ރޯދައަށް ހުންނަ މީހާ ހަށިގަނޑަށް ފިނި ކުރުމާއި ފެންވެރުމާއި މިފަދަ ޢަމަލު ތަކަކީ ރޯދައަށް އަޘަރު ކުރުވާ ކަންތައްތަކެއް ނޫނެވެ.

ވުމުން މި ޒަމާނުގައި އޭސީ ބޭނުންކޮށް، ފިނި ތަނެއްގައި ދެމިހުރުމަކީ ރޯދަވެރިޔާގެ ރޯދައަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫނެވެ.

ގަދަ ހޫނުން ނުވަތަ ރޯދައަށް ހުރުމުގެ ސަބަބުން ކަރުހިއްކުން ބޮޑުވެ ހަށިގަނޑު ފިނި ކުރެއްވުމަށްޓަކައި ހަށިކޮޅަށް ފެން އެޅުއްވުމަކީ ބަޔާންވެގެންވާ ކަމެވެ.

ރަސޫލާ -صلى الله عليه وسلم ގެ ބައެއް އަޞްޙާބު ބޭކަލުންގެ އަރިހުންأَبو بكر بن عبد الرحمن -رحمه الله- ރިވާކޮށްފައިވެ އެވެ.

”رسولَ اللهِ صلى الله عليه وسلم ޢަރްޖު –މަދީނާގެ ރަށްބޭރުގައިވާ އަވަށެއް- ރޯދައަށް ހުންނަވައި، ކަރުހިއްކުމުގެ ބޮޑުކަމުން ނުވަތަ ހޫނު ގަދަކަމުން އިސްތަށިފުޅަށް ފެން އެޅުއްވިތަން ދެކުނީމެވެ.“

العلامة د. محمد أمان الجامي -رحمه الله- ވިދާޅުވެފައިވެއެވެ.

”ރޯދަވެރިޔާ ފެންވެރުމާއި، ހޫނު ގަދަކަމުގެ ސަބަބުން އަދި ކަރުހިއްކާލެއް ބޮޑުކަމުން ބޮލަށް ފެންއެޅުމަކީ އޭގެ ސަބަބުން ރޯދައަށް އަޘަރު ކުރާނެ ކަންތައްތަކެއް ނޫނެވެ.“އެ

އެހެންކަމުން މި ޢަމަލުތަކަކީ ހުއްދަވެގެންވާ ޢަމަލުތަކެވެ. މިފަދައިން އުއްމަތުގެ ޢިލްމުގެ އަހުލުވެރިން ފަތުވާ ދެއްވާފައިވެއެވެ.

ނޯޓު: މިލިޔުމަކީ އަލްއުސްތާޒް އަބޫ އަނަސް މުހައްމަދު ހަސަަންގެ ބްލޮގްގައި ޝާއިއުކޮށްފައިވާ ދީނީ ލިޔުމެކެވެ.