ދުޅަހެޔޮ ސިއްހަތެއްގެ މަތީގައި ދެމިހުރެ، ރީތިކޮށް ހުރުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ހަށިހެޔޮކަމާއި ރީތިކަމަށް ލޯބިނުކުރާނެ މީހަކު މަދުވާނެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގެ މަތީގައި ދެމިހުރުމަކީ ކޮންމެ މީހަކު ވެސް އެދޭނެ އެދުމެކެވެ. އެކަމަކު އެ މަގްސަދު ހާސިލްކުރުމަށް ވަކި ޚާއްސަ އާދަތަކެއްގެ މަތީގައި ދެމިހުންނަން ޖެހެއެވެ. ދިރިއުޅުމުގެ ކަންކަން ވަކި ތަރުތީބަކަށް ބައްޓަން ކުރަން ޖެހެއެވެ.

ޚާއްސަކޮށް ބަރުދަން ލުއިކުރުން، ނޫނީ ބަރުދަން އިތުރުކުރަން ބޭނުން ނަމަ ކުރަން ޖެހޭ މަސައްކަތް އެތައް ގުނައެއް އިތުރުވެއެވެ. ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ކިތަންމެ ބޭނުންވި ނަމަވެސް އެއީ ބުރަމަސައްކަތާއި މެދުކެނޑުމެއް ނެތް މިންނަތުން ނޫނީ ހާސިލްކުރެވޭނެ ކަމެއް ނޫނެވެ. ކަންމިހެން އޮތް އިރު ތަހުޒީބު ދުނިޔޭގެ ކުލަވަރު ރާއްޖެ އަށް ވެސް މިހާރުވެރިވަމުން ދާއިރު އިހުނަށް ވުރެ ދުޅެހެޔޮ ވައްޓަފާޅިއަކަށް ލޯބިކުރާ މީހުން ރާއްޖޭގައި ވެސް މިހާރު ގިނަވެއްޖެއެވެ. ދުވަން ދިއުމާއި، ތަފާތު އެކި ކުޅިވަރުކުޅުމާއި، ޒުމްބާ އާއި ކާޑިއޯ ކްލާސްތަކާއި މި ނޫނަސް ނަން ހުސްކޮށް ކަސްރަތު ކުލާސްތައް މިހާރު ދަނީ ހިންގަމުންނެވެ. ބޫޓްކެމްޕްތަކާއި އެކި ކަހަލަ ކްލެންސިން ޑައިޓްތަކުން މުޅި މީސްމީޑިއާވެސް ވަނީ ފުރާލާފައެވެ.

ދުޅަހެޔޮ ދިރިއުޅުމުގެ ފާޑަކީ މިއަދު ދިވެހިންނަށް އާ ކަމެއް ނޫނެވެ. މީގެ ކުރިން ހީވެފައި އޮންނަނީ ކަސްރަތު ކުރުމަކީ ފަލަ މީހުން އެކަނި ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނޫނީ ބަލި މީހުން ކުރާ ކަމެއް ކަމަށެވެ. އެހެން ނޫނީ ވަރަށް "ދުޅަހެޔޮ"، ފިޓު މީހުން ކުރާ ކަމެއް ކަމަށެވެ. އެކަމަކު ޒަމާނާއި އެކު އެ ވިސްނުން މިއަދު މިވަނީ ބަދަލުވެފައެވެ. މިއަދު ކަސްރަތަކީ އެތައް ބައެއްގެ ދިރިއުޅުމުގެ މުހިންމު ހިއްސާއެކެވެ. އަދި ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުގައި ހޭލަމޭލަވެ އުޅޭ ފަންނުވެރި މުދައްރިބުން އަދާކުރާ ދައުރަކީ ކަސްރަތަށް ދިވެހިންގެ ހިތުގައި އޮތް ލޯބި އާލާކޮށްދޭ އެއް އަސްލެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ފިޓްނެސް އިންސްޓްރަކްޓަރުންގެ ތެރޭގައި ތަފާތު ޝަހުސިއްޔަތުތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ތަޖުރިބާގެ ގޮތުން މުއްސަނދި އާރުކާޓީއިންނެވެ. އަނެއްބައި މީހުންނަކީ ވަރަށް ޝައުގުވެރިކަމާއި އެކު އެ މަސައްކަތް ކުރަމުންދާ ހީވާގި ބައެކެވެ.

ޝިއު ބައެއް ކަސްރަތުތަކުގެ ޑެމޯ އެއް ދައްކާލަނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފިޓްނެސް އިންސްޓްރަކްޓަރެއް ކަމަށްވާ މަރިޔަމް ޝިއުނާ (ޝިއު) އަށް ކަސްރަތުކުރުމާއި، އެހެންމީހުންނަށް ކަސްރަތު ކުރަން އެހީވުމަކީ އުޖޫރަ އަށް އެކަނި ކުރާ މަސައްކަތެއް ނޫނެވެ. އޭނާ އަށް މި މަސައްކަތަކީ އެއަށް ވުރެ ބޮޑަށް ޒާތީ ކަމެކެވެ. މިއީ އޭނާގެ ހިތާއި ނަފްސާއި ގުޅިފައިވާ ލޮބުވެތި މަސައްކަތެކެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރުގައި ޝިއު ކަސްރަތާއި ދިމާ އަށް މިސްރާބު ޖެހީ ހަށިގަނޑަށް ހަށިހެޔޮ ބަދަލެއް ގެނައުމުގެ ފޮނި އުންމީދުގައެވެ. ބަރުދަން ލުއިކޮށްލުމުގެ އުންމީދުގައި ފެށި އެ ދަތުރުވީ ކަސްރަތުގެ ދުނިޔެ އަށް ތައާރަފްވުމަށް ޝިއު އަށް ހުޅުވުނު ދޮރަކަށެވެ. ކަސްރަތުކޮށްގެންނާއި ކެއުމަށް ބަދަލުގެނެސްގެން ހަށިގަނޑަށް ބަދަލުގެނެސް މީހާ ހިއްކާލުމަކީ ކިތަންމެ ބަޔަކު ދެކޭ ހުވަފެނެކެވެ. އެކަމަކު އެ ހުވަފެނާއި ހަމައަށް ވާސިލްވެވޭނީ ނުހަނު ކެތްތެރިވެގެންނެވެ. އަދި ކެއިންބުއިމާއި، ނިދުމުން ފެށިގެން ދިރިއުމުގެ ކުޑަބޮޑު ހުރިހާ ކަމެއް ވަކި އަހުލާގެއްގެ މަތީގައި ބަހައްޓައިގެން ނޫން ގޮތަކަށް އެ އަމާޒާއި ހަމައަށް ފޯރާކަށް ލާހިކައެއް ނޫނެވެ. އެއީ ފިސާރި ހިއްވަރު ހުރެގެން ނޫނީ ކާމިޔާބު ނުކުރެވޭނެ މަސައްކަތެކެވެ.

(ކ) ޝިއު ހިކުމުގެ ކުރީގެ ފޮޓޯއެއް، (ވ) ޝިއުގެ މިހާރުގެ ފޮޓޯއެއް

އެހެންނަމަވެސް ޝިއު އަކީ ހިތްވަރު އެލުވާނުލާ މަސައްކަތްކޮށްފި ނަމަ ހިތްހަމަޖެހޭ ފަދަ ބަދަލެއް ހަށިގަނޑަށް ގެނެވިދާނެކަން ސާބިތުކޮށްދިން މީހެކެވެ. އޭނާގެ ހަށިގަނޑަށް އައި ހެޔޮ ބަދަލަކީ ހިކުމަށް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ހިއްވަރު ލިއްބައިދިން ކަމެކެވެ. އޭނާ އަކީ ހިކެން ބޭނުންވެފައި ތިބި އެތައް ބަޔަކަށް ނަމޫނާއެކެވެ. ޝިއު "ވަގުތު" އަށް ކިޔާދިން ގޮތުން ހިކެން މަސައްކަތް ކުރަން އޭނާ ނިންމި ނިންމުމަކީ މާބޮޑަށް ވިސްނާފައި ނިންމި ނިންމުމެއް ނޫނެވެ.
"ހަމައެއްރެއަކު ހިތަށް އެރީ ހާދަ ފަލައޭ ދާން ވެއްޖެއޭ. ކުއްލިއަކަށް ހިތަށް އެރީ. ފެށީމަ އެނގުނު އެހާ ފަސޭހަ ކަމެއް ނޫންކަން. މީހުން ބުނޭ ނުހިކޭނެއޭ. ނިދުމާއި ކެއުން މެނޭޖްކުރުން ފަސޭހައެއް ނޫން. ހިކެމުން ދިޔައިރުވެސް ވަރަށް ގިނަ ނެގެޓިވް ފީޑްބެކް ލިބުނު. ނުހިކޭނެއޭ ބުނަނީ. ފެށި އިރު 90 އިން މަތީގައި ހުރީ ބަރުދަން. ބަރުދަން 60 އިން ދަށެއް ނުކުރެވޭނެއޭ މީހުން ބުނޭ." ޝިއު ބުންޏެވެ.

ހިކެން މަސައްކަތް ކުރި އިރު ޝިއު އަށް ވެސް ދިމާވީ އޭނާ ފަދައިން ހިކެން މަސައްކަތް ކުރާ އެތައް ބަޔަކަށް ދިމާވާ ގޮންޖެހުންތަކެވެ. ވަށައިގެން ތިބި މީހުންގެ ފަރާތުން ނައްސި ވިސްނުންތަކާއި ޚިޔާލުތައް ލިބެމުން ދިޔަ ނަމަވެސް ހިކެން ކުރި މަސައްކަތަކީ އަމިއްލަ ނަފްސަށްޓަކާ އޭނާ ކުރާ ކަމެއްކަން ހަނދާނުގައި ބަހައްޓައިގެން މާޔޫސް ނުވެ އޭނާ ދިޔައީ މަސައްކަތައިގެން ކުރިއަށެވެ. "ނުހިކޭނެ" ކަމަށް ބުނި މީހުންގެ ބަސްތަކަށް ބީރު ކަންފަތެއްދިނުމަށް ފަހު އޭނާ އަށް ހިއްވަރުދިން މީހުންގެ އަތުގައި ހިފައިގެން އޭނާ ބެލީ ކުރިއަށް ދެވޭތޯއެވެ.

ޝިއު ކަސްރަތު ކުރަނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ނުވާނެއޭ ބުނީމަ އެކަން ނެގީ ޗެލެންޖެއް ގޮތުގައި. ނުވާނެއޭ ނުކުރެވޭނެއޭ ބުނީމަ އެހެން ވިސްނީ. ދެން ސިއްހަތަށް ރަނގަޅު ކާނާ ވެސް ކާން ފެށިން. އޭރުން ފެށިގެން މިހާހިސާބަށް ވެސް ކެއުންބަހައްޓަނީ އެހެން. މިއީ ލައިފްސްޓައިލް ޗޭންޖެއް." " ޝިއު ބުންޏެވެ.

ޝިއު ހިކެން ފެށި މަސައްކަތް އޭނާ ނިންމާލީ އޭނާ އަށް މިކަން "ވާނެ"ކަން ދައްކާފައެވެ. 92 ކިލޯ އިން 58 ކިލޯ އަށް ބަރުދަން ލުއިކޮށްލީ އެއް އަހަރު ދުވަހުގެ މަސައްކަތުންނެވެ. ކެއުމަށް ގެނައި ބަދަލާއި ކަސްރަތާއި އެކު އޭނާ އެ އަމާޒަށް ވާސިލްވި އިރު އޭނާ ހުރީ ކަސްރަތަށް ހިތްޖެހިފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޝިއުގެ ވާހަކަތަކުން އެނގުނު ގޮތުން ހިކެން މަސައްކަތް ކުރި އިރު ކަސްރަތުކުރުމާއި މެދު އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން ދިރާސާކޮށް މައުލޫމާތު އެއްކުރުމަކީ އޭރުވެސް އޭނާ ކޮށް އުޅުނު ކަމެކެވެ. ކަސްރަތާއި މެދު ޝިއުގެ ހިތުގައި އޮތް ޝައުގުވެރިކަމުގެ ނަތީޖާއަކަށްވީ އޭނާ ފަދަ އެހެން މީހުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.

"ވެއިޓް ލޮސް އަށް ފަހު ޓްރެއިނާއަކަށްވީ ލާރިހޯދާކަށް ނޫން ސީދާ. ހެޕިނެސް ލިބޭ ކްލައިންޓުން ހެޕީވީމަ. ޓްރާންސްފޯމޭޝަންސް ފެނުނީމަ ވަރަށް އުފާވޭ. އެޑްވަޓައިޒްކޮށްގެންނެއް ނޫން ކްލައިންޓުން ހޯދަނީ. ވަރަށް މަދުވާނެ އެހެން ހޯދާފައި." އޭނާ ކިޔާދިނެވެ.

ޝިއު ބުނާގޮތުން ކޮންމެ ކްލައިންޓަކީ ވެސް ތަފާތު ކްލައިންޓެކެވެ. ކްލައިންޓެއް ލިބުމުން އެންމެ ފުރަތަމަ އޭނާ ބަލަނީ އެ މީހެއްގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަނެވޭތޯ ކަމަށް ވެސް ޝިއު ބުނެއެވެ. ހަމައެހެންމެ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ ވައްޓަފާޅި އަށް ބެލުމަށް ފަހު އެ މީހަކަށް ޚާއްސަކޮށްގެން އިރުޝާދު ދެވޭތޯ މަސައްކަތް ކުރާ ކަން ޝިއު ވަނީ ފާހަގަކޮށްފައެވެ.

"މެންޓަލް ހެލްތް ގޯހިއްޔާ އެޗީވްކުރަން އުނދަނގޫވާނެ. އެހެންވީމަ އެހެން ހެލްޕްވެވޭތޯ ބަލަން. ދެން ލައިފްސްޓައިލަށް ވެސް ބަލަން. ބަލާފައި އެހީވެވޭތޯ ބަލަން ހުރިހާ ގޮތަކުން ވެސް." ޝިއު ބުންޏެވެ.

ޝިއު ކަސްރަތެއްގެ ޑެމޯއެއް ދައްކާލަނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދު ޝިއުއަކީ ކަސްރަތުގެ ދާއިރާ އިން ތަމްރީނު ހޯދައިގެން އެ ދާއިރާއިން ކުރިއަށްދާ ޒުވާނެކެވެ. އޭނާ ވަނީ ޕަރސަނަލް ޓްރެއިނިން އާއި ނިއުޓްރިޝަންގެ ދާއިރާއިން ތައުލީމާއި ތަމްރީނު ހޯދާފައެވެ. އޭނާ އަކީ މިހާރު އެފްްއީއޭ ސަރޓިފައިޑް ފިޓްނެސް އިންސްޓްރަކްޓަރ އަދި އެފްއީއޭ ސަރޓިފައިޑް ޕަރސަނަލް ޕްރެކްޓިޝަނަރއެކެވެ. ޝިއު ބުނާގޮތުން އޭނާގެ މަސައްކަތުގައި އެންމެ ބޮޑު ހިއްވަރަކީ އޭނާގެ ކްލައިންޓުންނެވެ. މިހިސާބަށް އައުމުގައި ޝިއުއަށް އޭނާގެ ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރެއެވެ. އަދި ޝިއުއަށް އޭނާގެ އިންސްޓްރަކްޓަރ ރިޔާ ދިން ހިއްވަރާއި މިހާރު ޕީއެފްސީ އާއި އައިޝާގެ ފަރާތުން ލިބޭ އެއްބާރުލުން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. ހަމައެެންމެ އޭނާ އާއި އެކު މަސައްކަތްކުރާ އިންސްޓްރަކްޓަރެއް ކަމަށްވާ ނާމިގެ ފަރާތުން އޭނާ އަށް އަބަދުވެސް ވަރަށް ބޮޑު ހިއްވަރެއް ލިބުނުކަމަށް ޝިއު ބުނެއެވެ.

"ވަރަށް ހަނދާން ހުރޭ ކޯސް ހެދި އިރު ގޯލްޑެއް ލިބުނު ދުވަސް. އެއީ ވަރަށް އުފާވި ދުވަހެއް. އޭގެ ކުރިން ކޮންފިޑެންސް އެއް ނުހުރޭ އިންސްޓްރަކްޓަރަކަށް ވެވިދާނެއޭ. ކޮންމެ ކްލައިންޓެއްވެސް ވަރަށް ޚާއްސަ. އެންމެ އުފާވަނީ ކްލައިންޓުން ހިތްހަމަ ޖެހިގެން އެ ވާހަކަ ބުނީމަ. ދެން ބަދަލު ފެނުނީމަ ވަރަށް އުފާވޭ. އެގޮތަށް ވަރަށް ފާހަގަކޮށްލެވޭ އެންޒައިޓީ ހުރި ކުއްޖެއް. އެ ކްލައިންޓް އަންނަން ފަށައިގެން ވަރަށް ބޮޑަށް ރަނގަޅުވި. ކުރިން މީހުންނާއި ފޭސްކުރަންވެސް އުނދަނގޫވި. އެކަމަކު ފަހުން ވަރަށް ކޮންފިޑެންސް ލިބުނު ވާހަކަ ކިޔާދިނީމަ އެއީ ވަރަށް އުފާވި ކަމެއް."ޝިއު ބުންޏެވެ.

ޝިއުގެ ކްލައިންޓެއް ކިޔާދިން ގޮތުގައި ޝިއު ކޮންމެ ކްލައިންޓަކަށް ވެސް އިރުޝާދު ދޭ އިރު އެންމެ ފާހަގަކުރެވޭ ކަމަކީ އޭނާ އެ މީހަކާއި މެދު އޭނާ ބަހައްޓާ ގާތްކަމެވެ. ހިތްހެޔޮކަމާއި އެކުވެރިކަމާއި އެކު ޝިއު އެ މީހަކާއި އެކުގައި މަސައްކަތް ކުރާ އިރު ޝިއު އެ މީހަކާއި މެދު އެއްވެސް ބީރައްޓެހިކަމެއް ނުބަހައްޓަހާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"އެހެން ޓްރެއިނާސް އާއި ތަފާތުކޮށް ޝިއުއަކީ ފެމިލީ އޭ ބުނެވޭނީ. ޝިއު އާއި ދިމާވެގެން ބަދަލުވީ ޕީއެފްސީ އަށް. ކުރިން ނޭވާ އަށް ވެސް އުނދަނގޫވޭ. ކޮންފިޑެންސް އެއް ނުހުރޭ. އެންމެންވެސް ބުނެދޭ. އެކަމަކު ޝިއު ތަފާތު. ދެ ހަފްތާވެސް ނުވެ ޓްރާންސްފޮމޭޝަން ފެނުނު." އޭނާ ކިޔާދިނެވެ.

ކަސްރަތުކުރުމުގެ އިތުރުންވެސް ޝިއުއަކީ ވަރަށް ހުނަރުވެރި ޒުވާނެކެވެ. ކެއްކުމުގެ ފާޑުވެރިކަމަކީ ޝިއު ދެނެފަރިތަ މަސައްކަތަކެވެ. އެ ދާއިރާއިން ވެސް އޭނާ އަކީ ފާހަގަކޮށްލެވޭ ނަމެކެވެ. ޚާއްސަކޮށް ފޮނިކާތަކެތި ތައްޔާރުކުރުމުގައި އޭނާ އަކީ "ފޮނި" ނަމެކެވެ. އެކަމަކު ޝިއުގެ ކެއްކުމުގެ ހުނަރުގެ ވާހަކަ އެހެން ދުވަހަކަށް ބާއްވާނަމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙުއއތި

    ޝިއު އެކަނިތަ ކަސްރަތު ކުރަނީ، އަހަރެމެން ކީއްމިކުރަނީ

    32
    6
    • ބަބޫ

      ކީއްތަ ތިކުރަނީ.

      31
      1
  2. Anonymous

    ޝިއު ބޮޑީ ހާދަ ރީއްޗޭ... ޝިއުއަށް ކާމިޔާބަށް އެދެން..

    23
    3
  3. ޑަރޭ

    ކުރިންހުރިގޮތް މާޗާލު އަދި ޗަބީ.

    19
    8
  4. ާއައިޝާ

    ވަރަށް ވަރަށް ރީތި. ❤

    15
    3
  5. އުގުރި

    ތިހާ ފިޓީޔާ ފަސްވަގުތު ނަމާދު ވެސް ކުރެވޭނެތާ..

    18
    4
    • ދައްތަ

      ކިހިނެއް އެނގެނީ ފަސް ވަގުތު ނަމާދު ނުކުރާކަމެއް؟

  6. ކުލޮ

    ސިއު ނަމްބަރވެސް ޖަހަލިނަމަ ހާލުބަލާލަން ގުޅާލަން،،

    16
    5
  7. ކިސް

    އަސްލުވެސް ކުރީފޮޓޯގަ އެއީ ސިއުތަ؟

  8. ކކ

    ދެން މިއުޅޭ އަންހެން ވެރިން ދެހާސް ތިން ޙާސް ދީފަ ޕާރސަނަލް ޓުރޭނާއެއް ނަގައި ގެން ކީއްތާ މި ކުރަނީ ޖިމް ތަކުގަ،،ސިއުވަރެއް ނެތް؟

    16
    1
  9. ޙިޔާލު

    އަސްލު ފިޓް ވުމަކީ ފަސްވަގުތު ނަމާދުކޮށް އެއާއިއެކު ސުންނަތްތައްވެސް ކުރުން. ފިޓްކޮށް ހެދުން އެޅުމެއް ނޫން.