ބޮލީވުޑު އަދި ނިއު ޔޯކް ސްޓަރ އެކްޓަރ ނީލް ނިތިން މުކޭޝްއާއި އޭނާގެ އާއިލާ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ނީލްއާއި އޭނާގެ އާއިލާ ކޮވިޑަށް ފައްސިވެފައިވަނީ އެކްޓަރ ސޯނޫ ސޫދުއާއި އަރުޖުން ރާމްޕަލް ވެސް މި ވައިރަހަށް ފައްސިވުމަށް ފަހުގައެވެ.

ގޭގައި ތިބުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެނިކޮށް ވެސް ނީލްއާއި އޭނާގެ އާއިލާ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި އެމީހުން އެންމެން މިހާރު ތިބީ ގޭގައި ކަރަންޓީނުވެގެން ކަމަށް ނީލްގެ އިންސްޓަގުރާމު ޕޯސްޓުގައިވެއެވެ.

ގޭގައި ކަރަންޓީނުގައި ތިބި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އަދި ޑޮކްޓަރުން ދީފައިވާ ބޭސް ބަރާބަރަށް އެންމެން ވެސް ބޭނުން ކުރާ ކަމަށް ނީލްގެ އިންސްޓަގުރާމު ޕޯސްޓުގައި ފާހަގަ ކޮށްފައިވެއެވެ.

ސަޕޯޓަރުންނާއި އެންމެންގެ ފަރާތުން ވެސް ލިބޭ ލޯތްބާއި ހެޔޮ ދުޢާތަކަށް ޝުކުރު ކުރަމުން ނީލް ނިތިން ބުނެފައިވަނީ އެންމެން ވެސް ރައްކާތެރިވެގެން އުޅުމަށެވެ. މިފަދަ ހާލަތެއްގައި އެންމެންގެ ލޯބި ބޭނުންވާ ކަމަށާއި ކޮރޯނާ ވައިރަސްގެ މިހާރު މި އޮތް ހާލަތަކީ އާދައިގެ ކަމެއް ކަމުގައި ނުދެކުމަށް ވެސް ނީލްގެ ޕޯސްޓު ހިއްސާ ކުރަމުން ލިޔެފައިވެއެވެ.

ނީލްގެ މި ޕޯސްޓާއި އެކު އޭނާގެ ސަޕޯޓަރުންގެ އިތުރަށް ބައެއް ފިލުމީ ފަންނާނުން ވެސް ވަނީ ނީލްއާއި އޭނާގެ އާއިލާއަށް އަވަސް ޝިފާއެއް ލިބުމަށް އެދި ކޮމެންޓް ކޮށްފައެވެ. ބިޕާޝާ ބާސޫ، ސޯފީ ޗައުދަރީ ފަދަ ފަންނާނުން ހިމެނެއެވެ.

ނީލް ކުޅެފައިވާ ބައެއް ފިލުމުތަކަކީ ޕްލެޔާސް، ގޯލްމާލް އަގެއިން، ނިއުޔޯކް ފަދަ ފިލުމުތައް ހިމެނެއެވެ.