(އެކާވީސްވަނަ ބައި)

"އަޅުގަނޑު އަހްލާމްގެ މަންމަމެންގެ ގާތުގައި މި ވާހަކަތައް ކިޔައިދީ، އެމީހުންގެ އިޒުނަޔާއެކު ތިގޮތަށް ކަންތައް ކުރިއަށް ގެންދާނަން." ނަފާޒާ ހުރީ އަހްލާމް ހޯދުމަށްޓަކައި ކަރުތާފެނަށް އެރެން ޖެހުނަސް ވަރިހަމަކޮށްލައިގެންނެވެ.

"ވަރަށް ރަނގަޅު! ޒާހީއާއި އަޅުގަނޑާ މަޝްވަރާކޮށް ނަފާޒާއަށް ވަރަށް އަވަހަށް ޚަބަރެއް ވާނަން." އަލީފް ގޮނޑިން ތެދުވިއެވެ. "ޒާހީ ވިދާޅުވި ގޮތަށް ރިޕޯޓްކޮށްފައި އަޅުގަނޑަށް މެސެޖެއް ފޮނުވާލަ!"

"ލައްބަ!" ނަފާޒާ މަޑުމަޑުން ގޮނޑިން ތެދުވިއެވެ.

"އެ ތެދެއް! އޭރުން އަހަރެމެން ފުލުސް އޮފީސް މެދުވެރިކޮށް މަގުތަކުގައި ހުރި ކެމެރާތައް ޗެކްކޮށްލާނަން." އެކަމުގައި ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ޒާހީ ދިނެވެ. "އަދި އެބަހުރި ބައެއް ސުވާލުތަކެއް ކޮށްލަންވެސް! އެހެންވީމަ އަޅުގަނޑު ނަޞޭހަތްތެރިވާން ތި މައްސަލަ ވީހާވެސް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަށް!"

"ރިޕޯޓްކޮށްފައި އަޅުގަނޑަށް ޚަބަރެއްވުން އެދެން." އަލީފް ހުރީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެފައެވެ. "މި ވަގުތު އަޅުގަނޑުމެން ގޮސްލަނީއޭ!"

ނަފާޒާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުމުން އަލީފާއި ޒާހީ އެކުގައި އެ ގެއިން ބޭރަށް ނުކުތެވެ. އަލީފް މަގުގެ ދެ ފަރާތް ރަނގަޅަށް ބަލަމުން މަގު ހުރަސްކޮށް ސައިކަލަށް އެރިއެވެ. އޭނާގެ ސިކުނޑީގައި އެކިއެކި ޚިޔާލުތަކާއި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. އަހްލާމްގެ ހަނދާންތަކެވެ. އަހްލާމް ގެއްލެން ދިމާވި ސަބަބުތަކެވެ. ދެން ކަންތައް ވާނެ ގޮތްގޮތެވެ.

"އެހެންވީމަ! އަހަރެން މި ގަޑީގައި ގޮސްލީއޭ! މުހިއްމު މައުލޫމާތެއް ލިބިއްޖެނަމަ އަހަރެން އަލީފާއި ހިއްސާކުރާނަން!" ޒާހީ އޭނާގެ ސައިކަލުގައި މިސްރާބުޖެހީ ފުލުސް އޮފީހާ ދިމާއަށެވެ.

"އެންމެ ރަނގަޅު!" އަލީފް ދިޔައީ ސީދާ އޭނާގެ ގެއަށެވެ.

އަލީފް ސައިކަލު ދުއްވަމުން ދިޔައިރުވެސް އޭނާގެ ސިކުނޑީގައި ފުން ޚިޔާލުތައް އެގޮތް މިގޮތަށް ތެޅި ފޮޅެމުން ދިޔައެވެ. އެކަމުގެ ސަބަބުން އޭނާގެ ބޮލަށް ބަރުވަމުން ދިޔައެވެ. މީހާއަށް އުނދަގޫތައް ކުރިމަތިވަމުން ދިޔައެވެ. މީހާގެ ހިތް ދެރަވެ ހިތް ރޮވޭ ގޮތްވަމުން ދިޔައެވެ. އަހްލާމްގެ ގާތުގައި ލޯބިވާ ވާހަކަ ހާމަނުކުރެވި ލަސްކުރެވުމުން އެކަމާ ހިތާހިތުން ޝަކުވާތައް ކުރެވެމުން ދިޔައެވެ.

އަލީފް އައި ގޮތަށް އައިސް ގެއަށް ވަދެ އޭނާ ލިޔަން ގެންގުޅޭ ކަޅުކުލައިގެ ނޯޓްފޮތް ފެނޭތޯ އެކި ތަންތަން ހޯދަމުން ދިޔައެވެ. އޭނާގެ ހިތުގައި އުފެދޭ ޝަކުވާތަކާއި ޚިޔާލުތައް އެންމެ ފަސޭހައިން ބޭރުކޮށްލެވެނީ އެ ފޮތުގައި ލިޔުމުންނެވެ. އެ ފޮތަކީ ގެރިބަކަރީގެ ހަމުން ބަނޑޭރިގަނޑު ރީތިކޮށް ހަދާފައިވާ ވަރަށް ރީތި ފޮތެކެވެ. އެ ފޮތް އޭނާޔާ ވަކިނުކޮށް ގެންގުޅުނު އިރެއްވެސް އައެވެ. އެއީ އަލީފްގެ މަންމަ އޭނާއަށް ޢީދު ހަދިޔާއެއްގެ ގޮތުގައި ދިން ފޮތަކަށް ވުމުންނެވެ. އެހެން ނަމަވެސް އިހަވަންދޫގެ ދަތުރަށް ފަހުން އެ ފޮތުގައި އެއްޗެއް ނުލިޔެވި އެތަކެއް ދުވަހެއްވީ އުޅެން ޖެހުނުލެއް ބުރަކަމުންނެވެ.

"ދަރިފުޅާ! ދަރިފުޅާ!"

"އެ! ކީކޭ މަންމާ!" އަލީފަށް ހޭލެވުނީ ކުއްލިއަކަށެވެ.

"މިހާރު އެހެރަ ގަޑި ޖެހެނީ! މިއަދު އޮފީހަށް ނުދަނީތަ؟" މަރިޔަމް އަލީފްގެ ކޮޓަރި ދޮރުގައި ބާރަށް ޓަކި ދިނެވެ. "އަވަސްކޮށްގެން އާދޭ! ބައްޕަ އެބައިންނެވި އަލީފް އަންނާދެއް!"

އަލީފްގެ އެނދުމަތީގައި އޮތް ފޯނަށް ބަލައިލިއެވެ. އޭރު އޮފީސް ގަޑިޖެހެން ގަޑިއިރެއް ހުއްޓެވެ. އަލީފް ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ފާހާނާއަށް ވަދެ އޮފީހަށް ދިއުމަށްޓަކައި ފެންވަރަން ފެށިއެވެ. އޭނާގެ ބޮލުގެ އެއްފަޅީގައި އަހްލާމްގެ ނަން އަބަދުމެ އަބަދު ހުންނަނީ ތަކުރާރުވެވެއެވެ. އޭސީގެ ފިނިން ފިނިވެފައިވާ އަލީފްގެ ހަށިގަނޑު ހޫނު ފެނުން ދޮންނަ ކޮންމެ ފަހަރަކުމެ އޭނާއަށް ހިތްހަމަޖެހުން ލިބެއެވެ. އެހެނަސް އަހްލާމް ވީނުވީއެއް ނޭނގި ގެއްލުނު ދުވަހުން ފަށައިގެން އޭނާއަށް ހުރިހާ އުފާވެރިކަމެއް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

"ދަރިފުޅާ!" އަލީފްގެ ބައްޕަ މުހައްމަދު އަލީފަށް ގޮވައިލިއެވެ.

"ލައްބަ!" އަލީފް އޭނާގެ ބައްޕައާ ދިމާއަށް ބަލައިލިއެވެ.

"ތި އުޅޭނީ އެއްވެސް ކަމެއް ގޯސްވެގެންތަ؟" މުހައްމަދު އަލީފާ ސުވާލުކުރަން ފެށިއެވެ.

"ނޫން!" އަލީފް ކުރު ލަފުޒަކުން ޖަވާބު ކުރުކޮށްލިއެވެ.

"އެކަމަކު! މިހާރު ދެ ދުވަސްވެއްޖެ ބައްޕައަށް ފާހަގަކުރެވޭތާ!" މުހައްމަދު ވާހަކަދައްކަން މަސައްކަތްކުރީ ދުރުދުރުންނެވެ. "އަލީފަށް ކޮންމެވެސް ގޮތެއް ވެފައި ހުންނަކަން."

"ނޫން!" މިފަހަރުވެސް އަލީފްގެ ޖަވާބުކުރުކޮށްލިއެވެ.

"ދަރިފުޅާ! މިއަދުވެސް ތި ދަނީ ރަނގަޅަށް ނުކައި." އަލީފް ދާން އުޅުމުން މަރިޔަމް އެއްޗެއް ނުބުނެ އިނދެ ވާހަކަދައްކަން ފެށިއެވެ. "ދަރިފުޅު ނުކައި އުޅޭތީ، މިހާރު މީހާގެ ހަށިގަނޑު އެކަން ވަރަށް ރަނގަޅަށް އެބަ ފެނޭ."

"މަންމާ! އަޅުގަނޑު މިހާރަކަށް އައިސް ކައި ހިތްނުވަނީ!" އަލީފް އަތް ދޮންނަން ސިންކުގައި އިން ފެން އިސްކުރު ދޫކޮށްލިއެވެ.

"އެކަމަކު މީހާގެ ލޯ ތިހުންނަނީ ވަޅު ވަދެފަ. ތުންފަތް ތިހުންނަނީ ހިކިގެން ގޮސް ހަންފޮޅިފައި." މަރިޔަމް ކުދި ކިޔަން ފެށުމުން އަލީފް ތުންފަތް ކުޅުކޮޅެއްލައި ތެންމައިލިއެވެ.

"ބައްޕަ ވަރަށް ބޮޑަށް އެދެން ވެގެން އުޅޭ ގޮތް ބައްޕަމެންނާ ހިއްސާކުރަން!" މުހައްމަދު ވާހަކަދައްކަން ފެށުމާއެކު މަރިޔަމް ވާހަކަދެއްކުން ހުއްޓައިލިއެވެ. "އޭރުން އެކަމެއްގައި ބައްޕައަށް އިރުޝާދު ދެވޭނީ."

"ލައްބަ! އެކަމަކު އަޅުގަނޑު މި ވަގުތު އޮފީހަށް ގޮސްލަނީއޭ!" އަލީފް ބޫޓަށް އަރައި ތައްޔާރުވެލިއެވެ. "ކޮންމެވެސް އެހެން ގަޑިއެއްގައި ވެގެން އުޅޭ ގޮތް ބައްޕަމެންނާ ހިއްސާކުރާނަން."

"މުހައްމަދު! އަހަރެންނަކަށް ހިޔެއްނުވޭ އަލީފް ގޯސް ކަމެއް ކޮށްގެން އުޅޭހެންނެއް!" އަލީފް ބޭރަށް ނުކުތުމާއެކު މަރިޔަމް ވާހަކަ ފެށިއެވެ.

"އެކަމަކު، މިހާރަކަށް އައިސް އޭނާ އެހުންނަނީ ހޭލިމޭލިވެފަ!" މުހައްމަދު ގާތަށް ރުޅި އަންނަ ގޮތްވިއެވެ. "މަރިޔަމަކަށް ނޭނގޭނެ! އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު އުޅޭ ނޫޅޭ ގޮތް އަހަރެމެން ޖެހޭނެ ބަލަން."

"ނިކަން ހަމަޖެހިބަލަ! އަހަރެންނަށް ހީވަނީ އަލީފް ކޮންމެވެސް އަންހެންކުއްޖަކާ ދޭތެރޭ ވިސްނާހެން." މަރިޔަމް ވާހަކަދެއްކީ އޭނާގެ ތަޖުރިބާތަކުގެ މައްޗަށް ބުރަވެގެންނެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜހ

    ކުރުކަމުން ފޫހި. މިއަށްވުރެ ދިގުކޮށްލަބަލަ

  2. އާނާ

    ތިއަށްވުރެ ތަންކޮޅެއް ދިގުކޮށް ގެނެސް ދެވިދާނެތަ.މި ބައިގައި ވެސް ހުސް ބޭކާރު ވާހަކަ އަދި އެހާކުރު.ފޫހިވެއްޖެ މިވާހަކަޔަށް ވެސް މިހާރު ކުރިން ކިތަނމެ ރީތި ވިޔަސް