17 އޭޕްރީލް ގައި ގެނެސްދިން ބައި

ނިހާ ދޭނެ ޖަވާބަކަށް އިންޝާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރިއެވެ. ނަމަވެސް ނިހާ ހުރީ ދޭނެ ޖަވާބެއް ނޭނގިފައި އިންޝާއަށް ބަލަހައްޓައިގެންނެވެ.

"ތެދަށް ބުނެބަލަ. ނިހާ ހެޔޮނުވާނެ!" އިންޝާ އާދޭހާއެކު ބުންޏެވެ. "ކޮންމެވެސް އެއްޗެއް ބުނެބަލަ.. އާނއެކޭ ނުވަތަ ނޫނެކޭވެސް ބުނެބަލަ! އަހަންނަށް މި ހީވަނީ ރަނގަޅަށްތަ؟"

އާނއެކޭ ބުނެގެން އިންޝާ ރޮއްވާލާކަށް ނިހާގެ ހިތެއް ނޭދެއެވެ. ނޫނެކޭ ބުނާ ހިތެއް ވެސް ނުވިއެވެ. ނަޒީލްކަހަލަ ގޮތްކުޑަ ފިރިހެނަކަށް އިންޝާ ކަހަލަ މާތް އަންހެނެއް އެކަށީގެނެއް ނުވެއެވެ. އިންޝާ އަމިއްލަ ފިރިމީހާއަށް ޝައްކުކުރާނީ ވެސް ކޮންމެވެސް ކަމެއްވީމައޭ ނިހާގެ ހިތަށް އެރިއެވެ. ކޮންމެވެސް ހަޤީޤަތެއް އެނގޭތީއެވެ. އޭނާއަށް ނަޒީލްގެ ފަރާތުން އެކަހަލަ އިޝާރާތެއް ނުވަތަ ކަމެއް ފެނިފައި އޮތީކަމަށް ވެދާނެއެވެ. އިންޝާ ނިހާގެ އަތުގައި ހިފައި ބާރުކޮށްލިއިރު އޭނާއަށް ނިހާ ވެސް ފެންނަނީ ފުސްކޮށެވެ. ނިހާ މަޑުމަޑުން ބޯ ޖަހައިލިއެވެ.

"އަހަންނަށް އޭރުވެސް ހީވިޔޭ." އިންޝާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަށް އޮހޮރިގަތެވެ. "އެވާނީ ހަމަ ނަޒީލަށޭ.. އޭނަގެ ނިޔަތް ގޯސްކަން މަށަށް ކުރިންވެސް އެނގޭ. އެހެންވެޔޭ މިކިޔަނީ ފައިރޫޒާ އިންނާށޭ. މި ގެއިން ދާށޭ! އަހަރެން ނިހާ ލޯބިވާ މީހާއާ ދުރުކުރަން ބޭނުންވަނީއެއް ނޫނޭ! ބޭނުންނުވޭ ނިހާއަށް ދެރައެއް ލިބޭކަށް. ކިހާ ގޯސް ނަޒީލް."

ފައިރޫޒް އާ ކައިވެނިކުރުމަށް އިންޝާ ބާރު އެޅި ސަބަބު އެނގުމުން ނިހާވެސް ފެންކަޅިވިއެވެ. އިންޝާއަކީ އޭނާއަށް ހެޔޮ އެދޭ ރަޙްމަތްތެރިޔެކެވެ. އިންޝާ ބޭނުންވީ ނިހާ އެގެއިން ފޮނުވާލައިގެން ނަމަވެސް ނަޒީލްގެ ކިބައިން ސަލާމަތްކުރާށެވެ. އެގޭގައި އުޅެގެން ނިހާއަށް ސަލާމަތެއް ނެތްކަން އިންޝާއަށް ވިސްނުނީއެވެ.

އިންޝާ ދެއަތް ހިއްލާލަމުން މާފަށް އެދުނެވެ. ނިހާ އެ ދެއަތުގައި ހިފައި ތިރިކޮށްލީ މާފަށް އެދެން ނުޖެހޭނެކަމަށް ބުނަމުންނެވެ.

ނަޒީލް ގެއިން ނުކުންނަނިކޮށް ގޭޓު ކައިރީ ތިބި އިންޝާއާއި ނިހާ ފެނުމުން ހުއްޓުން އެރިއެވެ. ދެ މީހުން ވާހަކަތަކެއް ދައްކަމުން ދިޔަކަން އެނގުމާއެކު އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެ މީހުން އެކަހެރިވެގެން ތިބެ އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ނިހާ އޭނާގެ ހަޤީޤަތް ކިޔާ ދެނީ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ނަޒީލަށް ހިނގައި ގަނެވުނެވެ. ނިހާއަށް ނަޒީލް އަންނަތަން ފެނުނެވެ. އަވަސްއަވަހަށް އޭނާ ދެލޯ ފޮހެލިއެވެ. އިންޝާ ގާތު ނަޒީލް އަންނަ ވާހަކަ ބުނެލިއެވެ. ވަގުތުން އިންޝާ ދެއަތުން ކަރުނަތައް ފުހެލަމުން ކަރުނަތައް ހިންދާލިއެވެ. އިންޝާ އެނބުރި ގެޔާ ދިމާއަށް ހިނގައި ގަތެވެ. އޭނާ ނަޒީލާ އަރާ ހަމަވެފައި ގަދަކަމުން ހިނިތުންވެލީ ޝައްކުވެދާނެތީއެވެ. ނަޒީލަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނިހާ އެއްވެސް ވާހަކައެއް ނުދައްކަނީކަމަށް ޔަޤީންކުރިއެވެ. އިންޝާ މަޑުކުރާކަށް ނުހަދައެވެ. ދިޔަގޮތަށް ދިޔައީއެވެ.

ނަޒީލް ބަލާލީ ނިހާއަށެވެ. ފައިކޮޅުން ފެށިގެން ބޮލާ ހަމައަށެވެ. ނަޒީލް ވަކި ދިމާއަކަށް ނަޒަރު ހުއްޓުވާލިކަން ނިހާއަށް ފާހަގަވިއެވެ. ނަޒީލް ތުންފަތުގައި ބޮޑުވާ އިނގިލި ކާތައިލުމާއެކު ނިހާ ރުޅި ވެސް ގަދަވިއެވެ. ހާދަހާވާ ލަދުކުޑަ ފިރިހެނެކެވެ. ދަރި މިހުރީ ބަފަޔަށްވުރެ އެއް ދަރަޖަ ކުރީގަ ކަންނޭގެއެވެ. އަދިވެސް ނިހާއަށް ޤަބޫލުކުރަން އުނދަގުލެވެ. ނަޒީލް އެ ވައްތަރަށް އެ ތެޅެނީ އިންޝާ ފަރާތުން ކޯއްޗެއް ނުލިބޭތީ ހެއްޔެވެ؟ ނިހާ ބާރު ހިނގުމެއްގައި ނަޒީލް ހުރަސްކޮށްފައި ދިޔައީ ހިތުން ވަރަށް އެއްޗެހި ކިޔަމުންނެވެ.

ނިހާ ކޮޓަރިއަށް ވަދެ ހަމަޖެހިލުމާއެކު ފޯނު ވައިބްރޭޓް ވާން ފެށިއެވެ. އަތް ދަބަހުން ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ސޭވްކޮށްފައި ނުވާ ނަންބަރަކުންނެވެ. އެއީ ޔަޒީދުގެ ނަންބަރުކަން ނިހާއަށް އެނގުމާއެކު ފޯނުނެގިއެވެ.

"އިބްރާހީމްބެ ބުނެގެން ވާހަކައެއް ބުނަންވެގެން." ޔަޒީދު ބުންޏެވެ.

"ބުނެބަލަ!" ނިހާ ފޫހިވެފައި ހުރެ އެހިއެވެ. "ކޮންވާހަކައެއް؟"

"އިބްރާހީމްބެ ބުނީ ނިހާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭނެކަމަށް." ޔަޒީދު ބުންޏެވެ. "ހަމަ ހަޤީޤަތުގައި ވެސް ޖިންނިއެއް ވަނީ ތަވީދުގެ ބާރުގެ ބޭނުންކޮށްފައިކަމަށް.. އެހެންވީމާ ނިހާ އެ ޖިންނީގެ ކިބައިން ސަލާމަތްވާން ފިޔަވަޅު އަޅަން ނަސޭޙަތްތެރިވުމަށް އެދުނީމަ މި ގުޅައިލީ."

"އިބްރާހީމްބެ ކައިރީގަ ބުނެލާ ޝުކުރިއްޔާއޭ." ނިހާ ފޯނު ކަނޑައިލިއެވެ.

ޔަޒީދު ދެއްކި އެއްވެސް ވާހަކައެއް ނިހާ ޤަބޫލެއްނުކުރެއެވެ. އިބްރާހީމްބެއަކީ ސިހުރުވެރިކަމަށް ކިތަންމެ މޮޅު މީހެއް ނަމަވެސް އެއީ އިތުބާރުކުރަން ހެޔޮވާވަރު މީހެއްނޫނެވެ. އަހަރުތަކެއް ކުރިން އިބްރާހީމްބެ ކުޑަ އަންހެން ކުއްޖަކާ ބެހިގެން ޖަލަށް ވެސް ލެވުނެވެ. އެ އަންހެން ކުއްޖާގެ ބައްޕައާ ގުޅިގެން އަންހެން ކުއްޖާއަށް ސިހުރު ހަދައިގެން ހަށިވިއްކަމުން ދިޔަކަން އެއީ އެރަށު އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. އެއީވެސް އިބްރާހީމްބެ ފައިސާ ހޯދުމަށް ކުރިކަމެކެވެ. މިހާރު ނިހާ އަތުން ބާވީސްހާސް ރުފިޔާ ބޭކާރުކުރެވިއްޖެއެވެ. އިތުރަށް އެންމެ ރުފިޔާއެއް ވެސް ޚަރަދުކުރާކަށް ނިހާ ބޭނުމެއް ނޫނެވެ. އެކަހަލަ މީހެއްގެ ކައިރިން އެހީއަށް އެދެވުނުކަން އެއީ ނިހާގެ މޮޔަކަމެވެ.

ނިހާ ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ޔުނިފޯމް ބަދަލުކުރުމަށް އަވަސްވެގަތެވެ. ޔުނިފޯމް ބޭލުމަށް ހިއްލާލުމާއެކު މީހަކު ދޮރު ހުޅުވާލި އަޑަށް އަވަހަށް ތިރިކޮށްލެވުނެވެ. ދޮރުމަތީގައި ހުރީ ނިކާލެވެ.

"ނިކް ޓަކިޖަހަން އާދަކޮށްބަލަ." ނިހާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. "ނަސީބެއްނު."

"އެއްވެސް ތަނެއް ނުފެނުނުކަން." ނިކާލް ހީގެންފައި ޖުމްލަ ފުރިހަމަކޮށް ދިނެވެ. ނިހާ ލަދުން ގޮސް މުޅި މޫނު ރަތްވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާއަށް މަޑުމަޑުން ހީނލެވިއްޖެއެވެ.

"އަބަދުވެސް ތިހެން ހެވިފަ ހުރެބަލަ." ނިހާގެ ލުއި ހުނުމުގެ ސަބަބުން ނިކާލްގެ ހިތަށް ފިނިކަން ލިބުނެވެ.

"ސުވާލެއް ކޮށްލަންތަ؟" ނިކާލް އެހިއެވެ. ނިހާ ވަގުތުން ހިމޭންވިއެވެ.

"ކީއްކުރަން ތިއައީ؟" ނިހާވެސް ކުރީ ސުވާލެކެވެ. ނިކާލް އައީ ރޭގެ ހާދިޘާގެ ވާހަކަ ދައްކަންކަން ނިހާއަށް ޔަޤީނެވެ.

"ކާކުކަން ބުނޭތޯ؟"

"މިގަޑީގަ ތިވާހަކަ ދައްކާކަށް މޫޑެއް ނެތް." ނިހާ އެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ނިހާ އުޅުނީ ދޮރު ލައްޕާށެވެ. ނަމަވެސް ނިކާލް ދޮރުގައި އަތްޖައްސާލަމުން ވަނީ އެތެރެއަށެވެ.

"މަށަށް އެނގިއްޖެއޭ އެއީ ކާކުކަން." ނިކާލް ހަރުކަށި ރާގެއްގައި ބުނެލިއެވެ. ނިހާ ކަންބޮޑުވިއެވެ. ހަމަ ހަޤީޤަތުގައި ވެސް ނިކާލަށް އެނގުނީ ހެއްޔެވެ؟ ނިކާލް އިތުރު އެއްޗެއް ބުނޭތޯ ނިހާ ބަލަހައްޓައިގެން ހުއްޓެވެ.

"އެ ބުއްޑާ ގަނޑެއްނުން." ނިކާލް ބުންޏެވެ. "މިގޭ ސެކިޔުރިޓީ ބަލަހައްޓަން އިންނަ މުސްކުޅި މީހާ."

ނިކާލް އެހެންބުނެފައި ނިހާއާ ހަތަރުކަޅި ސީދާކޮށްލިއެވެ. ނިހާގެ މޫނަށް ވެރިވި ހައިރާންކަމުގެ ކުލަވަރު ފެނިފައި ނިކާލަށް ހީނގަނެވުނެވެ. ނިކާލް ކުރީ ސަމާސާއެއްކަން އެނގުނީ ދެނެވެ. ނިހާ ރުޅިއައިސްގެން ނިކާލްގެ ކޮނޑުމަތީގައި ތަޅައިގަތެވެ.

"އެހެންނު ބުނާނީ އޭނާއަކަށް ނޭގުންވިއްޔަ މީހަކު ވަންކަމެއް ވެސް." ނިކާލް ނިހާގެ އަތުގައި ހިފަހައްޓައިލިއެވެ. "ޑިއުޓީއަށް އައިސް ވެސް ނިދުން އޭނަގެ ކަމަކީ."

ނިކާލް ނިހާއާ ވާހަކަދައްކަން އިނދެފައި ދިޔަފަހުން ޞަފިއްޔާ އަޔެވެ. ޞަފިއްޔާ ވެސް ކުރީ ހަމަ ނިކާލް ކުރި ސުވާލެވެ. ނުދަންނަ މީހެއްކަމަށް ބުނެ ނިހާ ޞަފިއްޔާ ގާތުގައި ދޮގުހެދިއެވެ. ޞަފިއްޔާ ކަންބޮޑުވެފައި ހުރެ ނިހާ ގާތުން އެދުނީ ނިދުމުގެ ކުރިން ދޮރުތައް ލެއްޕުމަށެވެ. ރަނގަޅަށް ތަންޑު އެޅުވުންތޯ ޔަޤީންކުރުމަށެވެ. މިޒަމާނުގައި އަންހެނުންގެ އިއްފަތްތެރިކަން ނަގާލަމުންދަނީ އެއްވެސް ރަޙްމެއްނެތިކަމަށް ބުންޏެވެ. އެކަމުގައި ކުޑައެއް ބޮޑެއް ނެތެވެ. މިއީ ބައްޕައިން ވެސް އަންހެންދަރިންނަށް އެފަދަ އަނިޔާ ދޭން ޖެހިލުންނުވާ ޒަމާނެކެވެ. ނިހާއަށް އެފަދަ ގޮތެއް މެދުވެރިނުވުމުން ޞަފިއްޔާ ހަމްދުކުރިއެވެ. ނަމަވެސް ނިހާ އެކަންކަމަށް ސަމާލުވެ ފިޔަވަޅު އަޅަންޖެހޭކަމަށް ބުނެ ނަސޭޙަތްދިނެވެ. މަންމައެއް ފަދައިން ނިހާގެ ބޮލުގައި ފިރުމަމުން ޞަފިއްޔާ ހިތްވަރުވެސްދިނެވެ.

ސުނޯހައުސް ގޭ އެންމެން ނިހާއަށް ހަމްދަރުދީވެފައި ވާހަކަ ދެއްކިއިރު ވެސް އިލްހާމް އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ހުރީ ނިހާދެކެ ރުޅިއައިސްފައެވެ. ފޫހިވެފައެވެ. ފައިރޫޒާއި ނިހާގެ ކައިވެނި ހަމަޖެއްސުމުން ނިހާ ކުޅޭ ޑްރާމާގަނޑެއް ކަމަށް އިލްހާމް ދެކުނެވެ. ނޫނީ އިލްހާމް ބޮލުގައި އެ ތުޙުމަތު އެޅުވުމުގެ ބޭނުމުގައި ކުރާކަމެކޭ ވެސް އޭނާގެ ހިތަށް އެރިއެވެ. ސަފީނާގެ މަރުގެ ބަދަލުހިފަން އެފަދަ ކަމެއްވެސް ނިހާ ކޮށްފާނެއެވެ. އިލްހާމް އެޚިޔާލުގައި ހުރެ ހާމަފެންޑާއަށް ދިޔައިރު ނިހާ ވާހަކަ ފޮތެއް ހިފައިގެން އެތަނުގައި ހުއްޓެވެ.

"ކަލޭ ކޮންހާ ޑްރާމާއެއް ތިކުޅެނީ." އިލްހާމްގެ އަޑު ނިހާއަށް އިވުނެވެ. ނިހާ ވާހަކަ ފޮތް ލައްޕާލަމުން ބަލާލިއެވެ.

"ދޮގު ހަދައިގެން މޮޅެތި ކުޅިގަނޑުތައް ކުޅުނަސް ކަލެޔަށް ޖެހޭނީ ފައިރޫޒްއާ އިންނަން." އިލްހާމް ގޮސް ރެއިލިންގ ކައިރީ ހުއްޓިލިއެވެ.

"ތިބޭފުޅާގެ ތިވިސްނުމަށް މަށެއް ހައިރާނެއް ނުވޭ." ނިހާ ވާހަކަ ފޮތް ހުޅުވައިލަމުން ބުންޏެވެ. "އެހެންނުން ވާނީ ތިބޭފުޅާގެ ދިރިއުޅުމުގަ އޮންނަނީ ހުސް ކުޅިގަނޑު ވިއްޔަ. މަށެއް ދޮގެއް ނުހަދަން."

"މަށަށް ޔަޤީންވާކަމަކީ ކަލޭ ކޮޓަރިއަށް އެއްވެސް މީހަކު ނުވަންނަކަން." އިލްހާމް ހަރުކަށި ރާގަކަށް ބުނެލިއެވެ. "މިގެއަކީ ސެކިޔުރިޓީވެސް ހުންނަ ގެއެއް."

"ގޭތެރެއިން މީހަކު މަގަޔަށް އަރަން އުޅުނީމަ ސެކިޔުރިޓީ އަކަށް ވެސް ނޭނގޭނެ." ނިހާ ބޭނުންވީ އިލްހާމް ރުޅި އަރުވާށެވެ.

"މަށަށް އޭރުވެސް އެނގޭ ކަލޭ ތިކަން ކަނޑަން ތިއުޅެނީ މަގޭ ބޮލަށްކަން." އިލްހާމް މަލާމާތްކުރާ ވައްތަރަށް ހީނލިއެވެ. "ކަލޭ އަމަޔަށް ވީގޮތް ހަނދާންކުރާތި! މިގޭގަ ނޫޅޭނެ ކަލޭ ތިހަދާ ދޮގު ޤަބޫލުކުރާނެ މީހެއް."

"އައްޗި. ތިކަހަލަ ވިސްނުމެއް މަގޭ ނެތް." ނިހާ ޗޮކެއްކަނޑައިލައިފައި ބުންޏެވެ. "އަދި ބުނަންތަ ވާހަކައެއް މަގޭ ގަޔަށް އަރަން އުޅުނީ ކަލޭގެ ދަރި ނަޒީލް."

އިލްހާމްގެ އައިސްފައިހުރި ރުޅިގަނޑު ސަތޭކަޔަށް އެރިއެވެ. އޭނާ ދެދަތްޕިލަ ފިއްތާ ބާރުކޮށްލިއިރު ތުރުތުރު އަޅައެވެ.

"ލަދުކުޑަ އަންހެނާ!" އިލްހާމްގެ ދެލޮލުން އަލިފާންކަނި ބުރުވައިލިއެވެ. "ކަލޭގެ ދޫ ހިމޭނުން ބާއްވާ! ކަލޭ ތީ ކާކުތަ ނަޒީލް ކަލޭ ގަޔަށް އަރާކަށް. ނަޒީލް ކަލެޔާ ވައިވެސް ނޭޅޭނެ."

"ކީއްވެތަ މަގަޔަށް ނަޒީލް ނާރަންވީ." ނިހާ ޅަގޮތަކަށް އަހައިލިއެވެ.

"ކަލޭ މަގޭ ދަރިންގެ ދިރިއުޅުމާ ކުޅެން ނުހަދާތި." އިލްހާމް ނިހާގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފައިލަމުން އިންޒާރުދިނެވެ. "މަމީ ނުބައި މީހެއްކަން އަންގާލާނަން! މަގޭ ދަރިންގެ ބޮލުގަ ތުހުމަތުތައް އަޅުވާނެކަމެއް ނެތް! މަގޭ ދަރިން ތިފާޑަކަށް ނޫޅޭނެ."

"ނޫޅެންވީ ކީއްވެގެންތަ؟ ނަޒީލަކީ ކަލޭގެ ލެޔެއްނޫންތަ؟ އެހެންވީމަ ބަފާގެ ހުންނަ ގޮތްކުޑަކަން ދަރިންނަށް ވެސް ވާރުތަކުރާނެ." ނިހާ އިލްހާމްގެ އަތް ފޮޅުވާލަމުން އެތަނުން ދިޔައެވެ. އިލްހާމް ރެއިލިންގ ގައި ބާރަށް ހިފަހައްޓައިލަމުން ހަމަޖެހެވޭތޯ މަސައްކަތްކުރިއެވެ. އޭނާ ބިރުން އުޅުނު ހުރިހާކަމެއް ވަނީއެވެ. އެގޮތްކުޑަ ކުއްޖާ އެ ހިފަނީ ހަމަ ބަދަލެވެ. ސަފީނާގެ މަރުގެ ބަދަލެވެ. ނިހާއަށް ވަރުގަދަ ފިލާވަޅެއް ނަގައިދޭންވީއެވެ. ނޫންނަމަ އިލްހާމް މުޅިން ބަރުބާދުވެދާނެއެވެ.

ބާބު- 09 ޝިކާރަ

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އުޑުމެދުގައި ރަސްކަންކުރަމުން ދިޔަ ސާދަވިލޭރޭގެ ބޮޑު ހަނދުގެ ސަބަބުން ސުނޯހައުސް ގޯތިގެ ގަސްތައް ތެރެއިން އަލިކަން ފެނެއެވެ. މުޅިތަނަށް އޮތީ ކޮކާހަނދުވަރު ދީފައެވެ. ގަޑިން 12:30 ވީއިރަށް ބޯގަންވިލާ ގަސްބުޑުން ކަޅު ދުން ނުކުންނަން ފަށައިފިއެވެ. ދުންތައް ސުނޯހައުސް ބޮޑު ދޮރުގެ ދަށުން ދެމިގެން ދިޔުމަށްފަހު މިސްރާބު ޖެހީ ނިހާ ކޮޓަރިއާ ދިމާއަށެވެ. ނިހާ ކޮޓަރި ދޮރުމައްޗަށް ފެތުރުނު ދުންގަނޑުގައި މަޑުމަޑުން އިންސާނެއްގެ ބައްޓަން ޖެހުނެވެ. ދުންގަނޑުގެ ފައިތިލައިން ފެށިގެން ކަޅު ކެހެރިތައް ނުކުންނަން ފެށިއެވެ. އެ މަޙްލޫޤުގެ އަސްލު ސިފައަށް ބަދަލުވަމުން ދިޔައެވެ. ނަމަވެސް އުނަގަނޑާ ހިސާބަށް ބަދަލުވެފައި ހުއްޓުނެވެ. އުނަގަނޑުން މަތި ހުރީ ކުރިން ވެސް ހުރިގޮތަށެވެ. ކަޅު ދުމުގެ ސޫރައެއް ގޮތަށެވެ. އެ މަޙްލޫޤުގެ ކަޅުކެހެރިން ފުރިފައިވާ ފައިތިލަ ބިންމަތީގައި ޖެހުމާއެކު ދުންތައް ވިއްސިވިހާލި ވެގެން ދިޔައެވެ. އިސާހިތަކު ހުރިހާ ދުމެއް އެއްތަނަކަށް ޖަމާވެ ނިހާގެ ކޮޓަރި ދޮރު ދަށުން ދެމިގަތެވެ.

ނަޒީލް ނިތްކުރި މަތީ އަތް ބާއްވާލައިގެން ވިސްނަން އޮތެވެ. ފުރާވަރަށް އެރީންސުރެ ނަޒީލް އައީ ނިހާއަށް ކަޅި އަޅަމުންނެވެ. އެމާ އެހެން މީހަކު ބިނދެލުމުގެ ކުރިން އޭނާ އެމަލުގެ ފޮނިކޮޅު ބޯލަން ހިތުއެޅިއެވެ. ނަމަވެސް އެފަދަކަމެއް ކުރާނެ ހިތްވަރު ނަޒީލަށް ނުލިބުނީއެވެ. އެހެންމީހަކަށް އެކަން އެނގިދާނެތީ ނަޒީލް ބިރުގަނެއެވެ. އޭނާގެ ސަބަބުން އެހެންމީހުން ކުރިމަތީގައި އޭނާއާއި އާއިލާ މީހުން ލަދުގަންނާކަށް ނޭދެއެވެ. އެހެންކަމުން އޭނާ މި ހުރިހާ ދުވަހު ހިތްހަމަޖެހުން ހޯދަމުން އައީ އޭނާގެ ދެ ލޮލުންނެވެ. ރެޔެކޭ އެއްފަދައިން މިރޭވެސް އޭނާ އޮތީ އެ ކޮޓަރިއަށް ދާން ބޭނުންވެފައެވެ. މަގަތުގައި އޮތް އިންޝާއަށް އޭނާ ބަލާލިއެވެ. ނިދާފައިތޯ ޔަޤީންކޮށްލުމަށް ގޮވައި ވެސް ލިއެވެ. ޚަބަރެއް ނުވުމުން އިންޝާ ނިދީކަމަށް ޔަޤީންކޮށް އެނދުން ތެދުވިއެވެ. އަނެއްކާ ވެސް އޮށޯތެވެ. ނިހާގެ ކޮޓަރިއަށް ދާނެ ހިތްވަރު ނަޒީލަކަށް ނުލިބުނެވެ.

ނިހާގެ ކޮޓަރިން ދުންގަނޑު ނުކުމެގެން ގޮސް ނަޒީލްގެ ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް އެ ކޮޓަރި ދޮރު ހުޅުވިގެންދިޔައެވެ. ހަމައެކަނި ދޫ ބޮކްސާއެއް ލައިގެންހުރި ނަޒީލް ނުކުތެވެ. ވިހަ ހިނިތުންވުމެއް ވެރިކޮށް ލައިގެން ހިނގަމުން ގޮސް ނިހާގެ ކޮޓަރި ދޮރު މައްޗަށް ހުއްޓުނެވެ. ކޮޓަރި ދޮރު ހުޅުވައިލިއެވެ. ނިހާ އޮތީ އަރާމު ފުން ނިންޖަކުން ނިދާލައިފައެވެ. ކޮޓަރިއަށް ވަނުމަށް ފައި އަޅާލި ވަގުތު މީހެއްގެ ހިޔަންޏެއް ފެނުނުހެން ނަޒީލަށް ހީވިއެވެ. ނަޒީލް އެނބުރި ބަލާލިއެވެ. ނަޒީލަށް ފާރަލަމުން އައި ދީޕިކާ ހުރީ ތަނބުގެ ފަހަތަށް ވަދެ ފިލައެވެ. އެކަމެއް ނަޒީލަކަށް ނޭނގެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ތެރޭގައިވާ މަޚްލޫޤަށް އެކަން އެނގުނެވެ. ނަޒީލްގެ ދެލޯ ރަތްކުލައިން ދިއްލުނެވެ.

ކުއްލިއަކަށް މުޅި ގެއިން ކަރަންޓް ދިޔައެވެ. ވެރިވެގެންދިޔަ ކަނު އަނދިރިކަމުގެ ސަބަބުން ދީޕިކާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ގުޑިލަން ވެސް ނުކެރިފައި އޭނާ ހުރީ ކަރަންޓު އާދޭތޯ ހިތާހިތުން ދުޢާކުރަމުންނެވެ. ކަނު އަނދިރީގެ ތެރެއިން ރަތްކުލައިގެ ދެލޯ ފާޅުވީ ދީޕިކާގެ ފުރަގަހުންނެވެ. އެކަމެއް ދީޕިކާއަކަށް ނޭނގެއެވެ. ނަމަވެސް ފަހަތުގައި މީހަކު ހުރިހެން ދީޕިކާއަށް ހީވިއެވެ. ކުރިޔަށްވުރެ ބާރަށް ހިތް ތެޅިގަތެވެ. ގަނެފައިވާ ބިރެއްގެ ސަބަބުން ހީވާ ހީވުމެއްކަމަށް ނިންމައި އޭނާ ފަހަތް ބަލާލި ނޭވާ ހިފަހައްޓައިގެން ހުރެއެވެ. މޫނު ޖެހޭ ހިސާބުން ފެނުނު ރަތްކުލައިގެ ދެލޮލުގެ ސަބަބުން އޭނާގެ ފައިކޮޅުން ފެށިގެން އައްސިއަރައިގެން ދިޔައެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ދީޕިކާ ދެލޯ ބޮޑުކުރަމުން ފަހަތަށް ޖެހިލީ ހަޅޭލަވައި ގަންނަން މަސައްކަތް ކުރަމުންނެވެ. އަޑެއް ބޭރެއް ނުވިއެވެ. ދީޕިކާއަށް ފެންނަނީ ހަމައެކަނި ރަތްކުލައިގެ ދެލޮލެވެ. ބިރުން ހަލާކުވާވަރުވެފައި ހުއްޓާ އެމަޙްލޫޤު ކައިރިވާން ފެށުމާއެކު ދީޕިކާ ހެޔަށްގޮތްވެގެން ގޮސް ހުރިތަނަށް ދެމުނެވެ.

ކަރަންޓު އައިއިރު ނަޒީލް ހުރީ ނިހާގެ ކޮޓަރި ތެރޭގައެވެ. ނިދާފައި އޮތް ނިހާގެ ހަށިގަނޑަށް ދަހިވެތިކަމާއެކު ބަލާށެވެ. ނިހާ ލައިގެން އޮތީ ހުދުކުލައިގެ ޓީޝާޓަކާއި ކުރު ސޯޓުކޮޅެކެވެ. ނަޒީލް އެނދުގެ މަގަތުގައި އިށީން އިރު އަތުގައި ފޮތިކޮޅެއް އޮތެވެ. އޭނާގެ ވަކިތަކުން މިންޖުވާނެ ކުޑަވެސް ފުރުޞަތެއް މިރޭ ނިހާއަކަށް ނުދޭނެއެވެ. އޭނާ އެހުރީ ހުރިހާ ކަމަކަށް ތައްޔާރުވެގެން އައިހެވެ. ނަޒީލް ނިހާގެ ގާތުގައި އޮށޯވެ އެ ދޮން މޫނުގައި އިނގިލިތައް ޖައްސާލުމާއެކު ނިހާ ސިހިފައި ދެލޯ ހުޅުވާލިއެވެ. ނަޒީލް ހުށިޔާރުކަމާއެކު ނިހާގެ އަނގަމަތީގައި އަތް އެޅީ ނިހާއަށް އަޑު ބޭރުކޮށްލާނެ ފުރުޞަތެއް ދިނުމެއް ނެތިއެވެ. ނިހާ ދެލޯ ބޮޑުކޮށްގެން އޮވެ ތެޅިފޮޅެން ފެށުމާއެކު ނަޒީލް ނިހާގެ ގައި މައްޗަށް އެރިއެވެ. ވަގުތުން ނިހާގެ އަތެއް ފައެއް ގުޑުވާ ނުލެވޭވަރަށް ހިފަހައްޓައި ހައްޔަރުކޮށްލިއެވެ.

"މިރޭ ޖެހޭނީ މަ ބޭނުން ކަންތައްވާން." ނަޒީލް އެއްވެސް ރަހުމެއްނެތި ހަރުކަށިކަމާއެކު ބުންޏެވެ. "ކަލޭ ގަދަހަދަންޔާ ގެއްލުންވާނީ ވެސް ކަލެޔަށް.. ބުއްދިވެރިގޮތަކީ ކަލޭ މަ ކުރާކަމެއް ކުރަންދީގެން މައިތިރިވެގެން އޮތުން."

ނަޒީލްގެ ނުބައި ނުލަފާކަމުން ނިހާ އިންތިހާއަށް ރުޅިގަދަވިއެވެ. އޭނާގެ ދެލޮލަށް އެތައް ހާސް ކަރުނަތިކިތަކެއް ޖަމާވެގަތެވެ. ބިރުން ގޮސް މުޅިމީހާ ތުރުތުރު އަޅަންފެށިއެވެ. ނަޒީލް ނިހާގެ އަނގަމަތިން އަތްނަގައި އަނގަޔަށް ފިތާލިއެވެ. ނިހާގެ އަނގަ ހުޅުވެގެންދިޔުމާއެކު ފޮތިގަނޑު އެއްކޮށް އަނގަތެރެޔަށް ގަންނުވާލީ އަޑު ބޭރުނުވާނެ ގޮތަށެވެ.

ނިހާ އޮބަހައްޓައިގެން އޮވެ މުޅި މޫނާއި ކަރުދަށުގައި ނަޒީލް ތުންފަތް ބީއްސިއެވެ. ނިހާ ލައިގެން އޮތް ޓީޝާޓުގެ ކަރުވަޅުގައި ހިފައި ނަޒީލް އަތުގެ ހުރި ބާރަކަށް ދަމައިގަނެ ޓީޝާޓު މެދުން ވީދާލިއެވެ. ނިހާ އެގޮތް މިގޮތަށް ނަޒީލްގެ ވަކިތަކުން ސަލާމަތްވެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ކުޑަވެސް ދުލެއް ނުލިބުނެވެ.

ނަޒީލްގެ އަތުގެ ޝިކާރަޔަކަށް ވެގެން ދިޔައީ ނިހާގެ ހުރިހާ ގުނަވަންތަކެކެވެ. ނިހާ އޮތީ ބިރުން ގޮސް ހިއްސު ކެނޑިފައެވެ. އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބަމުން ދިޔައިރު ސަލާމަތަށް އެދި ގޮވޭނެ ގޮތެއް ނެތެވެ. އުއްމީދުގެ ހުޅުކޮޅު ކަނިވަމުން ދަނިކޮށް ކުއްލިއަކަށް ދޮރު ހުޅުވިގެންދިޔަ އަޑުއިވުނެވެ. ނިހާގެ ގައި މައްޗަށް ގުދުވެގެން އޮތް ނަޒީލް ފެނިފައި އިންޝާއަށް ހަޅޭލަވައިގަނެވުނެވެ. ވިދާލިވިދުރެއްހެން ގޮސް ނަޒީލްގެ ބުރިކަށި މަތީގައި ދެއަތުން ތަޅައިގަތެވެ. ނަޒީލް އަތުގައި ހިފައި ދުރުކޮށްލަން އުޅުނެވެ. އިންޝާއަށް ނަޒީލް އެންމެ ތަންފުކެއް ވެސް ގުޑުވައެއް ނުލެވުނެވެ. ނަޒީލް އަޅައެއް ނުލައެވެ. އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ.

"ނަޒީލް މޮޔަވެގެންތަ ތިއުޅެނީ.. މިބުނީނު ނިހާގެ ގައިމަތިން ތެދުވާށޭ." އިންޝާ ރުޅިއައިސް ނަޒީލްގެ އިސްތަށިގަނޑުގައި ހިފައި އިދިފުށަށް ދަމައިގަތީ ހަޅޭލަވައިގަންނަމުންނެވެ. "ޖަނަވާރާ ތެދުވާށޭ!."

ކުއްލިއަކަށް ނަޒީލް އިންޝާއަށް ބަލާލިއެވެ. އެދެލޯ ރަތްކުލައިން ދިއްލުނުހެން އިންޝާއަށް ހީވިއެވެ. އިންޝާއަށް ފަހަތަށް ޖެހިލެވުނެވެ. ނިހާ ލައިގެން ހުރި ސޯޓުގައި ނަޒީލް ހިފައި ދަމައިގަތެވެ. އިންޝާއަށް ބަލާކަށް ނުހުރެވުނެވެ. ފާރުގައި ލައްކޮށްފައި ހުރި ފިހިގަނޑު ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. އަތުގަ ހުރި ބާރެއްލައިފައި ނަޒީލްގެ އިސް ބޯދަށުގައި ދެތިން ހަތަރު ބޮނޑި އަޅާލިއެވެ.

ނަޒީލް ފުންމައިގެން ތެދުވެ އިންޝާގެ އަތުން ފިހިގަނޑު އަތުލިއެވެ. ފިހިގަނޑު އެއްލާލަމުން އިންޝާގެ ކަންކަށި މަތީގައި ޖެހިއެވެ. ނިހާ ގައިގާ ބެޑްޝީޓް އޮޅައިލަމުން އެނދުގެ ކަނަކަށް ޖެހިލިއިރު މުޅި މީހާ ރޫރޫ އަޅައެވެ. ގިސްލެވެއެވެ.

"މިކަމުގެ އަދަބު ކަލެޔަށް ލިބޭނެ." ނަޒީލްގެ އަޑުގައި ބަރުކަމެއް ހުއްޓެވެ.

"ތި ނުބައި ޝައިޠާނާ މިގޭ އެންމެންގެ ކުރިމަތީގައި ބޭޒާރުކޮށް ފަޟީޙަތްކޮށްލާނަން." އިންޝާ ރުޅިއައިސް ކޮޓަރިން ބޭރަށް ނުކުމެ ހަޅޭލަވަން ފެށިއެވެ. ނަޒީލް ފަހަތުން އައިސް އިންޝާ އަނގަމަތީ އަތް އެޅިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އިންޝާގެ ކޮޓަރިއަށް ގެންދިޔައެވެ. އިންޝާ އެނދުމައްޗަށް ކޮށްޕައި ވައްޓާލިއެވެ.

"ތީވެސް ހާދަ ލޯބި ކުއްޖެކޭ." ނަޒީލްގެ ރާގު ބަދަލުވީ ކުއްލިއަކަށެވެ. އޭނާ ގުދުވެފައި އިންޝާގެ މޫނުމަތީގައި ފިރުމާލިއިރު އަޑުގައިވަނީ މަސްތީކަމެވެ. އިންޝާ ފޫހިވެފައި ހުރިވަރުން ނަޒީލްގެ އަތް ފޮޅުވާލެވުނެވެ. އޭނާ އެނދުން ތެދުވަން އުޅުމާއެކު ނަޒީލް ހިފެހެއްޓިއެވެ. އެޔަށްފަހު ނަޒީލް އިންޝާ ގައިމަތީ އިށީނެވެ.

"ނަޒީލް" ބޭނުންވީ ނިހާގެ ކިބައިން ނުލިބުނު އުފާތައް އިންޝާގެ ފަރާތުން ހޯދާށެވެ. އިންޝާ ފާޅުގައި ދެކޮޅު ހެދިއެވެ. ނަޒީލް ފެށީ އިންޝާއަށް އަނިޔާކުރާށެވެ. އިންޝާގެ މޫނު މައްޗަށް އަރައިގެން ދިޔަ އެތަކެއް އެތި ފަހަރުތަކުގެ ސަބަބުން ދެލޮލުން ކަރުނަ ހިލުވާލިއެވެ. އިންޝާ ހަތިޔާރު ބެހެއްޓިއެވެ. ނަޒީލް ބޭނުންކަމެއް ކުރުމަށް ފުރުޞަތު ދިނެވެ.

އެހެން ރޭތަކަށްވުރެ ނަޒީލްގެ ބާރު ގަދަވެފައި ހުރިހެން އިންޝާއަށް ހީވިއެވެ. ނަޒީލް ހުރިހާކަމެއް ކުރަމުން ދިޔައީ އިންޝާއަށް އަނިޔާވާ ގޮތަށެވެ. އިންޝާ ރޯ ރުއިމަކަށް އޭނާ ނުބެލިއެވެ. ކުރި އާދޭސްތަކަށް ވެސް ދިނީ ބީރު ކަންފަތެކެވެ. ނަޒީލްގެ ޚަރަކާތްތައް ހުރީ ޗާބީ ދީފައިވާ ބުދެއްފަދައިންނެވެ. އޭނާ އެއް ޚަރާކާތެއް ތަކުރާރުކުރަމުން ދިޔައެވެ. އިންޝާގެ ދެއަތުގައި ހިފަހައްޓައިގެން އޮތްއިރު ނަޒީލްގެ ނަޒަރު ސީދާކޮށްލެވިފައި ވަނީ ފަންގިފިލަޔަށެވެ. އެނދަށް އަރަމުންދިޔަ ލޮޅުންތައް ގަޑިއިރަކަށް ދިގު ދެމިގެންދިޔައެވެ. ކުއްލިއަކަށް ނަޒީލްގެ އަނގައިން ބިރުވެރި އަޑެއްނުކުތެވެ. ވާލެއްގެ އަޑުހާ ތޫލި އެހެނަސް ބާރުގަދަ އަޑެކެވެ. ވަރުބަލިވެ ހަސްނެތިފައި އޮތް އިންޝާ ވެސް އެއަޑު އިވިފައި ބިރުގަތެވެ. ނަޒީލްގެ އަނގައިން އޮލަ ދުންތައް ނުކުތުމާއެކު އޭނާ އިންޝާގެ ގައި މައްޗަށް ދެމުނެވެ.

އޮލަ ދުންތައް ބާލުޚާނާގެ ދޮރު ދަށުން ނުކުތެވެ. ގޯތިތެރޭގައި ހުރި ބޮޑު ޖަނބުރޯލު ގަސް ކައިރިއަށް ދުންގަނޑު ފެތުރިގަތެވެ. ދުންގަނޑުގައި އިންސާނެއްގެ ސިފަ ޖެހި ކެހެރިތައް ނުކުންނަން ފެށިއެވެ. އެ މަޚްލޫޤުގެ ހުރިހާ ގުނަވަނެއް ފުރިހަމަވެ ފުރަތަމަ ފަހަރަށް އަސްލު ސިފަޔަށް ބަދަލުވެވުނެވެ. މިހާރު އޭތީގެ މުޅިގައިގާ ވަނީ ކަޅުކުލައިގެ ކެހެރިއެވެ. ލޮލުގެ ހުދުކަޅި ހުރީ ރަތްކުލައިގައެވެ. ބޮލުގެ މެދުން ދެދަޅު ނުކުމެފައި ހުރިއިރު އަތާއި ފައިގެ އިނގިލިތައް ދިގެވެ. ނިޔަފަތިތައް ކުރިޔަށް ހުރީ ލެނބިފަވެ. އޭތީގެ ބާރު ހުނުމުގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިގެން ދިޔައިރު ތޫނު ދެދަތް ހުރީ ދިއްވެފައެވެ.

އެ މަޚްލޫޤު ކަކޫ މައްޗަށް ތިރިވެ ބިމުގައި އަތް ޖައްސާލުމާއެކު ބުރަކަށިން ކަޅު ކުލައިގެ ދެ ފިޔަގަނޑު ނުކުތެވެ. ދެ ފިޔަގަނޑަށް ބާރުލާފައި އުދުއްސައިގަތުމާއެކު ގަސްތައް ދަށުގައި ހުރި ފަތްތައް ވިއްސިވިހާލިވެގެން ދިޔައެވެ. ޖަނބުރޯލު ގަހުގައި ތިބި ވާތައް ހޭރިގަތެވެ. އެމަޙްލޫޤް މިސްރާބު ޖެހީ ގެއިން ބޭރާ ދިމާއަށެވެ. އުދުހެމުން ގޮސް ގޯތީގެ އިންފާރާ ދިމާ މަތިން ހަމަވުމާއެކު ވިއްސައިގެން ގޮސް ގަސްތަކު ތެރެއަށް ޖެހުނެވެ. އިރުކޮޅަކުން ގޯތީގެ ދެކުނު ފަރާތާ ދިމާއަށް އުދުހިގަތެވެ. ހަމަވީ ކުރިންވެސް ވީގޮތެވެ. ސުނޯހައުސް ގޯތީގެ ހަތަރު ފާރުން ބޭރަށް ނުކުމެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ގޯތިން ބޭރަށް އެންމެ އިންޗިއަކަށް ވެސް ނުނިކުމެވުނެވެ. އޭތި އެގޯތީގެ ހަތަރުފާރު އެތެރޭގައި ހައްޔަރުވެފައިވާ ކަހަލައެވެ.

"ސަބްރީނާ.. ސަބްރީނާ.. ސަބްރީނާ." އޭތި ވަރަށް ބާރަށް ގޮވާލިއެވެ. މަޙްލޫޤް އައިސް ހާމަފެންޑާއަށް ތިރިކޮށްލިއިރު ލޮލުގެ ކަޅުކަޅިވެސް ވަނީ ރަތްވެފައެވެ. އުޑާ ދިމާއަށް ބަލާލަމުން އޭތި ހޭރިގަތެވެ. އޮލަދުން ގަނޑަކަށް ބަދަލުވީ އޭގެ ފަހުގައެވެ.

*****

ނިހާ ތެދުވެގެން ގޮސް ދޮރު ލައްޕާ ތަޅުލިއެވެ. ބޭކާރުކަމެއްކަން ވެސް އެނގިހުރެއެވެ. މިރޭ ނަޒީލް ކޮޓަރިއަށް ވަދެފައިވަނީ ރަނގަޅަށް ތަޅުލައިފައި ހުއްޓައެވެ. ވީދިފައިވާ ޓީޝާޓުގެ ދެފަރާތުގައި ހިފައި ކައިރިކޮށްލަމުން ނިހާ ގޮސް އޮށޯތެވެ. އެނދުގެ ހަނި ހުރަހަށެވެ. އަމިއްލަ ނިކަމެތިކަމާމެދު ވިސްނައިލެވުމާއެކު ދެލޮލުން ހޫނު ކަރުނަތައް ފައިބަން ފެށިއެވެ. މަންމަ މަތިން ހަނދާންވެފައި ބާރަށް ރޮއެގަނެވުނެވެ. މަންމަ މިދުނިޔޭގައި ހުރިނަމަ އޭނާއަށް މިއަދު ހިމާޔަތް ލިބުނީހެވެ. ނިހާ ނުރޯން ހިތްވަރުކުރަމުން އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ވީ އެންމެ އަވަހަކަށް އެގެއިން ނުކުމެގެން ދާންވީ ހެއްޔެވެ؟

ކުއްލިއަކަށް ބާލުހާނާގެ ދޮރު ކެހުނު އަޑު އިވިފައި ނިހާ ސިހުނެވެ. ދޮރުފޮތި ގަނޑު ވަޔާ ވިހުރިގަތެވެ. ނިހާ ލޯ ބޮޑުކޮށްގެން އޮއްވައި ދޮރު ފޮތިގަނޑު މަޑުމަޑުން ކެހެންފެށިއެވެ. ނިހާއަށް އިހުނަށްވުރެ ބޮޑަށް ލޯ ބޮޑުކޮށްލެވުނެވެ. މިވަނީ ކީއްހެއްޔެވެ؟ ދެން ފެނުނީ ކޮޓަރި ތެރެއަށް އެޅުނު ބޮޑު ހިޔަންޏެކެވެ. މީހަކު ފެންނަން ނެތުމުން އެކަމަކީ ޖިންނީގެ ކަންތައް ގަނޑެއްކަން ނިހާއަށް ވިސްނުނެވެ. ނިހާ ބިރުގަތްވަރުން ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.

އެ ހިޔަނި ކޮޓަރިން އެތެރެވެފައި ހުއްޓުނެވެ. އޭރު ނިހާގެ މޫނުމަތީ ދާތިކިތައް ވިދާބަބުޅައެވެ. ހިންދިރުވާލަން ވެސް ނުކެރިފައި އިންދައި ކުރިމަތީ ހުރި ލޯގަނޑުން އެއްޗެއް ފެނުނުހެން ހީވެފައި ނިހާއަށް ބަލާލެވުނެވެ. އެބިރުވެރި އެތި އެހުރީ ލޯގަނޑުން ފެންނާށެވެ. ނިގޫ ތަޅުވަމުންދިޔަ ބިޔަ ކަޅުމީހެކެވެ. އެއީ އޭނާއަށް ހުވަފެނުން ފެނުނު ކަޅު އަނދިރިގަނޑެއް ކަހަލަ ފުރޭތައެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތް ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުން ނިހާ ފަހަތަށް ޖެހިލަން އުޅުނެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ނިހާއަކަށް ނުކުރެވުނެވެ. އަޑެއްވެސް ބޭރުކޮށް ނުލެވުނެވެ.

ނިހާގެ ލޯ މައްޗަށް އެ ބިރުވެރި އެތި ފާޅުވިއިރު ނިހާއަށް އޮވެވުނީ ލޯ ބޮޑުކޮށްގެން ބަލާށެވެ. ހަތަރެސް ފައިން ވާގިނެތިފައި އޮތް މީހެކޭ ނިހާއެކޭ އެއްގޮތެވެ. އޭތި ނިހާއާ ދިމާއަށް ބަލާލުމާއެކު މަޑުމަޑުން ނިހާގެ ދެއަތް ފޭ ވާން ފެށިއެވެ. ވީދިފައިވާ ޓީޝާޓް ގަޔާ ވަކިވަމުން ދިޔައިރު ދެފައި ވެސް ދިޔައީ ދުރުވަމުންނެވެ. އެކަން ހުއްޓުވުމަށް ނިހާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެ މަޚްލޫޤު ދެން ބަލާލީ ދިއްލާފައިވާ ބޮތްކަށެވެ. ވަގުތުން ބޮކި ބަޑި ޖެހިއެވެ. އެ ބިރުވެރި އެތި ނިހާގެ ގައިގާ ބީހޭހެން އިޙްސާސްވުމާއެކު ކުއްލިއަކަށް މޫނާ ދިމާއިން ރަތް ކުލައިގެ ދެލޯ ފާޅުވިއެވެ.

*******

ބިރުވެރި ހުވަފެނެއް ފެނިގެން ވަރަށް ހެނދުނާ ނިކާލަށް ހޭލެވުނެވެ. ގަޑިން 09 ޖެހި ނަމަވެސް އެއީ ނިކާލަށް ވަރަށް ހެނދުނެވެ. ދެން އެއްގޮތަކަށް ވެސް އޭނާއަކަށް ނުނިދުނެވެ. ފޯނު ނަގައި ނިހާއަށް މެސެޖެއް ކޮށްލިއެވެ. ބާއްޖަވެރި ހެނދުނަކަށް އެދިއެވެ. ޖަވާބެއް ލިބޭނެކަމަށް ފޯނަށް ބަލަހައްޓައިގެން އޮތުމަށްފަހު ޖަވާބެއް ނައުމުން ނިކާލް ވަނީ ފާހާނާއަށެވެ. މޫނު ދޮވެލައި ހަދައިގެން ތިރިޔަށް ދިޔައިރު މަންމަ ބަދިގޭގައި އުޅެއެވެ. ނިހާ ދެކިލާހިތުން ނިކާލް ދެކޮޅު ބަލާލިއެވެ. ދޮރު ކައިރިއަށް ގޮސް ބޭރުތެރެވެސް ބަލާލިއެވެ. ނިހާއެއް ނެތެވެ. ގޭތެރެއިން މަންމަ ނޫން އިތުރު މީހެއް ފެންނާކަށްވެސް ނެތެވެ.

"މަންމާ ކޮފީއެއް ހަދާދީބަލަ." ނިކާލް އާ ފުރެލަމުން އިށީނީ ސޯފާގައެވެ.

ޞަފިއްޔާ ކޮފީ ޖޯޑު ހިފައިގެން އައިސް ނިކާލް ކުރިމަތީގައި ހުރި މޭޒު މަތީގައި ބެހެއްޓިއެވެ.

"މަންމާ ކޮބާ މިގޭ މީހުން.. ބައްޕަމެން." ނިކާލް ކޮފީ ޖޯޑު ނެގިއެވެ.

"ބައްޕަތަ ތި ހޯދަނީ؟" ޞަފިއްޔާ ލާނެތް ފާޑަކަށް ހީލިއެވެ. "ބައްޕަ ވެއްޖެ ދީޕިކާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް.. ދެން މިގޭގަ އުޅޭ އެއްވެސް މީހަކަށް އަދި އިރެއް ނާރާ."

ނިކާލް ޓީވީ ހުޅުވާލަމުން ދީޕިކާއަށް ވީ ކިހިނެއްތޯ ސުވާލުކޮށްލިއެވެ.

"ނޭނގެ ވީގޮތެއް." ޞަފިއްޔާ ޖަވާބުދިނެވެ. "ދީޕިކާގެ ހަބަރެއް ނުވެގެން ދިޔައިރު އެނދުމަތީ އޮވެގެން މޮޔަ ގޮވަނީ.. ދޫކުރަނީ! ދޫކުރަނީ! ރަތް ލޯ ހުންނަނީ! ރަތް ލޯ ހުންނަނީ! މިކަހަލަ ބަނދިވަރުތަކެއް ދަމަން އޮތީ! މަންމަ ރަނގަޅަށް ބަލާލިއިރު ހުމާ އޮވެގެން މި މޮޔަ ގޮވަނީ.. ބިރުވެރި ހުވަފެނެއް ފެނުނީ ކަންނޭނގެ."

"ހުވަނދުމާ ގަހު ޖިންނި ކަންނޭނގެ." ނިކާލް ހިނިގަނޑެއް ޖަހާލިއެވެ. ސަފިއްޔާވެސް ކުޑަކޮށް ހީނލާފައި ބަދިގެ ފަރާތަށް ދިޔައެވެ.

*********

އިންޝާގެ ހަށިގަނޑުގައި ވޭން ނާޅާ ހަމަ އެންމެ ތަންކޮޅެއްވެސް ނެތެވެ. އޭނާއަށް ރަނގަޅަށް ހިނގައިވެސް ނުގަނެވެއެވެ. ހީވަނީ މުޅި ހަށިގަނޑުގައިވާ ކަށިތައް އެކީގައި މުގުރިފައިވާ ހެންނެވެ. ކަށިން ހިތްވަރު ނެރެގެން އިންޝާ ފާހާނާއަށް ދިޔުމަށް ހިނގައިގަތުމާއެކު އަރިއަޅައިލިއެވެ. އެނދުގައި އިށީދެލައިގެން އިން ނަޒީލް ތެދުވެފައި އިންޝާގެ ގައިގާ ހިފަހައްޓާލިއެވެ.

"މަގެ ގައިގަ އަތްނުލާތި!" އިންޝާ ނަޒީލްގެ މޭގައި އަތް އަޅައި މަޑުމަޑުން ކޮށްޕައިލިއެވެ. އިންޝާއަށް ހިނގާނެ ހިތްވަރު ނުލިބިގެން އެނދުގައި އިށީނެވެ.

"އަހަރެން ފާހާނާއަށް ގެންގޮސްދެންތަ؟" ނަޒީލް ދެރަވިއެވެ. އޭނާގެ ފަރާތުން ލޯބިވާ އަނބިމީހާއަށް ދެވުނު އަނިޔާތައް ހިތަށް އަރާފައި އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ.

"އިތުރު އަނިޔާއެއް މަށަށް ދޭން ހަދާނެކަމެއް ނެތް ނަޒީލް." އިންޝާ އިނީ ހިތްހަމަނުޖެހިފައެވެ. "މަ ތި އިޙްސާންތެރިކަމެއް ބޭނުމެއްނޫން!.. އެކަނި ހާލަށް އުޅެން ދޫކޮށްލާ."

"އައި އޭމް ސޮރީ." ނަޒީލް ދެކަކޫ މައްޗަށް ތިރިވެ އިންޝާގެ އަތުގައި ހިފައިލިއެވެ.

"ސޮރީ ބުނީމަ ހުރިހާ ކަމެއް ހަމަވީ." އިންޝާ ވަގުތުން އަތް ދަމައިގަތެވެ. "ރޭގަ ނަޒީލްކުރި މުޑުދާރު ކަންތައްތައް ދުވަހަކުވެސް ނުވާކަމަކަށް ހެދިދާނެތަ؟ ނަޒީލަށް ކޮން އެއްޗެއް މަދުވެގެން ތި ވައްތަރަށް ތި ތެޅުނީ؟ މަ ކޯއްޗެއް ނުދޭތީ ހިލޭ އަންހެނެއް ގަޔަށް އަރަން ދިމާކުރީ؟ އެވެސް ނަޒީލްގެ ކޮއްކޮއެއްފަދަ ކުއްޖަކާއެކު! އެވަރުން ނުވެގެން މަށަށް ހަދާލިގޮތް ހަނދާންކޮށްބަލަ! މަގައިގަ ނެތޭ ހިރިލާނެ ވަރުވެސް! އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ނަޒީލް އަހަރެންނަށް އަނިޔާވެރި ވެދާނެކަމަކަށް! ކީއްވެ ނަޒީލް ތިހެން ތިހެދީ؟ ކީއްވެގެން އެހާ ނުބައި މީހަކަށްވީ؟ އަނިޔާވެރިޔަކަށް ވީ ކީއްވެ؟ ކީއްވެގެން؟"

އިންޝާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމާއެކު އަވަސް އަވަހަށް އެސްފިޔަ ޖަހައިލިއެވެ. ނަޒީލްގެ މޫނަށް ނުބަލަންވެގެން ދުރު ބަލާލިއެވެ.

"އަހަރެންނަކަށް ނޭނގެ އެކޮޓަރިއަށް ދެވުނު ގޮތެއްވެސް." ނަޒީލް ދެރަވެލާފައި ބުންޏެވެ. "އަހަންނަށް ކުރެވޭ ކަންތައް އެނގުން ނަމަވެސް އެކަންތައްތައް ނުހުއްޓުވުނީ. ހީވީ އެހެން ބާރަކުން އަހަރެން ލައްވާ އެކަންތައް ކުރުވިހެން. އިންޝާއަށް އަނިޔާވެރިވެވުން އިރުވެސް އެތައް ފަހަރަކު ހުއްޓުވަން އުޅުނިން.. އެކަމެއް ނުވި.. ނިހާއަށް ވެސް އަނިޔާވެރި ވެވުނީ ނޭނގިގެން. މާފުކުރޭ ހެޔޮނުވާނެ."

"ނަޒީލް ދޮގު ހަދަންނޫޅޭ." އިންޝާ ކަރުނަތައް ފޮހެލަމުން ބުންޏެވެ. "ނަޒީލް ނިހާގެ ކޮޓަރިއަށް ދިޔައީ އަމިއްލަ އިޚްތިޔާރުގައި. ނަޒީލް ބޭނުންވެގެން. ކުރީރޭ ވެސް އެ ކޮޓަރިއަށް ވަނީވެސް ނަޒީލްކަން މަށަށް އެނގޭ. ނަޒީލް އަބަދުވެސް ނިހާއަށް ބަލަމުން އައީ ނުނިޔަތަކުން. އެކަންވެސް ތި ފޯނުގަ ހުރި ވީޑިޔޯތައް ފެނުނު ދުވަހު އެނގިފައި އޮތީ. ނަޒީލް ތީ މާ މާތް މީހެއްނޫނޭ. އެހެންނޫންނަމަ ނިހާ ފެންވަރާތަން ވީޑިޔޯކޮށްގެން އެ ބަލާކަށް ނުގެންގުޅޭނެ. ލަދެއްނުގަނޭތަ؟ މަ ލަދުގަނޭ ނަޒީލްގެ އަނތްބަކަށް މަ ވީތީވެސް."

ނަޒީލްގެ ވާހަކަތައް އިންޝާ ޤަބޫލުނުކުރާނެކަން އެނގުމުން އޭނާއަށް އިސް ޖަހައިލެވުނެވެ. އެހެނަސް ނަޒީލް ހެދީ ދޮގެއްނޫނެވެ. ރޭގައި ހިނގާދިޔަ ހުރިހާ ކަމެއް ހިނގީ ނަޒީލް އެގޮތް ބޭނުން ވެގެނެއްނޫނެވެ. އިންޝާއަށް އަނިޔާވެރިވުން އެއީ އޭނާ ކުރަން ބޭނުންވި ކަމެއް ނޫނެވެ. ނަޒީލަށް އެކަންތައް ކުރެވުނީ ހަށިގަނޑު ތެރެއަށް ވަން މަޙްލޫޤް އެގޮތް ބޭނުންވާތީއެވެ.

************

މެންދުރު ބަންގި ގޮވިއިރުވެސް ނިހާގެ ޚަބަރެއް ނުވުމުން ނިކާލް ކަންބޮޑުވިއެވެ. އެންމެ ލަސްވެގެން 10 ޖަހާއިރު ނިހާ ހޭލާނެއެވެ. ނިހާއަށް ކަމެއްވީބާއޭ ނިކާލްގެ ހިތަށް އަރަންފެށުމާއެކު، ނުހުރެވިގެން ގޮސް ދޮރުގައި ޓަކި ދޭންފެށިވެ. ނިހާއަށް ގޮވަމުން ބާރަށް ދޮރުގައި ތެޅިއިރު ވެސް ނިހާއަކަށް ނުހޭލެވުނެވެ. އެއްވެސް ހަބަރެއް ނުވިއެވެ. ނިހާއަކީ އެހާ ނިދި ގަދަ ކުއްޖެއްނޫންކަން ނިކާލަށް އެނގެއެވެ. ކޮންމެވެސް ކަމެއް ނިހާއަށް ވެއްޖެއެވެ. ނިކާލް ދުވެފައި ދިޔައީ ޞަފިއްޔާގެ ގާތަށެވެ. ނިކާލް އެދުނީ ނިހާގެ ކޮޓަރީ ތަޅުދަނޑި ދިނުމަށެވެ. ޞަފިއްޔާ ވެސް ހުރީ ނިހާއަށް ވީ ގޮތެއް ނޭނގި ކަންބޮޑުވެފައެވެ.

ނިކާލް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވައިލިއެވެ. ފެނުނު މަންޒަރުން ނިކާލްގެ ފައިދަށުން ބިންގަނޑު ދެމިގަނެގެން ދިޔަހެން ހީވިއެވެ. އެނދު ކައިރިއަށް ބަނޑުވަތަށް ނިހާ ވެއްޓިފައި އޮތް އިރު އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއްނެތެވެ. އެދޮން ހަށިގަނޑު އޮތީ ހާމައަށެވެ.

ނިކާލް އެތެރެއަށް ދެމިގަތީ ބާރަށް މަންމައަށް ގޮވައިލަމުންނެވެ. ނިހާގެ ގައިމަތީގައި ބެޑްޝީޓް އަޅާލިއިރު އޭނާ ތުރުތުރު އަޅައެވެ. ނިކާލް ނިހާގެ ގާތުގައި އިށީނެވެ. މަންމައަށް އަނެއްކާ ވެސް ގޮވައިލެވުނެވެ. ނިހާއަށް ގޮވަމުން އުއްޑުން ޖަހާލުމާއެކު ކަރު ދަށުގައިވާ ވަކީގެ ނިޝާންތައް ފެނުނެވެ. ނިހާއަށް ގޮވާގޮވާ ހަބަރެއް ނުވުމުން ނިހާ ނޭވާލާތޯ ބަލާލިއެވެ. ނިހާ ނޭވާނުލާހެން ހީވުމާއެކު ނިކާލްގެ ވަށައިގެން މުޅި ދުނިޔެ ބާރަށް އެނބުރި ގަތްހެން ހީވިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ދެ ލޮލަށް ކަރުނަ ޖަމާވެގަތެވެ.

އިންޝާ ފެންވަރައި ލައިގެން ނުކުތްއިރު ނަޒީލް ފެންނާކަށް ނެތެވެ. ރޫ ޖެހިފައިވާ އެނދުމަތި ފެނުމާއެކު އޭނާގެ ހަނދާނަށް އައީ ރޭގެ ހާދިޘާއެވެ. އެ އެނދުމަތިން ލިބުނު އަނިޔާތަކެވެ. ރުއި ރުއިމާއި ކުރި އާދޭސްތަކެވެ. އިރެއްގައި އެތަނަކީ އަރާމާއި އުފަލުގެ ދާނަކަށްވިޔަސް މިއަދު އިންޝާއަށް އެތަން ފެންނަމުންދަނީ ކަށިކުނބުރު ޖަންގައްޔެއް ގޮތަށެވެ. އެހަނދާންތައް އޭނާއަށް ބިރުވެރި ހުވަފެނެއް ފަދައެވެ. އިންޝާ އުނދަގޫ ގޮތަކަށް ހިނގާލައިފައި ގޮސް ރީތިވާ މޭޒު ކުރިމަތީގައި އިށީނެވެ. ކުރިމަތިން ފެންނަންހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލެވުނެވެ. އޭނާގެ ކޯތާފަތް މަތީ ނޫފައި ގަނެފައިވާ ހިސާބުގައި އަތް ޖައްސާލުމާއެކު ލޮލަށް ކަރުނަ ގިނަވާން ފަށައިފިއެވެ. މޭކަޕް އިން އެ ނިޝާންތަށް ފޮރުވުމަށް އިންޝާ މަސައްކަތްކުރިއެވެ. އެ ނިޝާންތަކުގެ ކުލަ ފަނޑުވި ނަމަވެސް ދުޅަވެފައި ހުރުމުން އަނިޔާ ސިއްރުކުރެވޭނެ ގޮތެއްނުވިއެވެ.

ނިކާލް ބާރަށް މަންމާއޭ ކިޔާފައި ގޮވާ އަޑަށް އިންޝާ ސިހުނެވެ. އޭނާ ދޮރު ހުޅުވައި ބަލާލިއެވެ. ނިކާލް ބާރު ހިނގުމެއްގައި ޞަފިއްޔާއާ ދިމާއަށް ދާ މަންޒަރު ފެނުނެވެ. ޞަފިއްޔާ ވެސް ހާސްވެފައި ހުރެ ނިކާލާ ދިމާއަށް އާދެއެވެ.

"މަންމާ އާދެބަލަ! ބާރަށް ހިނގާބަލަ!" ނިކާލް ޞަފިއްޔާ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ނިހާގެ ކޮޓަރިއާ ހަމައަށް ގެނަޔެވެ. "ނިހާއަށް މިއޮތީ ކޮންމެވެސް ކަމެއްވެފަ ބަލާބަލަ!"

ޞަފިއްޔާ މަގޭ ދަރިއޭ ގޮވަމުން ކޮޓަރިއަށް ވަނެވެ. ނިކާލް ވެސް ފަހަތުން ވަނެވެ. އިންޝާގެ ދެލޯ ބޮޑުވިއެވެ. ނިހާއަށް ކިހިނެއްވީ ހެއްޔެވެ؟ ނިހާއަށް ވީގޮތެއް ބެލުމަށް ހިތް އެދުމުން ބޭރަށް ނުކުމެފައި އޭނާއަށް ކޯތާފަތުގައި އަތް ޖައްސާލެވުނެވެ. އޭނާއަށް އަނިޔާ ލިބުނު ގޮތެއް މަންމަމެން ބަލަން ބޭނުންވާނެއެވެ. ސުވާލުކުރާނެއެވެ. އިންޝާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަމިއްލަ ފިރިމީހާގެ ނުބައި ކަމުގެ ވާހަކަ ދެއްކުމަކީ އިންޝާއަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. ނިހާ ގާތަށް ދާން ބޭނުންވިޔަސް ދެވެން ނެތުމުން އިންޝާ ކޮޓަރިތެރެޔަށް ދެމިގަނެ ދޮރު ކައިރިކޮށްލައިގެން ބޭރު ބަލަން ހުއްޓެވެ.

"ނިހާ ނޭވައެއްވެސް ނުލަޔޭ މަންމާ." ނިކާލް ހާސްވެފައި އިނދެ ގޮވަމުން ދިޔައެވެ. "ކޮންމެވެސް މީހަކު ރޭގަ މިތަނަށް ވަދެއްޖެ. ނިހާގެ ދުވަސް ދުއްވާލާފަ މިއޮތީ! ބަލާބަލަ ކަރުދަށް! އެހެރީ ނިޔަފަތި އަޅުވާ ލޭ ހިލުވާލައިފައި! އަތްވެސް މިއޮތީ ރަތްވެފައި!"

ނިހާއަށް ލިބިފައިވާ ޒަހަމްތައް ޞަފިއްޔާއަށް ނިކާލް ދައްކަމުންދިޔައެވެ. ނިހާގެ ހާލަތު ފެނިފައި ޞަފިއްޔާގެ ދެފައިކޮޅު ތުރުތުރު އަޅަންފެށިއެވެ. އެކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. ޞަފިއްޔާ ނިހާގެ ގާތުގައި އިށީނދެ ނިތްކުރި މަތީގައި އަތް ބާއްވާލިއެވެ. ނިހާގެ ހުންގަދަ ކަމުން ސަފިއްޔާގެ އަތްތިލަ ހީވީ ފިހިދާނެހެންނެވެ.

"ނިހާ މިއޮތީ ހުންއައިސްފައި." ޞަފިއްޔާ އަވަހަށް ބުންޏެވެ. "އަވަސްކުރޭ ދަރިފުޅާ ނިހާ ހޮސްޕިޓަލަށް ގެންދަން އުޅޭ! ނިހާ ނޭވާވެސް އެބަލަޔޭ! އަވަސްކުރޭ!"

ނިކާލް އަވަހަށް ނިހާގެ މޫނުގައި އަތް ޖައްސައިލިއެވެ. މަންމަ އެ ބުނީ ތެދެކެވެ. ނިހާ އޮތީ ހުންގަދަވެގެން ގޮސް ބުރާންތިވެފައެވެ. ނޭވާ ވެސް ކުޑަކޮށް ލާކަން ފާހަގަވިއެވެ. ނިކާލް ހާސްވެފައި ހުރިވަރުން އެކަންތައް ފާހަގަ ނުވީއެވެ.

ނިކާލް ޞަފިއްޔާ ގާތުން އެދުނީ ނިހާ އެއްޗެއް ލެއްވުމަށެވެ. ޞަފިއްޔާ ތެދުވެ އަލަމާރިން ލާނެ އެއްޗެއް ނެގިއެވެ. ނިކާލް ނިހާގެ ހަށިގަނޑު ސީދާކޮށްލަމުން ދެލޯ މަރާލިއެވެ. ޞަފިއްޔާ ވަރަށް މަސައްކަތުން ނިހާ ހެދުމެއް ލައްވައި ދިނެވެ.

"އަވަސްކުރޭ އެންބިއުލާންސަށް ގުޅާބަލަ!" ނިހާގެ ފަޔަށް ހަރުވާޅު ލައްވައި ނިމުމާއެކު ޞަފިއްޔާ ބުނެލިއެވެ.

"ވަގުތެއް ނެތް." ނިކާލްގެ ބާރު ގަދަ އަތްދަނޑި މައްޗަށް ނިހާ ނެގިއެވެ.

ނިކާލް ބޭނުންވަނީ ވީ އެންމެ އަވަހަކަށް ނިހާ ހޮސްޕިޓަލަށް ގެންދާށެވެ. އެންމެ ސިކުންތެއް ވެސް ބޭކާރުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ނިހާގެ ފުރާނައަށް ހުރި ނުރައްކަލެއްކަމަށް ނިކާލް ދެކުނެވެ. އަތްދަނޑި މައްޗަށް ނިހާ ލައިގެން ސިޑިން ފައިބައިގެން އޭނާ ދުއްވައިގަތެވެ. ގޯތި ތެރެއަށް ނުކުތްއިރު ގަރާޖުގައި އެންމެ ކާރެއް ވެސް ނެތުމުން އޭނާ ހާސްވިއެވެ.

"މަންމަ މި ގުޅަނީ އެންބިއުލާންސަށް." ފަހަތުން އައި ޞަފިއްޔާ ފޯނު ނަގަމުން ބުންޏެވެ.

ނިކާލް ބަހެއް ބުނުމެއްނެތި ނުކުތީ މަގު މައްޗަށެވެ. އެންބިއުލާންސަށް އިންތިޒާރުކުރުމަކީ ވެސް ފާއިތުވެގެންދާ ވަގުތުތަކެކެވެ. ނިހާއަށް އަވަސްވީ ގޮތަކަށް ފަރުވާ ބޭނުންވެއެވެ. ނިކާލް މަގު މަތިން ކާރެއް ލިބޭތޯ ބެލިއެވެ. ނިހާ އަތްދަނޑި މައްޗަށް ލައިގެން ހުރެ ދެކޮޅަށް ބަލަމުން ދިޔައިރު ނިކާލް ދެލޮލުގައި ވަނީ ކަރުނައެވެ. ގޯޅިއަކުން ނުކުތް ކާރެއް ނިކާލަށް ފެނުނެނެވެ. ނިކާލް އެދިމާއަށް ދުއްވައިގަތެވެ. ޞަފިއްޔާވެސް ބަރުހެލި ދުވުމެއްގައި ފަހަތުން ދިޔައެވެ.

އިންޝާ ދޮރު ލައްޕާލިއިރު އެދެލޯ ވަނީ ކަރުނުން ބަރާވެފައެވެ. އިންޝާ ދޮރުގައި ލެނގިލަމުން ހުރި ދިމާއަށް ތިރިވެ ދެކަކޫ މެޔާލާ ބޮނޑިކޮށް ލެވުނެވެ. އޭނާއަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ނިހާ މިއަދު ތަހައްމަލު ކުރަމުންދާ ހުރިހާ ވޭނަކަށް ޒިންމާވާން ޖެހޭނީ ޚުދު އޭނާއެވެ. ނަޒީލްގެ ފަރާތުން ނިހާއަށް އަނިޔާ ލިބުނީ އޭނަގެ ސަބަބުންނެވެ. ކުއްވެރިޔަކީ އޭނާއެވެ. ނަޒީލްގެ ފޯނުން ނިހާގެ ވީޑިޔޯތައް ފެނުނު ހިސާބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުނުނަމައެވެ. އެ ވާހަކަ ނިހާ ގާތުގައި ބުނެވުނުނަމައެވެ.

ބާބު- 10 ބުހުތާން

ދީޕިކާ އޮތީ ހަސްފަތާލުގައި އެނދުމަތި ކުރެވިފައެވެ. ހުމުގެ އަސަރު އަދިވެސް ދީޕިކާގެ ގައިން ނުފިލައެވެ. ގައިގެ ވަރު ދެރަވެފައިވުމުން އޭނާ އޮތީ އައިވީއެއް ގުޅައި ނިދާ އިންޖެކްޝަން ޖަހައި ނިންދަވައިފައެވެ. ގާތުގައި އިށީނދެލައިގެން އިލްހާމް އިނީ ފޯނު ހިފައިގެން އެޔަށް ގެއްލިފައެވެ. އޭނާ އެތަނުގައި އިނީ އިންނަ ހިތަކުން ނޫންކަން މޫނު މައްޗަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ދީޕިކާގެ ހުންގަނޑު މައިތިރިވެގެން ނޫނީ ގެޔަށް ގެންދެވޭކަށް ނެތެވެ. އިތުރު އެހީތެރިޔަކު ނެތުމުން އެތަނުގައި ހުންނަން އިލްހާމަށް ވަނީ މަޖުބޫރުވެފައެވެ. އިލްހާމް ޞަފިއްޔާއަށް ގުޅައި ހޮސްޕިޓަލަށް އައުމަށް ވަނީ ބުނެފައެވެ. ނަމަވެސް ދެ ގަޑިއިރު ވެގެންދިޔަ އިރުވެސް ޞަފިއްޔާއަށް އާދެވުނުކަމަކަށް ނުވިއެވެ. އަންހެނުންގެ ތަތްކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.

ޑޮކްޓަރ ނާއިފް އަންނަތަން ފެނުމާއެކު އިލްހާމް މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ޑރ. ނާއިފްގެ ފަހަތުން ނަރުސް ކުއްޖަކު ވެސް އަޔެވެ. އިލްހާމް ހިނިތުންވެލަމުން ކޮޅަށް ތެދުވެލިއެވެ.

"ދޫކޮށްލަނީ ތޯ؟" ގެޔަށް ދާން ބޭނުންވެފަ ހުރިވަރުން އިލްހާމަށް އަހާލެވުނެވެ. ޑރ. ނާއިފް ކުޑަކޮށް މަޑުޖެހިލިއެވެ.

"އަދި ދޫކޮށްލެވޭކަށް ނެތް އިނގޭތޯ؟" ޑރ. ނާއިފް ޖަވާބު ދެއްވިއެވެ. "އެނގިލައްވާނެ ދީޕިކާގެ ހުން ވަރަށް ގަދަޔަށް އެބަހުރި.. އަދިވެސް ހުމުގެ އަސަރު ކުޑަކުރެވޭ ގޮތް މިވަނީ ނުވެފައި! މާ ބޮޑަށް ހުންގަދަވުމުން ސިކުނޑިއަށް ހުމުގެ އަސަރުކޮށްފަވެސް ހުރެދާނެ! އެހެންވީމަ ޖެހޭނީ އޮބްޒަވޭޝަންގަ ބާއްވަން. މިދުވަސް ވަރަކީ ޑެންގޫ އާންމު ދުވަސްވަރަކަށް ވާތީ އަޅުގަނޑުމެން ބޭނުންވޭ ޑެންގޫއަށް ވެސް ޓެސްޓުކޮށްލަން."

"އެންމެ ރަނގަޅު." އިލްހާމް ގަދަކަމުން ހިނިތުންވެލިއެވެ.

ޑރ. ނާއިފް ހިނިތުންވެލުމަށްފަހު ދިޔައެވެ. ހަދަން ބޭނުންވާ ޓެސްޓުތައް ފާހަގަކޮށްފައިވާ ގަނޑެއް ނަރުސް ކުއްޖާ އިލްހާމް އަތަށް ދިނެވެ. ބިލު ދައްކާ މެމޯ ހެއްދުމަށް އިރުޝާދު ދެމުން ނަރުސް ކުއްޖާ ހިނގައިގަތެވެ.

"އަނެއްކާ މި ޖެހުނީ އަނެއް ބަލާވެރިކަން. އަވަހަކަށް ގެޔަށް ދެވޭނެކަމަކަށް އުޅޭނެ ކަމެއް ނެތް." އިލްހާމް ހިތާހިތުން ކުދި ކިޔަމުން ކައުންޓަރާ ދިމާއަށް ދިޔައެވެ.

ބާރު ދުވެލީގައި ދުއްވާފައި އައި ކާރު ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު މައި ދޮރުން ވަނެވެ. ނިކާލް އަވަސް އަވަހަށް ދޮރުފަތް ހުޅުވައިލީ ކާރު ރަނގަޅަށް މަޑުވެސް ނުކުރެވެނީހެވެ. ހޮސްޕިޓަލުން ނުކުތް މީހެއްގެ ގައިގާ ދޮރުފަތުން ނުޖެހުނީ ކިރިޔާއެވެ. ޑްރައިވަރު ރުޅި އައިސްގެން އެއްޗެހިތަކެއް ގޮވިއެވެ. ނިކާލް އެކަމަށް ސަމާލުކަމެއް ނުދީ އަތްދަނޑި މައްޗަށް ނިހާ ނެގިއެވެ. ހޮސްޕިޓަލުގެ މަސައްކަތު މީހަކު ސްޓްރެޗަރ އެނދު ބާރަށް ދުއްވާފައި ގެނައީ ނިކާލް ދޮރުން ވަންނަނިކޮށެވެ. ނިކާލަށް ސްޓްރެޗަރ ފެނުނުހެނެއް ހިޔެއްނުވެއެވެ. އޭނާ ބާރަށް ދުވެފައި ދިޔައީ ކުއްލި ހާލަތުގައި ފަރުވާދޭ ކޮޓަރިއާ ދިމާއަށެވެ.

އިލްހާމް ބިލު ކޮޅު ހިފައިގެން ޖަނަލާއި ދިމާއަށް ދަނިކޮށް ނިކާލް ފެނުނެވެ. އަތްދަނޑި މައްޗަށް ނިހާ ލައިގެން ނިކާލް ދުވެފައި ދިޔަ މަންޒަރު ބަލަން ހުއްޓުން އަރާފައި އިލްހާމަށް ހުރެވުނެވެ. ނިކާލް ފަހަތުން ބާރަށް ހިނގާލައިފައި ދިޔަ ޞަފިއްޔާ ފެނުމާއެކު އޭނާ ހާސްވެއްޖެއެވެ. އަނެއްކާ އެކުއްޖާގަނޑު ކޮން ކުޅިގަނޑެއް ކުޅޭ ދުވަހެއް ބާއެވެ؟ އޭނާއަށް ބާރު ބާރަށް އެދިމާއަށް ހިނގައި ގަނެވުނެވެ. ނިކާލް ނިހާ ގޮވައިގެން އަވަސްފަރުވާދޭ ކޮޓަރި ތެރެއަށް ވަނުމުން ޞަފިއްޔާ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ.

"ޞަފިއްޔާ." އިލްހާމް ޞަފިއްޔާގެ ފަހަތުގައި ހުއްޓިފައި ގޮވައިލިއެވެ. "ކިހިނެއްވީ؟"

ޞަފިއްޔާ އެނބުރުނުއިރު އެ ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް އިލްހާމަށް ފެނުނެވެ. ޔަޤީނުން ވެސް ބޮޑުކަމެއް ވެއްޖެއެވެ.

"އިލްހާމޫ މަގޭދަރި." ޞަފިއްޔާގެ ބަޑި ފަޅައިގެންދިޔައެވެ. "ނިހާ މަރައިފި! ރޭގަ މީހަކުވަދެފަ އެ މަންޖެގެ ދުވަސް ދުއްވާލައިފި! އޭނާގެ އިއްފަތްތެރިކަން ލޫޓުވާލައިފި!"

އިލްހާމަށް ލިބުނީ ޝޮކެކެވެ. އޭނާގެ ހަނދާނަށް އައީ ރޭގެ ވަގުތެއްގައި ދީޕިކާ ދެއްކި ވާހަކަތަކެވެ. ދީޕިކާ ހޭނެތިފައި އޮއްވައި އިލްހާމްގޮސް ގޮވައިލުމާއެކު ފުންމައިގެން ތެދުވެ، ނިހާގެ ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކުރަމުން ގޮވި ބަނދިވަރުތަކެވެ.

"ނިހާއްކޮ ކޮޓަރި ނަޒީލް ހުންނަނީ ފެންނަނީ ވަންނަނީ ރަތް ލޯ." އިލްހާމްގެ ސިކުނޑީގައި އެ ވާހަކަތައް ގުގުމާލިއެވެ.

ދީޕިކާ ކީ އެއްޗެއް އެ ވަގުތު އިލްހާމަށް ފަހުމު ނުވި ނަމަވެސް މިހާރު އެ މަންޒަރު ވަރަށް ސާފުކޮށް އިލްހާމަށް ފެނިއްޖެއެވެ. ނިހާގެ ގަޔަށް ނަޒީލް އަރަން އުޅުނުކަމަށް ބުނެ، ނިހާ ދެއްކި ވާހަކައަކީ ދޮގެއް ނޫނެވެ. އެއީ ހަޤީޤަތެކެވެ. އިލްހާމްގެ އެތެރެހަށީގައި ހުޅު ރޯވެގަތެވެ. ނިހާގެ މައްޗަށް އޮތް ނަފުރަތު އިހުނަށްވުރެ ބޮޑުވިއެވެ. ނަޒީލްގެ މޮޔަކަމުން އެ އަންހެނާއަށް އިލްހާމްގެ ކައިރިން ބަދަލު ހިފާނެ މޮޅު ފުރުޞަތެއް ލިބުނީއެވެ.

"ނިހާއަށް ކިހިނެއްވީ އޭ! އިއްފަތްތެރިކަމޭ!." އިލްހާމް ޞަފިއްޔާ ދެއްކި ވާހަކަތައް ނޭނގޭކަމަށް ހެދުނެވެ.

"އާނ! އިލްހާމް." ޞަފިއްޔާ ރޮމުން ރޮމުން އިލްހާމް ގައިގާ އޮޅުލައިގަތެވެ. "ހެނދުނު ޚަބަރެއް ނުވެގެން ގޮސް ބެލިއިރު އޮތީ ބަރަހަނާ ހާލުގައި. ނޭވާވެސް ކިރިޔާ ލެވޭކަން. އަޅެ އެ މަންޖެއަށް އެހެން ހަދަން ވެދާނެތަ؟ އެކަހަލަ ކަމެއް ކުރާނީ ކާކުބާ؟"

"ދެން ކަލޭވެސް ރޯނެކަމެއްނެތް!" ޞަފިއްޔާ ރޯވަރުން އިލްހާމް ބޮލަށް އުނދަގޫވިއެވެ. "ރުޔެކޭ ކިޔާފަ ވީކަމެއް ނުވާކަމަކަށް ވާނެތަ؟"

"ދެން ކީއްތަކުރާނީ.. ބަނޑުއަޅާ ނުވިހިޔަސް އެއީވެސް މަގޭ ދަރިއެއް ކަހަލަ ކުއްޖެއް." ޞަފިއްޔާ އިލްހާމާ ދުރައްޖެހިލިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ގޮސް ގޮނޑި ބަރީގައި އިށީނެވެ. އިލްހާމް ވިސްނަންހުރެފައި ގޮސް ޞަފިއްޔާ ގާތު އިށީނެވެ.

"ޞަފިއްޔާއަކަށް ނިހާގެ ގޮތެއް ނޭނގެނެ! މަށަށް ވަރަށް ރަނގަޅަށް އެނގޭ!" އިލްހާމް ފުރުޞަތުގެ ބޭނުން ހިފައި މޮޅު ވާހަކައެއް ހަދައިލިއެވެ. "ޞަފިއްޔާއަކަށް ނޭނގޭނެ ރަށުތެރޭ މީހުން ދައްކާ ވާހަކައެއް! ނިހާއަކީ ފުރާ ފުރިހަމަވެފައި ހުރި ކުއްޖެއް! ބަލާލަން ރީތި ކުއްޖެއް. ފިރިހެނުންނާ މާ ގާތް ވެގަނެގެން އެއްފަހަރާ 100 މީހުންނާ ވާހަކަ ދައްކަމުން ދުވަންޏާ ލިބޭނީ އެކަހަލަ ލަނޑެއް!"

"ހެޔޮނުވާނެ ހުއްޓާލާ!" ޞަފިއްޔާއަށް އެ ވާހަކަތައް އަހާކަށް ފަސޭހައެއް ނުވިއެވެ.

"ކަލެޔަށް ހަޤީޤަތް އަޑުއަހަން އުނދަގޫވާނެ!" އިލްހާމް ތަންކޮޅެއް ބާރަށް ބުންޏެވެ. "ގޭގައި ތިހެން އިންނަ މީހަކަށް ކޯއްޗެއްތަ އެނގޭނީ؟؟ މަށަށްތާ އިވޭނީ މީހުން ދައްކާ ވާހަކަ! ހަޤީޤަތަކީ ނިހާ އެތައް ފިރިހެނުންނާ ވާހަކަ ދައްކާކަން. އެންމެނެއް ނުތިބޭނެ އޭނާ ލަނޑު ދިނީމަ ބަލާކަށް!.. ލަނޑެއް ދިނީމަ ނިހާގެ ކިބައިން ތި މީހަކު ތި ހިފާލީ ބަދަލެއް.. މަށަށް ނިހާގެ އެއުޅުން އިނގޭތީ އަވަހަށް ނިހާގެ ކައިވެނި ވެސް ހަމަޖެއްސީ! މަ ބޭނުމެއް ނޫން ރަށަށް ބަދުނާމުވާކަށް."

"ތީ ކާކު ދައްކައިގެން އުޅޭ މުޑުދާރު ވާހަކަތަކެއް." ޞަފިއްޔާ އަދިވެސް އިނީ ގޮތުގައެވެ. "ތީ ހުސް ދޮގު! ނިހާ ލޯބިވަނީ ހަމައެކަނި ނިކާލްދެކެ."

"މަ މި ވާހަކަ ނުދައްކާ މިހުންނަނީވެސް ކަލޭ މި ވާހަކަ ޤަބޫލު ނުކުރާނެތީ!" ޞަފިއްޔާ ނިހާއަށް ކުރާ އިތުބާރުގައި ރެނދު އަޅުވާލަން އިލްހާމް މަސައްކަތްކުރިއެވެ. "ކަލެޔަށް އަބަދުވެސް ހީވާނީ މަށޭ ދޮގު ހަދަނީ! މަ ކީއްކުރަންތަ ވަކި ނިހާއަށް ދެރަގޮތެއްވާން އެދެންވީކީ! އޭނަ ނިކާލްދެކެ ވަނީ ލޯތްބެއްވެސް ނޫން. އެ ހުންނަނީނު ފައިރޫޒްއާ އިންނަން ހަމަޖެއްސީމަ ވެސް އަޅާނުލާ! އެއީ ލޯބިވާ މީހުން އުޅޭ ގޮތްތަ؟؟ ހަމަ ބުނަންވީނު އޭނާ ބޭނުންވާ ގޮތް! ދެން ތި ކޮޓަރިއަކަށް ވަގަށް ވަންނަ މީހަކީ ވެސް އަޖައިބެއް ކަހަލަ މީހެއް.. ޖެހިޖެހިގެން ދެރޭ މިހާރު ވަދެއްޖެ! ރޭގަވެސް ހުރިހާ ދޮރެއް ތަޅުލައިފައި ހުއްޓައެއްނޫންތަ ވަދެ ތިކަމެއް ތިކުރީ ވެސް! ނިހާ ނުވައްދާނަމަ އެހެނެއް ނުވަދެވޭނެ! ނިހާ ވެއްދީމަ އެމީހަކަށް އެ ފުރުޞަތު ލިބުނީ! އޭނަ ދަންނަ މީހަކަށް ތިވާނީ ނުދަންނަމޭ ކިޔައިގެން އޭނަ އެހަދަނީ ހުސް ދޮގު! ޞަފިއްޔާ އަމިއްލައަށް ވިސްނާލަބަލަ!"

ފުރަތަމަ ފަހަރަށް ޞަފިއްޔާގެ ހިތުގައި ނިހާއާ މެދު ޝައްކު އުފެދުނެވެ. ރޭގައި ނިދަން ދިޔުމުގެ ކުރިން ނިހާގެ ކޮޓަރީގެ ބާލުޚާނާގެ ދޮރު ތަންޑު އެޅުވީ ޞަފިއްޔާގެ ދެއަތުންނެވެ. ބޭރަށް ނުކުންނަމުން ބޭރު ދޮރުވެސް ތަޅުލީ ޞަފިއްޔާއެވެ. ވީއިރު އެމީހަކަށް ނިހާގެ ކޮޓަރިއަށް ވަދެވޭނީ ނިހާ ވެއްދީމައެވެ. ފުރަތަމަ ރޭ ނިހާގެ ކޮޓަރިއަށް ވަން މީހާއާ ބެހޭ ގޮތުން ޞަފިއްޔާ ސުވާލުކުރުމުން ނިހާ ދޮގު ހެދިހެން އެދުވަހު ވެސް ޞަފިއްޔާއަށް ހީވިއެވެ. ނިހާގެ މޫނުމަތިން ފެނުނު ކުލަވަރާއި ޞަފިއްޔާއަށް ލިބުން ޖަވާބާއި ދިމާނުވުމުންނެވެ. ވީއިރު އިލްހާމް އެދައްކަނީ ހަމަ ތެދު ވާހަކަތަކެކެވެ.

ޞަފިއްޔާ އެއްޗެއް ނުބުނެ އިނުމުން އެ ވާހަކަތައް ޤަބޫލުކޮށްފިކަމަށް އިލްހާމަށް ޔަޤީންކުރެވުނެވެ. އޭނާ މަކަރުވެރި ގޮތަކަށް ހީނލިއެވެ. ދެން އޮތީ ނަޒީލް އަނެއްކާވެސް ޅަ އެއްޗެއް ނާޅަނީސް ހަމަޔަކަށް އެޅުވުމެވެ.

"މަ އެބައަންނަ ގެޔަށް ގޮސްލާފަ! ދޭބަލަ! ދީޕިކާ އޮންނާނެ 8 ވަނަ އެނދުގައި." އިލްހާމް ބިލުކޮޅު ޞަފިއްޔާ އަތަށް ދިނުމަށްފަހު ގެޔަށް ދިޔުމަށް ނުކުތެވެ.

****

ނިހާ އަވަސްފަރުވާދޭ ކޮޓަރީގައި އެދުމަތި ކުރެވުނެވެ. ނަރުސް ކުދިންތައް އައިސް ނިހާގެ ހާލުބަލައި އަވަސް ގޮތަކަށް ފަރުވާ ދެވެންފެށުނެވެ. ނިހާއަށް އޮކުސިޖަން ދިނުމަށް މާސްކެއް އަޅުވައިލެވުނެވެ. ނިކާލް ނިހާގެ ގާތުގައި އިށީނދެ އަތުގައި ބާރަށް ހިފަހައްޓައި ލައިގެން އިނެވެ. އެ ކޮޓަރި ތެރެއިން އިވެމުން ދިޔަ މެޝިންތަކުގެ އަޑުން ނިކާލްގެ ހިތްވަނީ އަވަސްވެފައެވެ. ނިހާގެ އަދުގެ ހާލާމެދު ނިކާލް ހިތާމަކުރާ މިންވަރު އެދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ހެކިދެއެވެ. ނިހާގެ އަތުގައި ހިފައިލައިގެން ނިކާލް އިންދާ ޑޮކްޓަރު އަޔެވެ. ޑޮކްޓަރ ނިކާލްގެ ގާތުން ހުރިހާ ވާހަކައެއް އޮޅުން ފިލުވިއެވެ. ނިކާލަށް އެނގިފައިވީ މިންވަރަކަށް ހުރިހާ ވާހަކައެއް ހިއްސާކުރިއެވެ. ނިކާލްގެ ވާހަކަތަކަށާއި ނިހާއަށް ލިބިފައި ހުރި އަނިޔާތަކަށް ބެލުމަށްފަހު އެތަނުން ޕޮލިހަށް މައްސަލަ ރިޕޯޓްކުރިއެވެ.

"ބައްލަވާ މީ ޕޮލިސް ކޭސްއެއް." ނަރުސް ކުއްޖަކު އައިސް ބުންޏެވެ. "އެހެންވީމަ ތިބޭފުޅާ ބޭރުގަ މަޑުކޮށްލަ ދެއްވައި. އެހީތެރިކަމަކަށް ބޭނުން ވެއްޖެނަމަ ގޮވައިލާނަން."

ނިހާ ނުފެންނަ ހިސާބަށް ދާކަށް ނިކާލްގެ ހިތެއް ނޭދެއެވެ. ނިހާ ހޭވެރިކަން ވާއިރު ގާތުގައި ހުންނަން ބޭނުމެވެ. އެހެންނަމަވެސް ނިހާއަށް އިންސާފު ހޯދައި ދިނުން އެޔަށްވުރެ މުހިންމެވެ. ނިހާގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު ނިކާލް ނުކުތީ ހިތްވަރުކުރުމަށް ބުނަމުންނެވެ.

ނިކާލް އަވަސްފަރުވާދޭ ކޮޓަރި ދޮރުމަތީ ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ. ޕޮލިސް ޔުނީފޯމްގައި ހުރި ފައިރޫޒް އަންނަތަން ފެނުނެވެ. ފައިރޫޒްގެ ފަހަތުން އިތުރު ދެމީހަކު ވެސް އަޔެވެ. ފައިރޫޒް އައިސް ނިކާލްއާ ސުވާލުތައް ކުރުމަށްފަހު ނަރުސް ކުދިންނަށް އެންގީ ނިހާ ހޭ އެރުމުން އެމީހުންނަށް އެންގުމަށެވެ. އާއިލާ މީހުންނަށް ބައްދަލުކުރުމުގެ ކުރުމުގެ ފުރުޞަތު ނުދިނުމަށް ވެސް ބުންޏެވެ. އާއިލާ މީހުންނަށް ބައްދަލުކުރެވޭނީ ނިހާގެ ބަޔާން ނެގުމަށްފަހުގައި ކަމަށް ބުނަމުން ފައިރޫޒް ދިޔައީ އެތަނުގައި އޭނާއާއެކު އައި މީހަކު ބަހައްޓައިފައެވެ.

**********

އިލްހާމް ގަރާޖަށް ކާރު ވެއްދުމަށްފަހު ކާރުން ނުކުމެ ދޮރުފަތް ބާރަކަށް ޖެހިއެވެ. އޭނާ ބާރު ހިނގުމެއްގައި ގެޔާ ދިމާއަށް މިސްރާބުޖެހި އިރު ހިސާބަކަށް ތުރުތުރު އަޅައެވެ. ދެދަތްޕިލަ ފިއްތާ ބާރުކޮށްގެން ހުރުމުން ރުޅި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާހެން ހީވެއެވެ. ގޭތެރެއަށް ވަދެވުމާއެކު އޭނާ އަޑުގެ ނެތްކޮޅަށް ނަޒީލަށް ގޮވަންފެށިއެވެ.

ބައްޕަގެ ބާރު އަޑުއިވިފައި ނަޒީލް ސިޑިން ފައިބެގެން އައީ ނިކަން ބާރަށެވެ. އޭނާ ހީކުރީ މީހަކަށް ކަމެއްދިމާވެގެން އުޅޭ ކަމަށެވެ. ނަމަވެސް ބައްޕަގެ ރުޅިވެރި މޫނު ފެނުމާއެކު އޭނާގެ ހަޤީޤަތް އެނގުނީކަން ނަޒީލަށް އެނގުނެވެ. އިލްހާމް ދިޔަ ބާރު މިނުގައި ގޮސް ނަޒީލް ކަންކަށިމަތީ ވިހެލިއެވެ.

"ކަލޭ ތިއުޅެނީ މަ މިދުނިޔެއަށް ގިނަކުރާނެ ގޮތެއް ނޭނގިގެންތަ؟" އިލްހާމް ބާރަށް ބުންޏެވެ. "ކަލޭ ތިވަރުކޮށްފަ ތިހުރީ ހަޑިހާވާ މަ ފަޟީޙަތްކުރަންތަ؟"

ނަޒީލް އިސްދަށަށްޖަހައިލިއެވެ.

"ޖަވާބު ދީބަލަ؟" އިލްހާމް ހަޅޭލަވައިގަތެވެ. "ކަލެޔަށް ނިހާ ނޫންމީހެއް ނުފެނުނީތަ؟ އެންމެ ކުޑައިރުންސުރެ މަ މި ކިޔަނީ އޭނަޔާ ދުރުގަ އުޅޭށޭ. އެ ހައިވާނު އެހުންނަނީ މަގޭ ފަރާތުން ކުށެއް ފެނޭތޯ ބަލަބަލާ. މަ މިދުނިޔެއަށް ގިނަ ކުރާނެ ގޮތެއް ފެނޭތޯ ބަލަބަލާ. ކަލޭ އޭނާއަށް ތި ދިނީ އެ ފުރުޞަތު."

"މާފުކުރޭ ބައްޕާ! އަޅުގަނޑު ނިހާ ގާތުން ވެސް މާފަށް އެދޭނަން." ނަޒީލް އިސްއުފުލައިލަމުން އިލްހާމާ ހަތަރުކަޅި ހަމަކޮށްލީ ބިރުންހުރެއެވެ.

"ހަބަރުދާރު!" އިލްހާމް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަމުރުކުރިއެވެ. "ކަލޭ ތިކަހަލަ މޮޔަކަމެއް ކޮށްގެންނުވާނެ! ކަލޭ ސިކުނޑީގަ ތެތްކަމެއް ހުރިނަމަ ތިކަހަލަ މޮޔަކަމެއް ކުރަން ހިތަށްވެސް ނާރުވާނެ. މަށަށް މާކުރިން ވެސް އެނގޭ ކަލޭ އެ އަންހެނާއަށް ބަލަމުންދާ ގޮތް. ތިކަން ތިހެންވެދާނެތީ ކަލޭ އިންޝާއާ އަވަހަށް ދެވީވެސް. ކަލޭ ބޭނުން ގޮތަށް ކަންތައް ވެއްޖެއްނުން. ދެން ޖެހޭނީ މަ ބުނާ ގޮތް ހަދަން."

ގޭތެރެއިން އަޑުގަދަވެގެން ކޮޓަރިން ނުކުމެ ތަނބާ ނިވާވެގެން ހުރި އިންޝާއަށް އިލްހާމުގެ ހުރިހާ ވާހަކަތަކެއް އިވުނެވެ. އޭނާ އަނގަމަތީ އަތް އަޅާލައިގެން ސިއްރުން އެ ދެބަފައިންނަށް ބަލަންހުރެވުނީ ހައިރާންވެފައެވެ.

"އިންޝާއަށް އެނގޭތަ؟" އިލްހާމް މަޑުމަޑުން ވާހަކަދެއްކި ނަމަވެސް އަޑުގައި ރުޅިވެރިކަމެއް އެކުލެވިފައި ހުއްޓެވެ.

ނަޒީލް މަޑުމަޑުން ބޯ ޖަހާލައި އިންޝާއަށް އެނގޭނެކަމަށް އިޝާރާތް ކޮއްލިއެވެ.

"ކަލޭ އޭނަ މައިތިރި ކުރޭ." އިލްހާމް ބުންޏެވެ. "މި ހަޤީޤަތް މި ހަތަރު ފާރުން ބޭރުވެދިޔަ ދީގެން ނުވާނެ. އަދި ބުނަން މިމައްސަލަ މިހާރު އޮންނާނީ ޕޮލިހުންނާ ހިސާބަށް ގޮސްފަ. އެމީހުން އަންނާނެ ސުވާލުކުރަން. އިންޝާ ކައިރީގަ ބުނާތި އަނގަ މަޑުން ލައިގެން ހުންނާށޭ. ކަލޭވެސް ޗުއްޕުވެސް ބުނެގެން ނުވާނެ."

ކަންތައްކުރަންވީ ގޮތް ކިޔަދިނުމުން ކިޔަމަންތެރިކަމާއެކު ނަޒީލް ބޯ ޖަހައިލިއެވެ. އިލްހާމް ސިކުނޑީގައި ކަންތައްތައް ރާވާލަމުން ނަޒީލަށް އެންގީ މައްޗަށް ދިޔުމަށެވެ. އިލްހާމް ފުންނޭވާއެއް ދޫކޮށްލަމުން ފަހަތަށް އެނބުރުނުއިރު ދޮރުމަތީގައި ހުރި ފައިރޫޒް ފެނުމާއެކު އޭނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. (ނުނިމޭ)

އަށްވަނަބައިގެ ތެރެއިން:-

"ވާހަކައެއް އަހާލަންތަ؟" ހިމޭންކަމުގެ ވަގުތު ކޮޅެއް ފާއިތުވިފަހުން އިންޝާ ވާހަކަ ދައްކަންފެށިއެވެ. ހިޔާލުގެ ތެރެއަށް ގެއްލިފައި އިން ނިހާ ކުޑަކޮށް ސިހުނެވެ.

"ކޮން ވާހަކައެއް؟" ނިހާ ހަމަޖެހިލަމުން އަހާލިއެވެ.

"ތެދަށް ބުނައްޗޭ! ނިހާގެ މަންމަ ބަނޑުބޮޑު ވީ އިލްހާމްގެ ދަރިޔަކަށްތަ؟"

އިންޝާގެ ސުވާލާއެކު ނިހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.