ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ދައުރުވަމުން ދިޔަ ބޮޑު ގިނިހިލައެއް، ދުނިޔޭގެ ބިމާއި އާދަޔާއި ޚިލާފަށް ކައިރިން ދަތުރުކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ދުނިޔެ ކައިރިން މި ގިނިހިލަ ދަތުރުކުރިއިރު، ގިނަ ބަޔަކަށް ވަނީ، "އަލިގުޅައެއް" ގެ ސިފައިގައި މި ގިނިހިލަ ދުނިޔެ ހުރަސްކުރި މަންޒަރު ފެނިފައެވެ.

އެމެރިކާގެ މީޓިއޯ ސޮސައިޓީން މިކަމާއި ގުޅިގެން ނޫސްތަކުގައި ބުނެފައި ވަނީ މި ގިނިހިލަ ދަތުރުކޮށްފައި ވަނީ ހޯމަދުވަހުގެ ރޭގަނޑު 10:19 ހާއިރު ކަމަށެވެ. އަދި ގިނިހިލަ ދަތުރުކުރި ވަގުތު އެމެރިކާގެ ފްލޮރިޑާ އާއި ކެރީބިއަންގެ ބަހާމާސް އާއި ދެމެދުގެ ސަރަޙައްދުތަކުގެ އުޑުމަތިން އޭގެ ވިދުވަރު ފާޅުވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް ކާރެއްގެ ބޮޑުމިން ހުރި މި ގިނިހިލަ ދަތުރުކޮށްފައި ވަނީ ދުނިޔޭގެ ބިމާއި 1200 މޭލު ދުރުން، ގަޑިއަކު 18،700 މޭލު ބާރުމިނުގައެވެ. މިއީ ދުނިޔެ ވަށައިގެން ދައުރުކުރާ ސެޓެލައިޓްތަކާއި ވެސް ވަރަށް ކައިރި ދުރުމިނެކެވެ. އަދި ގިނިހިލަ ދަތުރުކޮށްފައި ވަނީ ހަނދާއި ބިމާއި ދެމެދު ހުންނަ ދުރުމިނަށްވުރެ ފަސް ގުނަ ކައިރިން ކަމަށް ވެއެވެ. މިއީ ސޫރުދަ ނިޒާމުގެ ބިޔަ މިނަށް ބަލާއިރު ދުނިޔެއާއި އާދަޔާއި ޚިލާފަށް ކައިރިކަމަށް ކަޑައަޅާ ދުރުމިނެކެވެ.

ހޯމަ ދުވަހު ބިމާއި ގާތުން ދަތުރުކުރި ގިނިހިލަ ވަނީ ދުނިޔެއާއި އެންމެ ކައިރިވި ވަގުތު ވައިގެ ފަށަލަތަކުގައި ޖެހި ގޮވާފައެވެ. މި ގިނިހިލަ ދަތުރުކުރި ވަގުތު އުޑުމަތި އަލިވެ، އަލިފާން ގުޅައެއްހެން ގިނަ ބަޔަކަށް ފެނުނު ސަބަބަކީ މިއީއެވެ. މި މަންޒަރު ފެނިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަން ހިނގި ވަގުތު ނަގާފައިވާ ފުޓޭޖްތައްވެސް ޢާންމުކޮށްފައެވެ.

މި ސޫރުދަ ނިޒާމަކީ ގިނަ އަދަދެއްގެ ގިނިހިލަ ދައުރުވަމުން އަންނަ ނިޒާމެކެވެ. މީގެ ތެރޭގައި ދުނިޔެއަށް ނުރައްކާ ކޮށްފާނެވަރުގެ ބޮޑެތި ގިނިހިލަތައްވެސް ހިމެނެއެވެ. މި ސަރަޙައްދުގައި ގިނިހިލަތައް ދައުރުވާ މިންވަރު އިތުރުވުމުން ކޮންމެ އަހަރަކުވެސް ކުޑަ ގިނިހިލައެއް މަދުވެގެން އެއްފަހަރު ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އޮންނަ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސޫރުދަ ނިޒާމުގައި ދައުރުވާ ގިނިހިލަތަކުގެ ތެރެއިން އެއްމޭލުގެ ބޮޑުމިން ހުންނަވަރުގެ ގިނިހިލައެއް ދުނިޔޭގައި ފުށުއަރައިފިނަމަ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކަމުން އަސަރު ކުރމުގެ ފުރުސަތު އޮންނާނެއެވެ. މިފަދަ ގިނިހިލައެއް ދުނިޔޭގައި ޖެހިދާނެ ކަމަށްޓަކައި، ގިނިހިލައިގެ މިސްރާބު ބަދަލުކޮށްލާފަދަ އުފެއްދުމެއް އީޖާދުކުރުމުގެ މަސައްކަތް ސައިންސްވެރިން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލި ދީދީ

    އެއް ރޭ 7 ޖަހަން އުޅެނިކޮށް ގްރޭޓާރ މާލެ ބަސްޓާމިނަލް ކައިރި އިންޑަސްޓްރިއަލް ސަރަހައްދަށް ބޮޑު އަލި ގުޅައެއް ވެއްޓުނު ތަން އަހަރެން ދެކުނިން.. ވަރަށް ކައިރިން.. ޔޫރޯ މާކަރީ އަކަށްވުރެން އަލި ގަދަ.. ގަދަ ފަދަ ހުދު އައްޔެއް.. 5 ނޫނީ 6 ވަރަކަށް ސިކުންތަށް ފެނުނު.. ޖިންނި ޝައިޠާނުންނަކީ ޙަޤީޤަތެކެވެ..