ވިވޯ ފޯން ގޮވުމުގެ ސަބަބުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ހޮންގް ކޮންގް އެއާ ކާގޯއިން ދެ ކުންފުންޏެއްގެ މުދާ ޝިޕް ކުރުން މަޑުޖައްސާލައިފިއެވެ. އަދި ވިވޯ މޯބައިލް ފޯނު ތަކުގެ ޝިޕްމެންޓް ވަނީ ބޭން ކޮށްފައެވެ.

އެ އެއާލައިނުން ނެރުނު ނޯޓިސް އެއްގައި ބުނެފައިވަނީ ވަކި ގޮތެއް ހާމަ ކުރަންދެން ކާގޯ ލިންކް ލޮޖިސްޓިކްސް ހެޗްކޭ އާއި ސްކައި ސްޕެސިފިކް ލިޖިސްޓިކްސް އެޗްކޭއިން މުދާ ބަލައި ނުގަނެވޭނެ ކަމަށެވެ.

ހޮންގް ކޮންގް އެއާޕޯޓުގައި ހުރި ޝިޕްމެންޓެއްގައި އަލިފާން ރޯވެފައިވާ މަންޒަރު ވަނީ ސޯޝިއަލް މީޑިއަާގައި ދައުރުވެފައެވެ. އޭގެ ތެރޭގައި ބެންކޮކަށް ޝިޕް ކުރުމަށް ހަމަޖެހިފައިވާ ޗައިނާއިން އުފައްދާފައިވާ ވިވޯ ސްމާޓްފޯންގެ ބެޗަކާއި، އެހެނިހެން ފޯނާއި ގުޅޭ ސާމާނުގެ ޝިޕްމެންޓެއް ހިމެނެެއެވެ. ވިވޯ ފޯނުތަކުގެ ތެރެއިން ވައި20 މޮޑެލް ފާހަގަ ކޮށްލެވެއެވެ.

ފޯނުތައް ތިން ޕެލެޓެއްގައި ހުރި އިރު، އެ ތިން ޕެލެޓުގައިވެސް އަލިފާން ހިފާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމަޖެންސީ ސާވިސް ޓީމުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓަރޯލް ކުރުމަށް 40 މިނެޓު ހޭދަވިއެވެ. ރިޕޯޓުތައް ބުނާގޮތުން މި ހާދިސާގެ ސަބަބުން އެއާޕޯޓް އޮޕަރޭޝަނަށް ބުރޫ އަރާފައެއް ނުވެއެވެ. ނަމަވެސް، 12-24 މީޓަރުގެ ތާރު އަޅާފައިވާ ހިސާބަކަށް ވަނީ ގެއްލުން ވެފައެވެ.

2009 ވަނަ އަހަރު އުފައްދާފައިވާ ވިވޯ ފޯނަކީ އޭޝިއާ ސަރަހައްދުގައި ގިނަ ބަޔަކު ބޭނުން ކުރަމުންދާ ބްރޭންޑެއްގެ ފޯނެކެވެ. މިދިޔަ އަހަރު ބެންގަލޫރުގައި މީހެއްގެ ޖިންސް ޖީބުގައި ވިވޯ ފޯނެއް އޮއްވައި ގޮޮވި މައްސަލަ އެއްވެސް ވަނީ ފެންމަތިވެފައެވެ.