އިންޑިއާގެ މަޝްހޫރު އެކްޓަރ އަދި ކޮމޭޑިއަން ވިވެޚް މަރުވެއްޖެ އެވެ.

އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.

އުމުރުން 59 އަހަރުގެ ވިވެޚް ޗެންނާއި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ކާޑިއެކް އެރެސްޓެއް ޖެހިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ. އޭނާ ގެންދިޔައިރުވެސް ހާލު ދެރައެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ.

އޭނާ މަރުވެފައި ވަނީ މިއަދު ފަތިހު 4:35 ހާއިރު އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ އާއްމުން ބައިވެރިވި އިވެންޓެއްގައި ވެކްސިން ޕްރޮމޯޓް ކުރުމަށް ވެކްސިން ޖަހާފައެވެ.

ހޮސްޕިޓަލުން ބުނާގޮތުގައި، އޭނާއަށް ޖެހުނީ ޝޮކެކެވެ. އަދި އޭނާއަށް އެހެންވީ ވެކްސިން ޖެހުމުގެ ސަބަބުން ނޫން ކަމަށް ބޮޑަށް ބެލެވޭ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ވިވެކް އަކީ ސިއްހީ ގިނަ ކަންކަމުގައި މީހުން ހޭލުންތެރި ކުރާ އެކަކު ކަން ފާހަގަކޮށްން ޖެހެއެވެ.

އޭނާގެ ކުއްލި މަރާއެކު އެތައް ބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީވެސް ވަނީ އެކަމާއި ޓްވީޓް ކުރައްވާފައެވެ.

އޭނާ ފިލްމީ ދާއިރާއަށް ވަދެފައި ވަނީ 1987 ވަނަ އަހަރު އެވެ. އޭނާ ވަނީ ފިލްމީ ދާއިރާގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު