ކޮވިޑް-19 އިން ރައްކާތެރިވުމަށްދޭ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ފައްސިވުން ގުޅިފައި އޮންނަނީ މުޖުތަމަޢެއްގައި ބަލި އޮތް މިންވަރާއި ކަމަށް އެމެރިކާގެ ތަޖުރިބާކާރު ފިޒީޝަނަކު ވިދާޅުވެއްޖެ އެވެ.

ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެސިސްޓެންޓް ޕްރޮފެސަރ ކަމުގެ މަޤާމުވެސް އަދާކުރައްވާ ޑރ. ކައުސަރު ތަލާތު ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކޮވިޑް-19 ޖެހުމުގައި އޮތީ ވަރަށް ކުޑަ ފުރުސަތެއް ކަމަށާއި، އެހެނަސް ވައިރަސްގެ އަސަރު މާބޮޑަށް ކުރާނަމަ ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އެހެންކަމުން ކޮވިޑް-19 ގެ ވެކްސިން ދީފައިވާ މީހުންނަށް މި ބަލި ޖެހުމުން އެކަމުން ހާމަވަނީ އެމީހަކު ދިރިއުޅޭ މުޖުތަމަޢެއްގެ ތެރޭގައި ބަލި އިތުރު މިންވަރާއި ނުރައްކާ ބޮޑުކަން ކަމަށް ޑރ. ކައުސަރު ވިދާޅުވިއެވެ.

ޑރ. ކައުސަރު ވިދާޅުވީ މުޖުތަމަޢެއްގެ ގިނަ ބަޔަކަށް ވެކްސިން ޑޯޒް ލިބުމަކީ އެ މުޖުތަމަޢެއްގައި ބަލި އޮންނަ މިންވަރާއި ނުރައްކާ މިންވަރު ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ގެ ނުރައްކަލުން އަރައިގަތުމަށް މުޖުތަމަޢެއްގައި ދިރިއުޅޭ ގިނަ މީހުން ވެކްސިން ބޭނުން ކުރުމަކީ މުޙިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މުޖުތަމަޢެއްގައި ދިރިއުޅޭ ގިނަ މީހުން ވެކްސިން ޖަހައިގެން ތިބުމަކީ ބަލި ފެތުރުމަށް ހުރަސް އެޅޭނެ ކަމެއް. އެއީ ބަލީގެ އަސަރު މުޖުތަމަޢުގައި އޮތް މިންވަރު ދަށްވާކަމަށް ވާނަމަ، ވެކްސިން ޖަހައިގެން ތިބޭ މީހުންނަށް ވެކްސިނުން ލިބިދޭ ރައްކާތެރިކަން ފޫއަޅުވާލައި ބައްޔަށް އެމީހަކު ހުށަހެޅޭނެ މިންވަރުވެސް ކުޑަވާނެތީ،" ޑރ. ކައުސަރު ވިދާޅުވިއެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުންވެސް މި ބަލިމަޑުކަމަށް ހުށަހެޅޭ މީހުންގެ އަދަދުތައް ދަށްވަމުންނެއް ނުދެއެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ޤަބޫލުކުރަނީ އޭރުއްސުރެ މިއަދާއި ހަމައަށް ވެކްސިން ބޭނުން ނުކުރެވުނު ނަމަ، ބަލީގައި ދުނިޔެ މިއަދު ކުރިމަތިލާން ޖެހިފައިވާ ވަރަށްވުރެ ނުރައްކާ ދެގުނަ ވީސް ކަމަށެވެ.

މިހާތަނަށް ދުނިޔެއިންނ އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު އެމެރިކާގެ ތަފާސްހިސާބުތަކަށް ބަލާއިރު އެޤައުމުގެ 77 މިލިއަން މީހަކަށް މިހާރު ވަނީ ވެކްސިން ޑޯޒް ހަމަކޮށްފައެވެ. މީގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ 5800 އެއްހައި މީހުން ކަމަށް އެޤައުމުގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެއެވެ.

އެޤައުމުން ވެކްސިން ޑޯޒް ހަމަކޮށްފައިވަނިކޮށް ފައްސިވި މީހުންގެ ތެރެއިން 396 މީހަކު ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހުނު ކަމަށާއި، މީގެ ތެރެއިން 74 މީހަކު މަރުވި ވޭދަނަތައް ފެންމަތިވެފައިވާ ކަމަށް ސީޑީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގޭޓސް

    ދޭހަ ކޮށްދެނީ ތީ ޖަހަންނުޖެހޭ އެއްޗެއް ކަން..މިއީ ވިޔަފާރި އެއް ކަން. ޢިންސާނީ ދަރިފަސް ކޮޅުގެ ބޮޑުބައެއް މަރުވުން ނުވަތަ ބަލިވެ ހަލާ ކުވުން ކަން. ވިސްނާ ބަޔަ ކަށް ދުވާލުހާ ސާފު ކަމެއް.

    1
    1
  2. ތުނޑުހަސަނު

    އެ ފޭކް ވެކްސިން ވިއަސް ހެޔޮތޯ؟ ވެކްސިންގެ މައްސަލަ ހުރިވާހަކަ ކޮންމެސް ނުބުނާތި.

  3. ވައިކިންގ

    އޭގެން އެނގެނީ ތިޔަ ވެކްސިން ތީ މާ ކަމުނުދާ ވެކްސިނެއްކަން. އިދިވެސް ހޭވެރިކްންވާކަށް ނޫޅެމުތަ؟ ރަނގަޅު ކޮލިޓީ ވެކްސިނެއް މި ދިވެހި ސަރުކާރުން ދިވެހިންނަށް ނުދިނެއްނު. ވޯޓު ހޯދަން ނާއްނައްޗޭ.

  4. ޢަޙްމަދު

    ބަލި އޮތްމިންވަރެެއްނޫން ދޭހަކޮއްދެނީ، ދޭހަކޮއްދެނީ ކޮވިޑް19 އޭމިކިޔާ ޚިޔާލީ އެއްޗަކީ ނިކަމެތި މީސްތަކުން އިތުރަށް ނިކމެތިކޮށް އެބައި މީހުން އަޅުވެތި ކުރުވުމަށް ކުރާ މަސެއްކަތެއްކަމެވެ.