ރާއްޖޭގައި ފޮޓޯގްރަފީ ދާއިރާގައި ފިޔަޖަހަމުން އަންނަ އެތައް ޒުވާނުންނެއް އުޅެ އެވެ. މި ދާއިރާގައި ކުރިއަރައި، ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ އެތައް ބަޔަކުވެސް އެބަތިއްބެވެ. މިިހާރު ރާއްޖޭގައި ފޮޓޯގްރަފީ ދާއިރާގައި އެތައް ސަތޭކަ ޒުވާނުނެއް އުޅޭއިރު، ކޮންމެ ޒުވާނެއްގެ ފޮޓޯގްފަރީގެ ވާހަކަ ވަރަށް ތަފާތެވެ.

މިއީ އުމުރުން 26 އަހަރުގެ ޖައިލަމް މުހައްމަދުގެ ފޮޓޯގްރަފީ ސްޓޯރީ އެވެ. އޭނާއަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ފޮޓޯގްފާރެކެވެ. ބ.އަތޮޅު ތުޅާދޫއަށް އުފަން ޖައިލަމް ފޮޓޯގްރަފީ ދާއިރާއަށް ވަދެވުނީ އޭނާ ރިސޯޓްގައި އުޅުނުއިރު އެވެ. އޭނާ އެކަމަށް ހިތްޖެހުނީ ހޮބީއެއްގެ ގޮތުގައި އެކަން ކުރަމުން ގޮހެވެ.

ޖައިލަމްގެ ފޮޓޯޝޫޓެއްގެ ތެރެއިން

ޖައިލަމް ތުޅާދޫ ސްކޫލުން އޯލެވެލް އާ ހަމައަށް ކިޔެވިއެވެ. އޭގެ ފަހުން ރިސޯޓް ދާއިރާއަށް ވަނެވެ. ރިސޯޓުގައި އޭނާ އުޅުނީ ފުޑް އެންޑް ބެވަރޭޖް އެޓެންޑެންޓަކަށެވެ. އެތަނުގައި އުޅެ ފޮޓޯ ނަގާ ހެދިއެވެ. ފުރަތަމަ އަމިއްލަ ފޯނުންނެވެ. އޭގެ ފަހުން ކެމެރާ ގަތެވެ. އަދި ރަށުގައި އަމިއްލަ ސްޓޫޑިއޯއެއްވެސް ހުޅުވިއެވެ.

"ރިސޯޓް ދާއިރާއަކީ އަހަރެން އަސްލު އެންމެ އުޅެން ބޭނުންވާ ދާއިރާއެއް ނޫން، އެހެންވެ ރިސޯޓް ލައިފް ދޫކޮށްލީ،މިހާރު ކުރަނީ އަމިއްލަ މަސައްކަތް. ރިސޯޓް ދާއިރާއާ ދުރަށް ދިޔަ ސަބަބު ހާމަ ކުރަމުން ޖައިލަމް ބުންޏެވެ.

ޖައިލަމް ރިސޯޓަށް ވަން އިރު އުނދަގޫތަކާއި ކުރިމަތިވިއެވެ. ހާއްސަކޮށް މާހައުލު ބަދަލު ވުމުން ވީ އުނދަގޫތައް ބަޔާން ކުރަންވެސް ދައްޗެވެ. އޭނާ އެއިރު ވަރަށް ހަގެވެ. "އެއިރު މަންމަ އާއި ބައްޕައާ ހުރީ ރާއްޖޭގައި ބޭރުގައި، އެހެންވީމަ މަންމަ އާއި ބައްޕައާ މާގިނައިން ވާހަކަ ނުދެއްކޭ، އެއްފަހަރެއްގައި ކެނޑިގެން ދާންވެސް ވިސްނުން، އެކަމަކު މެންޓަލީ ދޮންބެގެ ސަޕޯޓް ވަރަށް ލިބުނު"

ފޮޓޯ ނެގުމުގެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބެމުން އަންނަ ޖައިލަމްގެ ފޮޓޯގްރަފީ ސްޓޯރީއަށް ބަލާލަމާ ހިނގާށެވެ.

ފޮޓޯގްރަފީ ދާއިރާއަށް ވަނުން!

ޖައިލަމް ފޮޓޯގްރަފީ އަށް ޝައުގުވެރިކަން އުފެދުނީ އޭނާ ފޯނުން ފޮޓޯ ނަގަން ފެށި ހިސާބުންނެވެ. އަލަށް އޭނާ ރިސޯޓަކަށް ދެވުމުން އާ ކަންކަން ތަޖުރިބާ ކުރެވޭއިރު، އާ ތަންތަންވެސް ފެންނާނެ އެވެ. އަދި އެފަދަ މަންޒަރުތައް ފޮޓޯ ނަގަންވެސް ބޭނުން ވާނެ އެވެ. އޭނާއަށްވެސް ވީ އެހެންނެވެ. އެ މަންޒަރުތައް ފޮޓޯ ނެގީއެވެ. މިއާއެކު އެކަމަށް ހިތްޖެހުނީ އެވެ.

"ރިސޯޓަށް ދެވުނީމަ ވަރަށް ރީތި ތަންތަން ފެންނާނެތާ ދޯ، އަބަދުވެސް ހުސް ވަގުތެއް ލިބުނީމަ އެކްސްޕްލޯ ކުރުމާއި ފޮޓޯ ނެގުން ކަމަކީ، އިންސްޓަގްރާމް އިން ފޮޓޯގްރާފަރުންގެ ފޮޓޯތައް ފެނުނީމަ ކެމެރާއަކުން ފޮޓޯ ނަގާލަން ބޭނުންވީ، އެހިސާބުން އެނގުނީ ފޮޓޯގްރަފީގެ ދާއިރާއަށް ހުރި ޝައުގުވެރިކަން، ގަޔާވާ ކަމެއް ވެއްޖެއްޔާ އެކަމަކުން ކުރިއަށް ދެވޭނެކަން ގަބޫލު ކުރެވުނު."

އޭނާ ރިސޯޓަށް ދިޔައީ އަމިއްލަ މަސައްްކަތެއް ފެށުމަށް ފައިނޭންޝިއަލް ސަޕޯޓް ބޭނުންވާތީ އާއި އާއިލާއަށް އޭނާގެ ފަރާތުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ދިނުމަށެވެ. އޭނާ އެކަން ކުރިއެވެ. އަމިއްލަ މަސައްކަތެއް ފަށައިގަތެވެ. ރިސޯޓްގައި އުޅެމުން ރަށުގައި ހުޅުވީ އަމިއްލަ ސްޓޫޑިއޯއެކެވެ.

ސްޓޫޑިއޯ ފަށައިގަތުން!

ފުރަތަމަ އޭނާ ރަށުގައި ހިންގީ އަމިއްލަ ސްޓޫޑިއޯއެކެވެ. އެ ސްޓޫޑިއޯ ހަދާފައި ބޭނުންވާ އިކުއިޕްމެންޓްސް އާއި ސްޓާފެއްގެ ނަގައިގެން މަސައްކަތް އޭނާ ފަށައިގަތީ އުއްމީދުތަކަކާއި އެކުގައެވެ. އެހެން ނަމަވެސް މާ ގިނަ ދުވަހު އެތަން ހިންގޭ ގޮތެއް ނުވިއެވެ.

"އެހާ ހިސާބުން ވިސްނުނީ ފޮޓޯގްރަަފީ ދާއިރާއިން ކުރިއަށް ދެވޭނީ އަމިއްލަ ޓެލެންޓާއި އިންޓެރެސްޓުންކަން، ދެން ރަށަށް އައިސް ކެމެރާއަކުން ބޭސިކް ފޮޓޯގްރަފީ ދަސް ކުރީ، އެކަން ދަސްކުރީ ރައްޓެއްސެއް ކައިރިން، "ފައުޒާން ކުޑޭ". އެއަށްފަހު އެމްވީލަކުއާގެ ޕްރޮޑަކްޓްސްތަކުގެ ފޮޓޯ ނެގުމުގައި އުޅުނީ"

ޖައިލަމް ނެގި ވެޑިންގ އައުޓްޑޯ ފޮޓޯ ޝޫޓެއް

އޭނާ ވަނީ އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން މާލެ އައިސް ފޮޓޯގްރާފަރެއްގެ އެސިސްޓެންޓަކަށް ފްރީލާންސްކޮށް މަސައްކަތް ފެށިއެވެ. އަދި އަމިއްލައަށް ރައްޓެހިންގެ ޝޫޓްތައް ނަގާ އެކްސްޕްލޯ ކުރަން ފެށިއެވެ.

ޖައިލަމް ނެގި ގްރެޑުއޭޝަން އައުޓްޑޯ ފޮޓޯ ޝޫޓެއް

އެންމެ ބޮޑު އިންސްޕިރޭޝަންއަކީ ވިންކްއަޕިކް ޒާރް!

ކޮންމެ ދާއިރާއެއްގައި އުޅޭ މީހެއް ކަމުގައިވިޔަސް އިންސްޕިރޭޝަންގެ ގޮތުގައި މީހަކު ނަގައެވެ. އެގޮތުން ޖައިލަމްގެ އެންމެ ބޮޑު އިންސްޕިރޭޝަންއަކީ ވިންކްއަޕިކް ޒާރް އެވެ. އޭނާ ބުނީ، އެންމެ ފުރަތަމަ ޒާރް އާ ދިމާވީ ގާތް މީހެއްގެ ކައިވެނީގެ ހަފްލާއިން ކަމަށާއި، އެއީ އޭނާ މި ދާއިރާއަށް ވަންނަން އެންމެ ބޮޑު ސަޕޯޓެއް ދިން މީހެއް ކަމަށެވެ.

"ވިންކްއަޕިކް ކަޕްލް ހަމޫ އާއި ޒާރްގެ ފަރާތުން، އެންމެ ބޮޑު ސަޕޯޓެއް ލިބުނީ، އެއީ ހަމަ ބެސްޓް ދެ މީހުން އެމީހުންގެ ފަރާތުން އަސްލު ވަރަށް ބޮޑަށް އަހަންނަށް ފޮޓޯ ނަގަން ދަސްވި، އެ ހިސާބުން އަސްލު މި ދާއިރާއަށް ވަންނަން މަގު ފެނުނީ، އެ މީހުން އަސްލު އަހަންނަށް ފޮޓޯގްރަފީގެ ޕްރޮފެެޝަނަލް ލެވެލްއަށް ދިއުމަށް ޓްރެއިން ކޮށް ދިނީ"

އޭނާ ބުނީ، ވިންކްއަޕިކް ކުރިއަރައިގެން އައި ގޮތާއި، މިހާރު މަސައްކަތް ކުރާ ގޮތް އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އިންސްޕިރޭޝަންއެއް ކަމަށެވެ.

ވިންކް އަ ޕިކްގެ ދެމަފިރިންނާއެކު ޖައިިލަމް، މިދެމަފިރިންނަކީ އޭނާއަށް ދާއިރާގައި އެންމެ ބޮޑަށް އެހީތެރިވެދިން ފަރާތްތައް

އެ ދެ މީހުންގެ ފަރާތުން އެ ލިބޭ ސަޕޯޓާއި އެއްވަރަަށް އާއިލާ މީހުންގެ ސަޕޯޓާއި، ހާއްސަކޮށް މަންމަ އާއި ބައްޕަގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ ކަމަށް އޭނާ ބުންޏެވެ.

ޖައިލަމް މިހާހިސާބަށް އާދެވިފައި ހުރީ ދެރަވާ ކަހަލަ ބަސްތަކާއި ކުރިމަތިލައިގެންނެވެ. ކުރިން ރަށުގައި އުޅުނުއިރު، މީހުން މަޖަލަކަށް ހަދާފައި، ކެމެރާއެއް އޮތަސް ފޮޓޯއެއް ނުނެގޭނެއޭ ބުނެ އުޅުނު ކަމަށް ޖައިލަމް ބުންޏެެވެ.

ޖައިލަމްގެ ފޮޓޯޝޫޓެއްގެ ތެރެއިން

"އެކަމަކު އަސްލު މިހާރު އަހަރެންނަށް އާދެވިފައި މިހުރި ހިސާބުން އާދެވޭނެ ކަމަކަށް އަހަރެންނަށްވެސް އެއިރު ހިތަކަށް ނާރާ ހާގީގަތަށް ބުނަންޏާ، ބުނެވޭނީ ހިތްވަރަކާއެކު މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ވާނެއޭ".

ޖައިލަމް ކުރިއަށް އޮތްތަނުގައި ވިސްނުން ހުރީ ފޮޓޯގްރަފީ ދާއިރާއިން ކިޔަވަންދާން ފުރުސަތު ލިބިއްޖެ ނަމަ އެކަންވެސް ކުރާށެވެ.

އޭނާ ކުރިއަށް ދަނީ މިހާރުވެސް ޝޫޓްތަކާއި އެކުގައެވެ. އެ ފުރުސަތުތައް އޭނާއަށް ލިބެއެވެ. އެހެންކަމުން އޭނާ ގަބޫލުކުރާގޮތުގައި، ކުރިއަށް ވުރެ ގިނައިން އޭނާއަށް އެ ފުރުސަތު ލިބެމުން ދިޔުމަކީއޭނާއަށް ލިބޭ ކުރިއެރުމެެވެލ

ޖައިލަމް އަށް އެންމެ ކަމުދަނީ އައުޓްޑޯ ޕޯޓްރެއިޓް ފޮޓޯގްރަފީ ކަމަށް އޭނާ ބުނެފައި ވެއެވެ.

ދާއިރާއާ މެދު ކުރެވޭ އުއްމީދު

ޖައިލަމްއަކީ މިހާރު މި ދާއިރާގައި ކުރިއަރަމުން އަންނަ މީހަކަށް ވެފައި، އޭނާ ބޭނުންވަނީ ދާއިރާގައި ދެވެން އޮތް އެންމެ ކުރިއަށް ދާށެވެ.

"އެއާ އެއްކޮށް އަދި ވަރަށް ބޭނުން އަހަރެންނަށް ދަސްވެފައި ހުރި މިންވަރަކުން މި ދާއިރާއަށް ނުކުންނަށް ކުދިންނަށް މިކަންވެސް ދަސްކޮށްދިނުން، މިހާރުވެސް ބައެއް ކުދިންނަށް ދަސްކޮށްފައި ހުންނާނެ، އެހެންވެ ވަރަށް އުފާވޭ".

ޖައިލަމް ވަނީ އޭނާ މި ދާއިރާއަށް ނެރެދީ، އޭނާއަށް ދިން ސަޕޯޓަށް ގިނަބަޔަކަށް ޝުކުރު އަދާ ކޮށްފައެވެ އޭގެ ތެރޭގައި ފައުޒާން (ކުޑޭ)، ޝަހުދާން ފޮޓޯ، ޖެރީ ގްރަފީ، ހަމޫ އާއި ޒާރްގެ ނަން ފާހަގަކޮށްފައެވެ.

ޖައިލަމް ނެގި ބޭބީ ބާތްޑޭ ފޮޓޯޝޫޓެއް

މިއީ ކުރިމަގު އޮތް ދާއިރާއެއް ކަމަށް ޖައިލަމް ގަބޫލުކުރެއެވެ. އޭނާ ބުނަނީ އެއްވެސް މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށެވެ. ޖެހޭނީ ބުރަކޮށް މަސައްކަތް ކުރަން ކަމަށް ބުންޏެވެ.

"ރާއްޖޭގައި އެބަ ހުރި ހަމަ އެކި ކަހަލަފޮޓޯސް ނެގެން، އަސްލު ދާއިރާ ވަރަށް ބޮޑު"

ޖައިލަމްގެ އިންސްޓަގްރާމް ޕޭޖް

ޔަގީނުން ވެސް ޖައިލަމްގެ ވާހަކައަކީ ފޮޓޯ ނަގަން ޝައުގުވެރިވާ ޒުވާނުންނަށް އުއްމީދުތައް ގެނެސްދޭނެ ވާހަކަތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޮޓޯގުރާފަރ

    އަހަރެންވެސް މީ ތި ދާއިރާގަ އުަޅެމުން އަންނަ މީހެއް..! އެކަމަކު އަހަންނަށް ތިހާ ސަޕޯޓިވް ބައެއް ނުލިބޭ، ވަރަށްދެރަ..!

    6
    1
    • މީރާ

      ބްރޯ. އެކްސްޕޯޝަރ އެންޑް ސަޕޯޓްއަކީ ވަކި ބަޔަކަށް ނޫސްތަކުން ދޭ އެއްޗެއް. އަހަރުމެން ނުފެތޭނެ މި މީހުންގެ މިންގަނޑަކަށް އަހަރުމެން ދަށްބަޔަކަށް ވީމަ. ކީޕް ވޯކިންގް ހާރޑް. އެކަމަކު ގިވް އަޕް ނުކުރާތި. ޔޫ ވީލް ހޭވް ޔޯ ޑޭ ޓޫ.

      1
      1