އާންމުކޮށް ފަރިއްކުޅުއްވަނީ އިޓަލީގެ ކެއުންތައް ކަމުގައި ވީނަމަވެސް ރޯދަމަހު ފަރިއްކުޅުއްވަނީ ތަންކޮޅެއް "ދިވެހި ވަންތަކޮށް" ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކޮފީތަށީގެ ހެޔޮއެދުންތަކާއި އެކު ގެނެސްދޭ "ވަގުތު ބަދިގެ" ޕްރޮގްރާމްގައި ބައިވެރިވަޑައިގެން ޖާބިރު ވަނީ ޝެފް އަހްމަދު ރަޝީދާއި އެކު ބީފް ސްޓީކް ޓެންޑޮލެން ތައްޔާރު ކުރުމަށް އެހީތެރިވެދީފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ޖާބިރު ވިދާޅުވ، އެހެން މަސްމަހާއި ހިލާފަށް ރޯދަ މަހު ރޯދަ ވީއްލަން އާންމުކޮށް ފަރިއްކުޅުއްވަނީ ރިހައާއި ރޮއްޓާއި ކަމަށެވެ.

"އާންމުކޮށް ރޯދަމަހު ގިނަ ދުވަސްތަކުގައި ރޮއްޓާއި ރިހައާއި ދިވެހި ވައްތަރުތައް ފަރިއްކުޅުއްވަން ބޭނުންވަނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެހެން މަސްމަހާއި ހިލާފަށް ރޯދަމަހުގެ ކެއުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި ގުޅިގެން ބޭނުންވަނީ ރޯދަވީއްލާ ގޮތަށް ރަނގަޅަށްް އަރާމް ކޮށްލަން ކަމަށެވެ. އަދި މެންދުރުފަހު ރޯދަވީއްލާ އެއްޗެހި ތައްޔާރުކުރަން އަނބިކަނބަލުންނަށް އަތްގާތްކޮށްދީ އުޅުއްވާ ކަމަށާއި، އެއީ ވަރަށް ގަޔާވެގެން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި އެކު ބަޖިޔާ ކަހަލަ އެއްޗެހި ހެދުމުގައި އެއްކޮށް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރޯދަވީއްލާ އެއްޗެހި ތައްޔާރު ކުރަނީ ދެމީހުން އެކުގައި ކަމަށް ވިދާޅުވިއެވެ. ޖާބިރު ވަނީ ރޯދަމަހު ދިޔާނާއަށް އެހީތެރިވެދެން އާންމުކޮށް ކޮށް އުޅެނީ ދެކަމެއް ފާހަގަކުރައްވާފައެވެ. އެއީ ބާޒާރުކޮށްދެން ދިއުމާއި ދިޔާނާ ވިދާޅުވާ ކަމެއް ކޮށްލަދީ، ބަދިގޭގެ މަސައްކަތްތަކުގައި ފަސޭހަކޮށްދިނުން ކަމަށް ވިދާޅުވެފައިވެއެވެ.

އެހެން މަސްމަހާއި ހިލާފަށް ރޯދަމަހު އޭނާއަށް އާއިލާާއާއި އެކު ގިނަ ވަގުތު ހޭދަކުރެވޭކަން ވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޅޭ

    ހާދަ ނަމޫނާ ފިރިއެކޭ. ހަމަޖެހޭ މެމްބަރަކަށް ނުވެވުނަސް ހަމަޖެހޭ ފިރިއަކަށްވެވިއްޖެ ކަމަށް ތިކަމުން ދައްކަނީ. އާދަޔާ ޚިލާފު އަމަލުތައް ހުންނަ އިރުވެސް އަނބިކަނބަލުން އެއްކޮށް އުޅޭ ސަބަބެއް އޮންނާނެތާ. ރޯދަމަހަކީ ދިވެހި މަހެއް. އެހެން މަސްމަހަކީ ފަރަންޖީ މަސްތަކެއް. އެހެންވެ ޖާބީގެ ކެއުމަށް އެ ބަދަލު އަންނަނީހެން ހީވަނީ.