ޕީކީ ބްލައިންޑާޒް އާއި ހެރީ ޕޯޓާގެ ތިން ފިލްމަކުން ފެނިގެން ދިޔަ ހެލެން މެކްރޯރީ މަރުވެއްޖެއެވެ. އުމުރުން 52 އަހަރުގައި އޭނާ މަރުވެފައިވަނީ ކެންސަރާ ހަނގުރާމަ ކުރަމުން ދަނިކޮށް ކަމަށް މެކްރޯރީގެ ފިރިމީހާ ޑެއިމިއަން ލުއިސް ހާމަ ކޮށްފައިވެއެވެ.

އެކްޓަރ ޑެއިމިން ލުއިސް ބުނެފައިވަނީ އަންހެނުން ވަކިވެދިޔުމުން ހިތް ފަޅައިގެން ދާ ވަރު ވެއްޖެ ކަމަށެވެ. އޭނާ ބުނެފައިވަނީ މެކްރޯރީ އަކީ ހިތްވަރު ގަދަވެފައި ރީތި އަންހެނެއް ކަމަށެވެ.

ހެރިީ ޕޯޓާގެ ލިޔުންތެރިޔާ ވަނީ މެކްރޯރީ ވަކިވެދިޔުމަކީ ހިތާމަވެރި ހަބަރެއް ކަމަށް ބުނެފައެވެ. ގިނަ ބަޔަކު ދަންނަ މޫނަކަށް މެކްރޯރީގެ މޫނު ވެފައިވަނީ ސްޓޭޖް މަތިން ފެނި ދެކެފަރިތަ ވުމުންނެވެ. އޭނާ އަކީ އެ ދުވަސްވަރު ވިދަމުންދިޔަ ފިލްމީ ތަރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު، ކުޅަދާނަ ބަތަލާއެކެވެ.

ޕީކީ ބްލައިންޑާޒްގެ އުފެއްދުންތެރިޔާ ސްޓީވެން ބުނެފައިވަނީ ހެލެން މެކްރޯރީ އަކީ އެ ދުވަސްވަރު ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ކުޅަދާނަ، ކެރޭ އަދި މޮޅު މީހެއް ކަމަށެވެ. ޝޯގައި ޓޮމީ ޝެލްބީގެ ރޯލު ކުޅެފައިވާ ކިލިއަން މާފީ ބުނެފައިވަނީ ވަކިވެގެން ދިޔައީ ރީތި، އޯގާތެރި، މަޖާ އަދި މީހުންނަށް ކަންކަމުގައި އެއްބާރުލުން ދޭ ހެޔޮ ރަހުމަތްތެރިއެއް ކަމަށެވެ. މެކްރޯރީ ފަދަ އެކުވެރިޔަކު ވަކިވެގެން ދިޔުމަކީ ވަރަށް ވެސް ހިތާމަވެރި ކަމެއް ކަމުގައި ބުނެފައިވެއެވެ.

މެކްރޯރީ އާއި ލުއިސް ކައިވެނި ކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ. ދެ ކުދިން ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިދިޔަ އަހަރު މި ދެމަފިރިން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންނަށް ކާއެއްޗެހި ފޯރު ކޮށްދީފައެވެ. ބީބީސީއަށް ދެމަފިރިން ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ކާ އެއްޗެހި ފޯރު ކޮށްދީފައިވަނީ އެތަނުގައި ދަންނަ މީހުން ޑިއުޓީ ކުރަމުންދިޔުމާއި އެކު، ކޮވިޑް-19 ފުރަބަންދުގެ ސަބަބުން ކެފޭތައް ބަންދުވެފައި އެމީހުންނަށް ކާ އެއްޗެހި ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.