އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ފިރިކަލުން ފިލިޕްގެ ޖަނާޒާގައި އެކަމަނާ އަރިހުގައި އެއްވެސް މީހަކު ނީންނަވާނެ ކަމަށާއި ރާނީ އިންނަވާނީ އެކަނިކަމަށް އިނގިރޭސިވިލާތުގެ ރަސްކަމުގެ ގަނޑުވަރު ބަކިންގހަމް ޕެލަސްއިން ހާމަކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޖަނާޒާގައި ބައިވެރިވެވޭނީ ޖުމްލަ 30 މީހުންނަށެވެ. ރާނީގެ އެސިސްޓެންޓަށް ޖަނާޒާގައި ބައިވެރި ވެވޭނެކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ހާމަކޮށްފައެެއް ނުވެއެވެ.

ފިލިޕްގެ ޖަނާޒާގައި ޝާހީ އާއިލާގެ ހުރިހާ ބޭފުޅުންވެސް ތިއްބަވާނީ ކޮވިޑްގެ ގައިޑްލައިންތަކާއި އެއްގޮތަށް މާސްކު އަޅާ އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެންނެވެ.

ޕްރިންސް ފިލިޕް އަވަހާރަވީ މިދިޔަ ހުކުރު ދުވަހު އެވެ. އަވަހާރަވިއިރު އެމަނިކުފާނު އާލާސްކަންފުޅުގައި އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ޕްރިންސް ފިލިޕް އަވަހާރަވީ ޝާހީ ހިދުމަތުގައި ހުންނަވާތާ 65 އަހަރު ފަހުންނެވެ. ނަމަވެސް މި މުއްދަތުގެ ފަހުކޮޅު އެމަނިކުފާނުގެ ބަލިހާލަތު ހުންނެވި ގޮތުން އާއްމު ތަންތަނާއި ހަފްލާތަކުން ފެނިވަޑައިނުގަންނަވައެވެ.

ޕްރިންސް ފިލިޕް އަވަހާރަވިއިރު، އެމަނިކުފާނާއި ރާނީގެ ކައިވެންޏަށް 73 އަހަރު ވަނީ ވެފައެވެ. ޕްރިންސް ފިލިޕް އާއި ރާނީ އެލިޒަބަތުގެ ކައިވެންޏަށް ގިނަ އަހަރުތަކެއް ވެގެން ގޮސްފައިވާއިރު، މި މުނާސަބާ ފާހަގަކުރުމަށް މީގެ ކުރިން ބޭއްވި ހަފްލާއެއްގައި އެމަނިކުފާނު ވިދާޅުވެފައިވެފައިވާ ގޮތުން އެމަނިކުފާނަށް ދިރިއުޅުމުގައި ލިބުނު އެންްމެ ބޮޑު ހިތްވަރެއް ލިބިވަޑައިގަތީ ރާނީގެ ފަރާތްޕުޅުންނެވެ.

ޕްރިންސް ފިލިޕް އަވަހާރަވުމާއި ގުޅިގެން ޝާހީ އާއިލާއިންނާއި މުޅި އިނގިރޭސިވިލާތުންވެސް އަންނަނީ ހިތާމަކުރަމުންނެވެ.

ޕްރިންސް ފިލިޕްގެ ޖަނާޒާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ޖަނާޒާގައި އެއްމިނެޓްގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެންނާނެއެވެ. މިސުކޫތުގައި އިނގިރޭސިވިލާތުގެ ހުރިހާ ރައްޔިތުން ބައިވެރިވާނެއެވެ.

ރާނީ އެލިޒަބަތުގެ އިތުރުން ޖަނާޒާގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ޕްރިންސް ޗާލްސް، ޕްރިންސެސް އާން، ޕްރިންސް ވިލިއަމް، ޕްރިންސް ހެރީ، ޕްރިންސް އެންޑްރޫ އަދި ޕްރިންސް އެޑްވާޑް އެވެ.