ނިދުމަކީ މުޙިންމު ކަމެއްކަން ނުދަންނަ ބަޔަކު މަދުވާނެއެވެ. ހަމަނިދި ނުލިބުމަކީވެސް ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. އެހެން ނަމަވެސް މިފަހަރު މިއޮތީ ތަފާތު ވާހަކައެކެވެ. ނިދުމުގެ އާދަ މާބޮށް އަށަގަނެ ނިދަން ޖެހޭ މިންވަރަށްވުރެ ނިދި ގިނަ ކޮށްފިނަމަ އޭގެ ސަބަބުންވެސް ލިބިދާނެ ގެއްލުން އެބަހުއްޓެވެ.

ސްކޫލް ދަރިވަރުން ނުވަތަ ވަޒީފާގައި އުޅޭ މީހުނަކީ މި ދެންނެވިފަދައިން އެހާ ގިނަ ވަގުތު ނިދަން ފުރުސަތު ލިބޭބައެއް ނޫނެވެ. އެހެން ނަމަވެސް އެފަދަ މީހުން، ދޭތެރެޔަކުން ނިދާލުމަކީ އޭގެ ސަބަބުން ސިއްހަތަށް ފައިދާ ކުރުވަނިވި ކަމެކެވެ. ހާއްސަކޮށް އެކަމަކީ މީހާގެ ސިކުނޑިވެސް ތާޒާކޮށް ދުޅަހެޔޮކޮށްދޭ ކަމެއްކަން ދިރާސާތަކުން ހެކިދެއެވެ.

ކަމާބެހޭ މާހިރުން ދެކޭގޮތުގައި މަސައްކަތުގައި އުޅޭ މީހުނާއި ކިޔަވާ ކުދިން އާންމުކޮށް ދޭތެރެޔަކުން ގަޑިއެއްހާއިރު ނިދާލުމަކީ މުޙިންމު ކަމެކެވެ. މިކަމަކީ ކުރާ މަސައްކަތާއި، ކުދިންގެ ކިޔެވުމާއިވެސް ގުޅިފައިވާ ކަމަކަށްވީހިނދު ހަނދާނުގައި ދަސްކުރާތަކެތި ހަރުލެއްވުމަށް މިކަމުގެ ސަބަބުން އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އޭގެ އިތުރުން ކޮންމެ ދުވަހު ހުސްވަގުތެއްގައި ނިދާލުމަކީ ހަށިގަނޑު ހެދިބޮޑުވުމަށްވެސް ވެސް ހެޔޮ ބަދަލުތައް އަންނަ ކަމެކެވެ. އެހެން ނަމަވެސް މިގޮތަށް ނިދާއިރު ހަށިގަނޑު ތެދަށް ބާއްވައިގެން ނިދުމަށް އަހަންމިއްޔަތުކަން ދޭންވާނެއެވެ. ސަބަބަކީ ހަށިގަނޑު ތެދަށް ބާއްވައިގެން ނިދުމަކީ މާގިނަ ވަގުތު ނިދުމުން ދުރުކޮށްދޭ ކަމަކަށްވާތީއެވެ.

ހަށގަނޑު ތެދައް ވާގޮތަށް ނިދަން އޮތުމަކީ ހަށިގަނޑުގެ މަސައްކަތްތައް، ހާއްސަކޮށް ލޭ ދައުރުވުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިދާފައި އޮންނައިރު ވެސް ހިނގުމަށް މަގުފަހިވެ، ކަރާއި ބުރަކައްޓަށް ގެއްލުން ލިބުމުންވެސް ދުރުކޮށްދޭ ކަމަކެވެ. އެހެންކަމުން ޖެހޭ ކޮންމެތަނެއްގައި ބުރާންތިވެ ނިދަން މާބޮޑަށް އާދަވެފައިވާ މީހުންނަށް މިއީ ޙައްލަކަށް ވެދާނެއެވެ.