ރޯދަމަހަކީ މުސްލިމުންނަށް ކުރިމަތިވާ މުޙިންމު އިމްތިޙާނެކެވެ. އެއީ ދުވާލުގެ ވަގުތުގައި ކެއިންބުއިމާއި ދުރުހެލިވެ ކެތްތެރިކަން އިސްކުރަން ޖެހޭ މައްސަރެވެ. އެތައް ގިނަގުނަ ފައިދާތަކާއި ދަރުމައެއް ލިބިދެނިވި ފުރުސަތެކެވެ. އެހެންކަމުން މި މައްސަރުގައި ޚާއްސަ ގޮތެއްގައި ރޯދަ އަށް ހުރުމާއެކު އަޅުކަމުގައި ގިނަވަގުތު މަސްއޫލުވެ އުޅުމަކީ ދެދުނިޔޭގެ އުފާވެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.

ރޯދައަށް ހުންނަ ވަގުތުގައި ވަރުބަލިވުމާއި ކަރު ހިއްކުމާއި ބަނޑުހައިހޫނުކަން އިޙްސާސްވުމަކީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަމެކެވެ. އެހެންނަމަވެސް ރޯދައަށް ހުންނަ ވަގުތުތަކުގައި އަތްފައިން މަސައްކަތް ނުކުރެވޭހައި "ހާލުބޮޑުވުމުން" ދުރުކޮށްދޭނެ ގޮތްތައް ދަތުމަކީ މުޙިންމު ކަމެކެވެ. މިފަހަރު މި ބަލައިލަނީ، މިގޮތުން ރޯދަވެރިޔާ ރޯދައަށް ހުންނަ ވަގުތުތަކުގައި ހަކަތަ ހިފަހައްޓައި، ވަރުބަލިކަން ކުޑަކުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ރޯދަމަހު ރޯދައަށް ހުންނަ ވަގުތުގައި ހައިހޫނުކަމާއި ކަރުހިއްކުން ބޮޑުވުމާއެކު މާބޮޑަށް ވަރުބަލިވުމުން ދުރުކޮށްދޭތޯ ގިނަ ބަޔަކު، ރޯދައަށް ނުހުންނަ ވަގުތުތަކުގައި މާގިނައިން ކެއުމަށް އާދަކުރެއެވެ. އެހެން ނަމަވެސް އެއީ ބައެއް ހާލަތްތަކުގައި އެކަމުގެ ސަބަބުން ހަށިގަނޑާއި ސިއްޙަތަށް ނުރަނގަޅު އެތައް އަސަރުތަކެއް ކުރުވަފާނެ ކަމެކެވެ. އެހެންކަމުން ރޯދަމަހު ކެއުންބުއިމުގެ ކަންކަން އެންމެ އެދެވިގެންވާ ގޮތުގައި ބައްޓަން ކުރުމަކީ މުޙިންމު ކަމެކެވެ.

ރޯދައަށް ހުންން ވަގުތުތަކުގައި ހަކަތަ ދަށްވެ ވަރުބަލިވުމާއި ދުރުވުމަށް އެދޭނަމަ އެންމެ މުޙިންމު އެއް ކަމަކީ ހަށިގަނޑަށް ފައިދާހުރި ކެއުންތައް އިޚްތިޔާރު ކުރުމެވެ. ރޯދަ ވީއްލާ ވަގުތު މާގިނައިން، ތެޔޮ އެކުލެވޭ ކެއުންތަކާއި ގިނައިން ފެޓް އެކުލެވޭ ކާބޯތަކެތި ބޭނުން ކުރުމަކީ ހަށިގަނޑުގެ ހަޖަމްކުރާ ނިޒާމުގެ ހިނގުމަށް އަސަރު ކުރާ ކަމެކެވެ. ސޮސެޖާއި ތެލުލާފައި ހުންނަ މަހުގެ ބާވަތްތަކާއި ރެޑީމޭޑް ސޫޕް ފަދަ ތަކެއްޗަކީ މިގޮތުން ނުރަނގަޅު އަސަރުތަކެއް ކުރުވަފާނެ ބާވަތްތަކެވެ.

ހަމަ އެހެންމެ ރޯދަ ވީއްލާ ވަގުތު މާ ފޮނިގަދަ ބުއިންތަކާއި ފިޒީ ބުއިންތައް އިޚްތިޔާރު ކުރުމަކީ ގޯހެކެވެ. މިފަދަ ބުއިންތަކަކީ ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމެއްގެ އިތުރުން، ރޯދައަށް ހުންނަ ވަގުތު މާބޮޑަށް ހައިހޫނުކަން އިޙުސާސްވުމަށްވެސް މެދުވެރިކުރުވާ ތަކެއްޗެވެ. އެހެންކަމުން ބުއިންތަކުގެ އިތުރުން ފޮނި ކާތަކެތި ރޯދަމަހު، ޚާއްސަ ގޮތެއްހައި ރޯދަ ވީއްލާވަގުތު ބޭނުން ކުރުމަކީ ގެއްލުންހުރި ކަމަކަށް ވެދާނެއެވެ.

ހަމައެހެންމެ ކެފެއިން ގިނައިން އެކުލެވޭ ބުއިމަކީވެސް ހަށިގަނޑު ޑީހައިޑްރޭޓް ކުރުމަށް މެދުވެރިވާ ކަމެކެވެ. އެފަދަ ބުއިންތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ފެނުގެ މިންވަރު ދަށްކޮށްލައެވެ. އެހެންކަމުން ރޯދައަށް ނުހުންނަ ވަގުތުތަކުގައި ގިނައިން ކެފެއިން އެކުލެވޭ ބާވަތްތައް ބުއިމަކީ، ރޯދައަށް ހުންނައިރު ވަރުބަލިކަން އިތުރުވެދާނެ ކަމެކެވެ.

އިންސާނާގެ ހަށިގަނޑަށް ކޮންމެ 24 ގަޑިއިރެއްގައި 12 ތަށި ފެން ބޭނުންވެއެވެ. ނަމަވެސް ރޯދަމަހު މި ޢަދަދު ހަމަކުރުމަށް އެހެން ގޮތްތަކެއް ހޯދަން ޖެހޭނެއެވެ. ބައެއް މީހުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމުގެ މަޤުސަދުގައި އެއްފަހަރާ މާގިނައިން ފެން ބުއިމަށް އާދަކުރެއެވެ. އެހެން ނަމަވެސް އިންސާނާގެ ކިޑްނީއަށް ލިބިފައި ވަނީ ގަޑިއަކު އެއްލީޓަރުގެ ފެން ފިލްޓާކުރުމުގެ ޤާބިލްކަން ކަމުން، މިގޮތަށް ފެން ބުއިން ވާނީ ބޭކާރު ކަމަކަށެވެ.

އެހެންކަމުން ރޯދައަށް ނުހުންނަ ވަގުތުތަކުގައި، ނުވަތަ ހާރު ކައިގެން ވެސް ފެން ބޯންވާނީ ލަސްލަހުންނެވެ. ކޮންމެ އެއްތަށި ނުވަތަ ދެތަށި ފެން ބުއިމަށްފަހު ގަޑިއެއްހާއިރު މަޑުކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ރޯދަ ވީއްލާ ވަގުތުން ފެށިގެން، ޖެހިގެން އަންނަ ދުވަހު ރޯދައަށް ހުރުމަށް ނިޔަތްގަތުމާއި ހަމައަށް އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތީން ބުއިންތައް ބަހާލައިގެން ބުއިމަކީ އެކަމުގެ ފައިދާހުރި ގޮތެވެ.

ރޯދަ ވީއްލާ ވަގުތު މާގިނައިން ފެންބުއިމަކީވެސް ރަނގަޅު ކަމެއް ނޫންކަން ސިއްޙީ ހޯދުންތައް ހެކިދެއެވެ. ތަޖުރިބާކާރުން އިރުޝާދުދޭ ގޮތުން އެންމެ ރަނގަޅީ ރޯދަ ވީއްލާ ވަގުތު އެއްތަށި ނުވަތަ ދެތަށި ފެން ބުއިމެވެ. އޭގެފަހުން ކޮންމެ އެއްގަޑިއިރަކުން ފެންތައްޓެއް ބުއިމަކީ މުޙިންމު ކަމެކެވެ.

ރޯދަ މަހު ކެއިންބުއިމުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގިނައިން ހިމެނުމަށް ސިއްޙީ ތަޖުރިބާކާރުން އިރުޝާދު ދެއެވެ. އެއީ އެކަމުގެ ސަބަބުން ޖެހިގެން އަންނަ ދުވަހު ރޯދައަށް ހުންނަ ވަގުތުތަކުގައި މާބޮޑަށް ވަރުބަލިވުމާއި ހައިހޫނުކަން އަދި ކަރުހިއްކުން އިތުރުވުމުން ދުރުކޮށްދޭނެ ކަމަކަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަމާރު

    މިލިޔުމުގައި މި ބުނެދިން ކަންތައް ތަކަކީ އެއްވެސް ޔަގީންކަމެއްނެތް ކަންތައް ތަކެއް. ބުނެދީފައި ހުރީ ވެދާނެކަަމަށް. ކަމެއް ވެދާނެ ކަމަކީ އަދި ކަމެއް ވުމެއްނޫން. ކުރެވޭލަފައެއް. ވީމާ ނުވެވެސް ހިނގައިދާނެ.