ދުނިޔޭގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިއްކާލާ ބޫޓު، އެއް މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލުމަށް ތައްޔާރުވެއްޖެ އެވެ.

މި ބޫޓަކީ އެމެރިކާގެ މަޝްހޫރު ރެޕަރ، ކާންޔޭ ވެސްޓް އޭނާގެ ފުރަތަމަ ޢާންމު ފެނިލުމަށް ބޭނުންކޮށްފައިވާ ބޫޓެކެވެ. އެއީ 2008 ވަނަ އަހަރު އޮތް ގްރެމީ އެވޯޑްގެ 50 ވަނަ ހަފްލާގައި ކާންޔޭ ފެނިގެންދިޔައިރު ލައިގެން ހުރި ބޫޓެވެ.

ނައިކް ބްރޭންޑުގެ އެއާ ޔީޒީ 01 ނަމަކަށްކިޔާ މި ބޫޓު ވިއްކާލަން ހުޅުވާލުމާއެކު، ޕްރައިވެޓް ސޭލެއްގެ ދަށުން ވިއްކާލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މި ބޫޓު ގަންނަ މީހެއްގެ މަޢުލޫމާތު، ވިއްކާ ފަރާތުން ހާމައެއް ނުކުރާނެއެވެ. މި ބޫޓު ވިއްކާލުމުގެ ކުރީން މިމަހުގެ ފަހުކޮޅު ހޮންކޮންގައި ބޫޓު ޑިސްޕްލޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބޫޓުގެ ޑިޒައިނަކީ ނައިކް އިން ރަސްމީކޮށް ބާޒާރަށް ނެރެފައިވާ ޑިޒައިނެއް ނޫނެވެ. ނަމަވެސް އެކި ބްރޭންޑުތަކުގެ ލިމިޓެޑް އުފެއްދުންތައް ވިއްކާ ރީޓެއިލް ކުންފުންޏަކުން 2017 ވަނަ އަހަރު މި ޑިޒައިންގެ އާ ބޫޓެއް އެއްލައްކަ އެމެރިކާ ޑޮލަކަށް ވިއްކާފައި ވެއެވެ.

މީގެ ކުރިން ދުނިޔޭގައި ބޫޓެއް އެންމެ އަގުބޮޑުކޮށް ވިއްކާފައި ވަނީ 615،000 އެމެރިކާ ޑޮލަރަށެވެ. މިދިޔަ އަހަރު ކުރިޔަށްދިޔަ ނީލަމެއްގައި ވިއްކާލި އެ ބޫޓަކީވެސް ނައިކް ބްރޭންޑުގެ ބޫޓެކެވެ. އެއީ 1985 ވަނަ އަހަރު، ދުނިޔޭގެ އެއްވަނަ ބާސްކެޓް ބޯޅާ ކުޅުންތެރިޔާ މައިޖަލް ޖޯޑަން ބޭނުންކޮށްފައިވާ ބޫޓެކެވެ.

ނައިކް ބްރޭންޑުގެ ޔީޒީ ޕްރޮޓޯޓައިޕް އަކީ މިހާތަނަށް ނައިކް ބްރޭންޑުން އުފައްދާފައިވާ އެންމެ މަޤުބޫލު އެއް އުފެއްދުމެވެ.