ދިވެހިންގެ ތެރޭގައި މަގްބޫލުކަން ލިބިފައިވާ ކޮމެޑީ ޝޯ 'ފްރެންޑްސް'ގެ ހާއްސަ ރީޔޫނިއަން އެޕިސޯޑުގެ ޝޫޓިންގް ނިންމާލައިފިއެވެ. އަދިވެސް ދިވެހިންގެ ތެރޭގައި ގިނަ ބަޔަކަށް ކަމުދާ ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑު ބެލުންތެރިންނާއި ހިސާބަށް ގެންނަން ނިންމާފައިވަނީ އެ ޝޯގެ ލީޑް އެކްޓަރުންނާއި އެކުއެވެ.

މި އެޕިސޯޑަކީ 2020 ވަނަ އަހަރުގެ މޭ މަހު ޝޫޓް ކުރަން ރޭވިފައިވާ އެޕިސޯޑެކެވެ. ރީޔޫނިއަން އެޕިސޯޑު އުފައްދާ އެޗްބީއޯއިން ބުނެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޝޯގެ ހާއްސަ އެޕިސޯޑު ގެނެސްދޭނެ ކަމަށެވެ. ނަމަވެސް، ކޮރޯނާއިވައިރަސް ޕެންޑެމިކުގެ ސަބަބުން ޝޫޓިންގް ކުރިޔަށް ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވިއެވެ. އޭގެ ސަބަބުން ޝޫޓިންގް ނިންމާލުން ލަސްވެފައިވާ ރީޔޫނިއަން އެޕިސޯޑުގެ ޝޫޓިންގް ނިމުންކަން އިއުލާން ކޮށްފައިވަނީ ފްރެންޑްސް ޝޯގެ އިންސްޓަގްރާމް އެކައުންޓުން ކޮށްފައިވަާ ޕޯސްޓެއްގައެވެ.

މި އެޕިސޯޑުގެ ޝޫޓިންގް ނިންމާލި އިރު އެޕިސޯޑު ގެނެސްދޭނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ފްރެންޑްސް ޝޯގެ ލީޑް އެކްޓަރުންނަކީ ޖެނިފާ އެނިސްޓަން، ލީސާ ކޮޑްރޯ، ކޯޓްނީ ކޮކްސް، މެތިއު ޕެރީ، މެޓް ލެބްލޮންކްސް އަދި ޑޭވިޑް ޝްވިމާއެވެ. ނިއު ޔޯކް ސިޓީގައި އެކުގައި އުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭއިރު 10 އަހަރު ވަންދެން މި ޝޯ ކުރިޔަށް ގެންގޮސްފައިވެއެވެ. 1994 އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް ފްރެންޑްސް ޝޯ ކުރިޔަށް ގެންގޮސްފައިވާއިރު، 10 ސީޒަން އާއި އެކު 236 އެޕިސޯޑު މި ޝޯގައި ހިމެނެއެވެ.

ރީޔޫނިއަން އެޕިސޯޑަކީ ހާއްސަ އެޕިސޯޑަކަށް ވެފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން މި އެޕިސޯޑު ގެނެސްދީގެން 3 މިލިއަނެއްހައި ޑޮލަރު ލިބޭނެ ކަމަށް ބެލެވެއެވެ.