އިންސްޓަގްރާމުގެ ކުޑަކުދިންނަށް ހާއްސަ ވާޝަން ނުނެރުމަށް ދުނިޔޭގެ އެކި ހިސާބު ތަކުގައި ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ގުރޫޕުތަކުން ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް އަށް ގޮވާލައިފިއެވެ.

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން 12-6 އަހަރާ ދެމެދުގެ ކުދިން ބޭނުން ކުރުމަށް ހާއްސަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ލޯންޗް ކުރަން ނިންމާފައިވާ ކަން ވަނީ މިިދިޔަ މަހުގެ 19 ވަނަ ދުވަހު އިއުލާން ކޮށްފައެވެ. މިހާރު މި އުމުރު ފުރައިގެ ކުދިން އިންސްޓަގްރާމް ބޭނުން ކުރުމުގެ ފުރުސަތު ދީފައި ނެތް ނަމަވެސް، އުމުރު އޮޅުވާލައިގެން ކުޑަކުދިން އިންސްޓަގްރާމް ބޭނުން ކުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ. ތޭރަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ މި އެޕްލިކޭޝަން ހަދާފައިވަނީ މެސެންޖާ ކިޑްސް އެކޭ އެއްފަދައިން ބެލެނިވެރިންނަށް ކޮންޓްރޯލް ލިބޭ ގޮތަށެވެ.

ކެމްޕެއިން ފޯ ކޮމާޝަލް ފްރީ ޗައިލްޑްހޫޑް އާއި ކޮމަން ސެންސް މީޑިއާގެ އިތުރުން 100 ވަަރަކަށް ކުޑަކުދިންގެ ހައްގުތައް ހޯދުމަށް ވަކާލާތު ކުރާ ގުރޫޕުތަކުގެ މެދުގައި ކޯލިޝަނެއް ހަދައިގެން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ބަޔާންކޮށް ޒުކަބާގްއަށް ސިޓީއެއް ފޮނުވައިފައެވެ.

ބުރާސްފަތި ދުވަހު ޒުކަބާގްއަށް ފޮނުވި ސިޓިގައި ބުނެފައިވަނީ މިހާރު އާންމުން ބޭނުންކުރަމުންދާ އިންސްޓަގްރާމަކީ ކުޑަކުދިންނަށް ރައްކާތެރި އެއްޗެއް ނޫން ކަމަށާއި، ކުޑަކުދިންނަށް ހާއްސަ ކޮށްގެން އިންސްޓަގްރާމުގެ ވާޝަންއެއް ނެރުމަކީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެއީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނުވެދާނެ ކަމަށް ބުނެފައިވެއެވެ.

މި ކަންބޮޑުވުން ފާޅު ކޮށްފައިވަނީ މިހާރުވެސް މީސް މީޑިއާ ޕްލެޓްފޯމް ތަކުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރު ކުރަމުން ދާތީ، އެކުދިންނަށް ހާއްސަ އެޕްލިކޭޝަނެއް އުފައްދައިފި ނަމަ އެ މައްސަލަތައް އިތުރުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ކުޑަކުދިންގެ ހައްގުގައި ވަކާލާތު ކުރަމުންދާ ގުރޫޕުތަކުން ބުނެފައިވެއެވެ.

މި ސިޓީއާ ގުޅިގެން އިންސްޓްގަރަމްގެ ބަހެއް އަދި ހާމައެއް ނުކުރެއެވެ.