އޭޕްރީލް 20 ވަނަ ދުވަހު ގެނެސްދިން ބައި

އިބްރާހީމްބެ ޖަވާބެއް ނުދީ ނިހާއަށް ބަލާލިއެވެ. ނިހާ ވިސްނަން ހުއްޓައި، އިލްހާމް އަނެއްކާ ވެސް އެ ސުވާލު ތަކުރާރުކޮށްލިއެވެ. އިބްރާހީމްބެ އިލްހާމަށް ނަޒަރު ބަދަލުކޮށްލަމުން ޖަވާބުދިނުމަށް އަނގަ ހުޅުވައިލިއެވެ. ކުއްލިއަކަށް ނިހާ ވަރަށް ބާރަށް ރޮއެގަތެވެ. އިބްރާހީމްބެ ދެއަތުގައި ހިފައިގަނެ ދެކަކޫ މައްޗަށް ތިރިވިއެވެ.

"މަ ސަލާމަތްކޮށްދީ. އޭތި އެބައާދޭ." ނިހާ ރޮމުންރޮމުން ބުންޏެވެ.

ކުއްލިއަކަށް ނިހާއަށް އައި ބަދަލުން އިލްހާމްގެ ހިތް ޝައްކާއި ވަހުމުން ފުރައިލިއެވެ. އޭނާއަށް ސިއްރު ކުރަންޖެހޭ ވަރުގެ ބޮޑު ކަމެއް ނިހާކޮށްގެން އުޅޭކަން ޔަގީނާ ގާތަށް ކަށަވަރުވެގެން ދިޔައެވެ. ނިކާލް ނިހާގެ ދެ ކޮނޑުގައި ހިފައި ކޮޅަށް ނެގޭތޯ މަސައްކަތްކުރިއެވެ. އިބްރާހީމްބެ ވެސް ނިހާއަށް ނަސޭޙަތްދީ އެހީވާން އުޅުނެވެ. އިލްހާމް ފައި ވިއްދާފައި ހުރީ އޭނާގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ހޯދާށެވެ.

"ކޮން ތަވީދެއް ހޭ؟" އިލްހާމް މިފަހަރު އެހީ އިހަށް ވުރެން ބާރަށެވެ.

އިލްހާމްގެ އަޑާއެކު ނިހާގެ ރުއިމުގެ އަޑުފަށްގަނޑު ގަދަވެގެން ދިޔައެވެ. އިބްރާހީމްބެ ގައިގާ އޮޅުލައިގަނެ، ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަން ފެށިއެވެ. ނިހާ އުޅެމުންދިޔަ ގޮތުން އިލްހާމް ކުރަމުން ދިޔަ ސުވާލުގެ ޖަވާބު އިބްރާހީމްބެއަށް ދެވޭ ވަރެއް ނުވިއެވެ. ނިހާ މަސައްކަތްކުރަމުން އެދަނީ ތަވީދުގެ ހަޤީޤަތް ސިއްރުކުރަންކަން އިބްރާހީމްބެއަށް އެނގެއެވެ. ނަމަވެސް އެކަން ސިއްރުކުރުމުގެ ވިސްނުމެއް އިބްރާހީމްބެގެ ނެތެވެ. އެ ސިއްރު ބޭޒާރުކޮށްގެން އޭނާއަށް ވާނެ ގެއްލުމެއް ވެސް ނެތެވެ.

"ޖަވާބުދީބަލަ." އިލްހާމް ތަންކޮޅެއް ބާރަށް އެހިއެވެ "ކޮން ތަވީދެއްތަ؟ ކަލޭމެން ދެމީހުން ކުރިންވެސް ބައްދަލުވިތަ؟"

"ބައްޕާ! ތި ހަމައެހާ މުހިންމު ސުވާލެއްތަ؟" ނިކާލަށް މަޑަކުން ނުހުރެވުނެވެ. ނިހާގެ ހާލަށް ހަމްދަރުދީވުމުގެ ބަދަލުގައި ބައްޕަ އެ އުޅެނީ ނިހާ ދައްކާ "މޮޔަ" ވާހަކަތައް ތަޙްޤީޤުކުރާށެވެ. މި ވަގުތު އެ ސުވާލުތަކަށްވުރެ މުހިންމީ ނިހާއަށް އެހީވުން ނޫން ހެއްޔެވެ؟

"ނިކާލް މަޑުން ހުރޭ." އިލްހާމް ބުންޏެވެ. "ނިހާ ތަވީދެއްގެ ވާހަކަ ދައްކައިފި. އެކަމުގެ ހަޤީޤަތް އެނގެން އެބަ ޖެހޭ."

"ނިހާ ދެއްކީ ހަމައެކަނި ތަވީދެއްގެ ވާހަކައެއް ނޫން." ނިކާލް ހިތްހަމަ ނުޖެހުނެވެ. "ނަޒީލްގެ ބޮލުގައި ތުހުމަތެއްވެސް އެޅުވި. ފައިރޫޒްއާ ނީނދެފިއްޔާ ސަފީނާއްތައަށް ހެދިގޮތް ހަދާނަމޭ ބައްޕަ ބުންޏޭ ވެސް އޭނަ ކިޔެއްނު. އެކަމުގެ ހަޤީޤަތް އެނގޭކަށް ބޭނުމެއްނޫންތަ؟ މަށެށް ވެސް ތި ކަންތައްތަކުގެ ހަޤީޤަތް ހޯދާކަށް ސުވާލެއް ނުކުރަމެންނު؟"

އިލްހާމްގެ އަނގަ ވަގުތުން ބަންދުވިއެވެ. ނިކާލް ވިސްނައިދޭން އެ މަސައްކަތްކުރި އެއްޗެއް އިލްހާމަށް ވިސްނިއްޖެއެވެ. ނިކާލް ބުނެދޭން ބޭނުންވީ ނިހާ ކުރިން "މޮޔަ" ގޮވި ގޮތަށް މިހާރު ވެސް ނިހާ އެ ގޮވަނީ "މޮޔަ" ކަމުގައެވެ.

"ޖިންނި ޝައިޠާނުންނަކީ ވަރަށް ދޮގު ހަދާބަޔެއް. އާއިލާ ތެރޭ މަޞްލަޙަތު ނަގާލަން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ." އެ ތަވީދުގެ ހަޤީޤަތް ސިއްރުކުރުން އެއީ އެވަގުތު އެންމެ ބުއްދިވެރިގޮތް ކަމަށް ނިންމާ އިބްރާހިމްބެ ވާހަކަ ދެއްކީ އޭނާއަށް ވިސްނުނު އެންމެ މޮޅު ގޮތަށެވެ.

"އެއީ ތެދެއް." ކައިރީ ހުރި ޞައްތާރު އިބްރާހީމްބެއާ އެއްބައިވެލިއެވެ.

"އެއީ ތެދެއްކަން ބައްޕަ ވިސްނާލިޔަސް އެނގޭނެ." ޞައްތާރުގެ ފަހަތުން ނިކާލް ބުންޏެވެ.

ޞައްތާރުއާއި ނިކާލްގެ ވިސްނުން ހުރީ އެއްގޮތަކަށް ނަމަވެސް އިލްހާމްގެ ހިޔާލާ ވިސްނުން އެއާ މުޅިން ތަފާތެވެ. ނިހާއާއި އިބްރާހީމްބެ ކުރިން ބައްދަލުވެ ކަންތައްގަނޑެއް ހިނގާފައިވާކަން އޭނާއަށް ޝައްކެއްނެތް މިންވަރަށް ޔަގީންވެއެވެ. ނަމަވެސް އެދަނޑިވަޅު މަޞްލަޙަތަށްޓަކާ ހިމޭނުން ހުރުމަށް ނިންމައި، ނިހާއަށް އެހީތެރިވުމަށް އިލްހާމް އެނބުރިލިއެވެ.

ނިހާއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ނިހާއަށް ނުވިސްނުނީ އެ ހަމަޖެހުމަކީ ކުޑަ ހިނދުކޮޅެއްގެ ކަމެއް ކަމެވެ. އެ ހަޤީޤަތް އޭނާ ކިތަންމެ ފޮރުވަން ބޭނުންވިޔަސް އެކަން އަބަދަށް ސިއްރުވެފައި ނޯންނާނެ ކަމެވެ. އިބްރީސް ނިހާގެ ފަހަތުން އަޅުވާލި ސަބަބު އެނގި ނިމޭއިރު އޭނާ ބޭޒާރުވެ ފަޟީހަތްވާނެކަމެވެ.

ބާބު 15 - ނިއުޅެމުންދިޔަ ހަޤީޤަތް

ފައިރޫޒް މަސައްކަތް މަޑު ޖައްސާލުމަށްފަހު ބޭރަށް ނުކުތެވެ. ޕޮލިސް ސްޓޭޝަންގެ ގޯތި ތެރޭގައި ހުރި ޖޯއްޔެއްގައި ޖައްސާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން އޭނާއަށް ނިހާއަށް ދޭންޖެހޭ ވަރަށް ސަމާލުކަން ވަނީ ނުދެވިފައެވެ. ބައްޕަގެ އެދުމަށް ކުރާ ކައިވެންޏެއް ނަމަވެސް ސުކޫލު ދައުރުންސުރެ ފައިރޫޒަށް ނިހާ ކަމުދެއެވެ. ނިހާއަށް ބަލަމުން އައީ ހާއްސަ ނަޒަރަކުންނެވެ. ކައިވެންޏަށް އާނ ބަސް ބުނިއިރު މާ ވަރުގަދަ ލޯތްބެއް ފައިރޫޒްގެ ހިތުގައި ނެތް ކަމުގައި ވިޔަސް އެހިތުގައި މިހާރު ލޯބީގެ ކުރިއެއް ފަޅައި ރޯވާން ފަށާފިއެވެ. އެ ކުރިޔަށް ފެންދީ ފޯއްދުމަށް ދޭންޖެހޭ އަޅާލުމާއި ލޯބި ނުދެވޭނަމަ ގުރުޑުވެ މަރުވެގެން ހިނގައިދާނެއެވެ. އެކަން އެގޮތަށް ވިޔަނުދީ ހުއްޓުވޭނީ މަސައްކަތުން އެކަހެރިވެ ނިހާއާއެކު ގިނަ ވަގުތު ހޭދަކޮށްގެންނެވެ.

މިހާރުވެސް ބައްޕައާއި އިލްހާމްބެ ބާރު އެ އަޅަނީ ކައިވެނި އަވަސްކުރާށެވެ. ހެކިވެރިން ގޮވައިގެން މާދަމާ ނިހާ ކައިރިޔަށް ދިޔުމަށް ވެސް ބައްޕަ ވަނީ އެދިފައެވެ. ނަމަވެސް ނިހާގެ ހިޔާލު ހޯދުމެއްނެތި އެވަރުގެ ބޮޑު ނިންމުމެއް ނިންމާކަށް ފައިރޫޒު ބޭނުމެއްނޫނެވެ. ވަގުތު ތަން ނުދިނުމުގެ ސަބަބުން ނިހާއާ އެ ވާހަކަތައް ހިއްސާ ކުރެވޭގޮތް ވަނީ ނުވެފައެވެ.

ނިހާގެ ހިތުގައި ގިނަ ޝަކުވާތަކެއް އޮންނާނޭ ފައިރޫޒްގެ ހިތަށް އެރިއެވެ. ފައިރޫޒް އޭނާގެ ޖީބުގައި އޮތް ފޯނުނަގައި މެސެޖެއް ލިޔެލިއެވެ. 09 ގެ ފަހުން ގެޔަށް ދާނެކަމަށާއި، ވަގުތު ނުދެވޭތީ ދެރަވާކަމަށާއި، ވަރަށް ހަނދާންވާކަމަށް މެސެޖުގައި ލިޔުނެވެ. އަދި މަޢާފަށް އެދޭކަމަށް ލިޔެ މެސެޖު ފޮނުވައިލިއެވެ. ނިހާގެ ޖަވާބެއްގެ އިންތިޒާރުގައި ފައިރޫޒް އޮތެވެ. އޭނާ ފޯނުގެ ސްކްރީންނަށް ބަލަހައްޓައިގެން އޮތްއިރު ތުންފަތްމަތީ ލުއި ހިނިތުންވުމެއް ހުއްޓެވެ. މެސެޖު "ޑެލިވަރ" ނުވުމުން ނިހާ ފޯނަށް ގުޅައިލިއިރު ފޯނު އޮތީ ނިއްވާލައިފައެވެ. ނިހާގެ ހާލު ބެލުމަށް އިލްހާމްބެއަށް ގުޅައިލަން އުޅެނިކޮށް އެތަނަށް ޖަނާން އަޔެވެ.

"ސަރ! ވާހަކައެއް އަޑުއަހައިފިން." ޖަނާން އައިސް ޖޯލީގައި އިށީނެވެ.

"ކޮންވާހަކަ އެއް؟" ފައިރޫޒް އިލްހާމްގެ ނަންބަރަށް ގުޅާލަމުން އެހިއެވެ.

"ނިހާ ޖިންނި މޮޔަވީއޯ!"

ޖަނާންގެ ޖަވާބު އިވިފައި ފައިރޫޒްގެ އަނގައިން އަޑެއް ލައްވައިލަމުން ޖަނާނަށް ބަލާލީ ފޯނު ކަންފަތުގައި ޖަހައިގެން އިނދެއެވެ.

"ތީ ކާކު ދެއްކި ވާހަކައެއް؟" ފައިރޫޒް ހައިރާންވެފައި އިނދެ އެހިއެވެ.

"ދެންމެ ގެޔަށް ދިޔަތަނާ ގޭތެރޭގަ ކީ އެއްޗެއް." ޖަނާން ބުންޏެވެ. "މިހާރު ފަންޑިތަ ހަދަން އިބްރާހީމްބެ ވެސް ގެންގޮސްފިޔޯ. އަދި ދެންމެ އަންނަނިކޮށް މީހަކު ބުނި އަސްލު އެގޭގަ އުޅުނީ ނިހާއެއް ވެސް ނޫނޯ. ޖިންނި އެކޯ އުޅުނީ! އޭނަ ބަލަން ހުއްޓަޔޯ ނިހާ ސިފައިގަ ހުރި އެތި ދުމަށްވެ ގެއްލުނީ ވެސް!"

ޖަނާންގެ ވާހަކަތައް އިވިފައި ފައިރޫޒް ގާތަށް އައީ ހިންޏެވެ. ހަމަ އެވަގުތު އިލްހާމް ފޯނުވެސް ނަގައިފިއެވެ. ފައިރޫޒަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިލްހާމް އަވަސްއަވަހަށް ބުނެލި ވާހަކައަކުން ފައިރޫޒް މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކުއްލިއަކަށް ޖޯލިން ތެދުވަމުން އޭނާގެ ފޯނުކޮށްޕައިލީ ޖީބަށެވެ.

"ޖަނާން! ވަރަށް މުހިންމު ކަމަކު ގެޔަށް ދާންޖެހިއްޖެ. މިކޮޅުގައި މަޑުކޮށްލަ ދެއްޗޭ.." ފައިރޫޒް އަވަސް އަވަހަށް ބުނެލުމަށްފަހު ޖަނާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ސައިކަލަށް އަރައިގެން ނައްޓާލިއެވެ.

****************

ނިހާގެ އަތުގައި ހިފަހައްޓައިލައިގެން ނިކާލް ހުއްޓެވެ. ސައްތާރުއާއި ނަޒީލް އުޅުނީ ފަންޑިތަ ހެދުމަށް ބޭނުންވާ ޖާގަ ހަދާށެވެ. ފެންޑާގައި ހުރި ބޮޑު ސޯފާ ސެޓާއި ބިއްލޫރި މޭޒު އެއްފަރާތަކަށް ޖައްސާލުމުން އިބްރާހީމްބެ ބޭނުންވާ ވަރުގެ ޖާގައެއް ލިބުނެވެ. ފަންޑިތަހަދަން ފެށުމުގެ ކުރިން އިބްރީސްއާ ބެހޭ ގޮތުން އިލްހާމަށް އެނގޭ މަޢުލޫމާތުތައް އިބްރާހީމްބެ އޮޅުން ފިލުވިއެވެ. ލަމްޙާއަށް ކުރިމަތިވި ކަންތައްތައް އިލްހާމް ކިޔާދިނެވެ. ލަމްހާ ސަލާމަތްކުރުމަށް ސަބްރީނާ ކުރި މަސައްކަތުން އެ ޖިންނިއަކީ ވަރަށް ކުރިންސުރެ އެ އާއިލާއާ ގުޅުން އޮންނަ އެއްޗެއްކަން އެނގުނުކަމަށް ބުންޏެވެ.

"ލަމްހާގެ މަރަށްފަހު އިބްރީސްގެ އުނދަގުލެއް ނުވޭތަ؟" އިބްރާހީމްބެ އެހިއެވެ.

"އޭގެ ފަހުން އޭގެ އުނދަގޫ ޖެހުނީ މަންމައަށް. މަންމައަށް ވަރަށް ދުއްތުރާކޮށް އަނިޔާވެސް ދިން. މަންމަގެ އެއް ލޮލުގެ ދުވަސްވެސް ދުއްވާލި. އެންމެފަހުން މަންމައަށް ކެތް ނުވެގެން މިރަށު އެހެން ސިހުރުވެރިޔަކާ ދެމީހުންވެގެން އިބްރީސްއަށް ހެދިގޮތެއް ހެދީ. އެ ފަހުން އިބްރީސްގެ އުނދަގުލެއް ނުފޯރާތާ ތިރީހަށްވުރެން ގިނަ އަހަރު ވެދާނެ. މަންމަ ނިޔާވުމުގެ ކުރިން އިބްރީސްގެ އުނދަގޫ ޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފަ އޮތީ. އެކަހަލަ ކަމެއް ވެއްޖެނަމަ މިގެއިން ނުކުމެގެން ދިޔުމަށް ވެސް މަންމަ ނަސޭޙަތްތެރިވި."

އިލްހާމަށް އެނގިފައިވާ މިންވަރަކަށް މައުލޫމާތު ހިއްސާކުރުމުން އިބްރާހީމްބެ އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. އެޔަށްފަހު ފެންޑާގެ މެދަށް އިޝާރާތްކޮށްލަމުން ނިހާ އެތަނުގައި އޮށޯތުމަށް ބުންޏެވެ.

ނިހާއަށް ޖެހިލުންވެފައި ހުރެ ބަލާލެވުނީ ނިކާލްގެ މޫނަށެވެ. ނިކާލް ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ބޯޖަހައިލިއެވެ. އަދި ނިހާގެ އަތުގައި ބާރަށް ހިފަހައްޓައިލަމުން އޭނާގެ މޭގައި އަތް ޖައްސައިލިއެވެ. ނިހާއާއެކު ނިކާލް ވާކަމަށް އިޝާރާތުން ދިން ހިތްވަރުން ނިހާއަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނިކާލާއެކު ގޮސް އިބްރާހީމްބެ ބުނި ހިސާބުގައި އުއްޑުން އޮށޯވެލިއެވެ. ފެންޑާ މެދުގައިވާ ބޮޑު ޗާންދެލިޔާ ހުރީ ނިހާގެ މޫނާ ދިމާއަށް ވާގޮތަށް މަތީގައެވެ. ނިހާ ބިރުން އޮވެ އެތަނުގައި ތިބި އެންމެންގެ މޫނަށް ވަކިވަކިން ބެލިއެވެ. އިލްހާމްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނަސް ދެންތިބި މީހުން ތިބީ ކަންބޮޑުވެފައެވެ.

"ނިހާގެ ހަތަރެސް ފަޔާ ދިމާލުގައި ހަތަރު މީހުން އިށީނދޭ." އިބްރާހީމްބެ ދަބަސް ހުޅުވައިލަމުން ބުނެލިއެވެ.

ސައްތާރުއާއި އިލްހާމް ނިހާގެ ފައިކޮޅުގައި އިށީނެވެ. ނަޒީލާއި ނިކާލް ބޯކޮޅުގައި އިށީނދެ ހަމަޖެހިލިއެވެ. ނިހާގެ އަތުގައި ހިފަހައްޓައިލަމުން ނިކާލް އިބްރާހީމްބެއަށް ބަލާލިއެވެ. އިބްރާހީމްބެ ދަބަހުން ފުޅިއެއް ނެގިއެވެ. އޭގައި ހުރީ ކަޅުކުލައިގެ ކުނޑިތަކެކެވެ. ފުޅީގައި ހުރި ކުނޑިތައް ބޭނުންކޮށްގެން އެމީހުންގެ ވަށައިގެން ބޮޑު ބުރެއް އަޅަން ފެށިއެވެ. އިބްރާހީމްބެ ތުންތަޅުވަމުން އެއްޗެހިތަކެއް ކިޔަމުން ގޮސް ބުރު ފުރިހަމަ ނުކޮށް ހުއްޓައިލިއެވެ. އޭރު ބުރު ފުރިހަމަވާން ބާކީ ހުރީ އިންޗިއެއްހާ ތަނެވެ.

"މަ ބުނީމަ ނޫނީ އެކަކުވެސް ބުރު ތެރެއިން ނުކުމެގެން ނުވާނެ." އިބްރާހީމްބެ އިންޒާރު ދިނެވެ. "ކަލޭމެން ޖެހޭނީ ނިހާ މިބުރު ތެރެއިން ބޭރަށް ނުކުތަނުދީ ހިފަހައްޓަން."

"އަހަރުމެންނަށް ވާނެތަ؟ އިތުރު ބަޔަކު ގެންނަންވީނު." ނިކާލަށް އިބްރީސްގެ ބާރު އިޙްސާސްކުރެވިފައިވާތީ ކަންބޮޑުވުން ފާޅުކޮށްލެވުނެވެ.

އިތުރު ބަޔަކު ބޭނުމެއްނުވާނެކަމަށާއި، ހަތަރު މީހުން އެކަމަށް އެކަށޭނެކަމަށް ބުނެ އިބްރާހީމްބެ ޖަވާބު ދިނެވެ. ބުރު ފުރިހަމަނުވެ ހުރި ހިސާބުގައި ފުޅި ބަހައްޓާލުމަށްފަހު އިބްރާހީމްބެ ދެފައި ވަށްކޮށްލައިފައި އިށީނެވެ.

"ނިހާއަށް ފެންނަ މަންޒަރުތައް ކިޔާދޭތި. އެހެން މީހުންނަށް ނުފެނުނަސް ނިހާއަށް އިބްރީސް ފެންނާނެ. މިހާރު އިބްރީސް ހުރިތަނަކާއި ކުރާކަމެއްވެސް ބުނެދޭތި. ހަށިގަނޑު ތެރޭގައި ފިލާ އޮތަސް ނޫނީ އެހެންތަނެއްގައި ފިލާ އޮތަސް ނިހާއަށް ފެންނާނެ."

އިބްރާހީމްބެގެ ވާހަކަ އިވިފައި ނިހާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އަނެއްކާވެސް އެބިރުވެރި އެއްޗާ ކުރިމަތިލާން ޖެހޭތީ އިންތިހާއަށް ބިރުގަތެވެ. ނިހާ ތުރުތުރު އަޅަންފެށިއެވެ. އެކަމުން ސަލާމަތްވެވޭނީ ހިތްވަރުކޮށްގެން ކަމުގައި ނިކާލް ނިހާ ގާތު ބުނެލިއެވެ. ނިހާ މަޑުމަޑުން ބޯ ޖަހައިލަމުން ހިންދިރުވާލިއެވެ.

ނިހާ ހަމަޖެހިލުމަށް މަސައްކަތްކުރަމުން ދެލޯ މަރައިލިއެވެ. އިބްރާހީމްބެ ކުރިމަތީގައި ފެންފުޅިއެއް ބަހައްޓައިގެން އިނދެ ސިއްރުން ކިޔަވަން ފެށިއެވެ. ފަސްވަރަކަށް މިނެޓު ކިޔެވުމަށްފަހު އަތްގޮށްޓެއްގެ ފެން ނިހާގެ ގަޔަށް ބުރުވާލިއެވެ. ނިހާއަށް އެއްވެސް ގޮތެއް ނުވެއެވެ. އިބްރާހީމްބެގެ ކިޔެވެލި ކުރިޔަށް ގެންދިޔައެވެ. ކޮންމެ ފަސް މިނެޓަކުން ކަހަލަ ގޮތަކަށް ނިހާގެ ގަޔަށް ފެން ބުރުވަމުންނެވެ. މި މޭރުމުންގޮސް ތިންވަނަ އަތްގޮށިން ބުރުވާލި ފެނާއެކު ނިހާ ތެޅިގަތެވެ. އެންމެންނަށް ލިބުނު ކުއްލިސިހުމަކާއެކު ނިހާގެ ހަތަރެސްފައިގައި ހިފަހައްޓައިލައިގެން ތިބި އެންމެންގެ އަތްތަކަށް ބާރުކޮށްލެވުނެވެ.

"އެހެރީ. އެހެރީ." ކުއްލިއަކަށް ނިހާ ދެލޯ ހުޅުވައިލަމުން ބުންޏެވެ.

"ކޮންތާކު؟ ފެންނަ އެއްޗެއް ނިކަން ބުނެބަލަ." ލަސްނުކޮށް އިބްރާހިމްބެ އަހާލިއެވެ.

"އޭތި. ކަޅުކަޅު ކެހެރިން ފުރިފައިވާ އަނދިރިގަނޑެއް." ނިހާ ދެލޯ މަރާލަމުން ވާހަކަ ދައްކަން ފެށިއިރު ތުންފަތުގައި ތުރުތުރުލުމެއް ހުއްޓެވެ. "ބޯގަންވިލާ ގަސް ކައިރީގައި ވަރަށް ހިނި އައިސްފައި އެހެރީ. ތޫނު ދެދަތް ހުރީ ބޭރަށް. ރަތް ލޭގަނޑެއްހެން އޮތް ދުލެއްވެސް އިރުއިރުކޮޅަކާ އެބަ ނެރޭ."

"އަހާބަލަ. ތިހިރީ ބިރުންތޯ؟ ބުނޭ އަންނާށޭ. ނޫނީ ގަދަކަމުން ގެންނަންވީތޯ އަހާބަލަ؟" އިބްރާހިމްބެ ކަން ކުރަންވީ ގޮތް ނިހާއަށް ކިޔާދިނެވެ.

"ނުދާނަމޯ. ހަދާ އެއްޗެއް ހަދާށޯ." ނިހާ އިރުގަނޑަކު ހިމޭނުން އޮތުމަށްފަހު ޖަވާބުދިނެވެ.

ނިހާގެ ހަށިގަނޑު ތެރޭގައި އިބްރީސް ނެތްކަން ޔަޤީންވުމުން އިބްރީސް ގެނައުމުގެ މަސައްކަތް އިބްރާހީމްބެ ފެށިއެވެ. އިބްރާހީމްބެ ދަބަހުން މަރު ތޭލަކާއި ތިން މޮހޮރުގެ އިތުރުން ފިލާކޮޅެއް ނެގިއެވެ. އޭނާ ތެދުވެގެން ގޮސް ގޭގެ މައިދޮރުގެ ކަންޏަށް އެއް މޮހޮރު ޖެހިއެވެ. ބޭރަށް ނުކުމެ، ދޮރުމަތީ ހުރި ފައިވާންތަކަށް ބަލާލުމަށްފަހު ނިހާގެ ފައިވާންހެން ހީވާ ފައިވާން ނަގައިގެން އިބްރާހީމްބެ އަޔެވެ. އެއީ ނިހާގެ ފައިވާންކަން ޔަޤީންކުރުމުގެ ގޮތުން ސުވާލުކުރުމުން އެންމެ ކުރިން އާނއެކޭ ބުނީ ނިކާލެވެ. އިބްރާހީމްބެ އައިސް ކުރިން އިންތަނުގައި އިށީނެވެ. ދެކިބަ އެއްކޮށް ފިލާކޮޅު މަތީ ބޭއްވުމަށްފަހު މޮހޮރެއް ނަގާ ފައިވާނު ދެކިބަ އެތެރެއަށް ވާގޮތަށް މަޑުމަޑުން ޖެހިއެވެ. ދެވަނަ މޮހޮރު ޖެހުމާއެކު ނިހާ ނިކަން ބާރަށް ހަޅޭލަވައިގަތެވެ. ކުރިޔެކޭ އެއްގޮތަށް ނިހާ ތެޅެންފެށުމާއެކު އެންމެންގެ މުއްތަކަށް ބާރުވެގެން ދިޔައެވެ.

"ދެފިޔަ ގަނޑު ހުޅުވާލައިފި. އެ އަންނަނީ. އެ އަންނަނީ." ނިހާގެ އަޑުގައި ބިރުވެރިކަން އެކުލެވިފައިވެއެވެ. "އުދުހި ގަނެއްޖެ.! އެ އަންނަނީ ގެޔާ ދިމާއަށް.! އެޔޮއް އަންނަނީ.!"

ކުއްލިއަކަށް ބާރު ވައިރޯޅިއެއް ފެންޑާ ތެރެއަށް ވަނެވެ. އެ ވައިރޯޅިއާއެކު އެތަނުގައި އެލުވައިފައި ހުރި ޗާންދަލިޔާ ދެކޮޅަށް ހެލިގަތެވެ. އޭގައި ހުރި ބިއްލޫރި ކޮޅުތަށް ދަގަނޑު ޗޭނު ތަކުގައި ކޭތުނު އަޑު މުޅި ފެންޑާ ތެރެއަށް ފެތުރިގެން ދިޔައެވެ. ނިހާގެ މެދު ހަށި ތަޅުމުން ލުހި އުފުލެން ފެށިއެވެ. ނިހާގެ ދެލޮލުގެ ކަޅުކަޅި ހުދުކުލައަށް ބަދަލުވިތަން ފެނިފައި ނިކާލްގެ މެޔަށް ފިނިވެލިއެވެ. ހަމައެވަގުތު ނިހާގެ ހަށިގަނޑު ސީދާވެ ބާރުގަނޑެއް އެރިއެވެ. ނިހާ ދެދަތްޕިލަ ފިއްތާ ބާރުކުރަމުން ތެދުވަން މަސައްކަތްކުރިއެވެ. ނިހާ ހިފަހައްޓައިގެން ތިބި މީހުންނަށް މިހާރު ހިފެހެއްޓެނީ ކިރިކިރިޔާއެވެ.

"ދޫކުރޭ. މަދާންވެއްޖޭ." ނިހާ ހަޅޭއްލަވަމުން ގެންދިޔައިރު އޭނާގެ ކަރުމަތީ ފުއްޕާފައި ހުރި ނާރުތަށް ހީވަނީ ފަޅަފަޅައިގެން ހިނގައިދާނެހެންނެވެ. އިބްރާހީމްބެ ކިޔެވެލި ހަލުވިކޮށް ބާރަށް ކިޔަމުން ގެންދިޔައެވެ. ނިހާގެ ހަށިގަނޑަށް އަރަމުންދިޔަ ބާރު ގަދަވެ ކުއްލިއަކަށް ބިރުވެރި ތޫލި އަޑަކުން ހަޅޭލަވަމުން ކޮޅަށް ޖެހުނެވެ. އިލްހާމާއި ޞައްތާރު ދިޔައީ ވިއްސައިގެންނެވެ. ނަޒީލާއި ނިކާލް ބިރުން ތިބި ނަމަވެސް ހަމަ އެވަގުތު ތެދުވެ ނިހާގެ ދެއަތުގައި ހިފެހެއްޓިއެވެ. އިލްހާމާއި ޞައްތާރުވެސް ތެދުވެ އެހީތެރިވިއެވެ. ނިހާ ދޫ ނެރެމުން ވައްތަރު ޖައްސަން ފެށިއެވެ.

"އޭ މީނދަ މުސްކުޅި ހިމާރާ. ކަލެޔެއް ކަމަކު މަށަކާ ނުކުޅެވޭނެ." އިބްރާހިމްބެއާ ދިމާއަށް ކަރު އަނބުރާ އެލުވާލައިގެން ހުރެ ނިހާ ފެލިގަތެވެ. ނިހާ ކަރުކެހިލާފައި އިބްރާހީމްބެ މޫނަށްވާގޮތަށް އޮލަ ދަވަގަނޑެއް ހެން ހުރި ކުޅުގަނޑެއް ޖެހިއެވެ. އެޔަށްފަހު އަނގަމަތީ ވަށައިގެން ދޫ އުނގުޅާލައި ލާނެއް ވަރުގަދަ ހިނިގަނޑެއް ޖަހައިލިއެވެ. އިބްރާހީމްބެ މޫނުމަތި ފޮހެލަމުން ކިޔެވުން ކުރިޔަށް ގެންދިޔައެވެ. ނިހާ ބުރުން ނުކުންނަން މަސައްކަތްކޮށް އޭނާ ހިފަހައްޓައިގެން ތިބި އެންމެން ވަރު ބަލިކޮށްލިއެވެ. އިބްރާހީމްބެ ކިޔެވުން ހުއްޓާލިއެވެ.

"އެންމެން ނުކުމޭ." ބުރު ފުރިހަމަކޮށްލަމުން އިބްރާހީމްބެ ބުންޏެވެ.

އެންމެން ނިހާގެ ގައިން ދޫކޮށްލުމަށްފަހު ބުރުން ބޭރަށް ނުކުތްއިރު މާނޭވާ ލެވެއެވެ. ފައިރޫޒް އައިސް ގެޔަށް ވަނީ އެވަގުތުއެވެ. ނިހާ ވައްތަރު ޖައްސަމުން ހެމުންދިޔަތަން ފެނުމާއެކު ހާސްކަމާއި، ކަންބޮޑުވުމާއި، ހައިރާންކަމާއި، ބިރުވެރިކަން ފައިރޫޒްގެ ހަތަރު ފަރާތުން ވަށާލިއެވެ. އޭނާއަށް ނިހާއާ ދިމާއަށް ބާރަށް ހިނގައިގަނެވުނެވެ. ބުރާ ހަމަވިއިރަށް ފައިރޫޒް ހުއްޓުވުމަށްފަހު އެތެރެއަށް ނުވަނުމަށް ނިކާލް ބުނެލިއެވެ.

ބުރުން ބޭރަށް ނުކުންނަން ނިހާ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ބުރާ ހަމަވާއިރަށް ނިހާގެ ހަށިގަނޑުން އަރާ ދިލައަށް ކެތްނުކުރެވި ހޭރިގަނެވެއެވެ. ފަހަތަށް ޖެހެން މަޖުބޫރުވެއެވެ.

"ކަލެޔަށް ތިބުރުގެ ތެރެއަކުން ނުނިކުމެވޭނެ.." އިބްރާހީމްބެ ފަޚުރުވެރިކަމާއެކު ބުނެލިއެވެ. "ކަލޭގެ ބާރު ހިނގާނީ ތިތަނުގެ ތެރޭގަ އެކަނި. ދެން ކަލެޔަށް ހަމައެކަނި އޮންނާނެ ގޮތަކީ ސުލްޙާގައި ނިހާ ދޫކޮށްލުން ނުވަތަ މަގޭ އަތްދަށުވެ މަރުވުން."

"ކަލެޔަކަށް މަ އަންދައެއް ނުލެވޭނެ." ނިހާ ބަރު އަޑަކުން ބުނެލިއެވެ.

އިބްރާހީމްބެގެ ކާމިޔާބީ ފެނިފައި އިލްހާމް ހުރީ ނިކަން ހިތްހަމަޖެހިފައެވެ.

"އޭނަ އަންދާލުމުގެ ކުރިން މި އާއިލާ ފަހަތުން އަޅުވާލައިގެން އުޅޭ ސަބަބު އޮޅުން ފިލުވާތި." އިލްހާމް ބުންޏެވެ. "މަގޭ ކޮއްކޮ ރޮލާ ކާލައިގެން ހުރި ފުރޭތައެއް ތީ. އެވަރުން ނުވެގެން މަގޭ މަންމައަށް ވެސް އެހާ އަނިޔާ ދިން."

ނިހާ ހިނިގަނޑެއް ޖަހާލަމުން އިލްހާމަށް ބަލާލިއެވެ.

"ކަލޭގެ ކޮއްކޮ ރޮލާ ކެއީ ކަލޭގެ އަމަޔޭ." ނިހާގެ އަޑުގައި ހުރީ މަލާމާތާއި ރުޅިވެރިކަމެވެ. "މަށަކީ ކަލޭގެ އަމާ ސިހުރު ހަދަން ގެންގުޅުނު އިފުރީތެއް. އެކަމުގެ ބަދަލެއްގެ ގޮތުން ލަމްހާ މަށަށް ހިބައިން ދިނީ ކަލޭގެ އަމާ. އެސިއްރު ކަލެޔަށް އެނގިދާނެތީ ލަމްހާ މަރާލީވެސް ކަލޭގެ އަމާ. ލަމްހާ ދަންޖެހުނީކީ ނޫން. ދަންޖެއްސުވީ. ކަލެޔަށް ލިބިފައި ތިހުރީ ހަމަ ކަލޭގެ އަމާގެ ނުބައިކަން."

ނިހާގެ އަނގައިން ބޭރުވި ބަސްތައް އިވިފައި އިލްހާމްގެ އަނގަ ހުޅުވިގެން ދިޔައެވެ. ޤަބޫލުކުރަން އުނދަގޫވިއެވެ. އޭނާގެ މަންމައަކީ އެހައި ނުބައި މީހެއް ހެއްޔެވެ؟ ކޮއްކޮއަށް ކިތަންމެ ނަފުރަތު ކުރިނަމަވެސް މަންމަ އެފަދަ ކަމެއް ނުކުރާނެއެވެ. އުފަންދަރިޔަކު ދަންޖައްސުވާ މަރަށް ތެޅެމުންދާ މަންޒަރު ބެލުމަށް މައި ލަގޮނޑިއަށް ކެތްވާނެ ހެއްޔެވެ؟

"ކަލޭ ދޮގު ހަދާނެ ކަމެއްނެތް." އިލްހާމަށް ބުނެވުނެވެ. ޖަވާބުގައި ނިހާގެ އަނގައިން ބޭރުވެގެން ދިޔައީ ވަރުގަދަ ހިނިގަނޑެކެވެ.

ޖިންނި ޝައިޠާނުންގެ ރުހުން ހޯދުމަށް ސިހުރުވެރިން އެފަދަ ކަންތައްކުރާކަމަށް އިބްރާހީމްބެ ބުނެލިއެވެ. އިލްހާމަށް އަދިވެސް ޤަބޫލުކުރަން އުނދަގުލެވެ. އިބްރީސްއަށް ހިބައިން ކޮއްކޮދީފައި ވާނަމަ ކޮއްކޮގެ މަރުގެ ފަހަތުގައި ވެސް ވާނީ ހަމަ މަންމައެވެ. ކޮއްކޮ މަރަށް ތެޅިލާނެވަރު ހިތަށް އަރާފައި އިލްހާމްގެ ލޮލަށް ކަރުނަ ގިނަވާން ފެށިއެވެ. އެއީ ކޮންފަދަ ނުލަފާ މަންމައެއް ހެއްޔެވެ؟

އިލްހާމަށް ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އިބްރީސް އެ ހާމަކުރީ ކަމުގެ ހަޤީޤަތެވެ. މީހަކު ލައްވާ މަސައްކަތެއް ކުރުވައިފިނަމަ، އެމީހަކަށް އުޖޫރައެއް ދޭންޖެހޭ ބީދައިން ޖިންނީންގެ ފަރާތުން ސިހުރުވެރިންނަށް ލިބޭ އެހީތަކަށްވެސް ބަދަލު ދޭންޖެހެއެވެ. ސިހުރަށް ވެސް އޭގެ އަގު އަދާ ކުރަންޖެހެއެވެ. ޖިންނި ޝައިޠާނުންގެ ހިތް ރުއްސުމަށް އެމީހުން ބުނާ ކަންތައްތައް ސިހުރުވެރިން ކޮށްދޭންޖެހެއެވެ. ވުޟޫނުކޮށް ނަމާދުކުރުމާއި، މާތް ﷲއަށް އަޅުކަންކުރުމުގެ ބަދަލުގައި ޖިންނީންނަށް އަޅުކަންކުރުމާއި، ޤިބުލައަށް ފުރަގަސްދީގެން ނަމާދުކުރުންފަދަ އެކިއެކި ބޮޑެތި ފާހިޝް އަމަލުތައް ސިހުރުވެރިން ކުރަންޖެހެއެވެ. އެގޮތަށް އަމަލުކުރުމުން ސިހުރުވެރިންގެ އަމުރަށް ޖިންނީން ބޯލަނބާލެއް އަވަސްވެއެވެ. އެބައިމީހުން ކިޔަމަން ކުރުމުގައި މިފަދަ އުކުޅުތައް ސިހުރުވެރިން ބޭނުންކޮށް އުޅެއެވެ.

ސަބްރީނާއަކީ އެފަދަ ސިހުރުވެރިއެކެވެ. އިބްރީސްއަކީ ސަބްރީނާ ހަދާ ސިހުރުތަކުގައި މަދަދުވެރިއެއްގެ ގޮތުން ބޭނުންކުރަމުން އައި ޖިންނިއެވެ. އޭނާގެ ބާރުގެ ދަށުގައި އިބްރީސް ބެހެއްޓުމަށް އިބްރީސް ހިތްހަމަޖެހޭ ހުރިހާ ކަމެއް ސަބްރީނާ ކުރިއެވެ. އިބްރީސްގެ އެދުމަށް ލަމްޙާ ވެސް ހިބަކޮށްދިނެވެ. ލަމްޙާ ސަލާމަތްކުރުމަށް އިލްހާމް އުޅެން ފެށުމުން ސަބްރީނާ އެކަމާ ބިރުގަތެވެ. އެ ޙަޤީޤަތް އިލްހާމަށް ވަންހަނާކުރުމަށް ލަމްޙާ ކަރަށް މަޅި ލައްވާ ބާރުކޮށްލީ ވެސް ސަބްރީނާއެވެ. ލަމްޙާ މަރަށް ތެޅުނު މަންޒަރު ސަބްރީނާ ބަލަން ހުރީ މައި ކުލުނު ނެތް މަންމައެއް ފަދައިންނެވެ. ލަމްޙާގެ ވަކިވެދިޔުމާއެކު އިބްރީސްގެ ދުއްތުރާތައް ދެން ޖެހުނީ ސަބްރީނާއަށެވެ. ލަމްޙާ މި ދުނިޔެއާ ވަކިކޮށްލުމުގެ އަދަބެއްގެ ގޮތުން ސަބްރީނާގެ އެއް ލޯ އިބްރީސްއަށް ޤުރުބާންކުރަން ޖެހުނެވެ.

"ކަލޭ ތިއުޅެނީ މިއާއިލާ ކިބައިން ބަދަލު ހިފަން އައިސްގެންތަ؟" އިބްރާހީމްބެ ސުވާލުކުރިއެވެ.

"މަ ކީއްކުރަން ކަލޭމެންގެ ސުވާލުތަކަށް ޖަވާބު ދޭންވީ." ނިހާގެ ރާގުގަނޑު ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައެވެ. "ޖަވާބު ދޭކަށް ނުޖެހޭނެ. ނުވެސް ދޭނަން. ނުވެސް ހޯދޭނެ. ހަމަ މިހާރު މަ މިތަނުން ނެރޭ."

"ކަލެޔަށް ޖެހޭނީ ޖަވާބުދޭން." އިބްރާހީމްބެ އަޑުހަރުކޮށް ބުންޏެވެ.

"ކަލޭ ތިހާ މޮޅިއްޔާ ނިކަން މަގޭ އަނގައިން ޖަވާބު ނެރެބަލަ!" އިބްރީސް ގޮންޖެހިއެވެ. "ކަލެޔަށް މަ މިތަނަށް ގެނެވުނަސް އެކަމާ ބޮޑާވެ ކިބުރުވެރި ވާނެކަމެއް ނެތް. މި ބުނީނު ޖަވާބެއް ނުދޭނަމޭ."

އިބްރާހީމްބެ އަނެއްކާ ވެސް ކިޔަވަންފެށިއެވެ. އަޑުހަރުކޮށް ކިޔަވަމުން ބުރުވަށައިގެން އެނބުރެމުން ދިޔަ ވަރަކަށް ނިހާއަށް ބޮޑެތި އުނދަގޫތަކެއް ވަމުންދިޔައެވެ. އޭނާގެ ހަށިގަނޑަށް ވާންވެ ބާރުވަމުންދިޔަ ވަރަކަށް ކެތްނުވާ ވަރަށް ބޮލުގައި ވިންދު ޖަހާ ރިހެމުން ދިޔައެވެ. އޭރު ކަރު ބުޑުން ނުކުންނަމުން ދިޔަ ބިރުވެރި ހަޅޭކުގެ އަޑު ފެންޑާ ތެރޭގައި ގުގުމަމުންދިޔައެވެ. އެ އަޑާއެކު ނިހާގެ ހުޅުތަކާއި ކަށިތަކުން އަޑުކިޔައިގެން ދިޔައެވެ.

"ހަމަ މިހާރު މަ މިތަނުން ނެރޭށޭ!" ނިހާ ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެއަތް މަހައިލަމުން ހުރެ ބާރަށް ހަޅޭލަވައިގަތެވެ.

އިބްރާހީމްބެ ކިޔެވުން ކުރިޔަށް ގެންދިޔައެވެ. ނިހާ ދެލޯ ބޮޑުކޮށްގެން ހުރެ ޓައިލްސް ގަނޑު މައްޗަށް ޖެހުނެވެ. ޤުރުޢާނުގެ އަޑު އިވުމުން ނިހާއަށް ވަމުންދިޔަ އުނދަގޫތަކަށް ކެތްކުރަން އުނދަގޫވިއެވެ. އޭނާ ދެކަންފަތުގައި އަތް އަޅާ ބާރުކޮށްލީ ކުރުގެޅިލަމުންނެވެ.

"ކަލޭގެ އެއްވެސް ބާރެއް ނެތްކަން މިހާރު އިޙްސާސްވެއްޖެއެއްނު." އިބްރާހީމްބެ ކިޔެވުން ހުއްޓާލުމަށްފަހު ބުންޏެވެ. "ކަލޭ ޖެހޭނީ މަކުރާ ސުވާލުތަކުގެ ޖަވާބު ދޭން! އެޔަށްފަހު ކަލެޔަށް ޖެހޭނީ ނިހާ ވެސް ދޫކޮށްލަން! ނޫނީ އަންދާލާ އަޅިޔަށް ހަދާލާނަން!"

"ޖަވާބު ބަލަން ކަލޭ ބޭނުންތަ؟" ނިހާ ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި ހިފައި ތިރިއަށް ދަމައިގަންނަމުން ބުންޏެވެ. "މިއޮތީ ޖަވާބު! އާދޭ ***!"

އިބްރާހީމްބެ ދުރު ބަލައިލިއެވެ. ފައިރޫޒަށް ލަދުން އިސްޖަހާލެވުނުއިރު ނިކާލަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ނިހާ ދެ މިޔަކަނުން ސޮނި ބާލުވަމުން ލާނެއް ހިނިގަނޑެއް ޖަހައިލިއެވެ.

"ނިހާވެސް ދުލެއް ނުކުރާނަން! މަ އަންދަޔެއް ވެސް ނުލެވޭނެ! ކަލެޔަކަށް އެއްކަމެއް ވެސް ނުވާނެ!" ނިހާގެ ހަށިގަނޑު އެތެރޭގައިވާ އިބްރީސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

ހަމަހިމޭން ވަގުތު ކޮޅަކަށްފަހު ނިހާ މަޑުމަޑުން ތެދުވިއެވެ. ފަރާތްފަރާތް ހޯދައި ބަލައިލިއެވެ. ނިކާލްގެ މޫނަށް ނަޒަރު ސީދާވުމާއެކު، ނިހާގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ.

"ނިކް ބިރު ގަންނަނީ. މުޅިގައިގަޔާ ބޮލުގައި ވެސް ރިހެނީ. ތަދުވަނީ. އިބްރާހީމްބެ ކައިރީގަ ބުނޭ ދާށޭ. ފަންޑިތަ ހަދާކަށް ބޭނުމެއް ނޫން." ނިހާގެ ދެއަތުން އަނގަމަތީ އަތް އަޅައިލައިގެން ހުރިއިރު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. ނިކާލް، ނިހާއަށް ގޮވައިލުމާއެކު، އެ ދިމާއަށް ދާން ނިހާ އުޅުނެވެ. ނަމަވެސް ބުރާ ކައިރިވުމާއެކު ނިހާގެ މުޅި ހަށިގަނޑުން އަރަންފެށި ދިލައަށް ކެތް ނުވެގެން ފަހަތަށް ޖެހެން މަޖުބޫރުވީއެވެ.

"ކިހިނެއްތަ މިވަނީ. މަށަށް ކީއްވެތަ ނުނިކުމެވޭންވީ. ދިލަ ނަގަނީ! ދިލަ ނަގަނީ!" ބުރުން ބޭރަށް ނުނިކުމެވިގެން ނިހާ ކުރިޔަށްވުރެން ބާރަށް ރޯންފަށައިފިއެވެ.

ނިކާލް ބުރާ ކައިރިވެލުމަށްފަހު ބަލާލީ އިބްރާހީމްބެގެ މޫނަށެވެ. ފައިރޫޒް އައިސް ނިހާއަށް ބަލާލީ ކަންބޮޑުވެފައި ހުރެއެވެ.

"އޭތި ދިޔައީތަ؟" ފައިރޫޒް ސުވާލުކުރިއެވެ.

"ނުދޭ!" ނިހާއަށް އައި ބަދަލުގެ ސިއްރު އިބްރާހީމްބެއަށް އެނގެއެވެ. "އޭނަގެ ހަށިގަނޑު ތެރޭގައި އެބައުޅޭ! ކޮންމެވެސް ތަނަކަށް ވަދެފިލީކަމަށް އެވާނީ! އެހެން ފިލައެއް ނޯވެވޭނެ! ބިއްލޫރި ތައްޓެއް ގެނެސްދީބަލަ!"

ނަޒީލް ދުވެފައި ބަދިގެޔަށް ގޮސް ބިއްލޫރި ތަށްޓެއް ހިފައިގެން އަޔެވެ. އިބްރާހީމްބެ ތަށްޓަށް ފެން އެޅުމަށްފަހު ކިޔަވަން ފެށިއެވެ. އެޔަށްފަހު ބުރުގެ ތެރެއަށް ވަދެ ނިހާއަށް ފެންތަށި ބޯން ދިނެވެ. ނިހާގެ ބަނޑަށް ތޫނު ތަދެއް އެރިއެވެ. ބަނޑުގައި އަތް އަޅައިގެން ގުދުވެލައިގެން އޮތްއިރު ނިހާގެ އަނގައިން ވޭނީ އާޙްގެ އަޑު ނުކުންނަމުން ދިޔައެވެ.

**********

ސުނޯހައުސް ކުރިމަތީގައި ހުރި ގޭގައި އުޅޭ މަރުޖީނާ އައިސް ޞަފިއްޔާމެން އެގެޔަށް އައުމަށް އެދުނެވެ. ސިހުރު ހެދުމުގައި ހޭދަވާނެ ވަގުތެއް ނޭނގޭތީ މަގުމަތީގައި ނުތިބެންވެގެން، ޞަފިއްޔާމެން މަރުޖީނާއާއެކު ދިޔުމަށް ހިނގައިގަތެވެ.

"އެ ސަބްރީނާއަކީ ވަރަށް ނުލަފާ އަންހެނެއް." މަރުޖީނާ އަނގަޔަށް ގޮތެއް ހަދާލަމުން ވާހަކަ ދެއްކިއެވެ. "ނުބައި ނުލަފާ ސިހުރުވެރިޔެއް! ޔަޤީނޭ ނިހާއަށް އެ ލިބެނީ އޭނަ ދުނިޔޭގައި ކުރި ފާފައެއްގެ ސަޒާކަން. ތިގޭގަ އުޅެން ހެޔޮވެސްނުވާނެ."

މަރުޖީނާއަކީ ރަށުގެ "ބީބީސީ" އެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ޚަބަރު ފަތުރަމުން ދުވާ އަންހެނެކެވެ. އެހެންކަމުން ޞަފިއްޔާ އެ މަޢުޟޫއަށް އެއްޗެއް ބުނާކަށް ގަސްދެއް ނުކުރިއެވެ. ސަބްރީނާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވަމުން ޞަފިއްޔާމެން ގޭތެރެއަށް ވެއްދުމަށްފަހު މަރުޖީނާ ދިޔައީ ބަދިގެ ފަރާތަށެވެ.

"މެޑަމް އަހަރެން ބުނަނީނު ރަތްލޯ ފެންނަނީއޭ.. މެޑަމް ގަބޫލު ނުކުރަނީނު." ދީޕިކާ ހާސްވެފައި ހުރެ ބުނެލިއެވެ.

"ނޭނގޭނު! އަހަރުމެންގެ އާއިލާއަށް މި ޖެހުނީ ކާކުގެ އެސްފީނާއެއްތަ؟ އެއް ކަމަކަށް ފަހު އަނެއް ކަމެއް. އަދި ނިހާއަށް ފުލުފުލުގަ ކަންތައްތައް މި ލައްވާލަނީ! މިފަހަރު ނިހާ ކޮންކަމެއް ކޮށްގެންބާ ޖިންނިއެއްގެ އުނދަގޫ މިޖެހުނީ." ޞަފިއްޔާ ކަންބޮޑުވެފައި އިނދެ ޗުކުޗުކު ތަޅުވަމުން ގެންދިޔައެވެ.

"މަންމާ!." އިންޝާ ޞަފިއްޔާގެ އަތުގައި ހިފައިލިއެވެ. ޞަފިއްޔާ އިންޝާގެ މޫނަށް ބަލައިލިއެވެ. އެޔާއެކު އިންޝާގެ މޫނުމަތިން ތަފާތުކަމެއް ޞަފިއްޔާއަށް ފާހަގަވިއެވެ. މޫނުގެ އެއްފަޅި ދުޅަވެފައި ހުރި އިރު ކަޅުކުލައިގެ ނިޝާނެއް މޫނުމަތިން ފާޅުވެފައި ހުއްޓެވެ. ހީވަނީ މީހަކު މޫނުމަތީ ޖަހާ އަނިޔާއެއް ދީފައި ހުރިހެންނެވެ.

"ތީ ކާކު ކޮށްފައި ހުރިކަމެއް؟" ޞަފިއްޔާ އެހިއެވެ.

އިންޝާ ހާސްވާގޮތްވިއެވެ. މަންމަ ފަރާތުން އެ ސުވާލު ކުރިމަތިވެދާނެތީ މަންމައަށް ފިލައިގެން އުޅޭތާ ދެ ދުވަސްވީއެވެ. އިންޝާ ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ ނަޒީލްގެ ފަރާތުން ލިބުނު އަނިޔާއެކޭ ބުނާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.

"ހީވަނީ މީހަކު އަނިޔާއެއް ކޮށްފައި ހުރިހެން." ޞަފިއްޔާ ބުންޏެވެ. "ނޫނީ އެނދުން ވެއްޓުނީތަ؟"

"އުހުނ! ފާހާނަ ތެރެއަށް ވެއްޓުނީ." އިންޝާ އަވަހަށް ފުރުޞަތުގެ ބޭނުންކޮށް ދޮގެއް ހަދައިލިއެވެ.

މަރުޖީނާ އައީ ތިން ތަށި ޖޫސް ހިފައިގެންނެވެ. އޭނާ ފުޅާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލަމުން ތަބަކުގައި އަތުރާފައި ހުރި ޖޫސްތަށިތައް ފަހަރަކު މީހަކަށް ދިއްކުރަމުން ދިޔައެވެ. އިންޝާ ޖޫސްތަށީގައި ހިފި ވަގުތު، ބަނޑަށް އެރި ތޫނު ތަދުގެ ސަބަބުން ތަށި އަތުން ދޫވިއެވެ. މަރުޖީނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނު އިރު ތަށިމުށިގަނޑުގައި ޖެހުނު ތަށި ފުނޑުފުނޑުވެއްޖެއެވެ. އިންޝާ ބަނޑުގައި އަތް އަޅާލަމުން ހުރި ދިމާއަށް ވެއްޓެން ދަނިކޮށް ޞަފިއްޔާ ޖޫސްތަށި ބެހެއްޓުމަށްފަހު އަވަސް އަވަހަށް އިންޝާ ގައިގާ ހިފެހެއްޓިއެވެ.

"އައްދިއްޔޯތް! މަންމާ! މަގޭ ބަނޑު." ވޭނުން ފުރިފައިވާ އަޑަކުން އިންޝާ ހޭރިގަތެވެ.

މަރުޖީނާ އައިސް އިންޝާގެ ގާތުގައި އިށީނެވެ. ބުރަކަށީގައި ފިރުމަންފެށި އިރު ގުދަށް އޮވެގެން އިންޝާ އޯކަށް ދަމަންފެށިއެވެ. ޞަފިއްޔާ އިންޝާ ތެދުކުރެވޭތޯ އުޅުނެވެ. ކުއްލިއަކަށް އެރި ކޮށިވަރަކާއެކު އިންޝާގެ އަނގައިން ކަޅުކުލައިގެ އޮލަ ހޮޑުތަކެއް ހޯސްލާފައި ފައިބައިގަތެއެވެ. ކުރިމަތީ ހުރި ދީޕިކާއަށް ފަހަތަށް ޖެހިލެވުނު ނަމަވެސް ބުރައިގެން އައި ހޮޑުތައް އޭނާގެ ހަރުވާޅުގެ ފައިކުރިއަށް ބުރިއެވެ.

"ދީޕިކާ! ބޭބެ ގޮވައިގެން އަންނަން ދޭބަލަ!" ޞަފިއްޔާ ކަންބޮޑުވެފައި ހުރެ ބުންޏެވެ.

ދީޕިކާ ހުރީ ގުޑިލަން ވެސް ނުކެރިފައެވެ. ސުނޯހައުސް އަށް ގޮސް ވަންނާނެ ހިތްވަރެއް އޭނާގެ ގަޔަކުނެތެވެ. އިންޝާ ކުކުރަމުން ސޯފާގައި އޮށޯވެ ކުރުގެޅިލިއެވެ. އޭރުވެސް ބަނޑަށް އަރާފައިވާ ތަދަށް ކުޑަކޮށް ވެސް ލުޔެއް ނުލިބެއެވެ. އިރުއިރު ކޮޅާ އޯކަށް ދަމަންފަށައެވެ. ކަޅުކުލައިގެ ދަވައިގެ ރޮނގެން އެއްމިޔަކުން ފައިބައިފައި ހުއްޓެވެ.

"ކިހިނެއް ވެފަތަ ތި ހުންނަނީ! ދާށޭ!" ޞަފިއްޔާ ތަންކޮޅެއް ބާރަށް ބުނެލުމާއެކު ދީޕިކާ ހިނގައިގަތެވެ.

********

އިބްރާހީމްބެ ބުރު ކައިރީ އިނދެ ކިޔަވަމުން ދިޔައީ އަޑު ހަރުކޮށްނެވެ. ނިހާ ތަށިމުށިގަނޑު މަތީ ބުމަރެއްހެން އެނބުރެމުން ދިޔައެވެ. ދެކަންފަތުގައި އަތް އަޅައިގެން އޮވެ ކިޔެވުން ހުއްޓައިލުމަށް ގޮވަމުން ދިޔައެވެ.

ނަޒީލް އިނީ މަންޒަރު ބަލަން ސޯފާގައެވެ. ކުއްލިއަކަށް އޭނާގެ ބަނޑު މަތިން މައްޗަށް ދިރޭ އެއްޗެއް އަރަމުން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުމާއެކު ތެޅިގަނެވުނެވެ. އަވަސް އަވަހަށް ތެދުވެ ޓީޝާޓު ފޮޅައިލިއެވެ. ޓީޝާޓުމަތިން އަތް ހާކާލިއެވެ. ނަމަވެސް އެ އެއްޗެއްގައި ނަޒީލްގެ އަތަކު ނުޖެހެއެވެ. އެ ދިރޭ އެތި އަދިވެސް ދަނީ އަރަމުންނެވެ. ނަޒީލް ޓީޝާޓް ދަށަށް އަތްކޮށްޕައި ބަނޑާއި މޭމަތީ އަތް ކާތައިލިއެވެ. އެޔާއެކު އޭނާގެ ބަނޑުމަތިން ތޫނު ދިލައެއް ނަގަންފެށިއެވެ. ކުޑަ ހިރުވުމެއް ވެސް ހުއްޓެވެ. ނަޒީލް އެތަން ކަހައިގަތެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އެދިލަ މުޅި ހަށިގަނޑަށް ފެތުރެން ފެށިއެވެ. މުޅި ގައި ހިރުވަންފެށިއެވެ. ވަގުތުން އޭނާ މުޅިގައިގެ އެތަން މިތަން ކަހަންފެށިއިރު ހީވީ ދެފަޔަށް ހިނި އަރައިގެން އުޅޭ މީހެއް ހެންނެވެ. ނަމަވެސް އެހިރުވުމާ ހަށިގަނޑުން އަރަމުން ދިޔަ ގިނި ދިޔައީ ހިނދެންހިނދަކަށް ގަދަވަމުންނެވެ. ފައިރޫޒަށް އެމަންޒަރު ފެނުނެވެ. ނަޒީލަށް މިވަނީ ކިހިނެއް ބާއެވެ؟

"ނަޒީލް ކިހިނެއް ވީ؟" ފައިރޫޒް އެހިއެވެ.

ނަޒީލަށް ކެތްނުވެގެން ލައިގެން ހުރި ޓީޝާޓް ބާލާ އެއްލާލިއެވެ. އެންމެންގެ ނަޒަރު ނަޒީލަށް ހުއްޓުނެވެ. ހަށިގަނޑުގެ އެކި ދިމާއަށް އަތް ހޫރުވަމުން ހަންގަނޑުގައި ނިޔަފަތި ކާރުވަމުން ނަޒީލް ތެޅި ފޮޅެނީއެވެ. އަވަސްއަވަހަށް އެންމެން ނަޒީލް ކައިރިއަށް ޖަމާވެ ސުވާލުތައް އޮއްސާލީ ހައިރާންވެފައި ތިބެއެވެ.

"ކިހިނެއްތަ މިވަނީ! ކިހިނެއް ވަނީތަ؟" އެންމެން އެއް އަޑަކުން ކިޔަން ފެށިއެވެ.

"ހިރުވަނީ! ދިލަ ނަގަނީ!" ނަޒީލް ވަރަށް އުނދަގުލުން ޖަވާބު ދިނެވެ.

އިލްހާމް ނިކަން ބާރަށް އިބްރާހީމްބެއަށް ގޮވާލިއެވެ. އިބްރާހީމްބެ ކިޔެވުން ހުއްޓާލައިފައި ފަހަތަށް އެނބުރި ބަލައިލިއެވެ. އަދި އަވަސް އަވަހަށް ތެދުވެ އެދިމާއަށް ހިނގައިގަންނަމުން ކުރު ގެޅިލައިގެން އޮތް ނިހާގެ މޫނަށް ނަޒަރު ސީދާކޮށްލިއެވެ. ނަޒީލްގެ ހަރަކާތްތަކާ އިބްރީސްއާ ގުޅުމެއްވާކަމަށް އިބްރާހީމްބެއަށް ހީވީ ކަންނޭގެއެވެ. ނިހާ އެއް މިޔަކަނުން ހީލިތަން އިބްރާހީމްބެއަށް ފެނުނެވެ.

**********

ދީޕިކާ ސުނޯހައުސް ގޯތި ތެރެއަށް ވަންއިރު އޭނާގެ ހިތް ހީވަނީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ދީޕިކާ ފެންނަ ހިސާބުގައި ޝައްދާދު ބަލަހައްޓައިގެން ހުރި ކަމުގައި ވިޔަސް އޭނާ ހިތުތެރޭގައި އުފެދިފައިވާ ބިރުވެރިކަމަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. ވައްކަޅިން ގަސްތަކު ތެރެއަށް ނަޒަރު ހިންގަމުން ލަސް ފިޔަވަޅުތަކެއް އަޅަމުން ދީޕީކާ ކުރިޔަށް ދިޔައެވެ. އެ ގަސްތަކު ތެރެއިން ރަތްކުލައިގެ ދެލޯ ފެނިދާނެހެން އޭނާއަށް ހީވަނީއެވެ. އެންމެފަހުން ދެލޯ ކުނާކޮށްލައިގެން ހުރެ ހިނގުން ބާރުކޮށްލިއެވެ. ކިތަންމެ ބިރު ގަތަސް އެކަމާ ކުރިމަތިލާން އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ. ޞަފިއްޔާގެ އަމުރަށް ކިޔަމަންވެ އިންޝާގެ ޚަބަރު އިލްހާމާ ހަމައަށް ފޯރުކޮށްދޭން ޖެހޭނެއެވެ. އޭނާއަށް އެކަން ނުކުރެވި އިންޝާއަށް ކަމެއްވެއްޖެނަމަ އަނބުރާ ރަށަށް ދާން ވެސް ޖެހިދާނެއެވެ. އެ ގެއިން ނުކުމެގެން ރަށަށް ދާކަށް ދީޕިކާ ބޭނުމެއް ނޫނެވެ. ދީޕިކާ އެކި ހިޔާލުތައް ކުރަމުން ކުރިޔަށް ދަނިކޮށް ފިނިވައި ރޯޅިއެއް ޖެހި ބޮލުގައި އޮތް ދޯޕައްޓާއަށް ލޮޅުންއެރުމާއެކު ހުއްޓުން އެރިއެވެ. ހަމަ އެސިކުންތުގައި ގެޔާ ދިމާއަށް ބާރަށް ދުއްވައި ގަތެވެ.

ދީޕިކާ ދޮރުން އެތެރެއަށް ވަންއިރު ނަޒީލް ތެޅި ފޮޅެނީއެވެ. ސޯފާގައި އޮވެ ނަޒީލް މުޅި ގައިގާ އަތްކާއްތަމުން ދިޔައެވެ. އިބްރާހީމްބެ ނަޒީލްގެ ގައިގައި ފެންމަތުރަމުން ތުންތަޅުވަމުން ދިޔައެވެ. ބުރު ތެރޭގައި އޮށޯވެލައިގެން އޮތް ނިހާއަށް ބަލަމުން ދީޕިކާ ދިޔައީ އިލްހާމާ ދިމާއަށެވެ. އިލްހާމަށް ދީޕިކާ ފެނުމާއެކު ކޮންމެވެސް ބޮޑުކަމެއްވީކަން ދެނެގަނެވުނެވެ. އެހެންނޫންނަމަ އެ "ފިނޑި" ދީޕިކާ އެ ގެޔަކަށް ނުވަންނާނެއެވެ. އިލްހާމް ނިކަން ބާރަށް ގޮސް ސުވާލުކުރުމާއެކު އިންޝާއަށް ވީ ގޮތް ދީޕިކާ އޮޅުން ފިލުވައިދިނެވެ. އިލްހާމް އެ ވާހަކަތައް އިބްރާހީމްބެއާ ހިއްސާކުރިއެވެ. އޭރު ނަޒީލް އޮތީ ހަމަޔަކަށް އެޅި ދެލޯ މެރިފައިއެވެ. އިބްރާހީމްބެ ފެންތަށްޓަކަށް ކިޔެވުމަށްފަހު އިލްހާމަށް ދިއްކޮށްލިއެވެ.

"މި ފެންތަށިން އެއްބައި ބޯންދީފައި އަނެއްބައި އިންޝާގެ ހަށިގަނޑުގައި އުނގުޅާށޭ ބުނޭ!" އިބްރާޙީމްބެ ކަންކުރަން ވީ ގޮތް ކިޔައިދިނެވެ.

އިލްހާމް ޞައްތާރުއަތަށް ފެންތަށި ދިނުމަށްފަހު ދީޕިކާއާއެކު ގޮސް އިންޝާއަށް އެހީވުމަށް ބުންޏެވެ. އެތަނުގައި ފިރިހެނަކު ހުންނަންވާނެކަމަށް ބުނުމުން ޞައްތާރު ބޯ ޖަހައިލިއެވެ. އަދި ދީޕިކާއާއެކު ނުކުމެގެން ދިޔައެވެ.

"މިވަނީ ކިހިނެއްތަ؟" އިލްހާމް އިބްރާހިމްބެއާ ސުވާލުކޮށްލިއެވެ. އިބްރީސް ބުރު ތެރޭގައި ހައްޔަރުކޮށްފައި ހުރި ނަމަވެސް އޭނާގެ ބާރު އެހެން މީހުންނަށް ފޯރުވަމުންދާކަމަށް އިލްހާމަށް ޝައްކުވެއެވެ. އިބްރާހީމްބެ ޖަވާބެއް ނުދީ ނިހާއާ ދިމާއަށް ބަލާލިގޮތުން އިބްރާހީމްބެގެ ހިތުގައި އޮތް އެއްޗެއް އިލްހާމަށް އެނގުނެވެ.

"ކަލޭ ބުނީމެއްނު އޭތީގެ ބާރު ހިނގާނީ ހަމައެކަނި އެ ބުރު ތެރޭގައޭ!" އިލްހާމް ހިތްހަމަނުޖެހިފައި ބުންޏެވެ.

ނިހާ ވަރުގަދަ ނުލަފާ ހިނިގަނޑެއް ޖަހާލި އަޑު އިވުނެވެ.

"ތެދެއް! ކަލޭ ބުނީމެއްނު މަގޭ ބާރު ހިނގާނީ މިބުރު ތެރޭގައި އެކަންޏޭ! ދެން އެހެން މީހުންނަށް އެވަނީ ކިހިނެއްބާ؟" ނިހާ ހެމުންހެމުން ތެދުވިއެވެ.

އިބްރާހީމްބެ މޫނު މަތިން ކަންބޮޑުވުން ފާޅުވިއެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. ނަޒީލަށް ބާރު ފޯރުވީ ހަމަ އިބްރީސްއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އޭނާ ހީކުރިވަރަށްވުރެ އިބްރީސްގެ ބާރު ގަދައީ ހެއްޔެވެ؟

ލިބުނު ކާމިޔާބީގެ އުފަލުގައި ނިހާ ހެމުންހެމުން ބުރު ވަށާ އެނބުރެން ފެށިއެވެ. ދެއަތް މުށްކަވައި މެޔާހަމައަށް ހިއްލައިގެން ހުރެ ދެއަތް އަނބުރަމުން ނަށަން ފެށިއެވެ.

"އަހަނ! ކަޑަބޮއް! ކަޑަބޮއް! ކަޑަބޮއް! އަހަނ! ކަޑަބޮއް ކަޑަބޮއް." ނިހާ ފުމެމުން ލަވަކިޔަން ފެށިއެވެ. އަދި ބުރުގެ ދެކޮޅަށް ދުވަމުން ބުޑުތަޅުވަމުން ލަވަ ކިޔުމައިގެން ކުރިޔަށް ދިޔައެވެ.

"ވާތާވީހޭ ފަލަކުގެ ރާނީ! ހާންތިވަނީހޭ މި ބިމުގެ ރާނީ! ވާތާވީހޭ ފަލަކުގެ ރާނީ! ހާންތިވަނީހޭ މި ބިމުގެ ރާނީ! އިޝްޤުގެ ބައްތެލި ކާކަށް ދޭނީ! ދެއަތަށް އެބަ އަހަރެން ހެއްލޭ! މޭގާ ހިތްވެސް ދެކޮޅަށް ހެއްލޭ! ދެއަތަށް އެބަ އަހަރެން ހެއްލޭ! މޭގާ ހިތްވެސް ދެކޮޅަށް ހެއްލޭ! އަހަނ! ކަޑަބޮއް! ކަޑަބޮއް! ކަޑަބޮއް!"

ނިހާ ބަނޑިބަނޑި ލައްވަމުން ބާރަށް ލަވަކިޔަމުން ގެންދިޔައެވެ. ނިހާ ޖައްސަމުން ދިޔަ މޮޔަ ވައްތަރުތައް ފެނިފައި ނިކާލްގެ ހިތަށް ވަރަށް ވަރަށް އަސަރުކުރިއެވެ. ހިތް ފޮތިފޮތިވެގެން ގޮސް ލޮލުން ކަރުނަ ހިލުވާލިއެވެ. ނިހާގެ ހާލަށް ހަމްދަރުދީވެވުނެވެ. އޭނާ ލޯބިވާ ނިހާއަށް ޖެހިފައި މިވަނީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟ ނިކާލް ކެތްތެރިވުމަށް ދެތުންފަތް ފިއްތާ ބާރުކޮށްލައިގެން ހުއްޓެވެ. އިބްރާހިމްބެ ގޮސް ނިހާ ގަޔަށް ފެންޖެހުމާއެކު ލަވަ ކިޔުން ހުއްޓުނެވެ.

"ކަލެޔަށް ވުރެ މަގޭ ބާރު ގަދަވާނެ!" ނިހާ ހަޅޭލައިގަތެވެ. "ނަޒީލަށް ވީ ގޮތް ނުފެނޭތަ؟ އެއްޗެއް ވިސްނެން ވެއްޖެއްނުން! މަށެއް އަންދައެއް ނުލެވޭނޭ.. ހަމަ މިހާރު މަ މިތަނުން ނެރޭ. ނޫނީ ކަލޭގެ ދުވަސް ދުއްވާލާނަން."

"މަށަށް އިންޒާރު ދޭނެކަމެއް ނެތް. ކަލެޔަކަށް އެހެން މީހަކަށް ގެއްލުމެއް ނުދެވޭނެ." އިބްރާހީމްބެ ޖަވާބު ދިނީ ސާބިތުކަމާއެކުއެވެ.

"ވަރިހަމައޭ. މަށަށް ނިހާއަށް ގެއްލުންދީ އަނިޔާވެސް ކުރެވޭނެ. މަށެއް ގޮތް ހުސްވެގެންނެއް ނުތެޅެން." ނިހާ އިސް އުފުލައިލަމުން މައްޗަށް ބަލައިލިއެވެ.

ނިހާގެ ބޮލާ ދިމާ ފަންގިފިލާގައި ހުރި ޗާންދެލިޔާ އެނބުރެން ފެށިއެވެ. މަޑުމަޑުން ބާރުވަމުން ގޮސް އެއް ޗޭނުގަނޑު ފަންގިފިލަޔާ ވަކިވެގެން ދިޔައެވެ. ޗާންދަލިޔާ އެއްފަރާތަކަށް އަރިވެލިއެވެ. ނިކާލްގެ ދެލޯ ބޮޑުވިއެވެ. އޭރުވެސް ނިހާ ހުރީ ކަޅިޖަހާނުލާ މައްޗަށް ބަލަހައްޓައިގެންނެވެ. އެހެން ހުއްޓާ ދެވަނަ ޗޭނުގަނޑު ވެސް ލުހި ވަކިވެގެން ދިޔައެވެ. މިހާރު އެ ޗާންދަލިޔާ ނުވެއްޓި ހުރީ އެންމެ ޗޭނުގަނޑެއްގެ ބާރުގައެވެ. ނިހާގެ ބޮލަށް އޭތި ވެއްޓިއްޖެނަމަ ނިހާގެ ދުވަސް ދާނެއެވެ. ނިކާލަށް ކެތެއް ނުކުރެވުނެވެ. ބާރަށް ހިނގާލައިފައި ގޮސް ބުރާ ހަމަވުމާއެކު އިލްހާމް ނިކާލްގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.

"އިބްރާހީމްބޭ. ކީއްވެގެންތަ ބަލަހައްޓައިގެން ތި ހުންނަނީ. ކޮންމެވެސް ކަމެއްކޮށްބަލަ." ފައިރޫޒްވެސް ހާސްވެފައި ހުރެ ބާރަށް ބުނެލިއެވެ.

އިބްރާހީމްބެ އެއްވެސް ކަމެއްކުރާކަށް ނޫޅެއެވެ. އޭނާ ދެއަތް އުރާލައިގެން ނިހާއަށް ބަލަހައްޓައިގެން ހުރީއެވެ. އެކަމާ އެންމެ ކަންބޮޑުވީ ނިކާލެވެ. ނިހާ ސަލާމަތްކުރާނެ ގޮތަކާމެދު ނިކާލް ވިސްނަމުން ދިޔައެވެ. އޭނާ ތިރިޔަށް ބަލާލި ވަގުތު ބުރު ފެނުނެވެ. އިތުރު ވިސްނުމަކަށް ނުގޮސް ނިކާލްގެ ފައިން ޖަހައި ބުރު ވަކިކޮށްލިއެވެ. އެޔާއެކު ބާރު ވައި ރޯޅިއަކާއެކު އިބްރާހީމްބެ ވިއްސައިގެން ދިޔައެވެ. ނިކާލް އަތް ފޮޅުވައިލަމުން ކުރިޔަށް ޖެހިލައި، ވެއްޓެމުން ދިޔަ ނިހާގެ ގައިގާ ހިފެހެއްޓިއެވެ.

"ކަލޭ މޮޔަވީތަ؟ ކީއްތަތިކުރީ." އިލްހާމް ހަޅޭލަވައިގަތެވެ.

އިލްހާމް ގޮސް އިބްރާހީމްބެ ނެގިއެވެ. އަރިކަށި މަތީ އަތް އަޅުވައިލަމުން ތެދުވެ އިބްރާހީމްބެ ހަމަޖެހިލިއެވެ. ފައިރޫޒް މޫނުމަތި ފޮހެލަމުން ގޮސް އިށީނީ ނިހާގެ ގާތުގައެވެ. ލޯ މަރާލައިގެން އޮތް ނިހާގެ ބޮލުގައި ފައިރޫޒް ފިރުމާލިއެވެ. ނިހާގެ މޫނުމަތީ މަޑުމަޑުން ތަޅަމުން ނިކާލް ގޮވާލިއެވެ.

"ނިކާލް! މިރޭ މަ ކުރި ހުރިހާ މަސައްކަތެއް ކަލޭ ތި ދުއްވާލީ ފެނަށް!" އިބްރާހީމްބެ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.

"އިބްރާހީމްބެ ކަމެއް ނުކޮށް ހުރީމަ މިހެން މިވީ. ނިކާލް ކަންތައް އެކުރީ އެންމެ ރަނގަޅަށް. ނިހާ ސަލާމަތްކުރަން ކޮންމެވެސް ކަމެއް ކުރަން ޖެހޭނެއްނު." ފައިރޫޒްގެ ނަޒަރުގައި ނިކާލް ކަންތައްކުރި ގޮތް ރަނގަޅެވެ. އެކަމުގައި ގޯހީ އިބްރާހީމްބެއެވެ.

"ބަލަ މިތިބަ ދެ މޮޔަޔާ." އިބްރާހީމްބެ ބުންޏެވެ. "ކަލޭމެން އިންސާނުން ލޯބިވާ މީހުންނަށް އަނިޔާވެރިވިޔަސް އެބައިމީހުން އެމީހުން ލޯބިވާ މީހުންނަކަށް ގެއްލުމެއް ނުދޭނެ. އޭނަ ބޭނުންވީ ކަލޭމެން ލައްވާ ތިކަން ކުރުވަން. މި ބުރުން ބޭރުވާން. އޭނަގެ މަޤުޞަދު ހާސިލުވީމަ އެ ރައްކާވީނު."

ނިހާ މަޑުމަޑުން ލޯ ހުޅުވާލި ވަގުތު ނިކާލްގެ ސޫރަ ފެނުމުން ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ. އިބްރާހީމްބެ ހިތްހަމަނުޖެހިފައި ހުރެ ދަބަހަށް އެއްޗެހިތައް އަޅައި، ގެޔަށް ދިޔުމަށް ތައްޔާރުވެލިއެވެ.

"މަޑުކޮށްބަލަ." އިބްރާހީމްބެ އަތުގައި އިލްހާމް ހިފެހެއްޓިއެވެ. "މިކަން ނުނިންމާ ތިދަނީ ކީއްވެގެންތަ؟ އެ ކުދިންނަށް ނުވިސްނުނީއޭ."

"މަ މިދަނީ އެމީހުންގެ ސަބަބުންނެއް ނޫން. މިކަން މިރެޔަށް ނިންމާލީ މި." އިބްރާހީމްބެ ޖަވާބުދިނެވެ. "މާދަމާރޭ އަންނާނަން. ހީކުރި ވަރަށްވުރެ އިބްރީސް ބާރުގަދަ ވީމަ މަ ބަލަންޖެހޭ އިތުރު ކަންތައްތަކެއް ވެސް އެބަހުރި. އެހެންވީމާ އިބްރީސް ގެނެސްގެން މިރޭ ތި ސަކަރާތްޖަހާނެ ވަގުތެއް ނެތް. ހީވާގޮތުން ސަބްރީނާއަށް ވެސް އޭނާ އަންދާނުލެވުނީ. ބޮޑަށް ލަފާކުރެވެނީ މިގޭގަ މިގޮތަށް އޭނާ ހައްޔަރުކޮށްފައި އެހެރީ އެހެންވެގެންކަމަށް. ނޫނީ އެހެން ސަބަބެއް އޮތީކަމަށްވެސް ވެދާނެ. މަ ހުރިހާކަމެއް ބަލާފަ މާދަމާރޭ އަންނާނަން. އެހެންވީމަ ކަލޭމެން އެންމެން މިރޭ މިގޭގައި މަޑުކޮށްގެން ނުވާނެ."

އިބްރާހީމްބެ ހިނގައިގަތެވެ. ނިހާ މަޑުމަޑުން އިބްރާހީމްބެއަށް ގޮވަން ފެށިއެވެ. އިބްރާހީމްބެއާ ދިމާއަށް އަތް ދިއްކުރަން ފެށިއެވެ. ނިހާ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭ ކަހަލައެވެ. ވަރު ބަލި އަޑަކުން އިބްރާހީމްބެ ގާތު މަޑުކުރާށޭ ބުނުމަށް ނިކާލް ގާތު އެދުނެވެ.

"އިބްރާހީމްބޭ!" ނިކާލް ގޮވައިލިއެވެ. އިބްރާހީމްބެ ބަލައިލިއެވެ.

"ނިހާ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވޭ!" ނިކާލް ބުންޏެވެ.

ނިކާލާއި ފައިރޫޒްއާ ދެމީހުންވެގެން ނިހާ ކޮޅަށް ނެގިއެވެ. ނިހާގެ ގައިގާ ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުން އެދެމީހުން ނިހާގެ ދެ އަތުގައި ހިފައިހައްޓައިގެން ތިއްބެވެ.

"އިބްރީސް މި ހުރިހާ ދުވަހު ހުރީ ކަސްތޮޅު އަޅުވާފައި." ނިހާ ބަލި އަޑަކުން ވާހަކަ ދެއްކިއެވެ. "އިލްހާމްގެ ކޮއްކޮ ހިބައިން ދިނުމުގެ އިޤްރާރުނާމާ ހެދިއިރު ސަބްރީނާ އޮތީ ވަރަށް ބޮޑު ގޯހެއް ހަދާފައި. އެ އިޤްރާރުނާމާގައި ލަމްހާ ނެތް ދުނިޔެއެއްގައި އިލްހާމަށް ފުރަތަމަ ލިބޭ އަންހެން ދަރިފުޅު އިބްރީސްއަށް ހިބައިން ލިބޭގޮތަށް އެއްބަސް ވެފައިވޭ."

"ތީ އިބްރީސް ބުނި އެއްޗެއްތަ؟" އިބްރާހީމްބެ އެހިއެވެ.

"އާނނނ.. ސަބްރީނާ އެކަމާ ބިރުން އިބްރީސް ކަސްތޮޅު އެޅުވީ. އިލްހާމަށް އަންހެން ދަރިޔަކު ލިބިއްޖެނަމަ އިބްރީސްގެ އުނދަގޫ އެ ދަރިޔަކަށް ޖެހޭނެކަން ސަބްރީނާއަށް އެނގޭ."

ނިހާގެ ފަހު ޖުމްލައާއެކު އެންމެންގެ ނަޒަރު ސީދާވީ އިލްހާމަށެވެ.

"ތީގެ މާނައަކީ ނިހާއަކީ އިލްހާމްބެގެ." ފައިރޫޒަށް އެ ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ.

އިލްހާމަށް ލިބުނު ޝޮކުގައި ދެލޯ ބޮޑުކޮށްލެވުނެވެ. (ނުނިމޭ)

އެގާރަވަަނަބައިގެ ތެރެއިން:-

"ކަޅު ކުލައިގައި ހޮޑު ހުރުން މީ އެއްގޮތަކަށްވެސް ރަނގަޅު ފާލެއްނޫން. މީ ވަރަށް ނުރައްކާކަމެއް. ޞަފިއްޔާއަށް ހީވަނީ ކިހިނެއްތަ؟" މަރުޖީނާ މޮޕް ހިފައިގެން އައިސް ޓައިލްސްމަތީ ކާތަމުން ވާހަކަ ދެއްކިއެވެ.

"ނޭނގެ މަށަކަށް." ޞަފިއްޔާ ދިނީ ކުރު ޖަވާބެކެވެ.

"މަށަށް ހީވާ ގޮތެއް ބުނަންތަ؟" މަރުޖީނާ ބުންޏެވެ. "މަށަށް ހީވަނީ އިންޝާ ބަނޑުބޮޑީހެން. އެވެސް ޖިންނިއެއްގެ ދަރިޔަކަށް."

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަމް

    ގެނެސްދިނުން ވަރަށް ރީތި. އެކަމަކު މިވާހަކަ ކިޔަމުންދާ ވަރަކަށް ސިފަވަނީ ތުރުކީ ފިލުމު ސިސިން މަތިން. އޭގަވެސަ ވަނީ މިކަހަލަ ގޮތްތެއް.