އާންމު ގޮތެއްގައި ރޭގަނޑުގައި ވެސް އަދި ދުވާލުގެ ވަގުތުތަކުގައިވެސް ފްލައިޓް ނައްޓާލާ ވަގުތުގައި އާއި ޖައްސާ ގަޑީގެ އިތުރުން އެނޫންވެސް ބައެއް ވަގުތުތަކުގައި ފްލައިޓެގެ އެތެރޭގައި ހުންނަ ބޮކިތަކުގެ އަލިމަޑު ކުރެއެވެ. އެއީ ކޮން ސަބަބަކާއި ހުރެ ކުރާ ކަމެއްކަން ދަތުރު ކުރާ މީހުންނަށް ގިނަ ފަހަރަށް ނޭނގޭތީ، ހިތުގައި އެތައް ސުވާލުތަކެއް އުފެދި ބައެއް މީހުން ބިރުގަނެ ކަންބޮޑުވެސް ވެއެވެ.

ބައެއް ވަގުތުތަކުގައި ފްލައިޓްގެ ބޮކިތަކުގެ އަލި މަޑު ކުރުމުގެ އިތުރުން އެ ވަގުތުތަކުގައި ކުޑަދޮރުތައް ކަހާލައިގެން ތިބުމަށް ވެސް ކްރޫއިން އިރުޝާދު ދެއެވެ.

މިކަމާއި ގުޅިގެން ތަރުބާކާރުން ބުނަނީ ދަތުރު ކުރާ ފަސިންޖަރުންނަށް ނޭގުނު ނަމަވެސް އެއީ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެއީ އިމަޖެންސީ ހާލަތެއް އައިސްފިނަމަ އެންމެ ފަސޭހަކަމާއެކު ފްލައިޓް ދޫކޮށް ދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

އަރަބި ޤައުމުތަކުގައި ދަތުރު ކުރާ ޑޮމެސްޓިކް ފްލައިޓެއްގެ ޕައިލެޓަކު ދުބާއީގެ ނޫހަކަށް މަޢުލޫމާތު ދެމުން ބުނީ، ހުރިހާ ލައިޓްތަކެއް ޖައްސާފައި ހުއްޓައި އިމަޖެންސީ ހާލަތެއް ކުރިމަތިވެގެން ކުއްލިއަކަށް ލައިޓްތައް ނިވިއްޖެ ނަމަ، އެ އަނދިރި ކަމަށް ލޮލުގެ ފެނުން ހޭނެން އިރުކޮޅެއް ނަގާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއްގައި އެ ވަގުތުކޮޅުވެސް ވެގެންދާނީ ސަލާމަތް ވުމަށްޓަކައި މުހިންމު ވަގުތުކޮޅަކަށް ކަމަށްވާއިރު ލައިޓް ނިވާފައި ހުރުމުން އިމަޖެންސީގައި ދިއްލާފައި ހުންނަ ރޮނގުތައް އަވަހަށް ފާހަގަ ކުރެވި ފަސޭހަކަމާއެކީ ފްލައިޓް ދޫކޮށް ދިޔުމަށް އެހީއަކަށް ވެގެންދާ ކަމަށެވެ.

"ދެން ކުޑަ ދޮރުތައް ކަހާލާފައި ބެހެއްޓުމަށް އިރުޝާދު ދެނީ، އިމަޖެންސީ ހާލަތެއްގައި ބޭރުން ކަން ހިނގާގޮތް ރަގަޅަށް ފަސިންޖަރުންނަށް ދެނެގަތުމުގެ ފުރުސަތު ދިނުމަށާއި ބޭރުގެ އައްޔަށް އެފަރާތްތަކުގެ ފެނުން ސެޓްކުރުމުގެ ގޮތުން. މިއީ ވެސް ސަލާމަތަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް" - އޭނާ ބުންޏެވެ.

އެހެން ނަމަވެސް ކޮންމެ ފަސިންޖަރަކާއި ދިމާލަށް ހުންނަ ރީޑިންގް ލައިޓ ޖެއްސުމުގެ ހުއްދަ އާންމުކޮށް ހުރިހާ ވަގުތަކުވެސް ފަސިންޖަރުންނަށް ލިބެއެވެ. އެ ލައިޓުން އަލި އެޅިފައި ހުންނަނީ ވަކި ދިމާލަކަށް ކަމަށްވުމުން ލޮލުގެ ފެނުމަށް އެ އަލިން މާ ބޮޑު އަސަރެއް ނުކުރާނެއެވެ. ނަމަވެސް ރައްކާތެރި ގޮތަކީ ފްލައިޓް ނައްޓާލާ ވަގުތުގައި އާއި ޖައްސަން ކައިރިވުމުން ރީޑިން ލައިޓްވެސް ނިވާލާފައި ބެހެއްޓުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އިމަޖެންސީ ހާލަތެއްގައި ފްލައިޓުން ހުރިހާ ފަސިންޖަރުން ހުސް ކުރުމަށް އާންމުކޮށް ލިބެނީ އެވްރެޖް ގޮތެއްގައި 90 ވަރަކަށް ސިކުންތު ކަމަށްވާއިރު ލައިޓް ނިވާފައި ބެހެއްޓުމުގެ ސަބަބުން އެ ވަގުތުކޮޅުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް މަގުފަހިކޮށްދެއެވެ.

ކުއްލިއަކަށް އަލި ގަދަކޮށް ހުރުމަށްފަހު އެކީގައި އަލި ކެނޑުމުން އެ އަނދިރިކަމުގެ ތެރެޔަށް އިންސާނާގެ ލޯ ހޭނެން އާންމު ގޮތެއްގައި ފަސް ސިކުންތާއި ދިހަ ސިކުންތާއި ދެމެދުގެ ވަގުތުކޮޅެއް ނަގާނެއެވެ. އެހެންކަމުން އެތައް ބަޔަކު ދަތުރު ކުރާ ފްލައިޓެއްގައި އިމްޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެ މަދު ސިކުންތުކޮޅަކީވެސް ގެއްލުވާނުލެވޭނެހައި މުޙިންމު ސިކުންތުކޮޅެކެވެ.