16 އޭޕްރީލް ވަނަ ދުވަހު ގެނެސްދިން ބައި

ފަރުވާތެރިކަމާއެކު ނިކާލްގެ މޫނަށް ނިހާއަށް ބަލައިލެވުނެވެ. ލޮލުގެ ހުދުކަޅީގައިވާ ކަޅުތިލަ ފެނުމާއެކު ނިހާއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. ނިހާގެ ކުރިމަތީގައި ހެވިދިލިފައި އެ ހުރީ ނިކާލެއް ނޫނެވެ. އެއީ ނަޒީލެވެ. ނަޒީލް ހެވިފައިހުރެ ނިހާއާ ކައިރިއަށް ޖެހިލިއެވެ.

"މި މި ތާ ކީ ކީއް ކުރަނީ." ނިހާ ހާސްވިއެވެ. ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ.

"ކޮން ބޭނުމަކުކަން އެނގޭނުން." ނަޒީލްގެ އަޑުގައި ވަނީ މަސްތީކަމެވެ.

ނަޒީލް ގާތަށް އަންނަން ފެށުމާއެކު ނިހާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ހިންދިރުވާލެވުނެވެ. ނިހާއަށް ޤަބޫލުކުރަން ވެސް އުނދަގޫވިއެވެ. މީ ހޭލާ ހުއްޓާ ފެންނަ ހުވަފެނެއް ހެއްޔެވެ؟ އިލްހާމް ހިނގިމަގުން ހިނގުމަށް ނަޒީލް ވެސް ބޭނުންވަނީ ހެއްޔެވެ؟

"ކައިރި ނުވާތި." ނިހާ އަމުރުކުރިއެވެ. "ނުކުމޭ މިތަނުން!"

"މަ ކަމުނުދަނީތަ؟ ނިކާލްއެކޭ މަށެކޭ އެއްގޮތޭ ވާނީ! ހުރިހާ ތަނެއްވެސް!" ނަޒީލް ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ. ކުއްލިއަކަށް ނަޒީލް ކައިރިއަށް ޖެހިލައި ނިހާގެ އަނގަމަތީގައި އަތްއަޅާ ބާރުކޮށްލިއެވެ. މެދުހަށީގައި ބައްދައިގަނެ ފަހަތަށް ގެންގޮސް ފާރާލައި ފިއްތައިލިއެވެ. ނިހާގެ ބޮޑުވެފައިވާ ދެލޮލަށް އެތައް ހާސް ކަރުނަތިކިތަކެއް ޖަމާވެގަތެވެ. މީ ކޮންފަދަ ނުބައިނުލަފާ ޝައިޠާނެއް ހެއްޔެވެ؟

"ގަދަ ހަދަންޏާ ގެއްލުންވާނީ ކަލެޔަށް." ނިހާ ގަދަކަމުން ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ. ނަޒީލް ނިހާގެ ގައިމައްޗަށް ޖެހިގަތެވެ. ބަނޑު ހައިވެފައިވާ މިނިކާވަގެއް ފަދައިންނެވެ. ނިހާ ހަޅޭއްލަވަން ފެށިއެވެ. ނަޒީލް ހުށިޔާރު ކަމާއެކު ނިހާގެ އަނގަމަތީ އަތް އެޅިއެވެ.

ސިޑިން އަރައިގެން އައި ދީޕިކާއަށް ނިހާގެ ހަޅޭކުގެ އަޑު ވަރަށް ރީއްޗަށް އިވުނެވެ. އޭނާ ހަލުވި ހިނގުމެއްގައި ގޮސް ނިހާ ކޮޓަރި ދޮރުކައިރީގައި ހުއްޓިލިއެވެ. އިވުނު އަޑު ޔަޤީންކުރުމަށް ދޮރުގައި ކަންފަތް ޖައްސައިލިއެވެ. ކޮޓަރި ތެރެއިން އެއްޗެހިތަކެއް ވެއްޓުނު އަޑު އިވުނެވެ. ގޮތްނޭނގެ އަޑުތަކެއް ވެސް ދީޕިކާއަށް އިވުނެވެ. ކޮޓަރި ތެރޭގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގާކަމަށް ދީޕިކާގެ ހިތް ބުނެލިއެވެ. އޭނާ ތަޅުގައި ހިފައި އަނބުރާލިއިރު ހުރީ ތަޅުލައިފައެވެ. އޭނާ ވަގުތުން ގޮށް މުއްކަވާފައި ދޮރުގައި ތަޅަންފެށިއެވެ.

"ހުޅުވަނީ. މިހާރު ހުޅުވަން ބޭނުންވަނީ." ދީޕިކާ ބާރުބާރަށް ގޮވަންފެށިއެވެ. ޖެހިގެން ހުރި ކޮޓަރިން ނިކާލް ނުކުތެވެ. ނިކާލް ލޯ އުނގުޅަމުން ދީޕިކާއަށް ބަލައިލިއެވެ.

"ވަގު ހުންނަނީ! ކޮއްކޮ ހަޅޭލަވަނީ! ރޯ ވައްތަރު އަޑު ހުންނަނީ!" ދީޕިކާ ބުނެލި ވާހަކަތަކުން ނިކާލްގެ ނިދިވެސް ފިލައިގެންދިޔައެވެ. އޭނާ ބާރުބާރަށް އައިސް ދޮރުގައި ތަޅައި ގަތް އިރު ހީވި ދޮރުވެސް ވައްޓާލަފާނެ ހެންނެވެ. ކުއްލިއަކަށް ދޮރުހުޅުވާލައިފައި ނިހާ ނުކުތެވެ. ނިކާލަށާއި ދީޕިކާއަށް ބަލާލިއިރު އެ ދެލޮލުން ފެނުނީ ބިރުވެރިކަމެވެ. ނިކާލްގެ ގައިގާ ބާރަށް ބައްދާލަމުން ނިހާ ރޯންފެށިއެވެ.

"ކިހިނެއްވީ ނިހާ." ނިކާލް އަވަހަށް ސުވާލުކޮށްލީ ނިހާގެ ބޮލުގައި ހިފަހައްޓާލަމުންނެވެ. ނިހާ ގިސްލަމުން އިނގިލި ދިއްކުރީ ބާލުޚާނާ ދޮރާ ދިމާއަށެވެ. ނިކާލް ދޮރާ ދިމާއަށް ދާން އުޅުމުން ނިހާ ހިފެހެއްޓިއެވެ. ދީޕިކާ ހުޅުވިފައިވާ ދޮރާ ދިމާއަށް ދިޔައެވެ. ބާލުޚާނާއަށް ނުކުތެވެ. އެތަނުގައި އެއްވެސް މީހަކު ނެތެވެ. ދީޕިކާ ގޯތި ތެރެއަށް ވެސް ނަޒަރު ހިންގައިލިއެވެ. ތަފާތުކަމެއް ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް ކަނާތް ފަރާތަށް އެނބުރިލި ވަގުތު ނަޒީލްގެ ކޮޓަރީގެ ބާލުޚާނާއިން އެތެރެއަށް މީހަކު ވަންހެން ހީވިއެވެ.

އިންޝާއަށް ހޭލެވުނުއިރު ނަޒީލް ދޮރު ކަހާލައިފައި އެތެރެއަށް ވަންނަނީއެވެ. އިންޝާ މޯޅިއަކަށް ދެމިލަމުން ނަޒީލަށް ގޮވައިލުމާއެކު ނަޒީލް ހުއްޓުން އެރިއެވެ. ދެން އިތުރަށް އެންމެ ފިޔަވަޅެއް ވެސް ކުރިޔަކަށް ނޭޅިއެވެ. ފަރާތަކަށް ބަލާވެސް ނުލައެވެ. ހީވީ ހުރިތަނަށް ގާވިހެންނެވެ. އިންޝާ ގޮވައިލިއެވެ. ނަޒީލް އެއްވެސް ހަރަކާތެއް ނުކުރިއެވެ. އިންޝާ ތެދުވިއެވެ. ނަޒީލްގެ ގައިގައި އަތްޖައްސާލުމާއެކު ކަނޑާ ވައްޓާލި ރުކެއްހެން ހުރިތަނަށް ދެމުނެވެ. އިންޝާ ހާސްވެގެން ނަޒީލަށް ގޮވަމުން މޫނުމަތީގައި ތަޅަންފެށިއެވެ. ފެން ފުޅި ނަގައި މޫނަށް ފެންބުރުވާލިއެވެ. ލޯ ކުޑަކޮށް ތަޅުވާލައިފައި ނަޒީލް ކޮންމެވެސް އެއްޗެހިތަކެއް ކިޔެވެ.

"ސަބްރީނާ. ސަބްރީނާ." ނަޒީލް ލޯމަރައިގެން އޮވެ މަޑުމަޑުން ކިޔެވެ. އިންޝާ ނަޒީލްގެ ދެކޮނޑުގައި ހިފައި ތަޅުވައިލަމުން ގޮވައިލިއެވެ.

"ސަބްރީނާ އިދްރީސް." ނަޒީލް ފުންމައިގެން ތެދުވިއެވެ. އިންޝާ ދިޔައީ އެއްލިގެންނެވެ.

އޭނާގެ ބޮޑުވެފައިވާ ދެލޮލުން ނަޒީލަށް ބަލާލެވުނީ ބިރުވެރި އެއްޗަކަށް ބަލާފަދަ ގޮތަކަށެވެ. ނަޒީލް ފުންނޭވާތަކެއް ލަމުން އެނދުގައި އިށީދެ ހަމަޖެހިލިއެވެ.

"ކިހިނެއްވީ." އިންޝާ ބަލަން އިންގޮތުން ނަޒީލް ސުވާލުކޮށްލިއެވެ. އިންޝާގެ ހިތަށް އެރިއެވެ. ނަޒީލަށް ވީގޮތް ނޭނގެނީ ހެއްޔެވެ؟ އިންޝާ ނަޒީލަށް ބަލަމުން ތެދުވިއެވެ.

"ނަޒީލަށް ކިހިނެއްތަ ތިވީ؟" އިންޝާ އެހިއެވެ. "ސަބްރީނާ އެއީ ކާކު؟" އިންޝާގެ ހިތުގައި ފުރަތަމަވެސް އުފެދުނު ސުވާލަކީ އެއީއެވެ. ނަޒީލް ދެބުމަ ގޮށްޖަހާލަމުން ސަބްރީނާގެ ނަން މަޑުމަޑުން ކިޔާލިއެވެ. އެއީ އޭނާ ދަންނަ ނަމެކެވެ. ކޮންމެވެސް ތާކުން އިވިފައިވާ ނަމެކެވެ. ކޮންތާކުން ހެއްޔެވެ؟

"ސަބްރީނާ އިދްރީސް." އިންޝާ ފުރިހަމަކޮށްލަދިނެވެ.

"އެއީ މާމަ." ނަޒީލް ވިސްނަން އިނދެފައި ހަނދާންވެގެން ބުނެލިއެވެ. "ބައްޕަގެ މަންމައެއްނު އެއީ! ކިހިނެއްވީ؟"

ނަޒީލަށް ވީގޮތް އެއްވެސް ވަރަކަށް ނޭނގޭތޯ އިންޝާ ސުވާލުކުރިއެވެ. ނަޒީލް ދެކޮނޑު އަރުވާލަމުން ކިހިނެއްވީތޯ އެހިއެވެ. އޭނާގެ ޚަރަކާތް ހުރިގޮތުން އެއްވެސް ކަމެއް ހަނދާނުގައި ނެތީކަން އިންޝާއަށް ވިސްނުނެވެ. ނަޒީލަށް ވީގޮތް އިންޝާ ކިޔައިދިނެވެ. އެންމެ ފަހުގެ ހަނދާނަކަށް ހުރީ ބާލުޚާނާގެ ދޮރުން އެތެރެއަށް ވަދެވުން ހަނދާންކަމަށް ނަޒީލް ބުންޏެވެ. އޭނާ ހޭދެބައިވިކަމެއް އޭނާއަކަށް ނޭނގެއެވެ. މާމަގެ ނަން ކިޔުނު ހަނދާނެއް ވެސް އޭނާ ނުވެއެވެ. ނަޒީލް އެންމެ ޚައިރާންވީ 30 އަހަރު ކުރިން ނިޔާވެފައިވާ މާމައަށް ގޮވަންޖެހޭ ސަބަބެއް ނުވިސްނޭތީއެވެ. ނަޒީލް ދުނިޔެއަށް އައުމުގެ ކުރިން ސަބްރީނާ ވަނީ ނިޔާވެފައެވެ. ކުއްލިއަކަށް ހޭނެތުމާއި ސަބްރީނާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އިންޝާގެ ވާހަކަތައް ފަހުމުނުވި ނަމަވެސް އެއްކަމެއް ނަޒީލްގެ ހަނދާނުގައި ހުއްޓެވެ. ނިހާގެ ކޮޓަރީގައި ހިނގާދިޔަ ކަންތައްތަކެވެ.

ނިކާލްގެ އަމުރަށް ދީޕިކާ ކޮޓަރި ތެރެއާއި އަލަމާރިތެރެ ވެސް ބެލިއެވެ. ފާހާނާ ތެރެއިން އެއްޗެއް ވެއްޓުނު އަޑުއިވުނެވެ. ދީޕިކާ ފާހާނާ ދޮރު ހުޅުވާލިއެވެ. މުށިގަނޑު މައްޗަށް ވެއްޓިފައި އޮތް ބުރުސް ނެގިއެވެ. އެވަގުތު ކަޅު ހިޔަންޏެއް މައްޗަށް އަރައިގެންދިޔަހެން ހީވިއެވެ. އޭނާއަށް ލިބުނު ސިހުމާއެކު އަވަހަށް ބަލައިލެވުނެވެ. ނަމަވެސް ފަންގިފިލާގައި އިންސާނެއްގެ ސޫރަވާ ގޮތަށް އޮތް ކަޅު ދުންގަނޑު ދީޕިކާއަކަށް ނުފެނެއެވެ. ދީޕިކާ ދޮރު ލެއްޕުމާއެކު އެދުންތައް ޖާލިގަނޑު ތެރެއިން ދެމިގަނެގެން ދިޔައެވެ.

"މީހަކު ނުހުންނަނީ." ދީޕިކާ އައިސް ބުނެލިއެވެ.

ނިކާލް ހުރީ ކޮޓަރި ދޮރުމަތީގައެވެ. ނިހާ ރޯނެ ވަރަކަށް ރުއިމަށް ފުރުޞަތު ދީގެންނެވެ. އޭނާގެ ސިކުނޑީގައި ސުވާލުތައް ފުނިޖެހިފައިވީ ނަމަވެސް މިވަގުތު ނިހާއާ އެއްވެސް ސުވާލެއް ކުރާކަށް ނިކާލް ބޭނުމެއް ނުވެއެވެ. ނިހާގެ ކޮޓަރިއަށް އެމީހަކު ވަނީ ވައްކަންކުރަން ނޫންކަން ނިކާލަށް ޔަޤީންވެއެވެ. އެ މީހަކު ވަނީ ނިހާގެ ނުރުހުމުގައި ނިހާއަށް ގޯނާކުރަން މަސައްކަތްކޮށްފައެވެ. ނިހާ ލައިގެންހުރި ޓީޝާޓު ކޮނޑާ ހިސާބުން ވީދައިގެން ގޮސްފައި ހުރުން އެކަމަށް ހެކިދެއެވެ. ނިހާގެ ބޮލުގައި ފިރުމަމުންދިޔައިރު ނިކާލް ހިތާހިތުން ދުޢާ ކުރިއެވެ. އެ މީހަކު އޭނާގެ ލޯކުރި މައްޗަށް ދެއްކެވުމަށެވެ.

ނިކާލްގެ ގައިގާ އޮޅުލައިގަނެގެން ހުރެ ނިހާ ހިތް ފުރެންދެން ރުއިމަށްފަހު، ދުރަށް ޖެހިލިއެވެ. އޭނާ އިސްޖަހައިގެން ހުރެ ދެއަތުން ކަރުނަތައް ފުހެލިއެވެ. އޭރުވެސް ގިސްލުމުގެ އަޑު މެދު ނުކެނޑެއެވެ. މިރޭ ނިހާ ވަރަށް ބިރު ގަތެވެ. ހިތްވަރު ގަދަކަމަށް ހެދިގެން އުޅުނަސް އޭނާއަކީ ކިހާ ބަލިކަށި އަންހެނެއްކަން ފުރަތަމަ ފަހަރަށް އިޙްސާސްކުރެވުނެވެ. ދީޕިކާ ދޮރުގައި ތަޅައިގަތްކަން ނަސީބެކެވެ. ނޫންނަމަ އިލްހާމްގެ ފަރާތުން ސަފީނާއަށް ލިބުނު އަނިޔާތައް ނަޒީލްގެ ފަރާތުން ނިހާއަށް ލިބުނީހެވެ.

"ދަންނަ މީހެއްތަ؟" ނިކާލްގެ އަޑު އިވިފައި ނިހާ އިސްއުފުލާލިއެވެ. ނިކާލްގެ ދެލޮލުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.

"ޕޮލިހަށް ރިޕޯޓްކުރަންވީނުން." ނިހާގެ ޖަވާބެއް ނުލިބުމުން ނިކާލް ބުންޏެވެ. "ކާކުކަން އެނގޭތަ؟"

ދެންވެސް ނިހާ އިޙްތިޔާރުކުރީ ހިމޭންކަމެވެ. އެމީހަކީ ނިކާލްގެ ބޭބެ ނަޒީލޭ ބުނާނީ ކޮން ދުލަކުންހެއްޔެވެ؟ އެއީ ބުނަން ފަސޭހަ ވާހަކައެއް ނޫނެވެ. އެފަދަ މުޑުދާރުކަމެއް ނަޒީލްކޮށްފާނެ ކަމަކަށް އެކަކުވެސް ޤަބޫލެއް ނުކުރާނެއެވެ. އެ ހާދިޘާ ނިހާއަށް ދިމާނުވިނަމަ ޚުދު ނިހާވެސް ޤަބޫލެއްނުކުރީހެވެ. ވީއިރު ނިކާލް އެވާހަކަތައް ޤަބޫލުކުރާނެ ހެއްޔެވެ؟ އެވަރުގެ އިތުބާރެއް ނިކާލް ނިހާއަށް ކޮށްފާނެ ހެއްޔެވެ؟ ނޫނެކެވެ. އެގޭގައި ނިހާއަށް އިތުބާރުކުރާނެ މީހަކު އުޅޭނެކަމަށް ހިތަށް އެރުމަކީ ވެސް މޮޔަކަމެކެވެ. އެގޭ މީހުންނަކީ އާއިލާ މީހުންނަށް މާބޮޑަށް އިތުބާރުކުރާ ބަޔެކެވެ. އެމީހުންނަށް ނިހާ ފެންނާނީ ދުރުހިލޭ މީހެއް ގޮތަށެވެ. އެ ވާހަކަ ބުނާ ހިސާބުން ނިހާ ވާނީ ކުށްވެރިއަކަށެވެ. އެއްވެސް ކުށެއްނެތި ނަޒީލްގެ ބޮލުގައި ތުހުމަތުތަކެއް އަޅުވާކަމަށެވެ. މާޒީގައި މަންމައާމެދު ވެސް ކަންތައްވީ އެފަދަ ގޮތަކަށެވެ. މާޒީ އަލުން އިއާދަކުރާކަށް ނިހާ ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އެ ވަގުތަށް ނިހާ ނިންމީ އެކަން ސިއްރުކުރާށެވެ.

"ޕޮލިހަށް ގުޅާނެކަމެއް ނެތް." ނިހާ މަޑުމަޑުން ބުނެލިއެވެ. "އަޅާނުލާ."

"ތިދެނީ އެމީހަކަށް ހިތްވަރު." އެފަދަ ބޮޑުކަމެއް ވުމުންވެސް ނިހާ އަޅާނުލަން ބުނުމުން ނިކާލް ޚައިރާންވިއެވެ.

"ދެން ކިހިނެއްތަ އަހަރެން ހަދަންވީ؟" ނިހާ ނުރުހިފައި ބުންޏެވެ. "ޕޮލިހަށް ގުޅަންވީ! އެމީހުން މަ ދައްކާ ވާހަކަ ޤަބޫލުކުރާނެތަ؟ ނުކުރާނެ! އެކަކުވެސް ޤަބޫލެއް ނުކުރާނެ! ސާބިތެއް ވެސް ނުވާނެ! ތިކަންކޮށްގެން ވެސް ބަދުނާމުވާނީ އަހަރެން!"

"އަހަރެން ނިހާއަށް އިތުބާރުކުރަން." ނިކާލް ނިހާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. "ބުނޭ އެއީ ކާކުކަން! އެމީހަކަށް ވަރުގަދަ ލަގާއެއް ދޭނަން! ދުވަހެއްގެ ކޮޅުން ވެސް އަންހެން ކުއްޖަކާ ވައި ނޭޅޭވަރު ކޮށްލާނަން."

ނިކާލް ޖަޒުބާތީވެގެން އިތުބާރުކުރާނެކަމަށް ބުނި ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށް ނިހާ ދެކުނެވެ. ކޮންމެ ގޮތެއްވިޔަސް ނިހާއަށްވުރެ ބޮޑަށް ނިކާލް ގާތްވާނީ ނަޒީލާއެވެ. ބޮޑަށް އިތުބާރުކުރެވޭނީ ވެސް ނަޒީލަށެވެ. ނިހާއަށް އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވެއެވެ. އޭނާ ކުރާކަމެއްކުރާނީ އަމިއްލައަށެވެ.

"ދަންނަ މީހެއްނޫން." ނިކާލް ބުނާނެ އެއްޗަކަށް މަޑުކުރުމެއްނެތި ނިހާ ކޮޓަރިއަށް ވަނެވެ.

އަތް އުފުލާލިގޮތަށް ހުއްޓުން އަރާފައި ނިކާލް ހުއްޓެވެ. ކޮޓަރިއަށް ވަނުމަށް ނިކާލްގެ ހިތް އެދުނެވެ. މިވަގުތު ނިހާއަށް އޭނާގެ އަޅާލުމާއި އެހީތެރިކަން ބޭނުންވާނެއެވެ. ތަޅުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން ޓަކި ޖަހާލުމަށް އަތްނެގުމަށްފަހު ނިކާލްގެ ހިޔާލު ބަދަލުވިއެވެ. މިވަގުތު ނިހާ ބޭނުން ވާނީ އެކަނިވެލުމެވެ. އެ ފުރުޞަތު ނިހާއަށް ދިނުމަށް، ނިކާލް ގޮސް ކޮޓަރިއަށް ވަނެވެ. ދީޕިކާ ހުރީ ބަލާށެވެ. ނިހާގެ ކޮޓަރިއަށް ވަން މީހަކީ ނަޒީލްކަން ދީޕިކާއަށް އެނގެއެވެ. އެކަން ސާބިތުކުރެވޭނެ ހެކިވެސް އޭނާ އަތުގައި އެބައޮތެވެ. ނަޒީލްގެ ކަރުގައި އޮންނަ ރިހި ފަށް ކޮޓަރި އެނދު ކައިރިން ދީޕިކާއަށް ވަނީ ފެނިފައެވެ.

ނިހާ ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ބާލުޚާނާގެ ދޮރު ރަނގަޅަށް ލައްޕާ ތަންޑު އެޅުވުމެވެ. މިރޭ ނަޒީލަށް އެކޮޓަރިއަށް ވަނުމުގެ ފުރުޞަތު ލިބުނީ ނިހާގެ ފަރުވާ ކުޑަކަމުންނެވެ. ނިދާ ވަގުތު ދޮރު ހުޅުވާލައިފައި ބެހެއްޓުމަކީ ނިހާގެ އާދައެކެވެ. ނިހާ ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. ލާނެ އެއްޗެއް ހޯދުމަށް އަލަމާރި ކައިރިއަށް ޖެހިލިއެވެ. ޓީޝާޓެއް ނަގައި ބޮލުން މަހައިލިއެވެ. ފާހާނާގެ ދޮރު ދަށުން ކަޅު ދުންތައް ނުކުންނަން ފެށިއެވެ. އެކަމެއް ނިހާއަކަށް ނޭނގެއެވެ. އޭނާ ހުރީ ފުރަގަސްދީގެންނެވެ. ދުންތައް އިންސާނެއްގެ ސޫރައަށް އެތުރުނެވެ. އޭތި މަޑުމަޑުން އައިސް ނިހާގެ ފަހަތުގައި ހުއްޓުނެވެ. ނިހާގެ ހަށިގަނޑަށް ޒާތެއްގެ ހޫނެއްވާން ފެށުމާއެކު ފަހަތުގައި މީހަކު ހުރިކަމުގެ އިޙްސާސްކުރެވެން ފެށިއެވެ. ނިހާގެ ދެލޯ މުދުނުގައި ޖެހުނެވެ. ފަހަތަށް އެނބުރިލި ވަގުތު ވަރަށް ބޮޑަށް ބޮލުގައި ރިއްސައިގަތެވެ. ނިހާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ކުރީ ރޭ ތަކެކޭ އެއްފަދައިން ނިހާއަށް ކެތްނުވާ ވަރުވިއެވެ. ނިހާ ދެއަތުން ބޮލުގައި ހިފަހައްޓައިގެން ހުރެ ހިނގައިގަތެވެ. އޭނާއަށް ދެވުނީ އެނދާ ހަމައަށެވެ. ވީނުވީއެއް ނޭގި އެނދު މައްޗަށް ދެމުނެވެ.

ނިހާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނިހާ ނަމާދުކޮށްލިއެވެ. އެޔަށްފަހު ގޮސް އެނދުގައި ޖައްސާލީ ނިދާލާށެވެ. ނަމަވެސް ލޮލަށް ނިދި ނައިސް ފިކުރުބޮޑުވާން ފެށިއެވެ. އޭނާގެ ބަދުނަސީބު ދިރިއުޅުމާމެދު ވިސްނެން ފެށުނެވެ. މިޒަމާނުގައި އެންމެ ގާތުގައި އުޅޭ މީހުންނަށް އިތުބާރު ކުރުމަކީ މޮޔަކަމެކެވެ. އިލްހާމެކޭ ނަޒީލެކޭ އެއްވެސް ތަފާތެއް ނެތެވެ. ދަރިވެސް އުޅެން ދިމާކޮށްފައި ހުރީ ބަފާ އުޅުނު ގޮތަށެވެ. އެ ދެމީހުންގެ ގައިގާވެސް ވަނީ މުޑުދާރު ލެޔެވެ. ނިހާއަށް ކުރިމަތިވީ ސަފީނާއަށް ވެސް ދިމާވިފަދަ ގޮތެކެވެ. ކުރިމަތީގައި ވަނީ ސަފީނާ ވެއްޓުނުފަދަ އަނދަވަޅެކެވެ. ނިހާ އެކަމުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ ކަންކަން ސިއްރުކޮށްގެން މަންމައަށް ވީފަދަ ގޮތެއް ވާކަށް އޭނާ ނޭދެއެވެ. މަންމަގެ މަތިން ހަނދާންވުމާއެކު ފެނުނު ހުވަފެންމަތިން ނިހާ ހަނދާންވިއެވެ.

އާ ދުވަހަކަށް އިރުއަރައި ދުނިޔެ މައްޗަށް އަލިކަން ފެތުރެން ފެށުމާއެކު ނިހާ ބޭރަށް ނުކުތެވެ. ހެނދުނުގެ ފިނި ވައިރޯޅިތައް ނިހާގެ ހަށިގަނޑުގައި ބީހެން ފެށުމުން ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހި ހީކަރުވައި ގަތެވެ. ދެއަތުންދެއަތުގައި ފިރުމަމުން އޭނާ މަޑު ހިނގުމުގައި ބޯގަންވިލާ ގަސްކައިރިއަށް ދިޔައެވެ. ގަސްބުޑު ބަލާލިއެވެ. ހުވަފެނުގައި ފެނުގޮތަށް އެތަނުގައި ތަވީދު އޮތެވެ. ނަމަވެސް ތަވީދުގެ ކުލަވަނީ ބަދަލުވެފައެވެ. ހުދުކުލައިގެ ތަވީދު މިހާރު އޮތީ ކަޅުރަތް ކުލައިގައެވެ. ނިހާ ތަވީދު ނަގައި ރަނގަޅަށް ބަލާލިއެވެ. އެއީ ހަމަ ނިހާ އެގެޔަށް ގެނައި ތަވީދެވެ. ތަވީދު އެތަނަށް ގެނައީ ކާކު ހެއްޔެވެ؟ އޭގެ ކުލަ ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ ހުވަފެނެއްގެ ސިފައިގައި ތަވީދު އޮތްތަން ދެއްކުމުގެ ހިކުމަތަކީ ކޮބައިހެއްޔެވެ؟ އެ ހުވަފެނުގެ ތައުބީރަކީ ކޮބައިހެއްޔެވެ؟ ޖަވާބު ނޭނގޭ އެތައް ސުވާލުތަކެކެވެ. ތަވީދުގެ ކުލަ ބަދަލުވާންޖެހުނު ސަބަބު ނިހާއަށް ނޭނގުނަސް އިބްރާހީމްބެއަށް އެނގޭނެކަން ޔަޤީނެވެ.

މިއަދުވެސް ނިހާ ޑިއުޓީއަށް ގެންދިޔުމަށް ފައިރޫޒް އަޔެވެ. ނިހާ ގޮސް ފައިރޫޒް ސައިކަލު ފަހަތަށް އެރިތަން ނިކާލް ހުރީ ބަލާށެވެ. ނިހާއަކީ ވެސް އަޖައިބެއް ކަހަލަ ކުއްޖެކެވެ. މަންމަ ބުނާ ގޮތުންނަމަ ނިހާ ލޯބި ވަނީ އޭނާ ދެކެއެވެ. އެހެނަސް ނިކާލަށް ފެންނަނީ މުޅީން އެހެން މަންޒަރެކެވެ. އެއީ މަންމައަށް ކުރެވުނު ކުށް ހީއެއް ހެއްޔެވެ؟ ނިކާލަށް ފެންނަނީ ދުވަހެއްދުވަހަކަށް ނިހާ ފައިރޫޒާ ގާތްވާ ތަނެވެ. ކޮންމެ ދުވަހަކު ނިކާލް ކުރަމުން އައި މަސައްކަތް އެހެން މީހަކާ ހަވާލު ކުރި ތަނެވެ. އެ ކާވެނި ކުރުމާ ދެކޮޅު ހަދާކަށް ވެސް ނިހާ ނޫޅެއެވެ. ބައްޕަގެ ކުރި މަތީގައި ދެކޮޅު ހަދަން ނުކެރުނަސް ފައިރޫޒް ގާތުގައި އެ ވާހަކަ ބުނެވިދާނެ ނޫންހެއްޔެވެ؟

"ވާހަކައެއް ބުނަންވެފަ އެބައޮތް." ހޮސްޕިޓަލް ދޮރު މައްޗަށް ސައިކަލު މަޑުކޮށްލުމާއެކު ނިހާ ފައިބަމުން ބުންޏެވެ.

"އަވަހަށް ބުނޭ." ފައިރޫޒް އެހިއެވެ. "ކޮން ވާހަކައެއް."

"އެހާއަވަހަށް ކައިވެނި ކުރާކަށް ބޭނުމެއް ނޫން." ނިހާ އިސްޖަހައިލިއެވެ. "އަދި ވަގުތު ބޭނުން."

ނިހާ ބޭނުންވިނަމަ އެ ކައިވެނި ކުރެވެން ނެތްކަމަށް ބުނެވުނީހެވެ. ލޯބިވާ މީހަކު ހުރިކަމަށް ބުނެވުނީހެވެ. ނިހާ އެކަންތައް ސިއްރުކުރީ ނަޒީލްގެ ސަބަބުންނެވެ. ނަޒީލް ޖަހައިފައިވާ ދަންތުރައިން ސަލާމަތް ނުވެވިއްޖެނަމަ އޭނާ އިންނަން ބޭނުންވަނީ ފައިރޫޒާއެވެ. ނިކާލްދެކެ ލޯބިވިޔަސް ވެހެވެ. ނަމަވެސް އެ ނިންމުން ނިންމަން އަދި މާ އަވަހެވެ. އެ މަގު އިޚްތިޔާރުކުރުމަށް އޭނާ ވަގުތު ބޭނުންވެއެވެ. ނިހާ ބޭނުންވާ ވަގުތު ފައިރޫޒް ދޭނެ ހެއްޔެވެ؟

"ހާސްނުވޭ! ނިހާ ބޭނުން ދުވަހަކުން އިންނަން އަހަރެން މި ހުރީ ތައްޔާރަށް." ފައިރޫޒް ވަރަށް ފަސޭހައިން އެއްބަސްވިއެވެ.

ބާބު 08 - ވަހުމު

މުޅި ރަށަށް މަޝްހޫރު ސިހުރުވެރިޔާ އިނީ އޭނާގެ ޚާއްސަ ކޮޓަރިކޮޅު ގައެވެ. އޭނާގެ ނަމަކީ އިބްރާހީމް އަބޫބަކުރެވެ. ނުވަތަ އިބްރާހީމްބެއެވެ. ޓިނުން ހަދާފައިވާ އެކޮޓަރި ހުރީ އޭނާގެ "ތާޖު މެހެލް" ފަދަ ގެޔާ ވަކިން ނަމަވެސް އެއް ގޯތި ތެރޭގައެވެ. އެ ކޮޓަރީގައި ހުރީ މޭޒަކާއި ގޮނޑިއެކެވެ. އިތުރު ފަރުނީޗަރެއް އެތާކު ނެތެވެ. މޭޒު މަތީގައިވާ ދުވަސްވީ ފޮތްތައް ވަނީ ތަރުތީބެއްނެތި އުކާލެވިފައެވެ. ކޮޓަރީގެ ކޮންމެ ކަނެއް ފަޅުފިލުވާލަދެނީ މަކުނުވާގެ ހާލިތަކުންނެވެ. އިބްރާހީމްބެ ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔައީ އަތުގައި އޮތް ފޮތުގެ ގަނޑުތައް އުކަމުންނެވެ. ފޮތުގައި ލިޔެފައިވާ އެއްޗެހިތައް ކިޔަމުންނެވެ. މީހަކު ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. އިބްރާހީމްބެ އަތުގައި އޮތް ފޮތް މޭޒު މައްޗަށް އެއްލާލިއެވެ. ހިރަފުސްތައް ފަޒާގެ ތެރެއަށް ބުރައިގެންދިޔައެވެ. ދޮރު މަތީގައި ހުރީ ޔަޒީދެވެ. އެއީ ކުރީ ރެޔަކު ނިހާއަށް ހޮސްޕިޓަލުން ދިމާވި ޒުވާނާއެވެ.

"ނިހާ ބައްދަލުކޮށްލަން ބޭނުންވާތީ." ޔަޒީދު ބުންޏެވެ.

އިބްރާހީމްބެ ބަލާލިއެވެ. ޔަޒީދުގެ ފަހަތުގައި ހުރި ނިހާއަށެވެ. ނިހާ ލައިގެންހުރި ގަޔަށް ބާރު ޔުނީފޯމްގެ ސަބަބުން އޭނާގެ ބައްޓަން ވަރަށް ރީއްޗަށް ފާޅުވެއެވެ. އިބްރާހީމްބެ ހިންދިރުވާލިއެވެ.

"ވަދޭ އެތެރެއަށް." އިބްރާހީމްބެ ޓިނު ދޮރު ބޮޑަށް ހުޅުވާލިއެވެ.

ނިހާ ދޮރުމައްޗަށް އަރާފައި ހުއްޓުނެވެ. ކޮޓަރި ތެރެއިން ދުވި ކުނި ވަހެއްގެ ސަބަބުން ނޭފަތުގައި އަތް އަޅައިލެވުނެވެ. ދެން އޭނާއަށް ބަލައިލެވުނީ ލައިގެން ހުރި ހުދު ޔުނީފޯމަށެވެ.

"ބޭރުގަ ތިބެގެން މި ވާހަކަ ނުދެއްކޭނެތަ؟" ނިހާ އެތެރެއަށް ވަންނަ ހިތެއް ނުވިއެވެ.

"ސިހުރުގެ ކަމަކުއެއް ނުން ތިއައީ." އިބްރާހީމްބެ ބުންޏެވެ. "އެހެންވީމަ އެ ވާހަކަ ދައްކަންޖެހޭނީ މި ކޮޓަރި ތެރޭގައި.. އަހަރުމެންނަށް ފާރަލާ ކިތަންމެ ބަޔަކު އުޅޭނެ."

ނިހާ އެތެރެއަށް ވަނެވެ. އިބްރާހީމްބެ ދޮރު ލައްޕާލިއެވެ.

"ކޮންކަމަކު؟" އިބްރާހީމްބެ ގޮސް ގޮނޑީގައި އިށީނެވެ. ނިހާ ހުރީ މޭޒު ކައިރީ ކޮޅަށެވެ. އެއްވެސް ބަހެއް ބޭރުކުރުމެއްނެތި ނިހާ ތަވީދު މޭޒުމަތީގައި ބޭއްވިއެވެ. ނިހާގެ ބޭނުމަކީ އެ ތަވީދަށް ވެފައި އޮތް ގޮތެއް ބެލުމެވެ. ކުޑަކޮށް ނުރަވެފައިވާ ތުނބުޅީގައި އަތް ހާކަލަމުން އިބްރާހީމްބެ ތަވީދު ނެގިއެވެ.

"މީތީގެ ބާރުގޮސްފައި މިއޮތީ." އިބްރާހީމްބެ ބުންޏެވެ.

"ކީއްވެ؟" ނިހާ މަޑުމަޑުން އެހިއެވެ. "މަ ތީގެ ބޭނުމެއް ނުކުރަން."

"ކަލެޔެއް ނޫނޭ." އިބްރާހީމްބެ ފޮތެއް ނަގާފައި ގަނޑުތައް އުކަންފެށިއެވެ. ފޮތުގެ މެދާ ހިސާބުން ގަނޑެއްގައި އިނގިލި ޖައްސާފައި އިބްރާހީމްބެ ނިހާއަށް ބަލާލިއެވެ.

"ޖިންނިއެއް." އިބްރާހީމްބެ ބުންޏެވެ. "އެފަދަ ބާރުތަކަކަށް ފެން ބޮވައިގެންފައިވާ ޖިންނިއެއް."

ޖިންނީންނަކީ އަލިފާނުން ހައްދަވާފައިވާ ބަޔެކެވެ. އިންސާނުންނަށް ނުލިބޭ ބާރުތައް ދެއްވާފައިވާ ބަޔެކެވެ. އެމީހުންނަށް ބޭނުން ސިފައަކަށް ބަދަލުވުމާއި އިންސާނުންގެ ލޯ މައްޗަށް ނުފެނި އުޅުމުގެ ބާރު ލިބިފައިވެއެވެ. ޒައްރެއްގެ މިންވަރަށް ކުޑަވެގެން އިންސާނުންގެ ލޭ ހޮޅިތަކުގައި ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔެކެވެ. ވީއިރު އިންސާނަކު ހެދި ތަވީދަކުން އެމީހުން ނަގާނީ އިތުރު ކޮން ބާރެއް ހެއްޔެވެ؟ ނިހާއަށް ޝައްކުކުރެވުނީ ފައިސާގެ ދަހިވެތިކަމުގައި އިބްރާހީމްބެ މަކަރެއް ހެދީކަމަށެވެ.

"ތީތި ރަނގަޅުކޮށްދީ." ނިހާ ބޭނުންވީ ޔަޤީންކުރާށެވެ.

"ވިހިހާސް ބޭނުންވާނެ." އިބްރާހީމްބެ ހީނލިއެވެ.

ނިހާގެ ޝައްކު ޔަޤީނަށް ބަދަލުވުމުން އެތަނުގައި މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ނިހާ ނުކުމެގެން ދިޔައީއެވެ. އިބްރާހީމްބެ ނޫނަސް ސިހުރުވެރިން އެރަށުގައި އުޅޭނެއެވެ. ފައިސާއަށް ބޫތު ކައިފާ ހުރި މީހަކަށް ރުފިޔާތަކެއް ބޭކާރުކުރުމުގެ ބޭނުމެއްނެތެވެ. އިބްރާހީމްބެ އެއްމިޔަކަނުން ހީނލިއެވެ. އޭނާ ހެދީ ދޮގެއްނޫނެވެ. ހަމަ ހަޤީޤަތުގައި ވެސް އެތަވީދުގެ ބާރުތައް ވަނީ ޖިންނިއެއް ބޭނުންކޮށްފައެވެ. ސަބަބެއް އިބްރާހީމްބެއަށް ޔަޤީންކަމާއެކު ބުނާކަށް ނޭގެއެވެ. ނަމަވެސް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެ ޖިންނީގެ އުނދަގޫ ނިހާއަށް ފޯރާނެކަމެވެ.

ހަވީރުގެ ވަގުތެވެ. އިންޝާހުރީ ނިހާގެ އިންތިޒާރުގައެވެ. ނިހާގެ ކޮޓަރިއަށް މީހަކު ވަން ވާހަކަ ނިކާލް ބުނިފަހުން އޭނާ ދެފައި އެއްތާކު ނުޖަހައެވެ. އިރުއިރު ކޮޅާ ގަޑި ބަލާލައެވެ. ބޭރަށް ނުކުމެ މަގުމަތިވެސް ބަލާލައެވެ. 04 ޖަހާއިރު ނިހާގެ ޑިއުޓީ ނިމޭނެއެވެ. 05 ޖެހި އިރުވެސް ނިހާ ގެޔަށް ނައުމުން އޭނާ ކަންބޮޑުވިއެވެ. އިންޝާ ގޯތި ތެރެއަށް ނުކުތެވެ. ނިހާ މައިގޭޓުން ވަންތަން ފެނިފައި އޭނާގެ ފިޔަވަޅުތައް ހަލުވިކޮށްލިއެވެ. އޭނާ ގޮސް ނިހާގެ ގައިގާ އޮޅުލައިގަތެވެ. އިންޝާގެ ކަންބޮޑުވުން ނިހާއަށް ވިސްނުނެވެ.

"ކާކު؟" އިންޝާ ހުރީ ފެންކަޅިވެފައެވެ. ނިހާ ޖަވާބެއް ނުދިނެވެ.

"ނަޒީލްތަ؟" އިންޝާ އެހިއެވެ. ނިހާ ކުޑަކޮށް ސިހުނެވެ. ނަޒީލްގެ ހަޤީޤަތް އިންޝާއަށް ވެސް އެނގެނީ ހެއްޔެވެ؟ (ނުނިމޭ)

ހަތްވަނަބައިގެ ތެރެއިން:- "އިބްރާހީމްބެ ބުނީ ނިހާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭނެކަމަށް." ޔަޒީދު ބުންޏެވެ. "ހަމަ ހަޤީޤަތުގައި ވެސް ޖިންނިއެއް ވަނީ ތަވީދުގެ ބާރުގެ ބޭނުންކޮށްފައިކަމަށް.. އެހެންވީމާ ނިހާ އެ ޖިންނީގެ ކިބައިން ސަލާމަތްވާން ފިޔަވަޅު އަޅަން ނަސޭޙަތްތެރިވުމަށް އެދުނީމަ މި ގުޅައިލީ."

"އިބްރާހީމްބެ ކައިރީގަ ބުނެލާ ޝުކުރިއްޔާއޭ." ނިހާ ފޯނު ކަނޑައިލިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަމް

    ވަރަށް ގިނަ ވާހަކަތަކުން ހިޔާލު ހޯދައިގެން ލިޔެފައިވާ ވާހަކައެއް. ގެނެސް ދިނުން ވަރަށް ޝައުގުވެރި.