ރާއްޖޭގެ އިންތިޚާބުތައް އަބަދުވެސް ވަރަށް ވާދަވެރިއެވެ. މިހާތަނަށް ވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގިނަ ކެންޑިޑޭޓުން ވާދަކޮށްގެން އެއް ކެންޑިޑޭޓަކަށް އިންތިޚާބު ނެގޭ ގޮތެއް ނުވެއެވެ. އެއް ސިޔާސީ ޝަޚްސިއްޔަތަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބެއެވެ. ރައްޔިތުންގެ ދެބައިކުޅަ އެއްބައި ލިބެނީ އެހެން ބައެއް ސިޔާސީ ފަރުދުންނާއި ޕާޓީތަކާ ގުޅިގެނެވެ. އިންތިޚާބުތައް ކާމިޔާބު ކުރަން އޮތް މަޖުބޫރު ފޯމިއުލާއަކަށް މިކަން ވެއްޖެއެވެ.

މި އިންތިޚާބުތަކުގެ ތެރެއިން، މަސްރަހު އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ 2013 ގެ ރިޔާސީ އިންތިޚާބުގައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އެ ކޯޓުން ބާތިލް ކުރީއެވެ. އަދި އަލުން ފުރަތަމަ ބުރު ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރީއެވެ. އެކި ހަޅުތާލުތަކާ ގުޅިގެން އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވޭ ގޮތް ނުވެ ލަސްވަމުން ދަމުން، މުޒާހަރާތަކާއި އިހްތިޖާޖްތަކާއި ހަމަނުޖެހުންތައް ވެސް އިތުރުވެގެން ދިޔައެވެ.

އޭރު އިލެކްޝަންސް ކޮމިޝަންގެ ރިޔާސަތުގައި އިންނެވީ ފުއާދު ތައުފީޤެވެ. އެމްޑީޕީގެ ލީޑާޝިޕްއާ ގާތް ގުޅުމެއް އޮންނަ ކަމަށް ބެލެވޭތީ ތަފާތު އެކި ތުހުމަތުތައް ފުއާދުގެ މައްޗަށް ވެސް ކުރަމުން ދިޔައެވެ. އިންތިޚާބު ބޭއްވުމަށް އޭނާގެ މައްޗަށް އޮތް ޤާނޫނީ ޒިންމާ އަދާ ކުރުމަށް ވެސް ދަތިވަމުން ދިޔައެވެ. އެ ހޫނު މަސްރަހުގައި އާ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ފުއާދު އޭރު ކުރެއްވި މަސައްކަތް މިއަދު ގިނަ ބަޔަކު ބަލައިގަނެއެވެ.

ފުއާދު ތައުފީޤު "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ވަނީ ޕްލޭނިން މިނިސްޓްރީއިން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގައާއި ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއިން ބޭރުގައި ކުރެއްވި ތަޖުރިބާ އަދި 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބިވަޑައިގެންނެވި ތަޖުރިބާ ހިމެނޭޙެން ހަޔާތުގައި ހިނގި އެކި މުހިންމު ކަންކަން ހިއްސާ ކުރައްވައިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގް "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ތަފާސްހިސާބުގެ ޢިލްމަށް ފުއާދުގެ ޚާއްސަ ޝައުގުވެރިކަމެއް

ފުއާދު ވިދާޅުވި ގޮތުގައި މަދަރުސީ ދައުރުން ފެށިގެން އޭނާ އެންމެ ބޮޑު ޝައުގުވެރިކަމެއް އޮންނަ މާއްދާއަކީ ހިސާބު ޢިލްމެވެ. މަތީ ސާނަވީއާ ހަމައަށް ކިޔަވައި ވިދާޅުވުމަށް ފަހު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ފުރުސަތުގައި ހެއްދެވީ ވެސް ސްޓެޓިސްޓިކްސް ނުވަތަ ތަފާސް ހިސާބު ޢިލްމުގެ ކޯހެކެވެ. އެއީ އިންޑިއާގެ ކަލްކަޓާއިންނެވެ.

އޭގެ ފަހުން ރާއްޖެ ވަޑައިގެން މަސައްކަތް ކުރެއްވީ ހޯމް މިނިސްޓްރީގެ ދަށުގައި އޭރު އޮންނަ އިލެކްޝަންސް ޑިވިޝަންގައެވެ. އޭރު އިދާރާތައް ތަރުތީބު ވެފައި އޮންނަ ގޮތުން ތަފާސް ހިސާބުތައް ހޯދުމާއި ރެކޯޑް ކުރުމާއި ބެލެހެއްޓުމާއި ބޯހިމެނުން ފަދަ މަސައްކަތްތައް ކުރުން ވެސް އޮންނަނީ އެ އިދާރާގައެވެ. 1980 ގައި އިދާރާތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާ އެކު ޕްލޭނިން މިނިސްޓްރީގައި އުފެއްދި ސްޓެޓިސްޓިކްސްގެ އިދާރާގައި މަސައްކަތް ކުރެއްވިއެވެ.

ޕްލޭނިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ޖަޕާންގެ ޓޯކްޔޯއިން ސްޓެޓިސްޓިކްސްގެ މަތީ ކޯހެއް ހައްދަވަން ފުރުސަތު ލިބިވަޑައިގެންނެވިއެވެ. އެ ކިޔަވައިވިދާޅުވުމަށް ފަހު، ރާއްޖެއަށް ކޮމްޕިއުޓަރެއް ގެނެވި ފުރަތަަމަ ފަހަރަށް ކޮމްޕިއުޓަރެއް މެދުވެރިކޮށް ބޯހިމެނުމުގެ މަސައްކަތް ފެށުނު ކަމުގައި ފުއާދު ފާހަގަކުރެއްވިއެވެ. އެއީ 1985 ގައެވެ.

1992 އާ ހަމައަށް ޕްލޭނިންގައި މަސައްކަތް ކުރެއްވުމަށް ފަހު، އެ އަހަރު ސާކް ސެކްރެޓޭރިއަޓްގެ ގޮތުގައި ނޭޕާލްގެ ކަތްމަންޑޫގައި މަސައްކަތް ކުރެއްވިއެވެ. ދެން 2001 ގައި އަލުން ރާއްޖެ ވަޑައިގެން ޕްލޭނިން މިނިސްޓްރީގައި ވަޒީފާ އަދާ ކުރެއްވިއެވެ. 2008 ގައި އިލެކްޝަންސް ކޮމިޝަން އުފެދެން ދެން ޕްލޭނިން މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ފަހު، އެ ކޮމިޝަން އުފެދުމުން އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ފެށްޓެވިއެވެ.

"އަޅުގަނޑު އަބަދުވެސް މެތެމެޓިކްސްއަށް، ހިސާބަށް، ސްޓެޓިސްޓިކްސްއަށް، ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮވޭ، އެ ޝައުގުވެރިކަން އެ ގޮތަށް އޮންނާތީ މިފަދަ ކޮމިޝަނެއްގައި ވެސް މަސައްކަތް ކުރާ ހިތްވަނީ،" ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގް "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

2013 ގެ އިންތިޚާބުގެ ތަޖުރިބާ، ހާސްކަން ބޮޑު ދުވަސްވަރެއް

ފުއާދަކީ ގިނަ ސިޔާސީ ޕާޓީ ހިމެނޭ ވާދަވެރި ނިޒާމެއްގައި ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވި ކޮމިޝަނަރެކެވެ. ފުރަތަމަ ފަހަރު ކަމުން އިންތިޚާބުގައި ގިނަ މައްސަލަތަކެއް ފާހަގަވެ ނަތީޖާ އައުން ވެސް ލަސްވެގެން އެ ފަހަރު ދިޔަ ނަމަވެސް ފުއާދު ވެސް ޤަބޫލު ކުރައްވާ ގޮތުގައި އެންމެ ހަނދާނުން ފިލަން ދަތިވާނެ އިންތިޚާބަކަށް އޮތީ 2013 ގެ ރިޔާސީ އިންތިޚާބެވެ.

"2013 ވީ ވަރަށް ވަރުގަދަ އިންތިޚާބަކަށް، ވާދަވެރިކަން ވެސް ވަރަށް ބޮޑު، ސުޕްރީމް ކޯޓުން ބައިވަރު ޙުކުމްތައް އައުމާއި އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލް ކުރަން ޖެހުމާއި، އިންތިޚާބު ފަސް ކުރަން ޖެހުން، ބާތިލްކޮށް ދެން ދޭ މުއްދަތު ވެސް ކުޑަވުމުން، އަލުން ވޯޓް ކަރުދާސްތައް ޗާޕް ކުރުމާއި، ލިޔުންތައް ހަމަޖެއްސުމާއި، އަލުން ވޯޓާސް ރަޖިސްޓްރީ އާ ކުރަން ޖެހުން، މިފަދަ ވަރަށް ގިނަ ޕްރެޝާތައް އައި." އޭރުގެ ތަޖުރިބާ ފުއާދު ހިއްސާކޮށްދެއްވިއެވެ.

ފުއާދު ސިފަކުރެއްވި ގޮތުގައި އިލެކްޝަންސް ކޮމިޝަން އެ ދުވަސްވަރު އޮތީ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ ލީޑާޝިޕްއާއި އެ ޕާޓީތަކުގެ ސަޕޯޓަރުންގެ މެދުގައި ފިތިފައެވެ. އެންމެންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އައިސް އޮއްސާލާ ތަނަކީ އެ ކޮމިޝަނެވެ. އަދި ބައެއް ހާލަތްތަކުގައި އެންމެންގެ ފާޑުކިއުން އަމާޒުވާ ތަނަކަށް ވެސް ކޮމިޝަން ވެފައި އޮވެއެވެ.

މަސްރަހު ހޫނު ވަމުން ގޮސް އެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ ސަޕޯޓަރުން ވަނީ ފުއާދު ދިރިއުޅުއްވަމުން ގެންދެވި ގެއާ ހަމައަށް ވެސް ގޮސްފައެވެ. ސަޕޯޓަރުންގެ ރުޅިގަނޑު ގަދަވެ ފުއާދުގެ ގެއަށް ކޮންމެ ވެސް ބަޔަކު ވަނީ އަލިފާން ވެސް ޖަހައިފައެވެ. ތަޤްދީރުގައި މިންވަރު ކުރައްވާފައި އޮތް ގޮތުން، އެ ދުވަހު މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. އެކަމަކު ފުއާދު ވިދާޅުވީ އެއީ "ހާސްކަން" ބޮޑުވެގެން ދިޔަ ދަނޑިވަޅެއްގައެވެ. އޭގެ ފަހުން އަބަދުވެސް އުޅުއްވަން ޖެހުނީ ސެކިއުރިޓީގައެވެ. އެއީ ފަސޭހަ ދިރިއުޅުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ ބުރިއަށް ގެ ހަދާފަ ހުންނާނީ. މަތީގަ އަޅުގަނޑު އުޅެމުން ގެންދިޔައީ، ތިރީގަ ހުންނާނީ ފިހާރަ، އަޅުގަނޑު ފެން ވަރައިގެން އައިސް ނުކުތް ތަނާ ފެނުނީ އަލިފާންގަނޑު ރޯވެގެން އައި ތަން، އަޅުގަނޑު ދެން ވަގުތުން އަޅުގަނޑުގެ ސެކިއުރިޓީ ބޭފުޅުންނާ ވެސް ގުޅައިފިން، އެ ބޭފުޅުން ވިދާޅުވި ކަންބޮޑުވެ ނުލައްވާށޭ، އިރުކޮޅެއް ތެރޭ އެ ބޭފުޅުންގެ މީހުން އައިސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެއޭ، ދެން އެ ގޮތަށް ދިޔަ،" ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ނިމިގެން ވެސް މަސް ދުވަސް ވަން ދެން ސަލާމަތީ ބާރުތަކުން ފުއާދަށް ސެކިއުރިޓީ ދިނެވެ. އެ ހާސް ދަނޑިވަޅުގައި ޕާޓީތަކުގެ ފަރާތުން ކިތަންމެ ފާޑުކިއުންތަކެއް ފުއާދަށް ވެސް އަމާޒު ވެގެން އައި ނަމަވެސް ސަރުކާރުން އޭނާއަށް ސެކިއުރިޓީ ދީ ބަަލަހައްޓާފައި ވާތީވެ މިއަދު ވެސް އެކަމަށްޓަކައި އޭރުގެ ސަރުކާރާއި ސަލާމަތީ ބާރުތަކަށް ފުއާދު ޝުކުރުވެރިވެއެވެ.

ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަން ފުއާދު ތައުފީގް ކުރެއްވި އިރުގެ ފޮޓޯއެއް

2018 ގެ އިންތިޚާބަށް ދިރާސާކުރި އޮނިގަނޑު

2018 ގެ ރިޔާސީ އިންތިޚާބު އައި އިރު ފުއާދު ޤަބޫލު ކުރައްވާ ގޮތުގައި، ރާއްޖޭގައި އޮތީ ވަރަށް ޙައްސާސް ހާލަތެކެވެ. އެއް ފަޅީގައި ޕީޕީއެމް އޮތް އިރު، އަނެއް ފަޅީގައި ޤައުމުގެ ދެން އޮތް އެންމެން ތިއްބެވެ. އެ ހާލަތުގައި ވާދަވެރި ފަރާތްތަކުން ލީޑް ކުރާ ކެންޑިޑޭޓް ކާމިޔާބު ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް ލިބުނު ކަމަށް ފުއާދު ވިދާޅުވިއެވެ.

މިހާތަނަށް ނަތީޖާތައް އައިސްފައިވާ ގޮތް ބަލައި ބެލުމުގައި ފުއާދަށް ފެނިވަޑައިގަތީ އަބަދުވެސް އޭރެއްގެ ސަރުކާރު ހިންގާ ޕާޓީއަށް އޮންނަ ތާއީދު ބޮޑެވެ. މި ގޮތުން އެމްޑީޕީ ސަރުކާރުގައި އޮންނަ އިރު އެ ޕާޓީއަށް އޮންނަ ތާއީދު ބޮޑެވެ. އަދި ޕީޕީއެމް ސަރުކާރުގައި އޮންނަ އިރު އެ ޕާޓީއަށް އޮންނަ ތާއީދު ބޮޑެވެ. ތާއީދު ބޮޑުކޮށް އޮންނަނީ އަބަދުވެސް މި ދެ ޕާޓީގެ މެދުގައެވެ. ދެން އަބަދުވެސް އެއް ވަރަކަށް ތާއީދު އޮންނަ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ފަދަ ޕާޓީތަކުގެ ތާއީދު ލިބިއްޖެނަމަ އިންތިޚާބު ކާމިޔާބު ވާނެ ކަމުގައި ފުއާދަށް ބެލެވެއެވެ.

އެހެންވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހަކީ ބަދަލުތަކެއް އަންނަ މަސްރަހަކަށް ވާތީވެ އެހެން ގޮތް ގޮތަށް ނަތީޖާ އައިސްދާނެ އިންތިޚާބުތައް މުސްތަޤްބަލުގައި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ފުއާދު ޤަބޫލު ކުރައްވައެވެ.

މަޖިލިސް އިންތިޚާބުގައި ކައިރިން ފެނުނު ކޮރަޕްޝަން ސަގާފަތް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ދެން ފުއާދު އުޅުއްވީ ރާއްޖެއިން ބޭރުގައެވެ. ސްރީލަންކާގައެވެ. 2014 ގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުން އޭނާ ދުރު ކުރިއްސުރެން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އެމްޑީޕީގެ ބައެއް ހަރަކާތްތަކަށެވެ. އެއަށް ފަހު ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ފުއާދު ވެސް ރާއްޖެ ވަޑައިގަތެވެ. ދެން އައި މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވިއެވެ.

ފުއާދު ތައުފީގު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބަހުަސްގައި ފުއާދު ތައުފީގް ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވިއިރު ފުއާދަށް ފެނިވަޑައިގަތީ ވޯޓް ވިއްކުމުގެ ކޮރަޕްޝަންގެ ސަގާފަތެއް މުޖުތަމައުގައި އޮތް ތަނެވެ. އެކަމަކު ވެސް ވޯޓް ވިއްކަން ފުއާދު ބޭނުމެއް ނުވިއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރައްވަން ވެސް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އޭނާގެ "މިނިވަން ފިކުރުގައި" ވާދަކުރެއްވުމަށެވެ. އެ ގޮތުގައި ވާދަކުރައްވައި ނާކާމިޔާބުވީ ވެސް ވޯޓް ވިއްކުން ފަދަ އަމަލެއް ވެސް ނުކުރެއްވުމުން ކަމަށް ވިދާޅުވިއެވެ.

މިހާރު އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ފުއާދު މަސައްކަތް ކުރައްވާއިރު، އޭނާ ބޭނުން ވަނީ މި ސަގާފަތް ނެތިގެން ދާނެ ދުވަހަކަށް ކަމަށް ފުއާދު ވިދާޅުވިއެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި މިފަދަ ސަގާފަތެއް އޮތީ ވެސް ނިކަމެތި ހާލަތެއްގައި ރައްޔިތުން އުޅޭތީއެވެ. ބޯހިޔާވަހިކަމުގެ ދަތިކަމާއި އާމްދަނީ ހޯދާނެ މަގުތައް ނެތުން ފަދަ މައްސަލަތައް ހައްލުވެ ފުދުންތެރިކަން އިތުރުވުން ދިވެހިން "ވޯޓް ނުވިއްކާނެ" ކަމަށް ފުއާދު ވިދާޅުވިއެވެ. ސަރުކާރުގައި ވެސް ފުއާދު އެދިވަޑައިގަންނަވަނީ ސަރުކާރުން އެ ކަމަށް ކުރަން ޖެހޭ ކަންކަން އަވަސް ކުރުމަށްކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމަންޖެ

    ކަލޮޔައް ބޯކޮއް ލާރި ލިބެޔެއްނު ދެން ކޮން އުނދަގޫ ދިރިއުޅުމެއް.

    20
    1
  2. ފުއާއްޓެ

    ވޯޓުވަގު

    18
    2
  3. ސަރީބޭ

    ފުވާ ދު ބޭނުންވީ އެމްޑީޕީގެ ވޯޓުން މިނިވަން މީހެއްގެ ގޮތުގައިތޯ؟ އެމްޑީޕީ ޕްރައިމަރީ ތެރެއިން ފުއާ ދުތޯ އުޅުނީ ނޫނީ ޒީ ތޯ އުޅުއްވީ؟

    16
    1
  4. އާދަމުގެދަރިޔާ

    އިލެކްޝަންގަ ހުރެގެން މަނިކުފާނު ހިންގި ޖަރީމާތައް ހަނދާނެއް ނުނެތޭ!
    1 މާލޭގެ ދާއިރާތަކުގެ ރަޖިސްޓްރީ އޮޅުވާލައިގެން ވަކިބަޔަކަށް މަންފާ ހޯދަދިނުން.
    2 އިލެކކްޝަން ކޮމިޝަނުގެ ރައީސްކަމުގަ ހުރެގެން ސިޔާސީޕާޓީތަކުގެ ސީދާ ޙަރަކާތުގައި ބައިވެރިވުން.

    5
    1