ދޮރުގައި ޓަކިޖަހާލުމުން ދޮރު ހުޅުވާލީ ކުރިން ވެސް ފެނިފައިވާ މީހެކެވެ. އެއީ ހަމަ އެންމެ ފަހަރަކުއެވެ. ހިނިތުން ވެލުމާއެކު އަތުގެ އިޝާރާތުން ސިޓިން ރޫމުގައި ހުރި ގޮނޑި ސެޓްގައި އިށީނުމަށް ބުނެފިއެވެ. ވަރަށް މީރު ވަހެއް މުޅި ތަނަށްވަނީ ފެތުރިފައެވެ. އެ ވަހަކީ އަހަރެންނަށް ވަރަށް ކަމުދާ ވަހެކެވެ. ކުޑައިރުން ފެށިގެން ކޮންމެ ޢީދެއްގައި އަދި ރޯދަމަހުވެސް އެވަސް އާންމުކޮށް އަހަރެންނަށް ދުވައެވެ. އެއީ ފޮނިތޮށީގެ ހިތްގައިމު ވަހެވެ. އަހަރެންގެ މަންމަ އަކީ ފޮނި ކާއެއްޗެތި ތައްޔާރު ކުރާން ވަރަށް މޮޅު މީހެކެވެ. ވަހާ އެއްވަރަށް ރަހަ ވެސް ލައްވާލައެވެ. ބޮނޑި ބަތް، ސޫޖީ، ޕިރިނީ ވެސް އެހާ މީރުކޮށް ކައްކައެވެ. އަދި އަހަރެންނަށް އެންމެ މީރު ގިތެޔޮ ބޯކިބާ ވެސް އެހާ މީރުކޮށް އަޅައެވެ.

އަހަރެން ވަން ގެއަކީ މީގެ ކުރިން އެއް ފަހަރަކު އައި ގެއެކެވެ. ނަމަވެސް އެފަހަރު އައީ އަހަރެންގެ ރަހުމަތްތެރި ވަހީދާ އެކުގައެވެ. ވަހީދަކީ މިގޭގެ ބަޓުލަރެވެ. ޖެހުނު ކޮންމެ ކަމެއް ކުރުމުގައި މިގޭ މީހުންގެ ހަވާލު ދާރެއެވެ. އޭނާއަކީ ފްރީލާންސްކޮށް ގޭގެއަށް މަސައްކަތް ކޮށްދޭ މީހެކެވެ. މުރާލިކަމާއި ތެދުވެރިކަމުން ދެތިން ގެއްގެ ބަޓުލަރެވެ. އާންމުދަނީ ހޯދަނީ ވެސް އެ މަސައްކަތުންނެވެ. ވަހީދާއި އަހަރެންގެ ރަހުމަތްތެރިކަން އުފެދިފައި އޮންނަތާ މިހާރު ހައެއްކަ އަހަރު ވެއްޖެއެވެ.

މިގެއަށް މިއަދު އައީ އޭނާ ދިން ހަދިޔާ އެއް ހިފައިގެންނެވެ. ވަހީދު އެދުނު ގޮތަށް ހަވީރު ފަސްގަޑި ބަޔަށެވެ. އެ ހަދިޔާއަކީ މިގޭގެ ވެރި ސަލްމާ ނަސީމަށް އޭނާގެ ކުރީގެ ފިރިމިހާ ޒާހިރު ނަސީރު ދިން ހަދިޔާ އެކެވެ. އުފަން ދުވަހުގެ ހަދިޔާއެވެ. ސިޓިންރޫމުގައި އިށީނުމަށް ބުނެފައި ސަލްމާ ދިޔައީ ކާގެއާއި ދިމާއަށެވެ. އަހަރެން މިގެއަށް އައި ފުރަތަމަ ދުވަހު މިގޭ މީހުންނާ އެއްތަށި މަތިން ކެއުމުގެ އުފާ ލިބުނެވެ. ސަލްމާގެ މަންމަ އާއި ބައްޕަ ވެސް އެދުވަހު ކެއުމުގައި ބައިވެރި ވިއެވެ.

ސަލްމާގެ ބައްޕަ އަކީ މާލޭގެ މުއްސަނދި ވިޔަފާރި ވެރިއެކެވެ. މަޑު މައިތިރި އަޚުލާޤެއްގެ ވެރިއެކެވެ. ހެދުން އެޅުމާއި ދިރިއުޅުމުގައި ޚާއްސަ ގޮތްތަކެއް ހުންނަކަން އަހަރެންނަށް ކުރިން އޮތީ އެނގިފައެވެ. އެއީ އަހަރެންނާ އެއް އޮފީހެއްގައި އުޅުނު މީހެއްގެ ފަރާތުންނެވެ. އޭނައަކީ ސަލްމާގެ ބައްޕައަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ.

ކެއުން އޮތް ދުވަހު ވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. އެދުވަހު ގިނަ ވާހަކަ ދެއްކީ ބަޓްލަރު ވަހީދެވެ. ވަހީދަށް ޚާއްސަ ކޮޓަރިއެއް ވެސް މިގޭގައި ހުރެއެވެ. މިގޭ މީހަކު ބަލިވެ އުޅޭނަމަ އޭނާ ނިދާނީ މިގޭގައެވެ. އަދި ބޮޑު ކަމަކަށް ތައްޔާރު ވާނަމަވެސް އޭނާ ދިރިއުޅުން މިގެއަށް ބަދަލު ކޮށްލައޭ ބުނުމީ ވެސް ދޮގަކަށް ނުވާނެއެވެ. ވަހީދު ކަހަލަ ތެދުވެރި ޚުލްގު ހުރި މުރާލި މީހަކު އަހަރެންގެ މަންމަ ފިޔަވާ އަހަރެންގެ ހަޔާތުގައި ނުދެކެމެވެ.

ސަލްމާ އަހަރެންނާ އިތުރު ސުވާލެއް ނުކުރެއެވެ. އޭނާއަށް އަހަރެން ކުރިން އަންނަކަން އޮތީ އެނގިފައިހެން އޭނާގެ ހަރަކާތްތަކުން އެނގެއެވެ. އަހަރެންގެ އަތުގައި އޮތް ޕާރުސަލް އޮތީ ކޮތަޅެއްގައެވެ. އެ ޕާރުސަލް އަދި ނުނަގާ މަޑުކޮށްލީ ސަލްމާ ހަދާ ގޮތެއް ބެލުމަށެވެ. އިރުކޮޅަކުން އައީ ތަބަކެއް ހިފައިގެންނެވެ. އޭގައި ހުރީ ބޯތައްޓަކަށް އަޅާފައި ހުރި ޕިރިނީއެވެ. އަދި ފެންތައްޓެކެވެ. ޕިރީ ތަށި ފެނުމާއިއެކު ކުޅު ދިޔާވިއެވެ. އަހަރެންގެ ހިތް ބުނީ ތެދެކެވެ. ފޮނި ކާއެއްޗެއްގެ މީރުވަހުގައި އެ ހުންނަ ފޮނިތޮށީގެ މީރު ވަހެވެ. އަހަރެންގެ ކައިރީގައި ހުރި ބިއްލޫރި މޭޒު މަތީގައި ތަބަށް ބަހައްޓާލުމަށް ފަހު ގޮނޑި ސެޓުގައި އޭނާ އިށީނދެއްޖެއެވެ.

ސަލްމާއަކީ މިހާރު އުމުރުން ސާޅީހަކަށް އަހަރު ވެފައިވާ އަންހެނެކެވެ. އެކަން އަހަރެންނަށް އެނގެނީ ވަހީދުގެ ފަރާތުންނެވެ. ވަހީދު ވަނީ ސަލްމާގެ ދިރިއުޅުމާއި ގުޅޭ ވާހަކަ ކޮންމެ ވެސް ވަރަކަށް އަހަރެންނަށް ކިޔާދީފައެވެ. ސަލްމާއަކީ މުއްސަނދި ނަސީމުގެ ދެ ދަރިންކުރެ ދޮށީ ދަރިފުޅެވެ. ހަގު ދަރިފުޅު ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ.

އުމުރަށް ވުރެ އޭނާގެ މޫނުމަތިން ފެންނަނީ ޒުވާން ކަމެވެ. ހެދި ހުރި އިސްކޮޅެކެވެ. ލާފައި ހުރީ އެހާ ގައްޔަށް ބާރު ހެދުމެއް ނޫނެވެ. ލޭރަތް ކުލައިގެ އަތްދިގު ހެދުމާއި ގުޅޭ ރީތި ބުރުގާއެއް ވަނީއަޅާފައެވެ. ހަށިގަނޑު ފަލަ ނޫންކަން ދޭހަވެއެވެ. ސިޓިން ރޫމުގައި ހުރި ކަސްރަތުކުރާ މެޝިންތައް ފެނުމުން ކަސްރަތު ކުރާކަން އެނގެއެވެ. ދޮން މީހެކެވެ. ބޮޑަށް ވައްތަރީ އިންޑިޔާ ނަސްލުގެ މީހަކާއެވެ. ހަސަބާ ނަސަބު ނޭނގުނަސް އެގޮތަށް އަހަރެންގެ ހިތުން ނިންމީއެވެ. ކާފަ ނުވަތަ މާމަ އެނަސްލުގެ މީހަކާއި ގުޅިފައި އޮތުމީ ވެސް ނުވެ ނުދާނެކަމެކެވެ. އިށީނދެގެން އިނީ އަހަރެންނާއި ސީދާ ކުރިމަތީގައި ހުރި ހަމަ އެކަނި ގޮނޑީގައެވެ.

ސިޓިން ރޫމު ވަރަށް ބޮޑެވެ. ތަޅުމުގައި ވަނީ އޮރިމަސް ވަކަރު ފިލާ ޖަހާފައެވެ. ދެ ދިމާ އެއްގައި ރަތްކުލައިގެ ދޫލަ އަޅާފައި އޮތެވެ. ބައެއް މީހުން އެއަށް ރަގޭ ވެސް ކިޔާ އުޅެއެވެ. ފާރުތަކުގައިވަނީ ވޯލް ޕޭޕަރ ޖަހާފައެވެ. ޒީނަތްތެރި ކުރުމަށް އިހުގެ ބައެއް ތަކެތި ބަހައްޓާފައި ހުރި ހަރުގަނޑަކާއި ފޮތް އަލަމާރިއެއް ވެސް ފެނެއެވެ. ފަންގިފިލާގައިވަނީ ހުދުކުލައެވެ. އަދި ރީތި ސިފަ ސިފާގައި ހުރި ދިއްލާ ބޮކިތައް ހުއްޓެވެ. ގޭތެރޭގެ ތަރުތީބުކަން ވަރަށް ބޮޑަށް ފެނެއެވެ. މިކަމުން މީނާއަކީ ވަރަށް ގޮތް ހުރި ސާފުތާހިރު އަންހެނެއްކަން ދޭހަވެއެވެ.

އަހަރެން ބަހެއް ނުބުނެ ކަމުން ގެންދިޔައީމެވެ. ގޭގެ ތަންތަނަށް ވައްކަޅިން ބަލަމެވެ. އަދި ސަލްމާގެ މޫނަށްވެސް ބަލައިލަމެވެ. އޭނާ އިނީ ފޯނާ ކުޅޭށެވެ. ގޭތެރޭގައި އެއްވެސް އަޑެއް ނެތެވެ. މުޅިތަނަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ސިޓިން ރޫމުން ބޭރު ފެންނަގޮތަށް ހުރި ބޮޑު ދޮރުގެ ބިއްލޫރި ގަނޑުން އިރު އޮއްސޭއިރު އުޑުމަތިން ފެންނަ ރީތި މަންޒަރު ކުޑަކޮށް ފެނެއެވެ. ދޮރުފޮތިގަނޑުގެ ބަތާނަ ހުރީ މުޅިން ކަހާ ނުލައެވެ. އެދޮރުން ރަން އަވީގެ ކުލަވަރު ގޭތެރެއަށް ވަދެފައި ހުރީ ވަރަށް ހިތްގައިމު ގޮތަކަށެވެ.

ކައި ނިމިގެން ފެން ފޮދެއް ބޯލީމެވެ. ފެނުގައި ބުނެދޭން ނޭނގޭ މީރު ރަހެއް ލައެވެ. މަދު މަދުން ފެން ބޮމުން ގެންދިޔައީމެވެ. ފެންތަށި ހުސްވުމުގެ ކުރިން އެއީ ކޮންކަހަލަ ފެނެއްކަން އެނގިއްޖެއެވެ. އެއީ ހުވަދުމާ ފެނެވެ. އަހަރެން ކުޑައިރު އަހަރެމެން ގޭގައިވެސް ބޯފެން ބަނޑިޔަލަށް ހުވަނދުމާ އަޅާފައި ހުރެއެވެ. އެއީ އަހަރެންގެ މާމަ ވަރަށް ފަރުވާތެރިކަމާއި އެކު ކޮންމެ ދުވަހަކު ކުރާކަމެވެ.

ފެން ބޮއި ނިމުނު ތަނުން އޭނާ ފުރަތަމަ ފަހަރަށް ސުވާލެއް ކޮށްލިއެވެ. މަހުލަބިއްޔާ މީރު ހެއްޔެވެ. އަހަރެން ބުނީމެވެ. އަޅުގަނޑު ހީކުރީ ޕިރިނީ ކަމަށެވެ. މިގޭ މީހުންނަށް އަދި އަހަރެންނަށް ވެސް މީރީ މަހުލަބިއްޔާއެވެ. ޕިރިނީއާއި އެއް އާއިލާ އެއްގެ އެއްޗެއް ވީމާ ގިނަ މީހުންނަށް އޮޅެނީއެވެ. އަހަރެން މަހުލަބިއްޔާ ކައްކަނީ ބައެއް ކަހަލަ ބަދަލުގެނެސް ގެންނެވެ. ހަގީގަތުގައި މަހުލަބިއްޔާއަކަށް ފޮނި ތޮށި ކާފޫރު ތޮޅިއެއް ނާޅާނެއެވެ.

އަހަރެން ބުނީމެވެ. މަހުލަބިއްޔާ ކިޔާ އެއްޗެއް ދުވަހަކުވެސް ނުކަމެވެ. ކަމުން ދިޔައިރުވެސް އާދަޔާ ޚިލާފު މީރު ރަހައެއް އިހުސާސް ކުރެވުނެވެ. ކިރުގެ ރަހައެވެ. ބަދަނުގެ ރަހައެވެ. އަހަރެންގެ މަންމަ ވަރަށް މީރުކޮށް ޕިރިނީ ކައްކައެވެ. އަދި ފޮނިތޮށީގެ ވަސް މުޅި މިތާނގައި ހުރުމުން މަންމަ މަތިން ވަރަށް ހަނދާންވިއެވެ. މިހާރު އަހަރެންގެ މަންމަ ވަނީ މިދުނިޔެއާއި ވަކިވެފައެވެ.

ސަލްމާ އަހަރެންގެ މަންމައަށް ހެޔޮ ދުއާ ކުރުމަށް ފަހު ބުނެފިއެވެ. "މީގެ ކުރިން އެއްދުވަހު މިގެއިން ފެނުނު ހަނދާން ވޭ ރަނގަޅަށްތަ މިބުނެވުނީ؟"

އަހަރެން ފުންނޭވާއެއް ލުމަށްފަހު ވަރަށް ހަމަ ޖެހިލައިގެން އިނދެ ބުނެފީމެވެ. "އާދެ." މިހެން ބުނުމުން ވަރަށް ފުންކޮށް އަހަރެންގެ މޫނަށް އޭނާ ބަލައިލިއެވެ. ވަގުތުން އަހަރެން އިސްދަށަށް ޖެހީމެވެ. ފުރަތަމަ ދިމާވި ދުވަހު ކާމޭޒު ދޮށަށް އޭނާއަށް އާދެވުނީ އަހަރެމެން ކައި ނިމުނު ފަހުންނެވެ. އެދުވަހު އޭނާ ބުނި ވާހަކަ އެއް މިއަދު ވެސް ހަނދާން އެބަހުއްޓެވެ. ކެއުމުގައި ބައިވެރި ވެވޭނެ ކަމަށް ވަރަށް އުންމީދު ކުރީމެވެ. ނަމަވެސް ހަސްފަތާލުގައި ގިނަ އިރު ވީއެވެ.

އިރުކޮޅަކު ހިމޭނުން އިނދެފައި އަނެއްކާ ވެސް އަހަރެން އިސް އުފުލާލީމެވެ. އޭރު ވެސް އޭނާ އިނީ އަހަރެންނާއި ދިމާއަށް ބަލާށެވެ. އަހަރެން ބަލައިލުމާއި އެކު އިސްދަށަށް ޖަހާލައިފިއެވެ. އަދި އިސްއުފުލާ ލަމުން ބުނެފިއެވެ. "ވަހީދު ބުނި ކޮންމެވެސް އެއްޗެއް ދީފައޭ ފޮނުވީ ކޮބައިތަ ތިގެނައިއެތި؟"

އަހަރެން ގެނައި ކޮތަޅުން އެ ޕާރުސަލް ނަގައި ދިއްކޮށްލުމުގެ ކުރިން އޭގެ ބޭރުގައި ލިޔެފައި އޮތް ލިޔުންކޮޅު ކިޔާލީމެވެ. ކުޑަ ކަރުދާސް ކޮޅެއްގައި އަތުލިޔުމުން ހަމަ އެކަނި ސަލްމާއަށް މިގޮތަށް ލިޔެފައި އޮތެވެ. އަދި ކަރުދާސް ކޮޅުގެ މަތީ ކަނުގައި އުފާވެރި އުފަންދުވަހެއް މިހެން ވެސް އޮތެވެ. އަދި ތިރީ ކަނުގައި އޮތީ "އަބަދުވެސް ޒާހިރު" މިހެންނެވެ.

އެލިޔުން ފެނުމުން އެއީ އަތުލިޔުން ރީތި މީހެއްގެ ލިޔުންކަން އެނގެއެވެ. އަދި ލިޔެފައި އޮތީ ދެލި އަޅާ ގަލަމަކުންކަން ވެސް ދޭހަވެއެވެ.

ޕާރުސަލް ދިއްކޮށްލުމާއި އެކު ހިނިތުންވެ އިނދެ ހިފައިފިއެވެ. އަދި ވަރަށް ފުންކޮށް އެލިޔުން ކޮޅު ކިޔާލިއެވެ. ތުންފަތް ވެސް ހެލިލިއެވެ. ނަމަވެސް އަޑެއް ނުނިކުމެއެވެ. ފުންނޭވާއެއްލީކަން އެނގެއެވެ. އަދި ކައިރީގައި ހުރި މޭޒު މަތީގައި ޕާރުސަލް ބޭއްވީ އެހާ މުހިންމެއްނޫނޭ ބުނާ ކަހަލަ ގޮތަކަށެވެ. ކުޑަކޮށް މޫނުމަތިން މާޔޫސްކަން ވެރިވިއެވެ. ކަމެއްގެ ތެރެއަށް ގެއްލިފައި އިންހެންވެސް ހީވިއެވެ. ބަލަން އިނީ ކުޑަ ދޮރުން ފެންނަ ރީތި މަންޒަރާ ދިމާއަށެވެ. ރަންވިލާ ތަކާއި ދިމާއަށެވެ. އިރުކޮޅަކު އެހެން އިނެވެ.

އަހަރެން ދަނީ އޭ ބުނެ ތެދުވަމުން އުފާވެރި އުފަން ދުވަހަކަށް އެދެނީ ހިތުގެ ދުލުންނޭ ބުނެލީމެވެ. ކުއްލިއަކަށް އަހަރެންގެ މޫނަށް މިފަހަރު ބަލައިލީ އުނދަގޫ ކުރާކަހަލަ ބެލުމަކުންނެވެ. އަދި ބުންޏެވެ. ތިޔައީ ކޮންމެ ފިރިހެނެއްގެ ވެސް އަތްމަތީ ބަހެއް ހެއްޔެވެ؟ އަހަރެން ކުޑަކޮށް ނާރވަސްވެފައި މައާފު ކުރައްވާށޭ ބުނީމެވެ. އަދި ދާން ހިނގައި ގަތުމުން ބުނެފިއެވެ. އަދި މަޑު ކޮށްލަ ބަލާށެވެ. އަހަރެން ހުއްޓި ހުރީ އޭނާއަށް ފުރަގަސް ދީގެންނެވެ. ދެން ވެސް ވާހަކަ ދެއްކީ ސަލްމާއެވެ. މިކޮޅަށް އާދެ ބަލާށެވެ. އަހަރެން މަޑު މަޑުން އެނބުރުނު އިރު އޭނާ ބެލްކަންޏަށް ނުކުންނަނީއެވެ. ނުހަނު ތަނަވަސް ބޮޑު ބެލްކަންޏެކެވެ. ބެލްކަނީގެ ބޭރުފާރުގެ ގޮތުގައި ވަނީ ބިއްލޫރި ހަރުކޮށްފައެވެ. ވަރަށް ރީތިކޮށް ބޭރު ފެނެއެވެ. އަހަރެން މަޑު މަޑުން ހިނގާފައި ގޮސް ބެލްކަންޏަށް ނުކުމެއްޖައީމެވެ.

ސަލްމާ ހުރީ އޮއްސޭ އިރުގެ ރީތި ވިލާތަކާއި ދިމާއަށް ބަލާށެވެ. އިރު ކޮޅެއް ވީތަނާ އަހަރެން ބުނެފީމެވެ. ކިހިނެއް ވީތޯއެވެ. އޭނާ ވަރަށް މަޑު މަޑުން ނިޔަނެތި ގޮތަކަށް ބުންޏެވެ. މައާފު ކޮށްފީމެވެ. އަހަރެން ޝުކުރިއްޔާ އޭ ބުނެލީ ހިނިތުން ވެހުރެއެވެ. ވައްކަޅިން އޭނާ އަހަރެންނަށް ބަލައިލިކަން އެނގުނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.

"މިއީ ކޮންމެ މީހަކަށް ހަމަ ކޮންމެ ދުވަހަކު ފެންނާނެ މަންޒަރެއް ނޫންނެވެ. އަހަރެންގެ އުފަލަކީ އިރުއޮއްސޭ މަންޒަރު ބެލުމެވެ. އެމަންޒަރުން އަހަރެންގެ ދިރިއުޅުމަށް އަދި ދިރި ހުރުމަށް ހާދަ ބޮޑު އެހީ ތެރިކަމެއް ލިބެއެވެ. މި މަންޒަރުން ކޮންމެ ދުވަހު އާކުލަ ތަކެއް ފެނެއެވެ. އަދި އާ ތަސްވީރެއް ފެނެއެވެ. ވިއްސާރަ ދުވަސް ދުވަހު އެންމެ ރީތި މަންޒަރު ނުފެނުނަސް މޫސުން ރީތި ދުވަސް ދުވަހު ބަލާ ފޫހި ނުވެއެވެ. ޤުދުރަތުގެ ފުރިހަމަކަމެވެ. އިންސާނުންނަށް މިފުރިހަމަކަން ނާންނަނީ ކީއްވެ ބާވައެވެ.

ވިއްސާރަ ދުވަސް ތަކުގައި އަހަރެން ނުކުންނަނީ ބޭރަށެވެ. މިގޭ ކުރިމަތީގައި އެހަރަ ބޮޑެތި ގަސްތަކާއި ދިމާއަށެވެ. އަދި އެގަސްތަކުގެ ހިޔަލުގައި އަހަރެން އިންނަނީ ފޫހިކަމެއް ނެތިއެވެ. ވާރޭ ވެހޭއިރު ބޭރުގައި އިނުމީ އަހަރެންނަށް ފުން އިހުސާސެއް ކުރެވޭ ކަމެކެވެ.

ސަލްމާ އާއި ދިމާއަށް އަރިމަތިންނާއި ފުރަގަހުން ވަރަށް ފުންކޮށް ބަލައިލީމެވެ. އަހަރެން ބަލާކަން އިހުސާސްވެގެން އެއްޗެއް ބުނުމުގެ ކުރިން މިތަނުން ބަޗަންވީ އޭ ހިތަށް އެރިއެވެ. ފަޅާ އަރައިފިއްޔާ ދެން ބުނާނެ އެއްޗަކާއި މެދު ހިތުގައި ނުތަނަވަސްކަން ވެސް ވެރިވަމުން ދިޔައެވެ. އެކަމަކު ހަމަ ބަލާލާ ހިތްވަނީއެވެ. މިއީ މީގެ ކުރިން ހިތަށް އެރި ގޮތެއް ނޫނެވެ. މިމާލެއިން އަހަރެން މިކަހަލަ މިޒާޖެއްގެ އަދި މިކަހަލަ ސިފައެއްގެ އަންހެނަކާ ދިމައެއް ނުވެއެވެ. އޭނާގެ މިޒާޖާ ޚިޔާލު މިހާ ކުޑަ ވަގުތު ކޮޅަކުން އަހަރެންނަށް އެއްކޮށް ދަސްނުވިއަސް ކޮންމެވެސް ވަރަކަށް ދަސްވާހެން ހީވެއެވެ. އެކަމަކު ބިރު ހިތަށް ވެރިވަނީ ބުނެވޭ ހަމަ އެންމެ ވާހަކަ އަކުން ރަތްރޮނގު ހުރަސް ކުރެވިދާނެތީއެވެ.

އަޅުގަނޑު ދެން ދަނީއޭ ބުނެފައި ހިނގައިގަންނަން އުޅެނިކޮށް އޭނާ ބުނެފިއެވެ. މިހާ އަވަހަށް ތިޔަދަނީ ކޮންތާކަށް ދާން ހެއްޔެވެ. އަހަރެންނާއި ހެދި އުނދަގޫ ވަނީ ހެއްޔެވެ؟ މިރީތި މަންޒަރުން ހިތަށް އުފާވެރިކަމެއް ނުގެނެވޭ ހެއްޔެވެ؟

އަހަރެން ބަހެއް ނުބުނެ އިރު ކޮޅަކު ހިމޭނުން ހުރީމެވެ. އަނެއްކާ އޭނާ ވާހަކަ ދައްކަން ފަށައިފިއެވެ. އިރާ ހަދާ އެކުގައި ފެންނަނީ ވެސް މަދު ފަހަރަކުއެވެ. އެކަމު މިއަދު އަހަރެންނަން އެ އުފާ ވެސް ލިބުނެވެ. މިއަދު މީ އަހަރެންގެ އުމުރުން އަނެއްކާ ވެސް އަހަރެން ފާއިތުވެގެން ދިޔަ ދުވަހެކެވެ. މުސްކުޅި ވެއްޖެއެވެ. އުފަން ދުވަސް އައުމުން އެހެން މީހުން ކުރާ އުފަލެއް އަހަރެންނަކަށް މިއަދަކު ލިބޭކަށް ނެތެވެ. އަދި އެކުގައި އެކަން ހިއްސާކުރާނެ ޔާރެއް އިޔާރެއް މިއަދު ނެތެވެ. އަހަރެންގެ ހިތުގައި ހުރި ވާހަކަތައް ހިއްސާކޮށްލާނެ ރަނގަޅުމީހަކު ނެތެވެ. އެފަދަ މީހަކު ލިބޭތޯ އަހަރެން ދުޢާ ކުރަމެވެ. ކޮންމެ ކޮންމެ މީހަކު ކަމަކު ނުދެއެވެ. އަހަރެންގެ އުފަލާއި އަރާމުގައި އޮތީ އެކަނިވެރިކަމެވެ.

މިހާތަނަށް ވާހަކަ ދިޔަތަނާ އަހަރެން ބުނެފީމެވެ. މިއަދު ލިބުނު ހަދިޔާ ދިން މީހާގެ މަތިން އުފަލެއް ނުވޭތޯއެވެ. ކުޑަ އިރު ކޮޅަކު ބަހެއް ނުބުނެ ހުރެއްޖެއެވެ. އޭނާގެ މޫނަށް އެޅިފައި ހުރި ރަންއަވީގެ ފަނޑު ކުލައިން ކޯތާފަތަށް ކަރުނަތިއްކެއް ފާއިބާތަން ފެނުނެވެ.

އަޅުގަނޑާ ތިޔަ ވާހަކަތައް ހިއްސާ ކުރައްވަނީ ކީއްވެގެންތޯއެވެ. އަޅުގަނޑަކީ ކާކުކަން އެނގޭތޯއެވެ. މިހެން ބުނުމުން ޖަވާބެއް ނުދީ އޭނާ އަހަރެންނާއި ދިމާއަށް ފުން ނަޒަރަކުން ބަލާލިއެވެ. ކުރީ ފަހަރަށް ވުރެވެސް އަސަރު ގަދައެވެ. ހީވީ ހިތުގެ އެންމެ ފުނަށް ފީނި ހެންނެވެ. މޭގެ އެތެރޭގައި ވަކި ހިއްޕާލި ހެންނެވެ. ނޭވާ ކުރުވެ އަވަސް އަވަހަށް ނޭވާލާން ފެށުނެވެ. އެ ލޮލަށް ބަލަން ހުންނަން އުނދަގޫވިއެވެ. މޫނު އެހެން ފަރާތަކަށް އަނބުރާލީމެވެ. މިކަހަލަ އިހުސާސެއް އަހަރެންނަށް މީގެ ކުރިން ކުރެވުނީ އާކައިވެނީގެ ދުވަހުއެވެ.

ގިސްލުމުގެ އަޑެއް އިވޭހެން ހީވެގެން އަހަރެން ބަލައިލީ ގޭތެރެއަށެވެ. އޭރު އޭނާ ގޭތެރެއަށް ވަންނަނީ އެވެ. އަދި މޭޒުމަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫ އެއް ނަގާ މޫނު ފޮހެލިއެވެ. އެނބުރި އަނެއްކާ އަތުވެއްޖެއެވެ.

ވާހަކަ ދައްކަން ފެށީ ކުރަކި އަޑަކުންނެވެ. އިސްދަށަށް ޖަހައިގެން ހުރެ ބުންޏެވެ. އަހަރެން ޒާހިރު ނަސީރާ ކައިވެނި ކުރީ ރައްޓެހިވެގެން މާބޮޑު ލޯބީގެ ދުވަސްތަކެއް ހޭދަކޮށްފައެއް ނޫނެވެ. އޭނާގެ އާއިލާގެ މީހުންނާއި ބައްޕަގެ ގުޅުމުގެ ސަބަބުން އުފެދުނު އާއިލީ ގުޅުމުގެ ތެރެއިންނެވެ. ޒާހިރު ނަސީރަކީ އަޚުލާޤު ރަނގަޅު ހެޔޮ މީހެކެވެ. ނަމަވެސް ދެމީހުންގެ އިހުސާސްތަކާއި ބޭނުންތައް ތަފާތެވެ. އޭނާއަކީ ގެއިން ބޭރަށް ނުކުންނަން ބޭނުންވާ މިޒާޖުގެ މީހެއް ނޫނެވެ. ދަތުރު ފަތުރު ކުރަން ވެސް ބޭނުން މީހެއް ނޫނެވެ. އޭނާއަކީ ވެސް މުއްސަނދި އާއިލާއެއްގެ މީހެކެވެ. އޭނާގެ ވާޖިބަކަށްވެފައި އޮންނަނީ އާއިލީ ވިޔަފާރި ބެލެހެއްޓުމުގެ ޒިންމާއެވެ.

އަހަރެން ޒާހިރު ކައިރިން ވަރިވީ އެދިގެންނެވެ. އެކުގައި އުޅުމަށް ވުރެ އެކަނި އުޅުން ވެސް ހިތަށް ފަސޭހަކަން ގަބޫލު ކުރެވިގެންނެވެ. އޭނާ އަދި ވެސް ބޭނުމީ އަހަރެންނާ އިންނާށެވެ. އެކަމަކު އަހަރެން އެގޮތް ބޭނުން ނުވަނީއެވެ.

އަހަރެންނަށް އިސްމާލުގެ ދިރިއުޅުން ވެސް އޮތީ ކިހިނެއް ކަމެއް ނޭނގެއެވެ. ނަމަވެސް އަހަރެންގެ ހަޔާތުގެ ސޮފުހާ އިން ތަންކޮޅެއް އިސްމާލަށް ކިޔާދެވުނީތީ އުފާ ކުރަމެވެ. އިރު ކޮޅަކު ހިމޭނުން ހުރެ އަހަރެން ވިސްނާލީމެވެ. ކޮންމެ އަކަސް ސަލްމާ ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންކަން އިހުސާސް ކުރެވުނެވެ.

މިފަހަރު އަހަރެން ވާހަކަ ދެއްކީމެވެ. މިގޮތަށް ކައިވެންޏެއް ނުކޮށް ހުންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. ތަފާތު ކުދިންނާ ވެސް ދިމާވެއެވެ. އެކަމަކު ހަމަ ހިތް ބުނާ ޒާތުގެ ކަމުދާ ކުއްޖަކު ހަމަ ނުފެންނަނީއެވެ. އުމުރުން ވަރަށް ޅައިރު މަންމަމެން ބުނެގެން ކައިވެނި ކުރި ފާރިޝާ ނިޔާވީ މޫދަށް ދިޔަ ދުވަހެއްގައި ގެބިގެންނެވެ. އެހަދާންތައް ފިލާ ދިޔައަސް ދެންވެސް ވާނެ ގޮތަކާއި މެދު ބިރު ހީވަނީއެވެ. އަހަރެންނަކީ އަންހެނަކަށް ދެރަގޮތެއް ވާތަން ނިކަމެތިކަމެއް ލިބޭތަން ފެނުމުން ނުހަނު އަސަރު ކުރާމީހަކީމެވެ. އަދި އަންހެނަކު ރޯތަން ފެނުމީ ވެސް ވަރަށް އަސަރު ކުރާކަމެކެވެ.

އަހަރެންގެ މިވާހަކަތައް ވަރަށް ޝައުގުވެރިކަމާއެކު އޭނާ އަޑުއަހަން ހުއްޓެވެ. އަހަރެން ބަހެއް ނުބުނެ ހިނދު ކޮޅެއް ވީތަނާ އޭނާ ވާހަކަ ދަންކަން ފެށިއެވެ. ދެން އަޅުގަނޑު ނުކިޔާށެވެ. އަހަރެންމީ އިސްމާލު ފަދަ އާދައިގެ މީހެކެވެ. އަހަރެން ބުނީމެވެ. އަކަމަކު އަޅުގަނޑަށް އަދި ވަރަށް އުނދަގުލެވެ.

މިގޮތަށް ކޮންމެ ދުވަހަކު އަހަރެން އިރު އޮއްސޭ މަންޒަރު ބަލަނީ އެކަންޏެވެ. އަހަރެން ބޭނުންވަނީ އެކުގައި އިރުއޮއްސޭ މަންޒަރު ބަލާނެ ބައިވެރިއެކެވެ. އެއީ ކޮންމެހެން ލޯބިވެރިއަކަށް ވާކަށްނުޖެހެވެ. ބޭނުމީ ހިތުގެ ބައިވެރިއެކެވެ. އެކަހަލަ ބައިވެރި އެއްގައި ހުންނަންވާނެ ޝަރުތަކީ ކޮބައިތޯ އަހަރެން އެހީމެވެ. އޭނާ ބުންޏެވެ. ޝަރުތަކީ ހިތުގެ އަޑިން ހިތުގެ ބައިވެރިއަކަށް ވުމެވެ. އެއްޗެއް ނުބުނެ އިރުކޮޅެއް ވީތަނާ އޭނާ ވާހަކަ ދައްކަން ފެށިއެވެ. އިސްމާލަށް އެވަގުތު އަހަރެންނަށް ދެވިދާނެ ހެއްޔެވެ؟

މިއީ ވަރަށް އުނދަގޫކުރުވި ސުވާލަކަށް އަހަރެންނަށް ވެއްޖެއެވެ. ލޯބިވެރިއެއް ނޫނެވެ. ހިތުގެ ބައިވެރިއެކެވެ. ކޮންމެ ދުވަހަކުހެން ބައްދަލު ކުރުމެވެ. ދެން އަހަރެން ވާނީ ކޮންކަހަލަ މީހަކަށް ބާވައެވެ. އިރު އޮއްސޭ މަންޒަރު ބަލާ ބައިވެރިއަކަށް ބާވައެވެ. ނޫނީ ސަލްމާގެ ވާހަކަތައް އަޑުއަހާ ހިތުގެ ޑައިރީ އަޑުހާ މީހަކަށް ބާވައެވެ. އަހަރެން ބުނެފީމެވެ. ތިޔަކަމާއި ކަންބޮޑުވެ ނުރުހޭ މީހަކު ހުރިއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ.؟

އޭނާ ވަރަށް އިތުބާރާ ޔަގީންކަމާއެކު ބުނެލިއެވެ. އަހަރެންނަކީ މިނިވަނެކެވެ. އަހަރެންގެ ކަމަކާ ބަސް ބުނެ ހަނދާނެ މީހަކު ނުހުންނާނެއެވެ.

އިރުކޮޅެއްނުވެ އިރު އޮއްސިއްޖެއެވެ. ބަންގި ގޮވައިފިއެވެ. އަހަރެން ދަނީއޭ ބުނެ އެގެއިން ނުކުމެއްޖައީމެވެ. ސައިކަލު ޕާކުން ސައިކަލު ނަގައިގެން ދުއްވާލުމުގެ ކުރިން އެގެއާއި ދިމާއަށް ބަލައިލީމެވެ. އޭރު ވެސް ބެލްކަނީގައި އޭނާ ހުއްޓެވެ. ސީދާ އަހަރެންނާ ދިމާއަށް ބަލާށެވެ. ނޭނގޭކަމަށް ހަދާފައި ވަރަށް ބާރަށް ދުއްވާލާފައި އެންމެ ފަސޭހައިން އެޅެން އޮތް ގޯޅި އަޅައިފީމެވެ. އެ ޅޭ ގޯޅިއަކުން އެތައް ކަމެއް ކުރިމަތިވެ ބޮޑު މުސީބާތަކަށް ވެސް ވެދާނެއެވެ. ބިރު ހީވަނީއެވެ. އަންހެނެއްގެ ހިތުގައި ޖެހި ރޯންޖެހިދާނެ ފަދަ ކަމެއް މެދުވެރިވެދާނެތީ ނުހަނު ކަންބޮޑުވެއެވެ. ހިތުގައި އޮތީ ދެ ފިކުރެކެވެ. ދެން އަޅާން ޖެހޭ ގޯޅި ނޭނގުމުގެ ފިކުރެވެ. ހިތުގެ ގުޅުމުން ދެންވާނެ ގޮތެއް ނޭނގުމުގެ ފިކުރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    މިއީ ހިތާ ހިތުގެ ގުޅުމެއް. މިއޮޑިއެއް ނުފެތޭނެ..

  2. ޏ

    ޥ،ފުރިހަމަ