ޕިސްޓާޗިއޯ ކިރު ކޭކް، ނުވަތަ ޕިސްޓާޗިއޯ މިލްކް ކޭކް އަކީ ވަރަށް މަޑުމަޑު ފުފިފައި އޮންނަ ކޭކެކެވެ. މިއީ ފޮނިކާ ތަކެއްޗަށް ލޯބި ކުރާ މީހުންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެއެވެ. މި ކޭކު އަޅަން ތައްޔާރުކުރަން ޖެހޭ ތަކެތި ތައްޔާރުކުރަން ނަގާނީ 15 ވަރަކަށް މިިނިޓެވެ. ކޭކު ފިހެން ނަގާނީ 25 ވަރަކަށް މިނިޓެވެ.

ބޭނުންވާނެ ތަކެތި

ކޭކަށް ބޭނުންވާ ތަކެތި:

  • 4 ބިސް، ހުދުބަޔާއި ރީނދޫ ބައި ވަކިން
  • 120 ގްރާމް ހަކުރު
  • 120 ގްރާމް ފުށް
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
  • ފެހި ކާކުލަ

ކިރަށް ބޭނުންވާ ތަކެތި

  • 300 މިލިލީޓަރ ގެރި ކިރު
  • 300 މިލިލީޓަރ އެވަރޕޮރޭޓެޑް މިލްކް
  • 250 ގްރާމް ފުލް ފެޓް މިިލްކް
  • 80 ގްރާމް ޕިސްޓާޗިއޯ
  • ފެހި ކާކުލަ

ޓޮޕިން އަށް ބޭނުންވާ ތަކެތި

  • 284 މިލިލީޓަރ ޑަބަލް ކްރީމް ނުވަތަ ވިޕްޑް ކްރީމް
  • 1/ ޖޯޑު ޕައުޑަރ ހަކުރު
  • ޗަސްކޮށްފައި ހުރި ފިނިފެންމާ
  • ޕިސްޓާޗިއޯކޮޅެއް

ތައްޔާރު ކުރާނެ ގޮތް

  1. އަވަން 180 ޑިގްރީ ސެލްޝިއަސް އަށް ހޫނުކޮށްލާށެެވެ.
  2. ބިހުގެ ހުދުބައި އޮލަވަންދެން ރަނގަޅަށް އެއްކޮށްލާށެވެ.
  3. ހަކުރުގެ އެއްބައި (60 ގްރާމް) އެ ބިހުގެ ތެރެއަށް އެއްކޮށްލާށެވެ. އަވަހަށް އެއްކުރަން އިސްކަން ދޭށެވެ.
  4. އޭގެ ތެރެއަށް ކުލަ ކޮޅެއް އެއްކޮށްލުމަށް ފަހު އެއްކައިރީގައި ބަހައްޓާށެވެ.
  5. ވަކި އެއްޗެއްގައި ބިހުގެ ރީނދޫ ބަޔާއި ބާކީ ހުރި ހަކުރ ( 60 ގްރާމް) އެއްކޮށްލާށެވެ. އޭގެ ތެރެއަށް ވެނީލާ އެސެންސް އެޅުމަށް ފަހު ފުފެންދެން އެއްކޮށްލާށެވެ.
  6. ކުރިން ތައްޔާރުކުރި ބިސްއެތި ތެރެއަށް ފަހުން ތައްޔާރު ކުރި ބިސް އެތި އެއްކޮށްލާށެވެ.
  7. އޭގެ ތެރެއަށް ފުށް އަޅަމުން މަޑުމަޑުން އެއްކުރަމުން ދާށެވެ.
  8. ފުށް އެއްކޮށް ނިމުމުން ތަވާއަކަށް އެޅުމަށް ފަހު 25 މިނިޓު ވަންދެން ހެލާށެވެ.
  9. ޖަގެއް ނޫނީ ބޯތަށްޓެއްގައި 3 ވައްތަރުގެ ކިރު އެއްކޮށް، އޭގެ ތެރެއަށް ކުލަކޮޅެއް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ހިމުންކޮށް މުގުރާފައި ޕިސްޓާޗިއޯތައް އަޅާލާށެވެ. އަދި ރަނގަޅަށް އެއްކޮށްލާށެވެ.
  10. ކޭކް ފިހެ ނިމުން ކޭކު ފިނިވަންދެން ބަހައްޓާށެވެ. ފިނިވުމުން އޭގެ މައްޗަށް ކިރު އެތި އޮއްސާލާށެވެ.
  11. އެއަށް ފަހު ކޭކު އެތީގައި ފޮއިލް އަޅާ މަދުވެގެން 1 ގަޑި އިރު ފްރިޖުގައި ބަހައްޓާށެވެ.
  12. ފްރިޖުން ކޭކު ނެގުމަށް ފަހު އޭގެ މަތީގައި ވިޕްޑް ކްރީމް އުނގުޅާ، އޭގެ މައްޗަށް ޕިސްޓާޗިއޯ އާއި ހިކި ފިނިފެންމާތައް އަޅާލާށެވެ.
  13. އެއަށް ފަހު ކޭކު ސަރވް ކުރާ އިރުވެސް އެއަށް ކުޑަ ކިރުފޮދެއް އަޅާލުން ރަނގަޅެވެ.