ސައުލްމޭޓް އާއްމުކޮށް ކިޔަނީ އެ މީހެއްގެ ކައިރީގައި ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް އެއްވެސް ވަންހަނާކަމެއް ނެތި ދެއްކޭ، ކުރަން ބޭނުންވާ ކަންކަން ކުރުމަށް ބާރު އަޅާ މީހަކަށެވެ. އޭނާ އަކީ އެހެން މީހުން ތިމާ އަށް އެއްބާރުލުން ނުދިން ނަމަވެސް އަބަދުވެސް ތިމާ އަށް އެއްބާރުލުން ދޭނެ މީހެކެވެ. ސައުލް މޭޓް އަކީ އުފަލާއި ހިތާމައިގައި އެކުގައި ހުންނަ މީހެކެވެ.

ތިމާ ދެކޭ ހުވަފެންތަކާއި ތިމާ އެދޭ ކަންކަމުގެ ވާހަކަ އެއްވެސް ވަންހަނާކަމެއް ނެތި މީހަކާއި ހިއްސާކޮށްލުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ތިމާ އަށް ދެރަ ކަމެއް ވިޔަސް އުފާވެރިކަމެއް ވިޔަސް އެ ވާހަކައެއް ހިއްސާކުރާނެ މީހަކު ހުރުމަކީ ހަޔާތުގައި ދިމާވާ ވަރަށް ގިނަ ކަންކަމަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

ވަރަށް ގިނަ ފަހަރު ހީވެފައި އޮންނަނީ ސައުލްމޭޓަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ނޫނީ ޒަވާޖީ ހަޔާތުގެ ބައިވެރިޔާ ކަމުގައި ވާން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. ބައެއް ފަހަރު ތިމާގެ އެންމެ ގާތް ރަހުމަތްތެރިޔާއަކީ ވެސް ސައުލްމޭޓަކަށް ވެދާނެއެވެ. ސަބަބަކީ އެއީ ތިމާގެ ކަންކަން ތިމާ ނުބުނަނީސް އެނގޭ މީހަކަށް ވާތީއެވެ.

އަޑު އެކަނި އިވުމުން ވެސް އޭނާ އެހެން ދުވަސްދުވަހާއި ޚލާފަށް ދެރަވެފައި ހުރިކަން އެ މީހަކަށް އެނގޭނެއެވެ. އަދި ސސައުލްމޭޓަކީ އެއްވެސް ކަމެއް ފޮރުވުމަކާއި ނުލާ ހިއްސާކުރެވޭ ބައިވެރިއަކަށް ވާނެއެވެ. މީގެ މާނައަކީ އެ ދެމީހުންނާއި އުނދަނގޫ ވަގުތުތަކާއި ދިމާ ނުވާނެ ވާހަކައެއް ނޫނެވެ. ހަގީގީ ރަހުމަތްތެރިކަމަކީ ދަތި ވަގުތުތަކުގައި ވެސް އަތުން ދޫނުކުރާ މީހުންނެވެ.

އެހެންކަމުން ސައުލްމޭޓަކަށް ވާން ޒަވާޖީ ހަޔާޓުގެ ބައިވެރިޔަކަށް ވުމަކީ މުހިންމު ކަމެއް ނޫނެވެ. އެކަކު އަނެކަކުގެ ވާހަކަތައް އަޑުއަހާ ދެނެގަންނަން މަސައްކަތް ކުރާަ ބަޔަކު ކަމުގައި ވާނަމަ ދެ ރަހުމަތްތެރިންނަކީ ވެސް ސައުލްމޭޓުން ކަމަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަސީ

    އިސްލާމީ އަގީދާއާއި ތައާރުޒުވާ ކަންކަމައް ހިތްވަރުލިބޭ މިފަދަ އާޓިކަލްތައް ނުޖެހުމައް ނަސޭހަތްތެރިވަން.

    6
    1
  2. ދެރަކަމެއް

    ދުނިޔޭގައި މަލިކު ފިޔަވައި ދިވެހިބަހުން ލިޔެކިޔާ މުޖުތަމަޢުއެެއް އޮތީ މިޤައުމުގައި އެކަނި ކަމުގައި ވީހިނދު ދިވެހި މުޖުތަމަޢްއާއި އިސްލާމީ ސަޤާފަތާއި ނުގުޅޭލިޔުން ދިވެހިބަހުން ތިޔަ ލިޔުއްވަނީ ކޮން ބޭނުމަކުތޯ؟ ނޫސް ހިންގަން ކަމައްތޯ؟ ނޫނީ އެހެން ކަމަކުތޯ؟...