ކައުނުގެ ބިޔަކަމާއި ބޮޑުމިނަށް ބަލާއިރު އެންމެހައި ދިރުންތައް ލައްވާފައި މިވާ ބިމުގެ މިސާލަކީ، ބިމުގައިވާހާ ވެއްޔެއް ތެރެއިން އެންމެ ވެލި ފުކެއްގެ މިސާލެވެ. އެހެންކަމުން މި ބިންމަތިން، ޖައްވުގެ އެހެން ހުރިހާ ހިސާބެއް ބަލައި ދިރާސާ ކުރުމަކީ އެއްވެސް ޒަމާނެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ބިން މިއޮތް ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ފަދަ އެތައް މިލިއަން ނިޒާމެއް މި ކައުނުގައި ވީހިނދު، މި ނިޒާމުގެ ބޭރަށްވެސް އިންސާނުންނަށް އަދި ވާސިލް ވެވިފައި ނުވާތީއެވެ.

ކައުނުގެ ހަޤީޤަތް ނޭނގޭ އެތައް ކަމެއްގެ ތެރެއިން، އެއް ކަމަކީ ކައުނުގެ މާދުރު ހިސާބުތަކުގައި އެކިއެކި ސަބަބުތަކާއި ގުޅިގެން އުފެދޭ އާދަޔާއި ޚިލާފަށް ބޮޑެތި ވިލާގަނޑުތަކެވެ. ކުންޏާއި ހައިޑްރޮޖެން އާއި ހީލިއަމް އަދި އަޔޮނައިޒްޑް ގޭސްތަކުގެ އިތުރުން ގޮތްނޭނގޭ ކިތަންމެ މާއްދާތަކުން އުފެދިފައިވާ މިފަދަ ވިލާގަނޑުތަކަށް ދެވިފައިވާ ސައިންޓިފިކް ނަމަކީ ނެބިއުލާއެވެ.

މިފަދަ ބިޔަ ބޮޑު ނެބިއުލާއަކުން "މޫނެއް" ސިފަވާ ވާހަކައަކީ މީގެ ކުރީންވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ވާހަކައެކެވެ. މި މަންޒަރު ނަގާފައި ވަނީ ޖައްވުގައި ދައުރުކުރާ އެންމެ ބާރުގަދަ އެއް ޓެލެސްކޯޕް މެދުވެރިކޮށް 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

މި ބިޔަ ނެބިއުލާގެ ފުޅާމިނުގައި އެތައް ބިލިއަން ކިލޯމީޓަރެއް ހުރިއިރު އެ ވިލާގަނޑު ދައުރުވަނީ ދުނިޔެއާއި 6500 އަލި އަހަރާއި 10،000 އަލި އަހަރާއި ދެމެދުގެ ދުރު ހިސާބެއްގައި ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. އެއް އަލި އަހަރަކީ، އެއް އަހަރުން އައްޔަށް ދަތުރުކުރެވޭ ދުރުމިން ކަމަށް ވީހިނދު، 6500 އަލި އަހަރުގެ ވާހަކަ އެހައި ހިސާބުން ޖެހެނީ ބާއްވާށެވެ.

ވިލާގަނޑުތަކުން އެކި އެއްޗެހި ސިފަ ވުމަކީ އާންމު ކަމަކަށްވާއިރު ގިނަ ބައެއްގެ ސަމާލުކަން 2016 ވަނަ އަހަރު ފެނުނު ނެބިއުލާއިން ސިފަވި މޫނަށް އަމާޒުވި އެއް ސަބަބަކީ އެ މޫނުގެ ބޮޑުމިން އިންސާނުން މި ދިރިއުޅޭ ދުނިޔެފަދަ އެތައް މިލިއަން ދުނިޔެއެއް އެއްކޮށްލުމުން ވާހާ ބޮޑު ވެދާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ.

މި ނެބިއުލާ އިން ސިފަވާ "މޫނު"ގެ ފުޅާމިނުގައި 162 މިލިއަން މޭލު ހުރިކަމަށް ބެލެވޭއިރު މިއީ ދުނިޔެއާއި، މި ސޫރުދަ ނިޒާމުގައި ދުނިޔެއާއި އިންވެގެން އޮތް ގުރަހަ، ޒުހުރަތު (ވީނަސް) އާއި ދެމެދުވެސް ގާތްގަނަޑަކަށް ހުރި ދުރުމިނެވެ. މިފަދަ ވިލާގަނޑެއްގެ އަނދިރިކަން ދުނިޔެއަށް ވެރިވެއްޖެނަމަ މި ސޫރުދަ ނިޒާމުގެ ތަރި، ނުވަތަ އިރުގެ އަލިކަން ހަމަޔަށް ލިބުމަށް ހުރަސްއެޅި ހިނދުކޮޅެއްގެ ތެރޭގައި ދުނިޔޭގައިވާހައި ދިރުމެއް ނެތި ހަލާކުވެދާނެއެވެ.

ކޮންމެއަކަސް ބާރުގަދަ ޖައްވީ ޓެލެސްކޯޕަކުން އިންސާނުން ދުށް މި މަންޒަރަކީ އިތުރަށް ބަލައި ދިރާސާ ކުރެވޭ ވަރަށްވުރެ މާ ދުރުގައިވާ ކަމެކެވެ. އެހެންކަމުން އެ ފެނުނު "މޫނު"ގެ ހަޤީޤަތް، ނުވަތަ އެއީ ސީދާ ކޮން އެއްޗަކުން ކިހިނެއް އުފެދިފައިވާ ވިލާގަނޑެއްކަމެއް ވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ހަމައެކަނި އެނގޭ ކަމަކީ އާދަޔާއި ޚިލާފު އެތައް ކަމެއް އަބަދާއި އަބަދުމެ ހުއްޓުމެއްނެތި ހިނގަމުންދާ މި ކައުނުގެ ކޮންމެ ކަމަކީވެސް އަދި ކޮންމެ ސިފައަކީވެސް، ޢާލަމްތަކުގެ ވެރި ﷲ ސުބްޙާނަހޫވަތަޢާލާގެ ކުޅަދުންވަންތަކަމަށް ހެކިދޭ ކަމެއް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހުމަދު

    ﷲ އަކުބަރު، މޮޅަށް ދެކެދެނެވޮޑިގެންވަނީ ﷲސުބުހާނަހޫ ވަތައަލާ.

    14
    1
  2. ކޮތަރު

    މޫނެ އްސިފަ އެ އްނުކުރެވޭ!!

    10
    1