ދިޝާ ޕަޓާނީ އަކީ ބޮލީވުޑްގެ އެތައް ފަންނާނުންގެ ފަދައިން މިހާރު ރާއްޖެ އަށް ހިތްޖެހިފައިވާ ފަންނާނެކެވެ. އޭނާ ރާއްޖެ އަށް ކައިރި ކައިރީގައި ކުރާ ދަތުރުތައް ދަނީ މިހާރު ގިނަ ވަމުންނެވެ. އޭނާޣެ ލޯބިވެރިޔާ އަދި ބަތަލް ޓައިގަރ ޝްރޮފް އާއި އެކު ވެސް އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައިސްފައެވެ. އޭނާ ވަނީ ވަރަށް ބޮޑަށް ރާއްޖެ އަށް އޭރުވެސް ތައުރީފުކޮށްފައެވެ.

މިގޮތަށް ދިޝާ ރާއްޖެ އައިސް އުޅުނު ފަހަރެއްގައި ނަގާފައިވާ ފޮޓޯއެއް މިވަނީ އަނެއްކާވެސް މީސް މީޑިއާއަށް ލާފައެެވެ.

ދިޝާ އޭނާގެ އިންސްޓަގްރާމްގައި އާއްމު ކުރި ފޮޓޯއެއްގައި ފެންނަނީ އޭނާ ރާއްޖޭގެ ގޮނޑުދޮށުގައި ފައިދިއްކޮށްލައިގެން އިށީނގެލައިގެން އިން މަންޒަރެވެ. އެ ފޮޓޯއަކީ އޭނާގެ ފައި އެކަނި ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯ އެކެވެ. ފޮޓޯ އާއި އެކު އޭނާ ހިއްސާކުރި ލިޔުމުގައި ވަނީ ހަނދާންވާ ކަމަށް ބުނެފައެވެ. އެއީ ސީދާ ރާއްޖެ ހަނދާން ވެގެން ލިޔުނު ލިޔުންކޮޅެއް ކަމަށް ބުނެފައި ނެތް ނަމަވެސް ބެލެވޭގޮތުން އޭނާ އެ އިޝާރާތްކުރާ ތަނަކީ ރާއްޖެއެވެ.

ދިޝާވަނީ ރާއްޖެ އަކީ ހުވަފެނީ ތަނެއް ކަމަށް މީގެ ކުރިންވެސް ބުނެފައެވެ.

އެމްއެސް ދޯނީ އާއި ބާގީ ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ދިޝާ އަކީ ވަރަށް ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަންނާނެކެވެ. އެގޮތުން ކަސްރަތު ކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް އޭނާ ވަރަށް ބޮޑު އިސްކަމެއް ދިނެވެ. އޭނާ ދަނީ އާއްމުކޮށް ވެސް ޗުއްޓީ ނަގައިގެން އަމިއްލަ ނަފްސަށް ވަގުތު ހުސްކުރަމުންނެވެ.

ދިޝާ އަކީ ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޑު ބޮޑު އެއް ފަންނާނުކަން ފާހަގަކޮށްލެވެއެވެ. ދިޝާގެ ހުނަރުވެރިކަމާއި ނެށުމާއި، ހަށިހެޔޮ ކަމަށް ބެލިއަސް އޭނާއަކީ އެންމެ އުހުގައި ފިޔަ ޖަހާ އެއް ފަންނާނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދިޝާގެ ޝޫޓިންގ ޝެޑިއުލްތައް ހުރީ ފުރިފައެވެ.