ބޮލީވުޑްގެ އެކްޓަރު، ނެށުންތެރިޔެއް އަދި މޮޑެލް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މަލިކާ އަރޯރާ މީށް މީޑިއާގައި ހިއްސާކުރި ފޮޓޯ އަކުން އަނގޮއްޓިއެއް އަޅައިގެން އިންދާ ފެނިއްޖެއެވެ. މި ފޮޓޯ ފެނުމާއި އެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަރްޖުން ކަޕޫރާއި މަަލައިކާ އެންގޭޖް ވީކަމަށް ފޭނުން ގަބޫލް ކުރަން މި ވަނީ ފަށާފައެވެ.

އިންސްޓަގްރާމުގައި ފޮޓޯ ހިއްސާ ކުރަމުން މަލައިކާ ބުނެފައިވަނީ އިނގިލީގައި އަޅާފައިވާ އަނގޮއްޓި އަކީ ހުވަފެނީ އަނގޮއްޓިއެއް ކަމަށާއި، އެ ވަރަށް ލޯބި ކަމަށެވެ. އަދި މިއީ އުފާވެރިކަން ފެށުން ކަމަށް ވެސް ބުނެފައިވެއެވެ.

އިންސްޓަގްރާމުގައި މަލައިކާ ދޫކޮށްލި ފޮޓޯގެ ސަބަބުން ފޭނުންނަށް އޭނާ އެންގޭޖް ވެއްޖެ ކަމަށް ގަބޫލު ކުރެވެން ފެށުނު ނަމަވެސް، ޔަގީނެއް ނުވެއެވެ. ގިނަ ބަޔަކު މަލައިކާ އާއި އަރްޖުން އެންގޭޖް ވީތޯ ސުވާލް އުފައްދާފައިވެއެވެ. ބައެއް ފޭނުން ވަނީ މަލައިކާ އެންގޭޖް ވީކަމަށް ގަބޫލުކޮށް މަރުހަބާ ކިޔާފައެވެ.

'މަރުހަބާ. އަބަދުވެސް އެންމެ ރީތި މަލައިކާ. އަރްޖުން ކަޕޫރާއި އެކު އުފާވެރި މުސްތަގްބަލަކަށް އެދެން' ފޭނަކު ލިޔެފައިވެެއެވެ.

މަލައިކާ އަޅައިގެން ހުރީ އިންޑިއާގެ އޯނަޒް ޖުވެލްރީގެ ޑިޒައިންގެ ހެދުމެެކެވެ. އިންސްޓަގްރާމުގައި އޭނާ ހިއްސާކޮށްފައިވާ ފޮޓޯއާއި އެކު މި ބްރޭންޑުގެ ވާހަކަ ހިމަނާފައިވެއެވެ. މިއީ އިންސްޓަގްރާމުގައި އޯނަޒް ޖުވެލްރީ އިސްތިހާރު ކުރުމަށް ހިއްސާ ކޮށްފައިވާ ފޮޓޯއެކެވެ. އެއީ އެންގޭޖްމެންޓް އަނގޮއްޓި ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަރްޖުން އާއި މަލައިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ދެމީހުންގެ ގުޅުން އެމީގުންގެ އިންސްޓަގްރާމް އެކައުންޓުތަކުން ހާމަ ވެގެން ދެއެވެ.