދިނެވެ. ޞަފިއްޔާ އެއްވެސް ސުވާލެއް ނުކުރެއެވެ. އިލްހާމް އެކަމާ ގުޅިގެން ޞަފިއްޔާ ގާތުގައި އެއްޗެއް ބުނީ ހެއްޔެވެ؟ މެންދުރު ކެއުމަށް ސުފުރާމަތި ތައްޔާރުކޮށްލުމަށްފަހު، ނިހާ ކޮޓަރިއަށް ދިޔުމަށް ހިނގައި ގަތެވެ. ޞަފިއްޔާ ގޮވައިލިއެވެ. ނިހާ ހުއްޓުނެވެ. ހިތް ތެޅިލިއެވެ.

"މަޑުކޮށްބަލަ." ޞަފިއްޔާ އައިސް ނިހާގެ ފަހަތުން ހުއްޓުނެވެ. "ނިހާ ރޭގަ އެއް ސުވާލުގެ ޖަވާބު ނުދެމެއްނު."

ނިހާގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. އޭނާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ލޯބިވެރިޔަކު ނެތޭ ބުނެވޭކަށް ނެތެވެ. ބޮޑު އިބިލީސް ހުރީ ނިހާ ނީލަމުގައި ވިއްކާލަން ތައްޔާރުވެގެން ނޫންކަމެއް ނޭނގެއެވެ. ނިހާ މަޑުމަޑުން އެނބުރިފައި، ޖަވާބެއް ނުދީ ހުރީއެވެ.

"ނިހާ! ދައްތަ އެނގެން ބޭނުންވޭ އެއީ ކާކުކަން." ޞަފިއްޔާ ބުންޏެވެ. "ނިހާގެ ކާވެނި އެމީހަކާ ކުރުމުގެ ކުރިން އެމީހަކީ ރަނގަޅު މީހެއްތޯ.. ނިހާ އުފަލުގަ ގެންގުޅެވިދާނެ މީހެއްތޯ ބަލަން ބޭނުންވޭ.. އެހެންވެގެން ދައްތަ މި އަހަނީ ނިހާ ލޯބިވާ މީހަކީ ކާކުތޯ؟ އެއީ ކޮން ގެޔެއްގެ ކިހާ ފެންވަރެއްގެ މީހެއްތޯ؟ ލަދު ގަންނާނެކަމެއް ނެތް ދަރިފުޅާ."

"އެމީހަކީ އަހަރެން." އިވިގެން ދިޔަ ނިކާލްގެ އަޑާއެކު ނިހާ ތެޅިގަތެވެ. ފަހަތަށް އެނބުރި އަވަހަށް ބަލައިލެވުނެވެ. ނިކާލް ހިނގާލާފައި އައިސް ނިހާގެ އަތުގައި ހިފިއެވެ. ނިހާ އިހުނަށްވުރެ ބޮޑަށް ލޯ ބޮޑުކޮށްލިއެވެ.

"ނިކާލް. ސަމާސަކުރަން ނޫޅޭ.. މިތަނުންދޭ." ޞަފިއްޔާ ކުޑަކޮށް ނުރުންވިއެވެ. ނިކާލް ސަމާސާއަކަށް ހަދާފައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނިހާއަށް ވެސް ޤަބޫލުކުރެވުނީ އެގޮތަށެވެ.

"މަންމާ. މީ ސަމާސާއެއް ނޫނޭ." ނިކާލް ބުންޏެވެ. "އަހަރެން ދެކެ ނިހާ ލޯބިވަނީ.. އެވާހަކަ އަހަރެން ގާތު ނުބުނެ އެހުންނަނީ.. އެހެންވެ މަންމަ ގާތުގައި ވެސް ބުނަން ނުކެރިގެން އެއުޅެނީ."

ޞަފިއްޔާ ފަރުވާތެރިކަމާއެކު ނިކާލަށް ބަލާލިއެވެ. ނިހާއަށް ބަލާލެވުނީ ނިކާލްގެ ދެލޮލަށެވެ. އެ ދެލޮލުން މިއަދު ފެންނަނީ އަބުއިކަމެވެ. ސަމާސާގެ އެއްވެސް ކުލަވަރެއް ނެތެވެ. ނިހާ ލޯބިވާކަން ނިކާލަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އިންޝާ ހުރިހާ ވާހަކައެއް ކިޔާދިނީ ހެއްޔެވެ؟ އިންޝާ މަތިން ހަނދާންވުމާއެކު ނިހާގެ މެޔަށް ފިނިކަމެއް އިޙްސާސްކުރެވުނެވެ. ފެންކަޅިވާން އުޅުމުން އަވަސްއަވަހަށް ނިހާ އެސްފިޔަ ޖަހާލިއެވެ.

"އަހަރެން ބޭނުން ނިހާއާ އިންނަން." ނިކާލް ބުނެލި ޖުމްލައާއެކު ނިހާ ރަނގަޅަށްވެސް ފެންކަޅި ވެއްޖެއެވެ. ގޭގެ މައިދޮރުން ވަދެގެން އައި އިލްހާމަށް ހުރިހާ ވާހަކައެއް އަޑު އިވުނެވެ.

"ކަލޭމެން ތި ތިބީ ހަމަހޭގަތަ؟" އިލްހާމް ބާރަށް ބުންޏެވެ. "ތިކަމެއް ދުވަހަކުވެސް ނުވާނެ."

ރުޅިވެރި ނަޒަރަކުން އެންމެންނަށް ވަކިވަކިން އިލްހާމް ބަލާލިއެވެ. ނިހާއާ ދިމާއަށް ބަލާލި ވަގުތު ވަކިން ބޮޑަށް ރުޅި ގަދަވިހެން ހީވިއެވެ. ދަތްކޮޅު ފައިބާވަރަށް ދަތްކުނޑި ވިކައިގަތެވެ. ނިހާގެ މޫނުމަތީ އެތިފަހަރެއް ވިހެލަން ވެސް އޭނާ ބޭނުންވިއެވެ. އިލްހާމްގެ ރުޅިވެރި މޫނު ފެނިފައި ނިހާ ވަކިން ބޮޑަށް ހިތްހަމަޖެހުނެވެ. ނިހާއަށް އެތެރެ އެތެރެއިން ހީނގަނެވުނެވެ.

"ހަނދާން ނައްތާލާ." އިލްހާމް އިނގިލި ދިއްކޮށްލަމުން ނިހާއާ ދިމާއަށް ބުނެލިއެވެ. އަދި ބާރު ހިނގުމެއްގައި ސިޑިން އަރައިގެން ދިޔައެވެ.

ޞަފިއްޔާ ހުރީ ބުނާނެ އެއްޗެއް ކުރަންވީ ކަމެއް ނޭނގިފައެވެ. ނިކާލް ކުރަނީ ސަމާސާއެކޭ ހީކުރެވުނު ވަގުތުކޮޅެއް ވެސް ދިޔައެވެ. ނަމަވެސް އަދިވެސް ނިކާލްގެ މޫނުމަތިން ފެންނަނީ ކުރިންވެސް ފެނުނު ކުލަވަރެވެ. އިލްހާމް ރުޅި އައިސްގެން ދިޔުމުން ވެސް އެހުރީ އަދިވެސް އެގޮތުގައެވެ. ވީއިރު ނިކާލްކުރީ ސަމާސާއެއް ނޫނެވެ. ޞަފިއްޔާ އުފަލުން ގޮސް ފެންކަޅިވިއެވެ.

"ތިކަމާ މަންމަ ވަރަށް ޤަބޫލު." ޞަފިއްޔާ ދެކުދިންގެ ގައިގާ ބައްދައިގަތެވެ. އަދި އުފަލުން ރޮމުން ފަހަރަކު ކުއްޖެއްގެ ނިތްކުރިއަށް ބޮސް ދިނެވެ. ނިހާއަށް ވެސް ރޮވުނެވެ. ނިހާގެ ހިތަށް އެރިއެވެ. ޞަފިއްޔާ އެއީ ހަމަ ދެވަނަ މަންމައެވެ.

ނިކާލް ވަރަށް ބާރަށް ހީނގަތެވެ. އެއަޑު އިވިފައި ނިހާގެ މޫނު މަތީގައި ހީވީ މީހަކު ބާރު އެތިފަހަރެއް ވިހެލިހެންނެވެ. އޭނާގެ ވަށައިގެން ދުނިޔެ އެނބުރިގަތް ކަހަލައެވެ. ނިކާލް ކުރީ ސަމާސާއެއް ހެއްޔެވެ؟ ނިހާ ވީ ދެރަޔާ އެއްވަރަށް ރުޅިވެސް އަތުވެއްޖެއެވެ. ޞަފިއްޔާ ގާތަށް އައި ރުޅީގައި ނިކާލްގެ ކަންކަށި މަތީގައި ޖެހިއެވެ.

"އެއީ އަހަރެން ކޮއްކޮއެއްފަދަ ކުއްޖެއް." ނިކާލް މަޑުމަޑުން ބުނެލިއެވެ. ނިހާގެ ހިތް ފޮތިފޮތިވެގެން ދިޔަ ކަހަލައެވެ.

"ކޮއްކޮއެއްވީމާ ތިކަލަ ސަމާސާ ނުކުރަންވީ." ޞަފިއްޔާ ބާރަށް ބުނެލިއެވެ.

ނިކާލްގެ ސަބަބުން މިއަދު ޞަފިއްޔާ ވަރަށް ލަދު ގަނެއްޖެއެވެ. މަންމަގެ ރުޅިވެރި މޫނު ފެނުމުން ނިކާލް މާފަށް އެދުނެވެ. ޞަފިއްޔާ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ނިހާގެ ކަރުނުން ބަރާވެފައިވާ ދެލޮލުން، އެހިތަށް ކޮށްފައިވާ އަސަރު ވަރަށް ރީއްޗަށް ނިކާލަށް ފެނުނެވެ. ކުރެވުނީ ކުރަން ނުވާވަރުގެ ބޮޑު ކުށެކޭ ނިކާލްގެ ހިތްބުނި ކަހަލައެވެ. ނިކާލް ނިހާ ގާތުން ވެސް މާފަށް އެދުނެވެ. އެހެނަސް އެއްޗެއް ބުނާނެ ހިތްވަރެއް ނިހާއަކަށް ނުލިބުނެވެ. ނިހާ ރޮމުންރޮމުން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ނިކާލްގެ ހިތަށް ނުބައި ގޮތެއް ވިއެވެ. ނިހާ އަސްލަށް ވެސް އޭނާދެކެ ލޯބިވަނީ ހެއްޔެވެ؟

މިފަހަރު ނިކާލް އެކުރި ސަމާސާއެއް ނިހާއަށް ކަމަކު ނުދިޔައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ނިކާލްދެކެ ހިތްހަމަނުޖެހި ރުޅި އާދެވުނެވެ. އެގޮތަށް އެހެން މީހެއްގެ އިޙްޞާސްތަކާ ކުޅުމުގެ ޙައްޤެއް ނިކާލަކަށް ވެސް ނޯންނާނެއެވެ. ނިހާ އެންމެ ބޮޑަށް ދެރަވީ ނިކާލް ކޮއްކޮއެއް ފަދަ ކުއްޖެކޭ ބުނީމައެވެ. އެ ޖުމްލަ ނިހާގެ ސިކުނޑީގައި ވަނީ ހަރުލައިފައެވެ. ތަކުރާރުކޮށް އެ ޖުމްލަ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. ދެއަތުން ބޮލުގައި ހިފައިލަމުން ނިހާ ހަޅޭ ލަވައިގަތެވެ. ނިހާ ހުރިހާ ރުޅިއެއް ބޭލުވީ ބާލީސްތަކަށެވެ.

ނިކާލް އެއްވެސް ވަރަކަށް ނިހާދެކެ ލޯބިނުވާކަން ނިހާއަށް މިއަދު ޔަޤީންވެއްޖެއެވެ. އެހެން ނަމަވެސް އެކަމާ ހިތާމަކުރާކަށް ނިހާ ބޭނުމެއް ނޫނެވެ. ނިހާ ކޮޅަށް ތެދުވެލަމުން ކަރުނަތައް ފޮހެލިއެވެ. ފޯނު ނަގައި ނަންބަރުތަކަކަށް ފިތާލިއެވެ.

"ބަލާދީބަލަ." ފޯނު ނެގުމާއެކު ނިހާ ބުނެލިއެވެ.

"ފަސް މިނެޓު ދީ." އެކޮޅުން ފިރިހެނެއް ޖަވާބު ދިނެވެ.

ނިހާ ފޯން ކަނޑާލިއެވެ. އެމީހާގެ ކޯލަކަށް ނިހާ އިންތިޒާރުކުރިއެވެ. ނިހާ ފޯނު އަތަށް ލައިގެން ކޮޓަރީގައި ދެކޮޅަށްދެކޮޅަށް ހިނގަންފެށިއެވެ. ނިހާ އިރުއިރުކޮޅަށް ފޯނަށް ބަލާލައެވެ. ބަރާބަރު 05 މިނެޓް ވުމާއެކު އެމީހާ ގުޅިއެވެ.

"އަގަކީ 20000 ރުފިޔާ." ފޯނު ނެގުމާއެކު އެމީހާ ބުންޏެވެ. "ބޭނުންވާނީ ދެމީހުންގެ ފުރިހަމަ ނަމާއި، އުފަންތާރީޚާއި، ދެމީހުންގެ ބޮލުގެ އިސްތަށި ކޮޅެއް."

"އެންމެ ރަނގަޅު." ނިހާ ބުނެލިއެވެ.

ނިހާ ފަނޑުގޮތަކަށް ހިނިތުން ވެލިއެވެ. ނިކާލްގެ ލޯބި ރުހުމުގައި ނުލިބިއްޖެނަމަ، ގަދަބާރު ނަމަވެސް އެ ލޯބި ހޯދުން އެއީ ނިހާ މާކުރިން ވެސް ނިންމާފައިވާ ނިންމުމެކެވެ. އެކަމަށް ސިހުރުގެ މަގު އިޚްތިޔާރުކުރަން ޖެހުނަސް ފަރުވާލެއްނެތެވެ.

ބާބު 04 - ޒީލަ

އިލްހާމް ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ފެނުނު މަންޒަރާއި އިވުނު އަޑުތައް ޤަބޫލުކުރަން ދަތިވެފައެވެ. ނިކާލް އެފަދަ މޮޔަކަމެއް ކުރީތީ އިލްހާމް އަންތަރީސްވެއްޖެއެވެ. މި ދުނިޔެއިން ނިހާ ނޫން ކުއްޖެއް ނިކާލަށް ނުފެނުނީ ހެއްޔެވެ؟ އިލްހާމް ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. ބާލުޙާނާއަށް ނުކުމެ ދެތިން ސިނގިރޭޓް ހުލިކުރިއެވެ. އެވަރުން ވެސް ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. ނިކާލާއި ނިހާ ގުޅުން އެއީ އޭނާ އެއްގޮތަކަށް ވެސް ޤަބޫލުކަމެއް ނޫނެވެ. ހުވަފެނަކުން ވެސް އެފަދަކަމެއް ފެންނާކަށް އޭނާ ނޭދެއެވެ. ސަފީނާގެ މަރަށްފަހު، ނިހާ އެގެޔަށް ގެނައީ ވެސް އިލްހާމް ބޭނުންވެގެނެއް ނޫނެވެ. ޞަފިއްޔާ އެގޮތް ބޭނުންވުމުން، އެކަމަށް ދެކޮޅު ހެދެންނެތުމުންނެވެ. މަޖުބޫރުވެގެންނެވެ.

"ކަލޭ ގާތު މަ ނުބުނަންތަ ފައިރޫޒްއާ ނިހާގެ ކާވެނި ހަމަޖައްސާފައޭ އޮތީ. އޭނ!" ޞަފިއްޔާ ކޮޓަރިއަށް ވަނުމާއެކު އިލްހާމް ހަޅޭލަވައިގަތެވެ. "އެ ވާހަކަ ދައްކާށޭ ކަލޭ ގާތުގައި މަ ނުބުނަންތަ؟"

ޞަފިއްޔާ ސިހުނެވެ. ނުތަނަވަސްވިއެވެ. އިލްހާމަށް ވިސްނައިދިނުމަކީ ވެސް އުނދަގޫކަމެކެވެ.

"އިލްހާމް!" ވިސްނައިދޭ ކަހަލަ ރާގެއްގައި ޞަފިއްޔާ ބުންޏެވެ. "ނިހާއާ އެ ވާހަކަ ދެއްކީމޭ!"

"އެ ވާހަކަ ދައްކާފަ ކަލޭ ތިއައީ އެދެމީހުންނަށް ރުހުންދީފަ! ކިހާ ތާހިރު!" އިލްހާމްގެ އަޑުގައި މަލާމާތާއި ހަރުކަށިކަންވިއެވެ. "މަ ދެކުނީމޭ ކަލޭ ރޮމުން ދެމީހުންނަށް ބޮސްދިން މަންޒަރު! ތި ތެޅެނީ އެ ބަލާވެރިކަން މިގެއިން ނެރެލުމުގެ ބަދަލުގައި މިގޭގަ ވަޒަންވެރިކުރުވަންތަ؟"

ހިނގާދިޔަ ކަންތަކުގެ ސަބަބުން އިލްހާމް ރުޅިގަދަވާނެވަރު ޞަފިއްޔާއަށް އަންދާޒާކުރެވެއެވެ. ނިހާއަކީ އެއްވެސް އިރެއްގައި އިލްހާމަށް ކަމުދިޔަ ކުއްޖެއް ނޫނެވެ. އަބަދުވެސް ނިހާދެކެ އިލްހާމް ފޫހިވެއެވެ. ރުޅިއާދެއެވެ. ނިހާދެކެ އިލްހާމް ރުޅި އަންނަ ސަބަބު ވެސް ޞަފިއްޔާއަށް އެނގެއެވެ. ނަމަވެސް އެއީ މާޒީއެވެ. މިހާރު އެކަން ހަނދާން ނައްތާލައިހާ ދުވަސްވެއްޖެ ނޫން ހެއްޔެވެ؟

"ނިހާއަކީ ގޯސް ކުއްޖެއްނޫނޭ!.. ނިކާލްއާ އެންމެ ގުޅޭ މީހަކީ ނިހާ!.. އެދެކުދިން އެކަކު އަނެކަކުދެކެ ލޯބިވާއިރު! ފައިރޫޒްއާ ކާވެނިކުރުވައިފަ މިގެއިން ނިހާ ފޮނުވައިލާކަށް ބޭނުމެއް ނޫން!" ޞަފިއްޔާ ބޭނުންނަމަ ނިކާލް ކުރީ ސަމާސާއެކޭ ބުނެވުނީހެވެ. އެކަން ހާމަކުރުމަށް ޞަފިއްޔާ ބޭނުން ނުވީއެވެ. ޞަފިއްޔާއަށް މިއަދު އެއްކަމެއް ވަނީ ޔަޤީންކުރެވިފައެވެ. ނިހާ ލޯބިވާ މީހަކީ ނިކާލްކަމެވެ. ޞަފިއްޔާއަށް ނޭގެނީ ނިކާލްގެ ހިތުގައި އޮތް އެއްޗެކެވެ. ނިކާލްގެ ހިތުގެ ކޮންމެވެސް ކަނެއްގައި ނިހާގެ މައްޗަށް ލޯބި ފޮރުވިފައިވާނޭކަމަށް ޞަފިއްޔާގެ ހިތް ބުނެއެވެ. އެކަން ޔަޤީން ނުވަނީސް ނިހާގެ ކާވެނި ފައިރޫޒާ ކުރުވުމުގެ ވިސްނުމެއް ޞަފިއްޔާގެ ނެތެވެ.

"މަ ހަމަ އަޖައިބު އަންތަރީސް ވެއްޖެ!" އިލްހާމްގެ ރުޅިގަނޑު ހައްތަހާވީ އިތުރެވެ. "ކަލޭގެ ދެލޮލަށް ތިހުރީ މިރުސްފެން އެޅިފަތަ؟ ތަނެއްދޮރެއް ނުފެންނަން. ސިކުނޑީގެ ބަދަލުގަ ކަލޭ ބޮލުގަ ތީނީ މީދާކޭ އުނބެއްތަ؟ ހަމަ ނުވިސްނެނީ! ކަލެޔަށް ހަމަ ނޭނގެނީ އެ ސުންޕާ ކުއްޖާ އެހަދަން އުޅޭ އެތިފަހަރު. ސިކުނޑިން ވިސްނަބަލަ ޞަފިއްޔާ! އެކުއްޖާގަނޑު އެ ހިނގަނީ ސަފީނާ ނަގައިދިން ކިޔާދިން ފިލާވަޅު މަތިން. އެކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ތީ! ސަފީނާ މަރުގެ ތުހުމަތު ވެސް އެ މައުސޫމު ނިހާ އެޅުވީ މަގޭ ބޮލުގައެއްނު! ޕޮލިހުންކައިރީގައި ވެސް މަށޭ ކިޔައިގެން އެތައްދޮގު ތަކެއް ހެދި. އެކަންވެސް ހަނދާންނެތުނީތަ؟ އެކަންކާމިޔާބު ނުވީމާ މިހާރު އަނެއް ކުޅިގަނޑު ފެށީއެ. މިފަހަރުވެސް އެއީ މަކަރުވެރި ރޭވުމެއްކަން މަށަށް ޔަޤީން."

"އެއީ މާކުރީގެ ކަމެއް." ޞަފިއްޔާ ނިހާ ދިފާޢުކުރިއެވެ. "ނިހާ ބޮޑުވީ އަހަރެންގެ ތަރުބިއްޔަތު ލިބިގެން. މިހާރު އެފަދަކަމެއް ކުރަން ނިހާ ހިތަށްވެސް ނާރުވާނެ. އެހެންނޫނަސް ނިކާލްއާ ނިހާ އިނދެގެން އަހަރުމެންނަށް ލިބޭނެ ގެއްލުމެއް ކޮބާ؟ އިލްހާމް ތިބުނާހެން މަކަރުވެރި ރޭވުމަކުން ނިކާލްއާ އިންނަންޖެހޭ ސަބަބެއް މަށަކަށް ނުވިސްނޭ! އެކަމުން ނިހާއަށް ވާނެ ފައިދާއެއްނެތް. ނިކާލްއާ ނުއިނަކަސް އޭނަ ބޭނުންކަމެއް ކުރެވޭނެއްނޫންތަ؟"

"ކަލޭގެ ތި ވިސްނުމަށް ހަމަ ސަތޭކަދޭ ވަރުވޭ. ނުވިސްނޭނެ. ބޮނޑިއެއް ބުއީމަ ވިސްނޭނި. އެކަމު ބުނަން ރަނގަޅު ވާހަކައެއް. މަ ދުނިޔޭގަ ހުއްޓާ ތިކަން ހަމަހިލާވިޔަކަ ނުދޭނަން." އިލްހާމް ބާރަކަށް ދޮރު ޖެހުމަށްފަހު ނުކުމެގެން ދިޔައެވެ. ޞަފިއްޔާ ދެއަތަށް ބޯ ހޫރުވާލިއެވެ. އިލްހާމަށް ވިސްނައިދިނުމަކީ ހުދު ކަރުދާހުގައި ހުދު ދެލިން ލިޔުންފަދަ ކަމެކެވެ.

އިލްހާމް ބާރު ހިނގުމުގައި ދިޔައީ ނިހާ ހޯދާށެވެ. އިލްހާމްގެ ވަންހަނާވެފައިވާ ސިއްރުތައް ޞަފިއްޔާއަށް ނޭގުނަސް އެ ސިއްރުތައް ނިހާއަށް އެނގޭނެއެވެ. އިލްހާމް ނުތަނަވަސްވަނީ އެކަމާއެވެ. ނިހާގެ ކެހިވެރިކަމުގެ ދަލުގައި ނިކާލް ޖައްސުވާ ނިކާލްގެ މަގު އޮޅުވާލައިފައިވާކަމަށް އިލްހާމްގެ ހިތްބުނެއެވެ. އެ މަކަރުވެރި އަންހެން ކުއްޖާ އުޅެނީ ސަފީނާގެ މަރުގެ ބަދަލު ހިފަންނޫން ކަމެއް ނޭނގެއެވެ. މި ހުރިހާ ދުވަހު ހަމަހިމޭނުން ހުރުމަށްފަހު ނިހާ ކުރަން އުޅޭކަމަކުން އިލްހާމްގެ ޠަބީޢަތު މުޅިން ގޯސްވެއްޖެއެވެ. ޞަފިއްޔާ އެކައިވެންޏަށް ބާރު އަޅާތީ ވަކިން ބޮޑަށް އިލްހާމް ރުޅިގަދަވެއެވެ.

އިލްހާމް ގޮސް ނިހާގެ ކޮޓަރި ބެލިއެވެ. ނިހާ ކޮޓަރިއަކު ނެތެވެ. އިލްހާމް ގޮސް ފެންޑާއަށް ނަޒަރު ހިންގައިލިއެވެ. ބޮޑު ސޯފާގައި ނަޒީލާއި އިންޝާ ތިއްބެއެވެ. ނިހާއެއް ފެންނާކަށް ނެތެވެ. އިލްހާމް ދެވަނަ ފަންގިފިލަޔަށް ވެސް ދިޔައެވެ. ހާމަފެންޑާއަށް އަރަން ހުންނަ ސިޑިއާ ހިސާބުން ނިހާ ފެނުނެވެ. އިލްހާމް ބާރު ހިނގުމުގައި ގޮސް ނިހާގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފިއެވެ. އިލްހާމާ އެންމެ ގާތުން ހުރި ކޮޓަރި ދޮރު ހުޅުވިއެވެ. އަތުގެ ހުރި ބާރެއްލާފައި ނިހާ ކޮޓަރި ތެރެއަށް ހޫރުވާލިއެވެ. އިލްހާމް އެތެރެއަށް ވަނުމަށްފަހު އެ ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ތަޅު ވެސް ލިއެވެ. އެހުރިހާ ކަމެއް ހިނގައިދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

ނިހާ ބިރުންގޮސް ރޫރޫ އަޅާގަތެވެ. އިލްހާމް ގާތަށް އަންނަން ފެށުމުން ނިހާއަށް ފަހަތަށް ޖެހެވުނެވެ. ހިންދިރުވާލެވުނެވެ. އިލްހާމްގެ މޫނުމަތިން ރުޅިއާއި ނަފްރަތުގެ ހުރިހާ ކުލަތަކެއް ނިހާއަށް ފެނުނެވެ. އިލްހާމް ކުރަން މި އުޅެނީ ކީއްހެއްޔެވެ؟

"މަ ބުނާނީ އެންމެ ފަހަރަކު." އިލްހާމް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުންޏެވެ. "ދެވަނަ ފަހަރަށް މަ ލައްވާ މި ވާހަކަ ބުނުވަން ނަހަދާތި! ކަލޭ މަގޭ ދަރިޔާ ދުރުގަހުރޭ! ނޫނީ ނަތީޖާ މާރަނގަޅެއް ނުވާނެ."

އިލްހާމް އުޅުނީ ނިހާއަށް އިންޒާރުދީ ބިރު ގަންނުވާށެވެ. އެކަން ނިހާއަށް ވިސްނައިގަނެވުނީ ސިކުންތުކޮޅެއްފަހުންނެވެ.

"އެހެންތަ؟" ނިހާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "މަ ތިބުނާ ގޮތަށް ކަންތައް ނުކޮށްފިއްޔާ ކަލޭ ކީއްކުރާނީ؟ މަގޭ މަންމައަށް ހެދިހެން މަށަށް ވެސް ހަދާނީތަ؟ މަގޭ މަންމަ ގަޔަށް އެރިހެން މަގޭ ގަޔަށް ވެސް އަރާނީތަ؟ މަގޭ މަންމަ މަރާލިހެން މަވެސް މަރާލާނިތަ؟"

ނިހާގެ ޖެހިލުންކުޑަކަން ފެނިފައި އިލްހާމް ހުއްޓުން އެރިއެވެ. ހާދަހާވާ ގޮތެއް ވެސް ނެތް އަންހެން ކުއްޖެކެވެ. އޭނާގެ ކުރިމަތީގައި އެ ވާހަކަތައް ގޮވާލަންވެސް ކެރިއްޖެއެވެ.

"ކަލޭ މައިތިރިވާނީ އެގޮތަށް ކަންތައްކޮށްގެން ކަމަށްވާނަމަ އެކަންވެސް ކުރާނަން." އިލްހާމް ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. "ހީނުކުރާތި މަށަކަށް ނުކެރޭނޭ! އެހެންވީމަ ކަލެޔަށް އެންމެ ރަނގަޅު ގޮތަކީ މަގޭ ދަރިއާ ދުރުގަހުރުން!"

"ދައިގަންނަ ކުއްތާއެއް ވައްވަކެއް ނުޖަހާނެ." ނިހާ ގާތަށް އައީ ލާނެއް ހިންޏެކެވެ.

އިލްހާމްގެ މަޤްޞަދު ނިހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އިލްހާމް ބިރު ގަންނުވައިލަން ނިހާގެ ހިތަށް އެރިއެވެ. ނިހާ މަޑުމަޑުން އިލްހާމާ ގާތަށް ފިޔަވަޅު އަޅަންފެށިއެވެ. އިލްހާމްގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވިތަން ނިހާއަށް ފެނުނެވެ. ނިހާއަށް އިތުރު ހިތްވަރެއް ލިބުނެވެ. ކުއްލިއަކަށް ނިހާ އިލްހާމްގެ ގައިގާ ތަތްވެގަތެވެ. އަދި ވަގުތުން ހަޅޭލަވަންފެށިއެވެ. އިލްހާމަށް ތެޅިގަނެވުނެވެ. ނިހާ ދުރަށް ކޮއްޕާލައިފައި އަވަސް އަވަހަށް އޭނާ އެ ކޮޓަރިން ނުކުތެވެ. ތަންކޮޅެއް ދުރުން ޞަފިއްޔާ ސުވާލުކުރި އަޑު ނިހާއަށް އިވުނެވެ.

"ކުރަތްޕެއް ފެނިގެން." އިލްހާމް ބުނި އަޑު އިވުނެވެ.

"ބޮޑު މޮޔަގަނޑު!" ނިހާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

ނިހާ ހާމަފެންޑާއަށް އަރައިގެންދިޔައިރު ހިތަށް ވަނީ ބަޔާންކުރަންދަތި ހިތްހަމަ ޖެހުމެއް ލިބިފައެވެ. މިއަދު އިލްހާމްގެ ސަބަބުން ނިހާއަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ. ނިހާ އިންނާނީ ނިކާލާއެވެ. އެ ލޯބި ރުހުމުގައި ނުލިބިއްޖެނަމަ ގަދަ ބާރުން ނަމަވެސް އެލޯބި ހޯދާނެއެވެ. އެއީ ނިހާގެ އަޒުމެވެ. (ނުނިމޭ)

ހަތަރުވަނަބައިގެ ތެރެއިން:- ސިހުރުވެރިންނާ ވާހަކަ ދައްކާ އުޅެން ނިހާ ބިރުގަނެ ޖެހިލުންވެއެވެ. އެމީހުންގެ ކިބައިން މަދަދަށް އެދުމަކީ ނެގޭ ވަރަށް ބޮޑު ހިރާހެއްކަން ނިހާ ޤަބޫލުކުރެއެވެ. އެހެން ނަމަވެސް މިއަދު އެމީހުންގެ އެހީތެރިކަމަށް އެދުން ނޫން އިތުރު ގޮތެއް ނިހާއަކަށް ނުވިސްނެއެވެ. އެ ހިރާސް ނަގައިގެން ނޫނީ ނިކާލްގެ ލޯބި ހާސިލްކުރެވޭކަށް ނެތެވެ. އިލްހާމް ޖެހި ދަންމަޅިން ސަލާމަތްވެވެން އޮތީ ވެސް ނިކާލްގެ ލޯބި އޭނާއަށް ލިބިގެންނެވެ. އެ ލޯބި ހޯދުމަށް ސިހުރަށް ވުރެ ކުރު މަގެއް ނިހާއަކަށް ނުފެނެއެވެ.