ރޭ ހަތަރު ދަމު ނުނިދާ ހޭލާ ސާމިލާ ހުރީ އޭނާގެ ފިރިމީހާ ފަވާޒު ގެއަށް އަތުވެދާނެކަމުގެ އުންމީދުގައެވެ. އެންމެ ފަހުފަހަރަށް ވެސް ފެނިލަން ބޭނުންވާތީއެވެ. މާދަމާ ހެނދުނު މިގެއިން ސާމިލާ ނުކުންނަން ޖެހޭނެއެވެ. އަބަދު ރޮވެނީއެވެ. ކަރުނަ ހިކޭ ގޮތެއް ނުވެއެވެ. ބޮލުގައި ވެސް ހުންނަނީ ރިއްސާފައެވެ. މުޅި ގައިގާ ވެސް ރިހެނީއެވެ. މީހާ ހީވަނީ އެތައް ދުވަހެއް ވަންދެން ބަލިވެ އެނދުގައި އޮވެފައި ތެދުވެގެން އުޅޭ މީހެއް ހެންނެވެ. ވެއްޓީދާނެހެން ހީވާތީ ކޮޓަރީ ތެރޭގައި ވެސް އުޅެނީ ތަންތަނުގައި ހިފަހައްޓައިގެނެވެ.

ފޮށްޓަށް ހެދުންތައް އަޅާ ގެއިން ނުކުތުމުގެ ތައްޔާރީތައް ވަމުންދަނީއެވެ. އަލަމާރީގެ އެންމެ ތިރީބައިގައި އޮތް ކޮތަޅެއް ނަގާ އެތެރެ ބަލައިލިއެވެ. އޭގައި އޮތީ އަސުރުމަލު ކުލައިގެ ހެދުމެކެވެ. ކައިވެނީގެ ރޭގެ ހެދުމެވެ. އެ ހެދުން ރައްކާކޮށްގެން އުޅޭތާ މިހާރު ބާރަ އަހަރު ވެއްޖެއެވެ. ސާމިލާގެ ހިތުގައި އޮތީ އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނިކުރެވޭ ދުވަހަކުން އެހެދުން އޭނާ ލެއްވުމެވެ. އެވާހަކަ އެކަކު ގާތުގައި ވެސް ނުބުނެއެވެ. އެހަނދާތައް އުފަލަކަށް ހެދުމެވެ. ނަމަވެސް މިއަދު އެ ހެދުން ފެނުމުން އުފަލެއް ނުވެވުނެވެ. ވީ ދެރައެވެ. ހޯސްލާފައި ކަރުނަތައް ފައިބައިގެންފިއެވެ. ކެތް ނުކުރެވިގެން އެނދުގައި އޮށޯވެ ބާލީހުގައި ބައްދާލިއެވެ. ސާމިލާގެ ހަޔާތުގެ ސަފުހާތައް ކަޅާ ހުދުގެ ފިލްމެއް ހެން ކުރެހެން ފަށައިފިއެވެ.

ރާއްޖެއަށް ފުޓްބޯޅައިން ފުރަތަމަ ރަންމެޑެލް ލިބިގެން މުޅި ގައުމު އެކީ އެކަށް އުފާ ކުރަނީއެވެ. ސާމިލާއަކީ ގައުމީ އަންހެން ފުޓްބޯޅަޓީމްގެ ކުޅުންތެރިއެކެވެ. ފިރިހެން ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމުގެ ހަރަކާތްތަކުގައި އަވަދިނެތި އުޅެންވަނީ ޖެހިފައެވެ. މާބޮނޑިތައް ތައްޔާރު ކުރުމުގައެވެ. ދިދައާއި ފޮތިތައް ތައްޔާރު ކުރުމުގައެވެ. ޓީމް ރާއްޖެ އަތުވެއްޖެއެވެ. އަންހެން ޓީމްގެ ކޮންމެ ކުޅުންތެރެއަކަށް ފިރިހެން ޓީމްގެ ކުޅުންތެރިންގެ ކަރުގައި މާފަތި އަޅުވަން އޮތީ ޖެހިފައެވެ. ސާމިލާއަށް ލައްވާލީ އޮފިޝަލުންގެ ތެރެއިން މީހެއްގެ ކަރުގައި މާފަތި އަޅުވާށެވެ. ވަގުތު ޖެހުމާއެކު މާފަތި އަޅުވާލިއެވެ. އެވަގުތު ފަހަތުގައި ހުރި މީހަކު ކޮއްޕާލިހެން ހީވިއެވެ. ސާމިލާ މޫނު ގޮސް ޖެހުނީ އެ އޮފިޝަލްގެ މޭގައެވެ. އުފަލުން ބޭއިޚްތިޔާރުގައި އޭނާގެ ގައިގާ ބައްދާލެވުނެވެ.

ރަސްމިއްޔާތު ނިމިގެން ގެއަށް ދިއައިރު ވެސް ހިތުގައި އުފެދެނީ މިއަދު އެގޮތަށް މީހެއްގެ ގައިގާ ބައްދާލެވުނީމައެވެ. އެއީ މީގެ ކުރިން އޭނާ ކުރާ ޒާތުގެ ކަމަކަށް ނުވެފައި ބޭއިޙްތިޔާރުގައި އެކަން ވީމަވެއެވެ. އަދި އެ އެއޮފިޝަލް ވެސް ނުހަނު ގާތްކޮށް އެކަން ކުރީމައެވެ.

ކުޅިވަރުގައި އުޅޭތީ އެ އޮފިޝަލަކީ ކާކުކަން ނޭގުނަސް ކޮންމެ ވެސް ވަރަކަށް ދެކެފަރިތައެވެ. ޖެހިގެން ދެތިން ދުވަހު ވެސް ޓީމަށް މަރުހަބާ ކިޔުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ދިޔައެވެ. އެގޮތުން އަންހެން ޓީމްގެ ފަރާތުން ބޭއްވި ރޭގަނޑުގެ ކެއުމެއްގެ ތެރެއިން އެ އޮފިޝަލާއި ބައްދަލުވިއެވެ. އެދުވަހު ވީގޮތުން ސާމިލާ ހުރީ ލަދުންނެވެ. ނަމަވެސް އޭނާ ސާމިލާ ކައިރިއަށް އައިސް ތައާރަފު ވިއެވެ.

މާލޭގެ އިރުމަތީ ފަރާތުގައި ހުރި ރެސްޓޯރެންޓެއްގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ސާމިލާ އާދަމް އާއެކުގައި އެއިނީ ފުޓްބޯޅަ ޓީމްގެ އޮފިސަލް އަހުމަދު ފަވާޒެވެ. އެރޭ ދެކެވުނީ އާދައިގެ ވާހަކައެވެ. ފުޓްބޯޅައިގެ ވާހަކައެވެ. ދެމީހުންގެ ދިރިއުޅުމާއި ގުޅޭ އެއް ވެސް ވާހަކައެއް ނުދައްކައެވެ.

އެރެއަށް ފަހު ފަވާޒު ކޮންމެ ދުވަހަކު ސާމިލާއަށް ގުޅައެވެ. ހަފްތާއެއް ވީއިރު ދެމީހުންގެ ގުޅުން ލޯބީގެ ގުޅުމަކަށް ބަދަލު ވެއްޖެއެވެ. ސާމިލާއަކީ ހއ.ވަށަފަރު ބޮޑު ކަތީބުގެ ދަރިއެކެވެ. ކުޑައިރުން ސުރެ މާލޭގައި އުޅެ ބޮޑުވެ މިހާރު ރިސޯޓް މާލޭ އޮފީހެއްގެ އިސް ވަޒީފާ އެއް އަދާކުރަނީއެވެ. ފަވާޒަކީ މާލޭގެ ގެދޮރު ހުރި މުއްސަނދި އާއިލާއެއްގެ ކުއްޖެކެވެ. ފަވާޒުގެ އާއިލީ ވިޔަފާރީގައި މަސައްކަތް ކުރުމުގެ އިތުރުން ފުޓްބޯޅަ ކުލަބެއްގެ މެނޭޖަރެކެވެ.

ސާމިލާއާއި ފަވާޒުގެ ކައިވެނި ކުރެވުނީ މާލޭގެ އަގުބޮޑު ހޮޓަލެއްގައެވެ. ވަރަށް ގިނަ މީހުންނަށް ދައުވަތު ދެވިގެން ބޭއްވި ކައިވެނީގެ ހަފްލާއަށް ފަހު ދެމީހުން މާމުއިހަނދުގެ ދުވަސްތައް ހޭދަކުރީ މެލޭޝިޔާގައެވެ.

ކައިވެންޏަށް ފަސް އަހަރު ވީއިރު އެއްމާބަނޑު ދެކުދިން ތިއްބެއެވެ. ފިރިހެން ދެކުދިންނެވެ. ފަވާޒު އަންހެން ކުއްޖަކު ބޭނުންވާތީ އަލުން ކުއްޖަކު ހޯދިއެވެ. ނަސީބު ރަނގަޅު ކަމުން ލިބުނީ އަންހެން ކުއްޖެކެވެ. އެ ދަރިފުޅު ލިބުނު ފަހުން ފަވާޒުގެ އުޅުމަށް ބައެއް ބަދަލުތައް އަންނަހެން ސާމިލާއަށް އިހުސާސްވާން ފެށިއެވެ. ނަމަވެސް ވާގޮތެއް ފަވާޒު ނުބުނެއެވެ. ފަވާޒުގެ ހުރިހާ ކަމަކީވެސް ވިޔަފާރިއެވެ. ސާމިލާއަކީ މިހާރު ގެވެހި އަންބެކެވެ. ކުދިން ލިބެން ފެށުމުން ވަޒީފާއިން ވަކިވީއެވެ. ކުރިން އުޅުނުގޮތަށް އިޖްތިމާއީ އަދި ކުޅިވަރުގެ ކަންކަމުގައި މިހާރު ބޭރަކަށް ނުނިކުމެވެ. ކަސަރަތު ކުލާހަށް ފިޔަވާ އިތުރު ތަނަކަށް ނުދެއެވެ. ބޭރަށް ނުކުމެ އުޅެނީ މަދު ފަހަރަކުއެވެ.

ވިޔަފާރި ދަތުރު ތަކުގައި ފަވާޒު ރާއްޖެއިން ބޭރަށް ދާންޖެހޭލެއް ގިނަވާން ފަށައިފިއެވެ. ކުދިން ވެސް އެކަމުގެ ޝަކުވާ ކުރެއެވެ. ދިރިއުޅުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހެނީ ސާމިލާއެވެ. ފައިސާ ދީފައިހުއްޓަސް ލޯތްބަކަކީ ފައިސާއަށް ވުރެ މާ އަގުބޮޑު އެއްޗެއްކަން ސާމިލާ އެތަކެއް ފަހަރު ފަވާޒަށް ބުނެއެވެ. އެވާހަކަތަކަށް ފަވާޒު މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

ރާއްޖެއަށް ކޮވިޑްގެ ބަލިމަޑުކަން ޖެހި ރާއްޖޭގެ މައިދޮރާށި ބަންދުވި އިރު ފަވާޒު ހުރީ މެލޭޝިޔާގައެވެ. ދެގައުމުގެ ގަޑީގައި ތަފާތު ހުރުމުން ސާމިލާ ފަވާޒަށް ގުޅަނީ ވެސް ވަރަށް ބަލައިގެން އޭނާއަށް އުނދަގޫ ނުވާ ގަޑި ތަކުގައެވެ. ނަމަވެސް ފޯނު ނަގަނީ ވެސް މަދު ފަހަރަކުއެވެ. ޝަކުވާ ކުރުމުން މިހާރު އަންނަނީ ރުޅިއެވެ.

ރާއްޖޭގެ އެއަރޕޯޓް ހުޅުވި ދަތުރުތައް ފަށައިފިއެވެ. ފަވާޒު ރާއްޖެ އައި ދުވަހުގެ ރޭވެސް ގެއަށް ނިދާކަށް ނާދެއެވެ. ފޯނު އޮތީ ނިންވާލާފައެވެ. ގެއަށް އައީ އަނެއް ދުވަހު މެންދުރު ވީ ފަހުންނެވެ. ކައިގެން ފެންވަރައިގެން އަނެއްކާ ވެސް ދިޔައީ ބޭރަށެވެ. ސާމިލާގެ ހިތުގައި ޝައްކުތައް އިތުވާން ފެށިއެވެ. އިރު އޮއްސުނު އިރު ގެއަށް އައުމުން ކޮޓަރީގައި ފަވާޒު ބައިންދައިގެން ވަރަށް ގިނަ ސުވާލު ކުރިއެވެ. ނަމަވެސް ފަވާޒުގެ ޖަވާބަކީ ކޮވިޑްގެ ސަބަބުން ބައެއް ވިޔަފާރިތައް ހުއްޓާލަން ޖެހުމުން އެކަމުގެ ހިސާބުތައް ނިންމަން ވަގުތު ހޭދަ ވަނީކަމުގައެވެ.

ސާމިލާ އެކި ގޮތް ގޮތަށް މިކަން ސާފުކުރަން ބޭނުން ވިއެވެ. ފަވާޒަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. ނަމަވެސް މުޅިމީހާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާތީއެވެ. ކުރިން ދެމަފިރިންގެ ގުޅުން އޮތް މިންވަރަކީ ކޮންމެ ރެއަކު އެކުގައި ކެއުމެވެ. އެކުގައި ދުއްވާލަން ދިއުމެވެ. ސާމިލާ އުފާވާ ޒާތުގެ ކަމެއް ކޮންމެ ހަފްތާ ބަންދެއްގައި ފަވާޒު ކޮށްލާނެއެވެ. ސާމިލާ ވެސް ފަވާޒަށް މީރު ހެން ހީވާ ހާ ކާއެއްޗެތި ތައްޔާރުކުރެއެވެ. ކޮންމެ ހަފުތާއަކު ދެމަފިރިން އެކުގައި ކުދިންނާއެކު ހިނގާލަން ދެއެވެ. ސާމިލާގެ ރަށްޓެހިންވެސް އަދި ފަވާޒުގެ ރައްޓެހިންވެސް އެކަމާ ވާހަކަ ދައްކައެވެ. ދެމަފިރިން އުޅޭލެއް ލޯބި ކަމުންނެވެ. ފަވާޒުގެ އާއިލީ ވިޔަފާރީގެ ކަންކަމުގައި ވެސް ސާމިލާގެ ޚިޔާލު ހޯދައެވެ. އަދި ފަވާޒުގެ ބައްޕައާއި މަންމަ އަދި އެއްބަނޑު އެއްބަފާ ކުދިންގެ ދޭތެރޭ ޖެހޭ މައްސަލަތައް ހައްލު ކުރުމުގައި ވެސް ސާމިލާ އެއީ އެންމެ އިސްމީހާކަމުގައި ފަވާޒު އައީ ބަލަމުނެވެ. ނަމަވެސް މިހާރު އެދުވަސް ހިނގައްޖެއެވެ.

އިންސާނުންނަށް ބުނެދޭންނޭނގެ ބަދަލު އަންނަނީ ހަމަ ކުއްލިއަކަށެވެ. ރަނގަޅު ހެޔޮ ލަފާމީހުން ގޯޅި އަޅައެވެ. ނުބައި ނުލަފާ މީހުން ހެޔޮ މަގު އިޚްތިޔާރު ކުރެއެވެ. މާޔޫސްވެ ގޮތް ހުސްވާ މީހުން އާދިރިއުޅުމެއް އުޅޭން ފަށައެވެ. އުފާވެރި ދިރިއުޅުން ބަނަވެ ހަފުސްވެއެވެ. ހަދާނެގޮތް ހުސްވެ ބުއްދި ފިލާދެއެވެ.

މިފަހަރު ޑުބާއީއަށް ކުރި ދަތުރު ނިންމާފައި ފަވާޒު މާލެއައީ އިއްޔެއެވެ. ރޭގައި ފަވާޒުގެ މޫނު މަތިން ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. ކައިނިމިގެން ފަވާޒުގެ އެދުމުގެ މަތިން ގޭގެ ޓެރަހަށް އެރީ ފިނިކޮށްލާ ށެވެ. މާދަމާއަކީ ފަވާޒުގެ އުފަންދުވަސް ކަމުން މިރޭ އެކަން ފާހަގަކުރަން ސާމިލާ އޮތީ ނިންމާފައެވެ. ހަދިޔާ ގަނެ ވަނީ ޕާރުސަލް ކޮށްފައެވެ. ބާރަޖެހުން އެތަކެތިދޭން ހުރީ ނިންމައިގެންނެވެ. ޓެރަހުގައި ވަރަށް ގިނަ އިރު ވާހަކަ ދައްކަން ތިއްބެވެ. ފަވާޒުމެން ދިރި އުޅޭ ބަޔަށް ފޭބީ އެގާރަވެސް ޖެހިފަހުންނެވެ. ނިދުމަށް ތައްޔާރީތައް ވުމަށްފަހު އެނދުގައި އޮށޯވެއްޖެއެވެ. ސާމިލާއާ ވަރަށް މުހިންމު ވާހަކައެއް އަހަރެން ދައްކަން އެބަޖެހެވެ. މާދަމާއިން ފެށިގެން ސާމިލާ އަހަރެންގެ ބައްޕަގެ ކުރީގެ މުސްކުޅި ގެއަށް ބަދަލު ވާންވީއެވެ. އެތަން މިހާރު ހުންނާނީ ސާމިލާ ދިރިއުޅުވޭނެ ގޮތަށް ތައްޔާރު ކޮށްދީފައެވެ. އަހަރެން އެހެން ދިރިއުޅުމެއް ފަށައިފީމެވެ. އަހަރެންގެ ހަގު އަނބި މީހާ މިގެއަށް ގެންނާން ޖެހެއެވެ. މިރޭވެސް އަހަރެން ބޭނުންވާނީ އޭނާ ކައިރިއަށް ދާށެވެ. ސާމިލާ ނިދާލާށެވެ.

ސާމިލާއަށް މިކަން ގަބޫލެއް ނުކުރެވުނެވެ. ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ދިނީ އެއްޖަވާބެކެވެ. ސާމިލާއަށް ކުރެވުނު ހީ މިރޭ ކުށް ހީއަކަށް ނުވިއެވެ. ހުރިހާ ކަމެއް ވަނީ ނިމިފައެވެ. ދެން ހެދޭނެ ގޮތެއް ނެތެވެ. އޮތީ އެންމެ ގޮތެކެވެ. ފަވާޒު ކައިރިން ވަރިވުމެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ފަވާޒު ދެކެ ލޯބި ވެއެވެ. އޭނާ ލޯބި ވީ އެންމެ މީހަކު ދެކެއެވެ. އެއީ ފަވާޒެވެ. އެންމެ ފުރަތަމަ ދުވަހު ފަވާޒުގެ މޭގައި ބޯއެޅި ފަދައިން މިއަދު ވެސް އަދި މާދަމާ ވެސް ސާމިލާ ބޭނުންވަނީ އެމޭގައި ބޯއަޅާލައިގެން މުޅި އުމުރަށް އުޅޭށެވެ. އެހެން މީހެއް އެމޭގައި ބޯއަޅާކަށް ސާމިލާ ބޭނުމެއް ނުވެއެވެ. އަދި ސާމިލާވެސް އެހެން މީހެއްގެ ގައިގާ ބީހޭކަށް ބޭނުމެއް ނުވެއެވެ. ހިތުގެ ގުޅުމަކުން އުފެދުނު ރީތި ލޯބި މިއަދު ވަނީ ބަންދުކޮށްލަން މަޖުބޫރު ވެފައެވެ. ސާމިލާއަށް ނުވެސް އެނގި އެހެން މީހެއް އެވަނީ ފަވާޒުގެ ލޯބި ހޯދާފައެވެ. އެކަމަކު ސާމިލާ އަދިވެސް ގަބޫލު ކުރަނީ އޭނާ ފަވާޒު ދެކެ ވީ ލޯބި އެހެން އެއްވެސް މީހަކަށް ނުވެވޭނެ ކަމުގައެވެ.

ސާމިލާއަށް ހޭވެރިކަންވީ އޭނާގެ އެއްމާބަނޑު ދެ ކުދިން އެނދުގައި އިނދެގެން ކޮއްޓާފައި ގޮވާތީއެވެ. މަޑުމަޑުން ތެދުވެ ބާލިސް ނަގާ އުނގަށްލިއެވެ. އެކުދިން ސުވާލު ކުރިއެވެ. މަންމަ ރޮނީ ކީއްވެގެން ހެއްޔެވެ. ސާމިލާ ޖަވާބެއް ނުދެއެވެ. ތަކުރާރުކޮށް ސުވާލު ކުރާން ފެށުމުން ބުނީ ކަމެއް ނުވާކަމަށެވެ. މަންމަމެން މިގެ ދޫކޮށް ދާން ޖެހިއްޖެ ކަމުގައެވެ. ނަމަވެސް ވީގޮތެއް ކިޔައެއް ނުދެއެވެ. އެކުދިންގެ އުމުރުން އަދި މިވީ 11 އަހަރެވެ. ދެން ހުރި ދަރިފުޅަށް 7 އަހަރު ވީ މިދިއަމަހުއެވެ.

ފަވާޒުގެ ދެ ހުށަހެޅުމެއް އޮތެވެ. އެއް ހުށަހެޅުމަކީ އޭނާގެ އަނތްބެއްގެ ގޮތުގައި ސާމިލާ ބޭނުންނަމަ އިނުމެވެ. ދެވަނަ ހުށަހެޅުމަކީ ވަރިވުމެވެ. އެކަން ވެސް ކުރާން ޖެހޭނީ ސާމިލާ ކަމުގައި ބުންޏެވެ. ރޭ ހަތަރު ދަމު ސާމިލާ އާދޭސް ކުރިއެވެ. ކައިވެނި ކުރި ކުއްޖާ ވަރި ކުރުމަށެވެ. ނަމަވެސް ފަވާޒު ބޭނުންވަނީ އަލަށް ކައިވެނި ކުރި ކުއްޖާއާއި އެކުގައި އުޅުމެވެ.

ސާމިލާ އެމީހަކަށްޓަކައި މުޅި ދިރިއުޅުން ގުރުބާން ކުރި މީހާއާއި މިއަދު އެދަނީ ވަކިވެގެންނެވެ. މިހާރު ކާރުގެ ބަރުގަނޑުގެ އަޑު އިވިއްޖެއެވެ. ފޮށިތައް ހިފައިގެން ގޭގައި ގެންގުޅޭ މީހާ ބޭރަށް ނުކުމެއްޖެއެވެ. ސާމިލާއަށް އަދިވެސް ރޮވެނީއެވެ. ތިން ކުދިން ގޮވައިގެން އޭނާ ހިނގައިގެން ފިއެވެ. ހިފެއްޓުމެއް ނެތި ގިސްލާ ރޮވެނީއެވެ. ކުދިންވެސް ރޯން ފަށައިފިއެވެ. ކާރަށް އަރައިފިއެވެ. އޭނާގެ ކަރުނައަކީ ހަގީގީ ލޯބީގެ ކަރުނައެވެ. އެންމެ ފަހު ފަހަރަށް އެގެއާއި ދިމާއަށް ބަލައިލިއެވެ. ސާމިލާ އެދަނީ މިއަދު ފުރާ ލޯންޗަކުން އޭނާގެ އުފަން ރަށަށެވެ. މައިފުނަގޭގައި ދިރިއުޅޭށެވެ. އޭނާގެ ބައްޕަ އާއި މަންމަގެ ކައިރިއަށެވެ.