މީގެ ތިންހާސް އަހަރު ކުރީން ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅުނުކަމަށް ބެލެވޭ ސަހަރެއް މިސްރުގެ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ލަކްސާ އިން ފެނިއްޖެއެވެ.

މިސްރުގެ ތާރީޚު ދިރާސާކުރާ ޓީމަކުން ކުރި މަސައްކަތުން ހޯދި މި ސަހަރު ފެނިފައިވަނީ ބިމުގެ ދިހަ ވަރަކަށް ފޫޓު އަޑީގައި ވަޅުލެވިފައި ވަނިކޮށެވެ. މި ސަހަރަކީ މީގެ ތިންހާސް އަހަރު ކުރީން މިސްރުގައި ވެރިކަން ކުރި ރަސްކަލަކު ދިރިއުޅުއްވި ސަހަރެއް ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ހާމަވެފައި ވެއެވެ.

މި ސަހަރު ހޯދުމުގެ މަސައްކަތްކުރި އާކިއޮލޮޖިސްޓުންގެ ޓީމުގެ އިސް ތަޖުރިބާކާރު، ޒާހީ ހަވާސް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ ފުދިގެން ދިރިއުޅުނު ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅުނު ޝާހީ ސަރަޙައްދެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ސަހަރުގައި ހުރި ގެތަކުގެ ތެރެއިން، ހިފާގެންގުޅޭ ގިނަ އަދަދެއްގެ ސާމާނުވެސް ހޯދިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މި ސަރަޙައްދުން ފެނުނު ބައެއް ތަކެތީގެ ތެރޭގައި ގަހަނާ އާއި ކައިބޮއެހެދުމަށް ބޭނުންކުރާ ތައްޓާއި ޝިކާރަކުރުމަށް ބޭނުންކުރާ ބައެއް ކަހަލަ ސާމާނު އަދި އެނޫންވެސް އެކި މަސައްކަތްތަކަށް ގެންގުޅޭ ތަކެތި ހިމެނެއެވެ. މީގެ އިތުރުން އޭރު ކާބޯތަކެތީގެ ވިޔަފާރި ކުރިކަމަށް ބެލެވޭ ތަނެއް އެމަސައްކަތަށް ބޭނުންކުރާ ތަކެއްޗާއެކު ފެނިފައި ވެއެވެ. މިތަނުން ފެނުނު ތަކެއްޗަށް ބަލާއިރު އެއީ ގިނަ އަދަދެއްގެ މުވައްޒަފުންނާއެކު ހިންގި ބޮޑު ވިޔަފާރިއެއް ކަމަށް ޤަބޫލުކުރެވޭ ހެކިތަކެއްވެސް ފެނިފައިވާ ކަމަށް ޒާހީ ހަވާސް ވަނީ ބުނެފައެވެ.

ޒާހީ ހަވާސްގެ ބަޔާނުގައި ވާގޮތުން މި ސަރަޙައްދު އިތުރަށް ބެލި ބެލުމުން، ވަޅުލާފައި ތިބި ބައެއްގެ ހަށިގަނޑުވެސް އެ ސަރަޙައްދުން ފެނިފައި ވެއެވެ. މީގެ އިތުރުންވެސް ތާރީޚީ ގިނަ ހޯދުންތައް އެއްތަނަކުން ލިބޭނެ ތަނަކަށް މި ސަރަޙައްދު ވާނެ ކަމަށް ޤަބޫލުކުރެވޭތީ އޭނާގެ ޓީމުން ދަނީ މި ސަރަޙައްދު އިތުރަށް ހޯދައި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ މިސްރުން މިހާތަނަށް ފެނުނު ޤަދީމީ ސަހަރުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަދި އެންމެ ގިނަ ތަރިކަ އެތަނެއްގައި ވަޅުލެވިފައިވީ ސަރަޙައްދެވެ. އެހެންކަމުން މި ސަރަޙައްދުގެ ހޯދުންތަކުން ކުރިޔަށް އޮތްތަނުގައި ތާރީޚީ ގިނަ މަޢުލޫމާތުތައް ލިބިގެންދާނެ ކަމށް ތަޖުރިބާކާރުން އުންމީދު ކުރެއެވެ.

މި ސަހަރު ހިމެނޭ ސަރަޙައްދު ކޮނެ ބެލުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތުގެ ތެރެއިން ގިނަ ހޯދުންތަކެއް ހޯދިފައި ވާއިރު އަދިވެސް ބޮޑު ސަރަޙައްދެއް ނުބެލިވާކަމަށް ވެއެވެ. އެހެންކަމުން މީގެ 3000 އަހަރު ކުރީން ދުނިޔޭގައި މީހުން ދިރިއުޅުނު ގޮތާއި، ޤަދީމީ ތާރީޚުގައި ކުރިން ނޭނގޭ ގިނަ މަޢުލޫމާތުތައް މި ސަރަޙައްދުން ލިބުމުގެ އުންމީދު ބޮޑެވެ.