ކޮންމެ ދުވަހެއްގެ އާދައިގެ މަތިން މިއަދުވެސް ޚާލިސާ އޮތީ ފުށްގަނޑު މޮޑޭށެވެ. މިހާރު އަދި ފަތިހު ރޭޑިއޯ އިން އަންނަ ކީރިތި ޤުރުޢާންގެ ތަރުޖަމާ ނުފަށައެވެ. ރޭ ދަންވަރު ވެހެން ފިށި ވާރޭ އަދި ވެސް ތުނިކޮށްލާކަށް ނޫޅެއެވެ. ފިނީގެ އަސަރު ހަށިގަނޑުގައި ހިފާފައި ހުރިކަމުގެ އިހުސާސް ދަނީ ކުރެވެމުންނެވެ. ރޭ ހުމާ އޮތުމުން އަދި ވެސް ހީކަރުވައެވެ.

ބަލިވެ އުޅުނަސް ތެދުވޭ ވަރު ނުވަންޏާ ޚާލިސާއަށް މިއަދު މި މަސައްކަތް ނުކޮށް ފަރުޖެހޭކަށް ނެތެވެ. ރޮށި ފިހެން ބަލައިލި އިރު އުދުނުން ހުރީ ތެޔޮ ހުސްވެފައެވެ. މިއީ ތެޔޮ އުނދުނުގެ ޒަމާނެވެ.

ނ. ލަންދޫ މަކުތަބުން ލިބެން ހުރި ތައުލީމެއް ވިއްޔާ ޚާލިސާ ހަސަން ވަނީ ހޯދާފައެވެ. މާލެ ފޭބީ އިތުރަށް ކިޔަވައި ދިނުމަށް ކަމުގައި ވިއަސް ޔުނީފޯމް އެޅި މަދަރުސާ އަކަށް ދެވޭ ގޮތެއް ނުވެއެވެ. ގޭގެ ވެރިން ބޭނުންވީ ޚާއްސަ ކްލާހަކަށް ވައްދާށެވެ. ޚާލިސާގެ މައިން ބަފައިންނަށް ލިބޭހާ އެއްޗެއް ޚާލިސާއަށްޓަކައި އެގެއަށް ފޮނުވާދެއެވެ. ރިހާކުރާ ދިޔާ ހަކުރެވެ. ކުއްޅަވަކާއި ދަރުކާއްޓެވެ. ތެއްލި ބަނބުކެޔޮ ދަޅުތަކާއި ފަތްކޭލެވެ. އަދި އެމީހުންނަށް ލިބުނުހާ އެއްޗެކެވެ. ލަންދޫން މާލެ އަންނަ ކޮންމެ ދޯންޏަކުން ތަކެތި ނާންނަ ފަހަރެއް ނުދެއެވެ.

މިއީ އެދުވަސް ވަރު މާލެ ފައިބާ ކިޔަވަން ތިބި ކުދިންނަށް އެކުދިންގެ މައިން ބައިން ކޮށްދޭހާ ކަންކަމެވެ. ރަށް ރަށުގެ ގިނަ އާއިލާ ތަކަކީ ފުދުންތެރި އާއިލާތަކެއް ނޫނެވެ. އެއާއިލާ ތަކަށް ލިބޭ މަދު ފައިސާ ކޮޅު އެމީހުންގެ ދިރި އުޅުމުގެ ޒަރޫރީ ބޭނުންތަކަށް އައީ ހޭދަ ކުރަމުންނެވެ. އަދި ފުދުންތެރި އާއިލާތަކުން މާލެ ފައިބާ ތިބޭ ކުދިންނަށް ކިޔެވުމުގެ ޚަރަދު ބަރަދާއި އަންނައުނު ހޯދުމަށް ފައިސާ ފޮނުވައެވެ.

ޚާލިސާގެ ކިޔެވުމާއި އަދި އެގޭގައި ހުންނަ އިރު ދިމާވާ ކަންކަމާއި ގުޅޭ ގޮތުން ހިތުގައި އުފެދޭ އުދާސްތައް މަންމަ މެންނަށް އަންގާދޭކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ މަންމަމެން ދޭ ނަސޭހަތާއި އެމީހުންގެ ފޮނި އުންމީދުގައި ކުލަ ޖައްސާ ދިނުމަށެވެ. ނުކިޔެވި އެނބުރި ރަށަށް ދިއުމީ އޭނާ ބޭނުން ވާގޮތެއް ނޫނެވެ.

ޚާލިސާގެ ކިލާސް އޮންނަނީ ރޭގަނޑެވެ. ކިލާހުން ނިމިގެން އާދެވޭއިރު ހުންނަނީ ދިހައެއް ޖަހާ ބޮޑުވެފައެވެ. ގިނަރޭރޭ ފެންގެންނަން މިސްކިތް ދޮށަށް ދާންޖެހެވެ. އެކަމުން އަވަދިވެގެން ފިލާވަޅު ހަދަން އިށީދެވެނީ ގޭގައި ހުންނަ ލައިގެން ކާ އެއްޗެހި ހޫނުކުރުމަށް ފަހު ބަދިގެ ރަމަތަ ކޮށްފައެވެ. އެތައް ރެއަކު ނިދޭ އިރު ހުންނަނީ މެންދަމުން އަލިވެ އެކެއްޖަހާފައެވެ. އަނެއްކޮޅުން ފަތިހު ހޭލާންޖެހެވެ. މެންދުރު ފަހު ގިނަ ދުވަސް ދުވަހު އެއްޗެތި ދޮވުމާއި އިސްތިރި ކުރުން އޮވެއެވެ. މާބޮޑަށް ނިދި އައިސް ކޮޅަށް ނުހުރުވޭ ވަރު ވާ ދުވަސް ދުވަހު ހަވީރު އެނދުގައި ބުރަކަށި ޖައްސާލަން ލިބެއެވެ. އެވެސް ބައި ގަޑިއެއް ހާއިރަށެވެ.

ހުކުރު ދުވަހު މެންދުރު ފަހާ ހަވީރަކީ ޚާލިސާއަށް އެންމެ އުފާވެރި ވަގުތެވެ. މެންދުރު ކައިގެން އޮށޯވެލަން ލިބެއެވެ. ހަވީރު ކިލާހުގައި އުޅޭ ކުދިންނާއި އެކު ސަލްޓަންޕާކަށް ނުވަތަ ލޮނުޒިޔާރަތް ކޮޅަށް ދެވެއެވެ.

މިހާރު ޚާލިސާގެ އުމުރުން 17 އަހަރު ފުރިއްޖެއެވެ. ޚާއްސަ ކުލާހުގައި ކިޔަވައިގެން ދެނަންބަރު ކާތިބު ކަމާއި އެއްނަންބަރު ކާތިބުކަމުން ވެސް ފާސް ވެއްޖެއެވެ. ކިލާހުގައި އުޅުނު ކުދިންގެ ތެރެއިން އެންމެ ރީތިކޮށް އަރަބި ތާނަ ލިޔާ ކުއްޖަކީ ވެސް ޚާލިސާއެވެ. ދިވެހި މުދައްރިސް އައީ މިކަން ފާހަގަ ކުރައްވަމުންނެވެ. މުދައްރިސް ޒާހިރު ޢަލީ އުޅުއްވާ އޮފީހުގައި ހުސް މަގާމެއް އޮތުމާއި އެކު އެވަޒީފާ ހަމަ ޖެހިދާނެ ކަމުގެ އިޝާރާތެއް ޚާލިސާއަށް ކޮށްލެއްވިއެވެ. އޭރު ޚާލިސާދަނީ ސެކްރެޓަރީ ކަމަށް ކިޔަވަމުންނެވެ. ޚާލިސާގެ ޖަވާބަކީ މާލެ ފައިބާ ހުންނަ ގެއިން ތިޔަ ކަމަށް ރުހުން ނުލިބޭނެ ކަމުގައެވެ. ދެތިން ދުވަސް ފަހުން އެއް ދުވަހު ކިލާސް ނިމިގެން މުދައްރިސް ޒާހިރު ބައްދަލުކޮށްލަން ބޭނުން ކަމުގައި ބުނުއްވިއެވެ. ކިލާހުގެ ހުރިހާ ކުދިން ދިޔައިރު ވެސް ޚާލިސާ ނުގޮސް މަޑު ކޮށްލައިގެން އިނެވެ. ޒާހިރު އެދިލެއްވެވީ ޚާލިސާ ގަބޫލު ނަމަ އެގޭގައި ހުރެވިދާނެ ކަމުގައެވެ. އަދި ވަޒިފާ ވެސް ހަމަ ޖެހިދާނެ ކަމުގައެވެ. ޒާހިރުގެ ގޭގައި ކުރަން ޖެހޭ މަސައްކަތެއްވިއްޔާ އޮންނާނީ މެންދުރު ފަހު ކަމުގައެވެ.

ޚާލިސާ އެރޭ ނިދަން އޮށޯތީ މަންމައާއި ބައްޕައަށް ސިޓީ އެއް ލިޔެފައެވެ. އެއީ އޭނާގެ މުސްތަގުބަލަށްޓަކައި ލިބުނު ފުރުސަތު ނަގާނުލާ ޒާހިރުގެ ގެއަށް ބަދަލުވުމަށް އެދިއެވެ. ސެކްރެޓަރީ ކަމުގެ ސަނަދު ނެގުމަށް އިތުރު ފަސޭހަކަށް އެކަން ވާނެތީ ކަމުގައި ވެސް ސިޓީގައި ބަޔާންކުރިއެވެ. އަދި ސަނަދު ނަގައިގެން ރަށަށް ދިއުމަށް ބޭނުން ވާކަމަށާއި އެގޮތަށް ކަންކުރަން ބޭނުންވަނީ ރަށުގައި މަންމަމެން ގާތުގައި ހުރުމަށް އޮތް ލޯބި ބޮޑުން ކަމުގައެވެ.

ކޮންމެ ރެއަކު ކިލާހުން މުދައްރިސް ޒާހިރާ ދިމާވެގެން އެގެއަށް ބަދަލުވުމާއި ގުޅޭ ސުވާލު ކުރައްވައެވެ. ޚާލިސާގެ ޖަވާބަކީ އަދި ވިސްނަނީ ކަމުގައެވެ. ހަގީގަތުގައި މަންމަ މެންނަށް ސިޓީ ލިޔެގެން އުޅޭ ވާހަކަ ބުނާކަށް ބޭނުމެއް ނުވެއެވެ.

ދެހަފްތާ ފަހުން ސިޓީގެ ޖަވާބު ލިބިއްޖެއެވެ. މަންމަ މެން ޚާލިސާގެ މުސްތަގުބަލަށް ހުރަސް ނާޅާނެ ވާހަކައެވެ. ނަމަވެސް އަލަށް ބަދަލު ވާ ގޭގެ މީހުންނަކީ ކޮންބައެއް ކަން ރަނގަޅަށް ސާފުކުރަން އެދުނެވެ. ޅައުމުރައި ދެރަ ނިކަމެތިކަމެއް ލިބިދާނެ ކަމުގެ ބިރު މަންމަމެންގެ ހިތުގައި އޮތްކަމެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެ ހަރުބަހަކުން ނަސޭހަތް ދީފައި ވެސް އޮތެވެ.

ސިޓީ ލިބުނު ދުވަހުގެ ރޭ ކުލާހުން ޒާހިރާ ބައްދަލުކޮށް އާނ ބަސް ބުނެފިއެވެ. އަދި ޝަރުތަކީ މަންމަމެން ދިން ނަސޭހަތެވެ. ދެރަގޮތެއް ނުހަދާނެ ކަމުގެ ޔަގީންކަން ދެއްވުން ކަމުގައި ވެސް ޒާހިރަށް ދެންނެވިއެވެ. ޒާހިރަކީ މަޑު މައިތިރި ޚުލްޤުހެޔޮ މީހެއްގެ ގޮތުގައި ޚާލިސާ ދުށީ ކުލާހުގައި އުޅޭ އޭނާގެ އެކުވެރި ކުދިން ގާތުން ވެސް މަޝްވަރާކުރުމަށް ފަހުއެވެ.

ޚާލިސާއަކީ އާއިލާގެ އެންމެ ދޮށީ އަންހެން ދަރިފުޅެވެ. ދެން ދޮއްޓަށް ހުންނަނީ ބޭބެއެކެވެ. އެއްބަނޑު އެއްބަފާ 5 ކުދިން ތިބެއެވެ. ބައްޕައަކީ އާދައިގެ މަސްވެރިއެކެވެ. މަސްއޮޑިން ލިބޭ ބައި ކައްކާ ހިއްކައިގެން ވިއްކަން މާލެ ފޮނުވައެވެ. އަދި ލިބޭ ފައިސާ ކޮޅު ކުދިންގެ ޚަރަދު ބަރަދު ބެލަހައްޓަނީއެވެ. ދޮށީ ފިރިހެން ދަރިފުޅު ހުންނަނީ ނައިފަރުގައި ކިޔަވަން ބަހައްޓާފައެވެ. އެދަރިފުޅަށް ވެސް ޚަރަދު ކުރަން ޖެހެނީ ލިބޭ މަދު ފައިސާ ކޮޅުންނެވެ.

ޚާލިސާ، ޒާހިރު ޢަލީގެ ގެއަށް ބަދަލު ވެއްޖެއެވެ. ކުރިން އުޅުނު ގެއަށް ވުރެ ރީތިވެފައި ތަނަވަހެވެ. ކުރިން އުޅުނު ގޭގައި 15 މީހުން އުޅެއެވެ. މިގޭގައި އުޅެނީ ޒާހިރުގެ ދެމަފިރިންނާއި ދެކުދިންނެވެ. ދެން އުޅެނީ ޒާހިރުގެ އަންހުންގެ ފިރިހެން ކޮއްކޮ އެވެ. އަދި ކެއްކުމާއި ގެ ސާފުކުރާން އުތުރު ރަށެއްގެ އަންހެނަކު އުޅެއެވެ. ޒާހިރު އުޅުއްވާ އޮފީހަށް ސިޓީ ލައިގެން ވަޒީފާ ވެސް ހަމަޖެހިއްޖެއެވެ.

ޑިސެންބަރު ބޮޑު ބަންދުގެ ޗުއްޓީގައި ޒާހިރު ޢަލީގެ ދެމަފިރިން ބޭސް ފަރުވާއަކަށް ސްރީލަންކާއަށް ދާން ފުރައިފިއެވެ. ޒާހިރުގެ ދެކުދިންގެ ބެލެނިވެރިއަކީ ޚާލިސާއެވެ. މުޅިގޭގެ އާރުކާޓީކަން ހަވާލުކުރީ އޭނާ އާއެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ޚާލިސާ އެ އިތުބާރު ހޯދީއެވެ.

ޒާހިރުގެ އަންހެހުންގެ ކޮއްކޮ އަޖުވަދު ވަހީދަކީ ކިޔަވައިގެން ހުރި ޒުވާނެކެވެ. އޭނާ މަސައްކަތް ކުރަނީ ރާއްޖޭގައި އެދުވަސް ވަރު ހުޅުވި ބޭންކެއްގައެވެ. އޭނާގެ ކަތިބެލުން ތަކުގެ އަސްލު ފެންނަން ފެށީ ޒާހިރު ޢަލީ މެން ފުރިފަހުންނެވެ. ކާގަޑީގައި ތަފާތު ވާހަކަ ދެއްކުމާއި ޚާލިސާ އާއި ގަޔާވާ ވާހަކަވެސް ދައްކައެވެ. އަދި ޚާލިސާ އުޅޭ އޮފީހަށް ފޯނު ވެސް ކުރަން ފަށައިފިއެވެ. ޚާލިސާއަށް މިކަން ވީ ވަރަށް ބޮޑު ބޮލުގައި ރިހުމަކަށެވެ. އޭނާ އަދި ލޯބީގެ ގޮތުން މީހަކާއި ގުޅޭކަށް ބޭނުމެއް ނުވެއެވެ.

ޚާލިސާގެ ހުވަފެނަކީ ސެކްރެޓަރީ ކަމުގެ ސަނަދު ނެގުމެވެ. އެއަށް ފަހު ރަށަށް ބަދަލުވެ ރަށު އޮފީހުގައި މަސައްކަތް ކުރުމެވެ. މަންމަމެންގެ އުންމީދުތައް ހަގީގަތަކަށް ހަދާދިނުމެވެ. ކުޑަ ދުވަހު އެކުގައި އުޅުނު ރަހުމަތްތެރި ކުދިންނާއެކު ރަށުގައި ދިރިއުޅުމެވެ. ކާފައާއި މާމައާއި ބޮޑުބޭބެ ގެ ކުލުނާއި ލޯބީގައި އެމީހުންގެ ހިމާޔަތުގައި އުޅުމެވެ.

އާދައިގެ މަތިން ޒާހިރު ޢަލީގެ ދެކުދިން ކައިނިމުމުން އެކުދިން ނިދަންދެން އެކޮޓަރީގައި ވާހަކަ ކިޔައިދޭން މިރޭވެސް ޚާލިސާ އިނެވެ. އެކުދިންނަށް ދެކެނީ ޚާލިސާއަކީ ދައްތައެއް ފަދަ ކުއްޖެއްގެ ގޮތުގައެވެ. އޮފީހުން އަންނަ އިރު ބައެއް ދުވަސް ދުވަހު މެޓެއާއި ޑޮންޑޮން ގެނެސް ދެއެވެ.

މިރޭ ކިޔައިދެމުންދިޔަ ވާހަކައިގެ ތެރެއަށް ދެ ކުދިން ވެސް ގެއްލިފާ ތިއްބާ ގޭގައި ގެން ގުޅޭ ހައްވަ ދުވެ ގަޑަ ގަޑަ ޖަހާފައި އައިސް ބުނީ އޭނާގެ އެއްބަނޑު އެއްބަނޑު ދައްތައެއް މިރޭ މާލޭގައި ކުއްލި އަކަށް ނިޔާވި ވާހަކައެވެ. އޭނާ މާބޮޑަށް ހާލު ބޮޑުވެގެން މާލެ ގެނައީ މީގެ ދެދުވަހެއް ކުރިންނެވެ. އެކަން ޚާލިސާއަށް ވެސް ކުރިން އޮތީ އެނގިފައެވެ. އަދި އޭނާގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް ދާން ޖެހިއްޖެ ކަމަށާއި އާދެވޭނީ އިރު އަރާ ފަހުން ކަމުގައި ވެސް ބުންޏެވެ. މިޚަބަރާ އެކު ޚާލިސާ އަށް ވެސް ނުހަނު އަސަރު ކުރިއެވެ. އޭނާގެ ޚިޔާލަށް އަންނަނީ އޭނާގެ އެއްބަނޑު އެއްބަފާ ކުދިންގެ މަތިންނެވެ.

ޚާލިސާ އާއި ހައްވަ ނިދަނީ އެއް ކޮޓަރިއެއްގައެވެ. ހައްވައަކީ ވަރަށް ހެޔޮ މީހެކެވެ. ޚާލިސާ ވެސް ޖަނާޒާގެ ކަންކަމުގައި ބައިވެރިވާން ދާން ބޭނުންވިއެވެ. ނަމަވެސް ޒާހިރު ގެ ދެކުދިން އެކަނި ދޫކޮށްފައި ނުދިޔުމަށް ހައްވަ އެދުނެވެ. ޒާހިރުގެ ޅިޔަނު އަޖަވަދު ވަހީދަކީ ދަންވަރު ނޫނީ ގެއަށް ނާންނަ މީހެކެވެ. އެއީ އޭނާގެ އާދައެވެ. ރަހުމަތްތެރިންނާއި އެކު އަޗާތަޅަން އުޅޭ ވާހަކަ ޒާހިރުގެ އަންހެނުން ދައްކައެވެ.

އެކުދިން ނިންދަވާފައި ޚާލިސާ ކޮޓަރިއަށް އައިސް ނުނުދިފައި އެތައް އިރަކު އޮތެވެ. ހައްވައާއި މެދު ވިސްނެނީއެވެ. އަދި ރަށުގައި ތިބި ތިމާގެ މީހުންގެ ހާލާ މެދުވެސް ފިކުރު ކުރެވެނީއެވެ. ނިދުނުއިރު ވަރަށް ލަސްވެއްޖެއެވެ.

ދަންވަރު ހޭލެވުނީ ބާރު ގުގުރިއަކާއި އެކުގައެވެ. އަދި ޒާހިރުގެ ދެކުދިންގެ ހާލު ބަލައިލަން ހިތަށް އެރިއެވެ. މިގޭގައި ކަރަންޓް ހުއްޓަސް ނިދަންވީމާ ދިއްލަނީ ފުޅި ބައްތިއެވެ. ކޮޓަރީގައި ދިއްލާފައި ހުރި ފުޅިބައްތިއަށް ހުރީ ވަރަށް ކަނިވެފައެވެ. އެއީ ނިދަން އޮށޯންނަމުން ސާފުތެޔޮ ނޭޅި ހުރުމުންނެވެ. ފުޅި ބައްތި ނަގަން ވެގެން ތެދުވި ތަނުން މީހަކު ކޮޓަރީ ތެރޭގައި ހުރިހެން ހީވެގެން ބަލާއިލި ވަގުތު އަތުގައި ހިފާ ގަދަކަމުން އެދުމައްޗަށް ވައްޓާލިއެވެ.

ޚާލިސާގެ ފުންމައިގެން އެދުން ތެދުވެ ދުއްވައި ގަންނަން އުޅެނިކޮށް އެމީހަކު އަނެއްކާ ވެސް ހިފެހެއްޓިއެވެ. ޚާލިސާއަކީ އިސްކޮޅުން އެހާ ދިގު ނޫން އަދި ހިމަ ތޮޅިކޮށް ހުންނަ ކުއްޖެކެވެ. އެހެންވުމުން އެމީހެއްގެ ކިބައިން ސަލާމަތް ވާހާ ބާރެއް ހަށިގަނޑަކު ނެތެވެ. ޚާލިސާގެ ނިކަމަތި ހަށިގަނޑު އޭނާގެ ބާރުގެ ދަށަށް ގެނައެވެ. ދޫކުރާށޭ ގޮވެއެވެ. ވާރޭގެ ބޯ ކަމާއި ޖަހާ ގުގުރީގެ އަޑުން އެ އަޑު އެހެން މީހަކަށް މިރެއަކު ނީވޭނެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއްވެ ނިމިއްޖެއެވެ. ޚާލިސާ ގަދަ ދެއްކިއެވެ. ހަޅޭއް ވެސް ލެވިއެވެ. އެންމެ ފަހުން އަޑު ބޭރެއް ނުވެއިވެ. އަނިޔާވެރި ގޮތަކަށް އެމީހެއްގެ ޝިކާރައަކަށްވެ ނިމުނީއެވެ. ޚާލިސާއަށް ހޭވެރިކަންވީ އިރު އޮތީ އެހެން ތަނެއްގައެވެ. ފެންނަނީ ހުދު ހެދުމުގައި ތިބި ބަޔަކެވެ. ދެން ފެނުނީ ހައްވައެވެ. ހުވަފެނެއް ފެނުނީއެވެ.

ނޫނެކެވެ. ހުވަފެނެއް ނޫނެވެ. ހަގީގަތުގައި ވެސް އޭނާ އޮތީ އެހެން ތަނެއްގައެވެ. ހައްވަ ވާހަކަ ދައްކަން ފެށިއެވެ. ޚާލިސާއަށް ތިޔަ ވަރުގެ އަނިޔާއެއް ދިނީ ކާކު ހެއްޔެވެ. ޚާލިސާ ރޯން ފެށިއެވެ. އޭނާގެ ގައިގާ ވަރެއް ނެތެވެ. އައިވީ ހުރީ ގުޅާފައެވެ. އަތާ މޫނުގައި ހުރީ ވަކި އަޅާފައެވެ. ގައިގެ ތަންތަނުގައި ރިއްސަނީއެވެ. ބަނޑުގައި އަޅާ ވޭން ގަދަ ހެން ވެސް ހީވެއެވެ. ހަގީގަތުގައި ވެސް ޚާލިސާގެ އިތްފަތްތެރިކަން ވަނީ ނަގާލާފައެވެ. އުމުރުން އަށާރަ އަހަރު ވީ އަދި މިމަހުއެވެ. އޭނާގެ ހަޔާތުގެ ހުރިހާ ފޮނިކަމާއި މީރުކަން އޭނާ ބޭނުން ނުވަނީސް އެހެން މީހަކު ވަނީ ހޯދާފައެވެ. ގަދަ ބަދަވި ކަމުންނެވެ. ރުހުމާއި ހަމްދަރީގެ ކުލުނުވެސް ނެތިއެވެ.

ޚާލިސާ ހަސްފަތާލުން ދޫކޮށްލީ ހަތްދުވަސް ފަހުންނެވެ. އޭރު އޭނާ ބަލާ އޭނާގެ މަންމައާއި ބައްޕަވަނީ މާލެ އައިސްފައެވެ. ހައްވަ އެ ޚަބަރު ރޭޑިޔޯ ތެލިފޯން މެދުވެރިކޮށް ލަންދޫއަށް އެންގީއެވެ. ޒާހިރުގެ ދެމަފިރިން ބޭސް ފަރުވާއަށް ފަހު މާލެއައީ ޚާލިސާ ފުރަންއޮތް ދުވަހުގެ ކުރީ ދުވަހުއެވެ. ހައްވަގެ ފަރާތުން ޒާހިރަށް ހުރިހާ ވާހަކައެއް ސާފުވިއެވެ. ޒާހިރު ޢަލީ ޚާލިސާ ކައިރިން މާޢާފަށް އެދުނެވެ. ކުށްވެރިއަކީ ޒާހިރެއް ނޫނެވެ. ޒާހިރުގެ ޅިޔަނު އަޖްވަދު ވަހީދެވެ. ބޭރު ފުށުން ކިތަންމެ ރީއްޗަސް އިންސާނުން ޖަނަވާރުންގެ ދަރަޖައަށް ބަދަލުވެއެވެ.

ރަށަށް ދާން ދޯންޏަށް އަރަމުން ހައްވައާއި ސަލާން ކޮށްލަމުން ޚާލިސާ ބުންޏެވެ. ހައްވަގެ އެހީތެރިކަމަށް ފަށްފަށުން ޝުކުރިއްޔާއެވެ. ނިކަމެތި އާރެއް ބާރެއް ނުފޯރާ އިއްފަތްތެރި އަންހެނުން ނީލަމުގައި ވިއްކާލާފަދަ ބާ މުދަލަށް ފިރިހެނުން ހަދާލަނީ ހިތުގައި ރަޙުމާއި ހަމްދަރުދީގެ ކަންފުޅެއް ވެސް ނެތީމައެވެ. މިއަދު ގަދަ ކަމުން އަހަރެންފަދަ ނިކަމެތި އަންހެނެއްގެ އިޢްފަތް ފޭރިގަނެ ފިލައިގެން އުޅެވިދާނެއެވެ. ނަމަވެސް މާދަމާ އެފަދަ މީހުން މަހުސަރު ބިމަށް ދާނީ ކޮންފަދަ މޫނަކާ ގެންބާވައެވެ. އޭނާ އަށް ދުވަހަކުވެސް އަހަރެން މަޢާފެއް ނުކުރާނަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަމް

    ވާހަކަ ވަރަށް ރީތި. އެކަމަކު ނިންމުން މާ އަވަސްކޮށްލާފަ އޮށްހެން ހީވަނީ