ބޮލީވުޑު އެކްޓަރ ސުޝާންތި ސިންގް ރާޖުޕޫތު މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ދަންޖެހިގެން މަރުވެފައި އޮއްވާ ފެނުމަށްފަހު ފަހުން އާއިލާއިން ބުނެފައިވަނީ އެއީ ބަޔަކު ރާވާގެން ހިންގި ކަމެއް ކަމަށެވެ. މި މައްސަލައަށް އަދި ވެސް ވަނީ ވަކިގޮތަކަށް ނުނިމިއެވެ.

ސުޝާންތުގެ މަރާއި ގުޅޭ ގޮތުން އުފައްދާފައިވާ ފިލުމު ނިޔާ: ދަ ޖަސްޓިސްގެ ޕޯސްޓާއާއި ޓީޒަރ މިދިޔަ އަންގާރަ ދުވަހު ވަނީ ނެރެފައެވެ. ހަގީގީ ހާދިސާ ތަކެއްގެ މައްޗަށް އުފައްދާފައިވާ މި ފިލުމުގައި ދައްކުވައިދެނީ ސުޝާންތުގެ މަރާއި ގުޅިގެން ޖަވާބު ނުދެވި ހުރި ސުވާލުތަކާއި ކަންކަމެވެ.

ޒުބަރު ޚާނާއި ޝްރެޔާ ޝުކުލާ ފެނިގެންދާ މި ފިލުުމު ފެށެނީ މަޝްހޫރު އެކްޓަރ މަހިންދުރަ ސިންގް އޭނާގެ އެޕާޓްމަންޓުގައި އަމިއްލައަށް ދަންޖެހި މަރުވުމުގެ ޚަބަރާއި އެކުގައެވެ. އަދި މަހިންދުރަ ސިންގްގެ ހަޔާތުގެ ބައެއް ކަންތައްތައް ވެސް ދައްކުވައިދެއެވެ.

މީގެ އިތުރުން މި މައްސަލަ ބެލުމުގައި ހަރަކާތްތެރިވާ އިންޑިޔާގެ އެންމެ ބޮޑު އެޖެންސީތަކުން މި މައްސަލައާއި ގުޅިގެން މަސައްކަތް ކުރަމުންދާ ގޮތް ވެސް ދައްކުވައިދެއެވެ. މަހިންދުރަ ސިންގްގެ މަރަކީ އަމިއްލައަށް މަރުވުން ތޯ ނުވަތަ ބަޔަކު ރާވާގެން މަރައިލައިފައިވާ މަރެއްތޯ ބެލުމަށް މި އެޖެންސީތަކުން ކުރާ މަސައްކަތްތައް ވެސް ދައްކުވައިދެއެވެ.

މި ފިލުމުގެ ޑައިރެކްޓަރ ދިލިޕް ގުލާޓީ ބުނެފައިވަނީ މި ފިލުމަކީ އަމިއްލައަށް މަރުވުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ނުހެދުމަށާއި އެހެން ވެސް ގޮތްތައް އޮތްކަން ދައްކައިދިނުމަށް ތައްޔާރު ކޮށްފައިވާ ފިލުމެކެވެ. އަދި މި ފިލުމަކީ ސުޝާންތުއަށާއި އޭނާގެ މަސައްކަތަށް ދެވޭ ޓްރިބިއުޓެއް ކަމަށް ވެސް ބުނެފައިވެއެވެ.

މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.