ޕްރިންސް ފިލިޕްގެ ޖަނާޒާ ނިންމުމަށްފަހު ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް އާއިއެކު ޕްރިންސް ވިލިއަން ވިސާ ކާލަސް އިން އެކުގައި ނިކުމެގެން ދިޔަ މަންޒަރު ފެނިއްޖެއެވެ. ތިން ބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާއި ވަރަށް ގާތްކޮށް ވާހަކަދައްކަވަމުން ވަޑައިގެންނެވި އިރު މިދިޔަ މަހު އޮޕްރާ ވިންފްރޭއަށް ހެރީ އާއި މޭގަން ދެއްވި އިންޓަވިއުގެ ސަބަބުން އާއިލާގެ ގުޅުން ވަނީ ގޯސްވެފައެވެ.

ނަމަވެސް ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީގެ ކާފާފުޅު ޕްރިންސް ފިލިޕްގެ ޖަނާޒާ އިން މިއަދު ފެނުނީ ގާތްކަމާއި، އާއިލީ ލޯތްބެވެ.

ޕްރިންސް ހެރީ ދާދިފަހުން ވިދާޅުވެފައި ވަނީ ޕްރިންސް ވިލިއަމް އާއި ކޮންމެވެސް ވަރެއްގެ ދުރުކަމެއް މިހާރު ހުރިނަމަވެސް ވަގުތުތައް ފާއިތުވަމުންދާ ވަރަކަށް ކަންކަން ރަނގަޅުވެގެން ދާނެކަމަށް އުއްމީދު ކުރާކަމަށެވެ.

އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ ޕްރިންސް ހެރީ އިނގިރޭސިވިލާތައް ވަޑައިގަތީ ޕްރިންސް ފިލިޕް އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ކޮވިޑާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޖަނާޒާގެ އެތެރެއިން އާއިލާގެ ހުރިހާ ބޭފުޅުން، އެއްބޭފުޅަކު އަނެއްބޭފުޅަކާއި ބައްދަލެއް ނުކުރައްވައެވެ.

ނަމަވެސް ހެރީ އާއި ވިލިއަމް އަދި ކޭޓް ޖަނާޒާ ކުރިއަށް ދިޔައިރު ވެސް ތިއްބެވީ ކައިރިކައިރީގައެވެ. އެބޭފުޅުން ތިއްބެވީ އެއްބަބްލްއެއް ގޮތުގައެވެ.

ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އިނގިރޭސިވިލާތައް ވަޑައެއް ނުގަންނަވައެވެ. އެއީ މޭގަން މިހާރު ދެވަނަ ދަރިފުޅަށް ބަލިވެ އިންނެވުމުން މިދުވަސްކޮޅު ދަތުރު ކުރުން އެއީ ރައްކާތެރި ކަމަކަށް ނުވާތީއެވެ.

ހެރީ އާއި މޭގަންގެ އިންޓަވިއުއިން އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ ހެރީ އާއި މޭގަން އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅުނުއިރު ޝާހީ އާއިލާގެ މެންބަރަކު ނަސްލީ ގޮތުން އެދަރިފުޅާއި ދިމާކުރި ކަމަށް ހެރީ އާއި މޭގަން ވިދާޅުވުމުން އެކަމަށެވެ. ހެރީ އާއި މޭގަން ވިދާޅުވީ ނަސްލީ ގޮތުން ދަރިފުޅާއި ދިމާކުރީ ރާނީ އެލިޒަބަތާއި ޕްރިންސް ފިލިޕް ނޫން ކަމަށެވެ. ނަމަވެސް އެއީ އާއިލާގެ ކޮން މެންބަރެއްކަން ހާމައެއް ނުކުރެއެވެ.