އިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ ރޯދަ ވެރިޔާގެ ރޯދައަށް އަސަރު ކުރުވާ ހަމައެކަނި އިންޖެކްޝަނަކީ އައިވީ އިންޖެކްޝަނެވެ. އޭގެ ބަދަލުގައި އައްސި ކުރާ އިންޖެކްޝަން، ހުން މަޑު ކުރުމަށް ޖަހާ އިންޖެކްޝައިން ނުވަތަ އެނޫންވެސް އިންޖެކްޝަނަކީ ރޯދަ ގެއްލުވާނެ އެއްޗެއް ނޫނެވެ. ވުމުން ރޯދައަށް ހުރެ ވެކްސިން ޖެހުމަކުން ރޯދައަށް އަސަރެއް ނުކުރާނެއެވެ.

މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة محمد بن صَالح العُثَيمين -رحمه الله- ވިދާޅުވެފައިވެއެވެ.

ސުވާލު: ރަމަޟާން މަހުގެ ދުވާލު ވަގުތެއްގައި ދަތެއް އުފުރާލުމަށްޓަކައި އައްސިކުރާ އިންޖެކްޝަނެއް ޖެހުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ސުވާލުގައި ބުނެފައިވެ އެވެ. އައްސިކުރާ އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން އެދުވަހުގެ ރޯދަ އަހަރެން ޤަޟާކުރަންޖެހޭނެ ތޯ އެވެ؟

ޖަވާބު: ނޫން، ނޫނެކެވެ. އައްސި ކުރާ އިންޖެކްޝަނަކީ ރޯދަ ގެއްލުވާލާނެ އެއްޗެއް ނޫނެވެ. އެ އިންޖެކްޝަނަކީ އެ ބޭނުން ކުރި ތަނުގެ ކައިރިއަށް އޭގެ އަސަރުކުރުވާ އެއްޗެކެވެ. އަދި އެއީ އޭނާގެ މަޢިދާގެ ތެރެއަށް ދާނެ އެއްޗެއް ނޫނެވެ.

ފަހެ ފަރުޟު ރޯދައަކަށް ނުވަތަ ސުންނަތް ރޯދައަކަށް ހުރި މީހަކު އައްސިކުރާ އިންޖެކްޝަން ބޭނުންކުރި ކަމުގައިވިޔަސް އޭނާގެ ރޯދައަކީ ޞައްޙަ ރޯދައެކެވެ. އަދިވެސް ވިދާޅުވެފައިވެއެވެ.

"އެހެނަސް ބޭސްފަރުވާގެ ގޮތުން ބޭނުން ކުރާ އެކިއެކި އިންޖެކްޝަން އަދި ހަށިގަނޑު ހަރަކާތްތެރި ކުރުވުމުގެ ގޮތުން ދެވޭ އިންޖެކްޝަން، ފަހު އިންޖެކްޝަންތަކަކީ ކެއުމާއި ބުއިމުގެ މަގާމަށް ވާސިލްކޮށްދޭ އެއްޗެއް ނޫނެވެ. އަދި ކެއުމާއި ބުއިން ފުއްދައިދޭނެ އެއްޗެއް ނޫނެވެ. ފަހެ މިފަދަ އިން އިންޖެކްޝަނަކީ ރޯދަ ގެއްލުވާނެ އެއްޗެއް ނޫނެވެ. އެއީ މިފަދަ އިން އިންޖެކްޝަނެއް ބޭނުންކޮށް ކަރު ތެރޭގައި އޭގެ ރަހަ ދިން ކަމުގައި ވިޔަސް ނުވަތަ ރަހަ ނުދިން ކަމުގައި ވިޔަސް އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ." العلامة ابن العُثَيمين -رحمه الله- ވިދާޅުވެފައިވެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. "އައިވީ އިންޖެކްޝަން ރޯދަވެރިޔާ ބޭނުންކުރުން؛މިކަމުގެ ޞައްޙަ ޤައުލަކީ ރޯދައަށް ހުންނަ މީހާގެ ރޯދަ ގެއްލޭނެއެވެ. އެހެނަސް އައިވީ އިންޖެކްޝަން ނޫން އިންޖެކްޝަ ންކަމުގައިވާ ނަމަ އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ." مجموع الفتاوى ج 15ص 258

އެހެންކަމުން އެއްވެސް ބާވަތެއްގެ ވެކްސިން ޖަހައިގެން ރޯދަ ނުގެއްލޭނެ ކަމަށް އިލްމުވެރިން އިއްތިފާގުވެލައްވައެވެ.

ނޯޓު: މިލިޔުމަކީ އަލްއުސްތާޒް އަބޫ އަނަސް މުހައްމަދު ހަސަަންގެ ބްލޮގްގައި ޝާއިއުކޮށްފައިވާ ދީނީ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސުރުހީ