ސިޔާސީ މަސައްކަތަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ކާމިޔާބީއާ ހަމައަށް ދިއުމަށް އެކުވެރިން ބޭނުންވާނެއެވެ. މިފަދަ އެކުވެރިކަމުގެ މިސާލުތައް ރާއްޖެއިން ވެސް ފެނެއެވެ. ދެ އެކުވެރިން ވެރިކަން ކުރުމަކީ ވެސް ރާއްޖެއިން ފެނިގެން ދިޔަ ބޮޑު މިސާލެކެވެ. މިފަދަ ބައެއް އެކުވެރިންގެ ސިޔާސީ ދަތުރު ނިމި، ދެ ފަރާތަށް އެކުވެރިން ދާން ޖެހިފައިވެސް އެބަ ހުއްޓެވެ. އެހެން ވިޔަސް ދެ ގޮތެއް ނުވެ އެކުގައި ތިބި އެކުވެރިން ވެސް މަދެއް ނޫނެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ ސިޔާސީ ހަޔާތް ފެށްޓެވީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކުގައެވެ. ރައީސް ޔާމީނާ އެކު ސިޔާސީ ޕާޓީއެއް އުފައްދަވަން ތިން ފަހަރެއްގެ މަތިން އުޅުއްވިއެވެ. ޕީއޭގެ ފަހުން ޕީޕީއެމް، އަދި ދާދި ފަހުން ޕީއެންސީއެވެ. ހުރިހާ ހާލަތެއްގައި ވެސް އެމަނިކުފާނާ އެކު ހުންނެވި މަދު މީހުންގެ ތެރޭގައި އަދުރޭ ވާނެއެވެ.

މެންބަރު ކަމުގައި ހުންނެވިއިރުން ފެށިގެން ވެރިކަން ލިބެން ދެން ހުންނެވިއެވެ. ވެރިކަމުގައި އެތައް ގޮންޖެހުމަކާ ކުރިމަތިވި އިރު ވެސް އެމަނިކުފާނު އަރިހުގައި ހުންނެވިއެވެ. އެންމެ އަރިހުގައި ތިއްބެވި އާއިލާއާއި ޕާޓީގެ ބޭފުޅުންގެ ފަރާތުން ގޮންޖެހުންތައް އަންނަން ފެށުމުން ވެސް އަރިހުގައި އަދުރޭ ހުންނެވިއެވެ. ވެރިކަން ގެއްލިގެން، އެމަނިކުފާނު ޖަލުގެ ތޭރިތަކާ ހަމައަށް ގެންދެވުމާއެކު އެތައް ބަޔަކު ޕާޓީ ދޫކޮށްލެވިއިރު ވެސް އަދުރޭ މަޑުކުރެއްވިއެވެ.

ރައީސް ޔާމީނާއި އަދުރޭ ފުރަތަމަ ބައްދަލުވެވުނު ގޮތާއި، ރައީސް ޔާމީންއާ އެކީ ސިޔާސީ މަސައްކަތް ފެށްޓެވި ގޮތާއި، އަދިވެސް އެމަނިކުފާނުގެ އަރިހުގައި ހުންނެވި ސަބަބުތައް އަދުރޭ ވަނީ ހިއްސާކޮށްދެއްވައިފައެވެ. އަދި ޒަވާޖީ ހަޔާތާއި އަނބިކަނބަލުންނާ ބައްދަލުވި ގޮތާއި ދެ ގޮތެއް ނެތި އަނބިކަނބަލުންނާ އެކު ހުންނެވިކަމާއި ހަޔާތާއި ގުޅުން ހުރި ގިނަ ވާހަކަތަކެއް ވެސް އޭނާ ހިއްސާ ކޮށްދެވިއެވެ.

އިދިކޮޅު އިއްތިހާދުގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ރައީސް ޔާމީންއާ ބައްދަލުވި ގޮތް، އެމަނިކުފާނާ މެދު ދެކޭ ގޮތް ބަދަލުވުން

އަދުރޭ "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީންއާއި އޭނާ ފުރަތަމަ ބައްދަލުވީ 1990 ގެ ތެރޭގައެވެ. ރައީސް ޔާމީނާ ބައްދަލުވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމްގެ ފަރާތުން ކަމަށް އަދުރޭ ވިދާޅުވިއެވެ. ރަށު ފެންވަރުގައި ކެމްޕޭންތައް ކުރައްވަމުން ދިޔަ އަދުރޭއާއި ނާޒިމްއާ ދެމެދު އޭރު އެކުވެރިކަމެއް ވެސް އުފެދިފައިވެއެވެ.

ރައީސް ޔާމީންއާ ބައްދަލުވުމުގެ ކުރިން އަދުރޭއަށް ވެސް އެމަނިކުފާނާ ގުޅޭ ގޮތުން އެކި ވާހަކަތައް އިވިފައި އޮތެވެ. "ވަރަށް ބޮޑާ، ކިބުރުވެރި މީހެއް" ގޮތުގައި ފަތުރާ އެކި އަޑުތަކެވެ. އެހެން ވިޔަސް އެމަނިކުފާނާ ބައްދަލު ކުރެއްވިއިރު އެފަދަ އެއްވެސް ސިފައެއް ފާހަގަކުރެވިފައި ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ރައީސް ޔާމީނަކީ ސަކަ މިޒާޖުގެ އަދި ހަރުދަނާ އުސޫލުތަކެއް ވެސް ޤަބޫލު ކުރައްވާ ލީޑަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ނާޒިމް ވަރަށް ބޮޑަށް އެދުނީމަ ބައްދަލުކުރީ. ބައްދަލު ކުރީމަ އަޅުގަނޑު ހީކުރި ގޮތާ ވަރަށް ތަފާތު. އަޅުގަނޑަށް ވަރަށް ކަމުދާ ޝަހްސިއްޔަތަކަށް ރައީސް ޔާމީން ވެއްޖެ." އަދުރޭ ވިދާޅުވިއެވެ.

އެންމެ ދެކެން ބޭނުންވި ދުވަސް، ރައީސް ޔާމީންގެ ވެރިކަން

ރައީސް ޔާމީންއާ އެކީ ސިޔާސީ މަސައްކަތް ފެށްޓެވި ފަހުން މިއަދާ ހަމައަށް އައި އަދުރޭގެ ދިގު ސިޔާސީ ހަޔާތުގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަސް އައިސްފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެއީ ރައީސް ޔާމީން ވެރިކަން ކުރާ ދުވަހެވެ. އެއީ 1990 ގެ ތެރޭގައި އެމަނިކުފާނާ ބައްދަލުވި ދުވަހުން ފެށިގެން ވެސް އެންމެ ދެކެން ބޭނުންވި ދުވަހަކީ އެއީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީން ހުވާ ކުރެއްވި ދުވަހު އަޅުގަނޑު އެމަނިކުފާނަށް މެސެޖެއް ކުރައްވާފައި ވާނެ، ސިޔާސީ ހަޔާތުގައި އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަސް އައިސްފި، އެ ދުވަހުގެ އުފާ އިތުރަށް ބޮޑުވި ކަމަކީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ވެސް އަޅުގަނޑާ،" އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާތުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އާއި އިދިކޮޅު އިއްތިހާދުގެ ވަގުތީ ލިޑަރު އަބްދުލް ރަހީމް އަބްދުﷲ

ރައީސް ޔާމީނަކީ އެކުވެރިއެއް

ދެ ގޮތެއް ނުވެ މިއަދާ ހަމައަށް ވެސް ރައީސް ޔާމީންގެ އަރިހުގައި އަދުރޭ ހުންނެވުމުން ދެ ބޭފުޅުންނަކީ ވަރަށް ގާތް ދެ އެކުވެރިންގެ ގޮތުގައި އާންމުންނަށް މިއަދު ވަރަށް ބޮޑަށް ބެލެވެއެވެ. އެހެން ވިޔަސް އަދުރޭ ވިދާޅުވަނީ އޭނާއަކީ ރައީސް ޔާމީންގެ ހަމައެކަނި އެކުވެރިއެއް ނޫނެވެ. އެކުވެރިޔެއްގެ އިތުރުން ރައީސް ޔާމީނަކީ ސިޔާސީ މަސައްކަތުގެ ބައިވެރިއެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ ހަމައެކަނި އަޅުގަނޑުގެ އެކުވެރިއެއް ނޫން. ރައީސް ޔާމީނަކީ އަބަދުވެސް އަޅުގަނޑަށް އެންމެ ކަމުދާ ސިޔާސީ ޝަހްސިއްޔަތު، އަދި ރާއްޖެއަށް އަންނަ ބޭރުގެ ނުފޫޒުތަކަށް އެއްވެސް މިންވަރަކަށް ފުރުސަތެއް ނުދެއްވާނެ ހަމައެކަނި ލީޑަރު، އަދި ރައީސް ޔާމީން ޤާނޫނާ ޚިލާފް ކަމެއް ކުރުމަށް އެއްވެސް މީހަކަށް ނަސޭހަތެއް ނުދެއްވާނެ،" އަދުރޭ ވިދާޅުވިއެވެ.

އުއްމީދު ދޫކޮށްނުލައި ޅައިރުގެ ލޯބި ހާސިލް ކުރުން

ސިޔާސީ ހަޔާތުގައި ދެ ގޮތެއް ނުވެ އަދުރޭ ހުންނެވިއިރު އޭނާގެ ޒަވާޖީ ހަޔާތުގައި ވެސް ހުންނެވީ ދެ ގޮތެއް ނުވިއެވެ. ކައިވެނި ބައްލަވައިގަތީ އެންމެ ޅަ އިރުގައި ވެސް ބޭނުންވި ބޭކަނބަލާއެވެ. އިތުރު ކަނބަލަކާ ގުޅުމެއް ޚިޔާލެއް އަދުރޭގެ ނެތެވެ.

"އެންމެ ކުޑައިރުއްސުރެން ފެށިގެން އަޅުގަނޑު ގަސްދު ކޮށްގެން ހުރީ އޭނާއާ ނޫނީ ނުއިންނާނަމޭ، ދެން އަޅުގަނޑަށް ވަރަށް ކަމުދާ އަންހެން ކުއްޖަކަށް ވީމަ، އަޚްލާޤް ރަނގަޅު، އިޤްޞާދު ކުރަން ދަންނަ، ހަރުދަނާ މިޒާޖެއް ހުންނަނީ، ކުޑައިރުން ފެށިގެން ފެނޭ، އެހެންވެ އެ ނޫން މީހަކު ބޭނުމެއް ނުވި،" އަދުރޭގެ އަނބިކަނބަލުންނަށް ތައުރީފް ކުރައްވަމުން ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ފުރަތަމަ ރަށުން ބައްދަލުވުމުން ވެސް ލޯބި ހުށަހެޅުއްވިއެވެ. އެކަމަކު އޭރު އިންކާރު ކުރެއްވި ކަމުގައިވެއެވެ. އަދުރޭ މާލެ ބަދަލުވިތާ އަހަރުތަކެއް ފަހުން އަނބިކަނބަލުން ކިޔަވައި ވިދާޅުވާން މާލެ ބައްދަލުވިއެވެ. އޭގެ ފަހުން ވެސް އަބަދުވެސް ބައްދަލުކުރައްވައި "ލޯބިވާކަން" ތަކުރާރުކޮށް ހަނދާން ކޮށްދެއްވި ކަމުގައި އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު ކާމިޔާބު ކުރަން މި ކުރި ކަމަކީ ވީހާވެސް ގިނަ ވަގުތު އޭނާއަށް ފެންނަން ފެށީ، އޭނާ ކިޔަވަން ދާން ނުކުންނަ އިރުވެސް އަޅުގަނޑު ހުންނާނެ އެ ގޭ ދޮރު މަތީގަ، އޭނާ ކްލާހަށް އެ ދާން ޖެހާ ހިސާބަކާ ހަމައަށް ދަން، ކްލާސް ނިމޭ ގަޑީގަ އަނެއްކާ ހުންނާނެ އެ ތަނުގައި، ދެން އެހެން އުޅެމުން އޭނަ ވެސް އެއްބަސްވެއްޖެ،" އަނބިކަނބަލުންގެ ލޯބި ކާމިޔާބު ކުރަން ކުރެއްވި މަސައްކަތް އަދުރޭ ތަފްސީލްކޮށްދެއްވިއެވެ.

އިދިކޮޅު އިއްތިހާދުގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ ޅެމެއް ލިޔުއްވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޅެންވެރިކަމަށް އޮންނަ ލޯބި - ޤައުމާއި އާއިލާއަށް އޮންނަ ލޯބި

އަދުރޭއަކީ ފިސާރި ޅެންވެރިއެކެވެ. މޮޅު ޅެންތައް އަބަދުވެސް ހައްދައެވެ. ރައީސް ޔާމީންއާއި ޕީޕީއެމްގެ ގިނަ ލަވަތަކުގެ ކަނޑިތަކާއި ޅެންތައް ލިޔުއްވާފައި ވަނީ ވެސް އަދުރޭއެވެ. އަދުރޭ ވަނީ ޅެންވެރިކަމަށް އޭނާ ވަދެގެން އައި ގޮތް ވެސް ޚިއްސާ ކުރައްވައިފައެވެ.

"އޭރު ސްކޫލްގައި އޮންނާނެ ބައަތު ބާޒީ މުބާރާތް، ހިތުން ބައިތު ބާޒީ ކިޔަން ޖެހޭނީ، އެހެންވެ ބައިތު ވަރަށް ބޮޑަށް ދަސް ކުރަން ޖެހޭ، ދެން ޝައުގުވެރިކަން އުފެދުނީ ޅެން ލިޔަން، އަމިއްލަ ޅެން ލިޔަން ފެށީ، ފުރަތަމަ ލިޔުނީ ދެ ބައިތު، ތިން ބައިތު އެ ގޮތަށް، ބައިތު ބާޒީއަށް ބޭނުންވާ ވަރަށް،" އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ "ވަގުތު" އަށް ދެއްވި ބަސްދީގަތުމުގައި ލިޔުއްވި ޅެން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަދުރޭ ވިދާޅުވި ގޮތުގައި ޅެންވެރިކަމުގެ ތެރެއަށް ބޮޑަށް ވަދެވިގެން ދިޔައީ އާއިލާއާ ދުރުގައި މާލޭގައި ހޭދަ ކުރެއްވި ދުވަސްވަރުގައެވެ. ޅެންވެރިންގެ ފޮތްތައް ބައްލަވައި ޅެން ލިޔުއްވާނެ އުސޫލުތައް ވަރަށް ބޮޑަށް ދަސްކުރަން ވަގުތު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އާއިލާއާއި ޤައުމާ މެދު ކުރައްވާ ފިކުރުތައް ޅެމެއްގެ ގޮތުގައި ލިޔުއްވަން ފެށްޓެވީ ކަމަށެވެ.

"އަޅުގަނޑުގެ އެދުރަކީ ކުރީގެ ޅެންވެރިންގެ ފޮތްތައް، ރައީސް ޔާމީންގެ ނަސޭހަތްތައް، ކަސްޓަމްސްގައި މަސައްކަތް ކުރެއްވި އިރު އެ ތަނުގެ ވެރިޔެއްގެ ގޮތުގައި އޭރު ހުންނެވި ސިއްކަގެ ހަސަން މަނިކުފާނު ދެއްވި ފިލާވަޅުތައް، އެޓޯލްސް މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު މިނިސްޓަރަކަށް ހުންނެވި އުމަރު އަބްދުލް ހަމީދުގެ އިލްތިމާސްތައް، މިއީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގެ ވެސް ކާމިޔާބީގެ ފަހަތުގައިވާ ކަންކަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ހަޔާތުން ފެންނަނީ ވަރަށް އާދައިގެ ގޮތަކަށް އަތޮޅުތެރޭގެ ރަށަކުން ސިޔާސީ މަސައްކަތް ފައްޓަވާ ބޭފުޅަކަށް ވެސް ގަދައަޅައި މަސައްކަތްކޮށްފިނަމަ ސިޔާސީ ދާއިރާގެ އެންމެ އުހަށް ވަޑައިގަތުން އެއީ ކުރެވިދާނެ ކަމެއްކަމެވެ. ބޭނުންވަނީ ގަދަ ހިތްވަރާއި ވަރުގަދަ މަސައްކަތެއް ކުރެވޭ ބޭފުޅަކަށްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ނަރެލް

  އަދުރޭމެން އަދިވެސް ހާދަގަދައޭ ލުއީވޫޓަން ބްރޭންޑްގެ މާސްކެއްނޫނީ ނުވެސްއަޅާލެވޭ

  16
  2
 2. ކާފަދ

  ވާހކައިގެ 2/3 އަކީ ދޮގު

  13
  26
 3. އަލްޖިބްރާ

  ބޮޑާ ކިބުރުވެރިންނަށް ކަމުދާނީވެސް އެކަހަލަ މީހުން ! ކަލެއަކީވެސް އެހާ ބޮޑާ ކިބުރުވެރިއެއް ! ކަލެއަށް ޔާމީނު ކަމުދަނީވެސް އޭނާއަކީވެސް އެހާ ބޮޑާ ކިބުރުވެރިއަކަށް ވީމަ ! ފަލަ ސުރިޚީއަށް އަރަން ކޮންމެ މީހަކަށް ކޮންމެ އެއްޗެއްވެސް ލިއެވިދާނެ !

  16
  30
 4. ތުއްރަވާސް

  އަދުރޭ، ތި މާސްކުގެ އަގު ބުނެލަދީބަލަ

  11
  9
 5. ލ. ބަޑީ

  ކޮބާ ލ. ފޮނަދޫ އެ ސް. ޓީ. އޯ ފިހާރަ އާއި ހިންގަން ހަވާލުވެ ހުއްނެވި ދުވަ ސްވަރުގެ ވާހަކަ.. ޢަދި އައި ޖަލު ހުކުމަކުން ސަލާމަތް ކުރީ ކާކު..

  19
  8
 6. ބޮކި

  ކޮބާތަ 2 ޓިނުގެ ވާހަކަ އަދި 2 ފުލެޓް ގެ ވާހަކަ ؟

  13
  10
 7. ޓިނުކިންގް

  ޢެންމެ މުހިންމު ވާޙަކަ ނުގެނެސްދެ. ޓިނު ވާޙަކަ އަށް އަލި އަޅުވާލިނަމަ ވަރަށް ފުރިހަމަވީސް.

  5
  5
 8. ހަޖަމް

  އަދި ނެތެއްނު ނުގެނެވިފަ ކެއްކޮއްބަލަ ހުރިހާވާހަކައެއްވެސް
  ގެނެސްދޭނެ ވެންޓިލޭޓަރު ތަކުގެ ވާހަހަކައާއި ހިލޭ އެހީގެގޮތުގަ ލިބުނު އެއްޗެއްސައް ވީގޮތާ އަންނާނެ

  5
  1
 9. ފޮނަދޫ ސޮރަ

  އަބުދުގެ އަބުދުއްރަހީމަކޫ ބޮޑާ ކިބުރުވެރި އަނިޔާވެރިއެއް...ފިރުއައުނު ކައިރީ ހާމާނު އޮޅެނަހެން ޔާމީނުކައިރީ އޮޅެނަ ހާމާނު

  2
  3
 10. ވާނުވާ

  ތިމާ އެންމެމޮޅުވެގެން ކޮމަންޓް ކުރިއަކަސް ކަމަކު ނުދާނެ ކުރުގޮތަށް ބުނާނަމަ ކިޔާލަން ފަސޭހަ ކުރު ފޮނި އިންޓަވިއުއެއް.. އ ޝ

 11. ރަންނަ

  ވައްކަން ކުރުމުގަ ލިބުނު ކާމިޔާބާ ބޮދެތި އެޕާރޓްމެންޓް ތައް އެއްފަހަރާ ލާރިދައްކާ ޚަލާސްކުރި ގޮތުގެ ކާމިޔާބު ވާހަކަ ނެތީމަ ވަރަށްދެރަ