އޭޕްރީލް 21 ވަނަ ދުވަހު ގެނެސްދިން ބައި

އެވަގުތު އިލްހާމްގެ ނަޒަރު ނިހާއަށް ސީދާވިއިރު، ނިހާގެ މޫނުމަތިން އޭނާއަށް ފެނުނީ ހައިރާންކަމުގެ ކުލަވަރެވެ. ނިހާއަކީ އޭނާގެ ދަރިއަކަށް ވެދާނެ ހެއްޔެވެ؟ ފުރަތަމަވެސް އޭނާގެ ހިތަށް އެރި ސުވާލަކީ އެއީއެވެ. އިލްހާމް ވިސްނާލިއެވެ. ނިހާ އޭނާގެ ދަރިއަކަށްވުމުގެ ފުރުޞަތު އޮތްހެން ހީވުމުން ހިތަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. ނިހާގެ އެ ހުންނަ ގޮތް ދޫނުކުރުމުގެ ސިފައާއި ޖެހިލުންކުޑަކަން އެއީ އޭނާގެ ފުށުން ވާރުތަވެފައިވާ ސިފަތަކެއް ހެއްޔެވެ؟ އެއީ ހަމަ އޭނާގެ ދަރިއެއް ހެއްޔެވެ؟ ނޫނެކެވެ. ނިހާ އެއީ އޭނާގެ ދަރިއެއްނަމަ ސަފީނާ އެ ވާހަކަ ސިއްރެއް ނުކުރާނެއެވެ. ކޮންމެވެސް ގޮތަކަށް ސަފީނާ އެ ހަޤީޤަތް ހާމަކުރީހެވެ. ވީއިރު އިބްރީސްގެ އުނދަގޫ ނިހާއަށް ފޯރަމުން އެދަނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ދަރިއަކަށްވީމާ ނޫން ހެއްޔެވެ؟ އިބްރީސް ނިހާގެ ފަހަތުން އަޅުވާލުމުގެ ފަހަތުގައި އިތުރު ސަބަބެއް އޮވެދާނެބާއެވެ؟ އިލްހާމްގެ ވަންހަނާ ވެފައިވާ ސިއްރުތައް ފަޅާއަރުވާލުމަށް ނިހާ ދޮގެއް ހެދީއޭ ވެސް އިލްހާމްގެ ހިތަށް އެރިއެވެ. ތަފާތު އެތަކެއް ހިޔާލުތަކަކުން އިލްހާމްގެ ހާސްކަން ބޮޑުވެ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައި އޭނާއަށް ހުރެވުނީ ގޮތެއް ނިންމަން އުނދަގޫވެގެންނެވެ.

"ކީކޭ. ނިހާއަކީ ބައްޕަގެ ދަރިއެކޭ." ނަޒީލްގެ އަޑަށް އިލްހާމް ސިހުނެވެ.

އިލްހާމްއާ ދިމާއަށް ފާޑަކަށް ބަލަމުން އައިސް ނަޒީލް ހުއްޓުނެވެ. ނިހާ ވެސް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރުމުން އިލްހާމަށް އުނދަގުވާ ގޮތްވިއެވެ. އިލްހާމްގެ މޫނު މައްޗަށް އަރާފައިބަމުން ދިޔަ ހުރިހާ ކުލަވަރެއް ނިހާ ފަރުވާތެރިކަމާއެކު ތަރުޖަމާކުރަމުން ގެންދިޔައެވެ. އިލްހާމްގެ ނުތަނަވަސްކަން އިތުރު ވިއެވެ.

ނިކާލް ހިތްހަމަނުޖެހިފައި ހުރެ ފައިރޫޒަށް ކަޅި އަޅާލިއެވެ. ބައްޕަޔާ ދޭތެރޭ އެފަދަ ނުބައި ހީއެއް ހީކޮށް އެވާހަކަ އެންމެންގެ ކުރިމަތީގައި ބުނަން ކެރުނީތީ ހައިރާން ވެއްޖެއެވެ. ބައްޕަ ކިހާ ލަދެއް ގަންނާނެ ހެއްޔެވެ؟ ނިހާ އޭނާގެ ކޮއްކޮއަކަށް ނުވާނެއެވެ. އެހެން އެކަން ވެދާނެޔޭ ހިތަށް އަރުވާލިޔަސް އޭނާގެ މުޅިގައިން ހީބިހި ނަގައިގެން ދެޔެވެ. ނިކާލް ކެތްތެރިކަމެއް ނެތި ބައްޕަގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

ނިކާލްގެ މޫނުމަތިން ހިތްހަމަނުޖެހުމެގެ އަސަރު ފެންނަމުން ދިޔަ ކަމުގައިވިޔަސް، ދެންތިބި އެންމެންގެ ނަޒަރު ޝައްކުން ފުރިފައިވާތަން ފެނި އިލްހާމް ލަދުގަނެ ހާސްވާގޮތްވިއެވެ. މުޅި ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމަކީ އަންނަން އޮތް ބޮޑު ތޫފާންގެ އިންޒާރެއްބާއެވެ؟ އިލްހާމްގެ ހިތުތެރޭގައި ބިރުވެރި ރާޅުބާނިތައް ނަގަންފެށިއެވެ. ނަމަވެސް އޭނާ އެ އިހްސާސްތައް ފާޅުނުކޮށް ފަރުދާކޮށްލީ ހުށިޔާރުކަމާއެކުއެވެ.

"ޗީ. ޗީ." އިލްހާމް އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. "ކަލޭމެން ހިތަށް ތިކަހަލަ އެއްޗެއް އަރުވަން ލަދެއްވެސް ނުގަނޭތަ؟ ނިހާއަކީ ހަލާލު ގޮތުގައި ވަސީމަށާއި ސަފީނާއަށް ލިބިފަހުރި ކުއްޖެއް. މަށާ ސަފީނާއާއި އެކަހަލަ. ތިކަހަލަ ހަޑި މުޑުދާރު ވާހަކަ ދައްކަން ހެޔޮވާނެތަ؟ ޗީ! ފައިރޫޒް ކަލޭ ލަދެއް ވެސް ނުގަނޭތަ؟"

ނިކާލަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަޒީލް އަދިވެސް ހުރީ ޝައްކެއްގެ މަތީގައެވެ. ނިކާލަށް ނޭގުނަސް ބައްޕަގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ބައްޕަގެ ހުރި "މާތްކަން" އޭނާއަށް އޮތީ ފެނިފައެވެ. ބައްޕަގެ ދަރިއަކަށް ނިހާ ވެދާނެކަމަށް ނަޒީލަށް ޤަބޫލުކުރެވެއެވެ.

ކުއްލިއަކަށް އިބްރާހީމްބެ ބުނެފައިވާ ވާހަކައެއް ނިކާލްގެ ހަނދާނަށް އަޔެވެ.

"ޖިންނިންނަކީ ވަރަށް ދޮގުހަދާ ބައެއްނު." ނިކާލް ބުނެލިއެވެ. "މި އާއިލާތެރޭ ހަމަނުޖެހުން އުފައްދަން ކީ މޮޅު އެއްޗަކަށް ތިވާނީ."

"މާފްކުރޭ. އިލްހާމްބޭ. ނިހާ އެ ބުނި އެއްޗަކުން އަހަންނަށް ވިސްނާނުލާ އެހެން ބުނެވުނީ." ފައިރޫޒް ކުށްވެރިޔަކު ފަދައިން އިސްޖަހާލިއެވެ. އިލްހާމްބެއާމެދު އެފަދަ ނުބައި ހީއެއް ކުރެވި، އޭނާގެ ދުލުން ބޭރުވި ބަސްތަކާމެދު ފައިރޫޒު ހުރީ އިންތިހާޔަށް ލަދުގަނެފައެވެ.

"ލަމްޙާ ނެތް ދުނިޔެއެއްގައި އިލްހާމަށް ލިބޭ އަންހެންދަރިއެއް ހިބައިން ލިބޭގޮތަށް އެއްބަސްވެވިފައި އޮތުން އެއީ ވެދާނެކަމެއް. އެ ވެދާނެ ހަމަ ތެދަކަށް ވެސް. މަށަށް ހީވާގޮތުން އިބްރީސްގެ ދުވަސް ދުއްވާނުލާ އޭނާ ކަސްތޮޅު އަޅުވާފައި ހުރީ، އިބްރީސް ނެތް ދުނިޔެއެއްގައި އެބުނާ ކުއްޖަކަށް ޖެއްސުންކުރަން އިބްރީސްގެ އާއިލާއިން އެހެން ޖިންނިއެއް އަތުވެދާނެތީ. އެހެންވީމަ ތިބުނާ އިޤްރާރުނާމާއަކާއި އިބްރީސް ކަސްތޮޅު އަޅުވާފައި ހުރުމާ އޮތް ގުޅުން އެބަ ފެނޭ. ނިހާ އެދެއްކި ވާހަކަތަށް މަށަށް ޤަބޫލުކުރެވޭ." އިބްރާހީމްބެގެ ވިސްނުން ހާމަކޮށްލިއެވެ.

އެންމެންގެ ތެރެޔަށް ވެރިވެގެން ދިޔައީ މަރުފަދަ ހަމަ ހިމޭންކަމެކެވެ. އިބްރާހިމްބެގެ ވާހަކައިން އެންމެންގެ ހިތުތެރޭގައި އުފެދިފައިވާ ޝައްކު ބޮޑުވެގެން ދާނެކަން އެނގުމުން އިލްހާމް ކަންބޮޑުވިއެވެ. އިބްރާހީމްބެ ވެސް އެ އުޅެނީ ކޮންމެވެސް ކަމެއްގެ ބަދަލު ހިފަންހެން އޭނާއަށް ހީވިއެވެ. އެހެން ނޫންނަމަ އޭނާ ވާހަކަ ދައްކާނީ އިލްހާމާ އެއްކޮޅަށެވެ. މަސައްކަތް ކުރާނީ އެންމެންގެ ތެރޭ އޭނާ ދިފާއުކުރުމަށެވެ.

"ދެން ކަލޭ ތިބުނަނީ ނިހާއަކީ މަގޭ ދަރިއެކޭތަ؟" އެހެންމީހަކު އެއްޗެއް ބުނުމުގެ ކުރިން ހިންހަމަނުޖެހިފައި ހުރެ އިލްހާމް އަހައިލިއެވެ.

އިބްރާހީމްބެ މަލާމާތުގެ ފާޑަކަށް އެއްމިޔަކަނުން ހީނލިތަން އިލްހާމަށް ފެނުނެވެ. އިލްހާމް ނުތަނަވަސްވުމުން އޭނާއަށް އުފަލެއް ލިބެނީ ހެއްޔެވެ؟

"މަށެއް އެހެނެއް ނުބުނަމެއްނު." އިބްރާހީމްބެ ކުޑަކޮށް ހީނލާފައި ބުންޏެވެ. "އެހެން ސަބަބެއްވެސް ތީގަ އޮވެދާނެ. ދެން މިވާހަކަތައް ދައްކާނީ މާދަމާ. މަ ހުރިހާކަމެއް ބަލާފައި މާދަމާރޭ އިރާކޮޅު މިގެޔަށް އަންނާނަން. ދެންވެސް ލަސްނުކޮށް ވީ އެންމެ އަވަހަކަށް މިގޭތެރެ ހުސްކޮށް ކަލޭމެން ނިކުންނަން އުޅޭ. މިވަގުތު އިބްރީސްގެ ބާރު ވަރަށް ދަށްވާނެ. އޭތީގެ އުނދަގުލެއް ނުޖެހި ކަލޭމެންނަށް ނިކުންނަށް ފަސޭހަވާނީ ވެސް މިހާރު އެކަމާ އުޅުނިއްޔާ."

ނިހާ އަތުލަފިކޮށްގެން ފައިރޫޒާއި ނިކާލް ހިނގައިގަތެވެ. އޭރުވެސް ނިހާގެ ނަޒަރު ހުރީ ސީދާ އިލްހާމަށް ހުއްޓިފައެވެ. އިލްހާމްގެ ކުރިމަތިން ހުރަސްވި ހިސާބުން ފަސް އެނބުރިވެސް ނިހާ ބަލަމުން ގެންދިޔައީ އޭނައާ ދިމާއަށެވެ. ނިހާ އެވަރަކަށް އޭނާއަށް ބަލަމުން އެދަނީ ކިހިނެއްވެގެން ހެއްޔެވެ؟ ނިހާގެ ބައްޕައަކީ އިލްހާމްކަމަށް ނިހާ ޤަބޫލުކުރަނީބާއޭ އިލްހާމްގެ ހިތަށް އެރުމުން ބިރު ގަންނަ ގޮތްވިއެވެ.

ބާބު 16 - އަންހެންދަރި

އިބްރާހީމްބެ ދިން ފެންތަށިން އެއްބައި ބޯންދިނުމާއެކު އިންޝާގެ ބަނޑަށް ފެތުރިފައިވާ ތޫނު ތަދު ކެނޑުނެވެ. އެޔާއެކު އިންޝާގެ ދެލޯ މެރުނު ގޮތަށް ލޮލެއް ނުހުޅުވިއެވެ. ޞަފިއްޔާ ހާސްވެފައި އިނދެ އިންޝާގެ މުޅި ގައިގައި ފެންތަށީގައި ބާކީ ހުރި ބައި އުނގުޅިއެވެ. ޞަފިއްޔާގެ ތުރުތުރުލަމުން ދިޔައަތުން އިންޝާގެ ކޯތާފަތްމަތީ މަޑުމަޑުން ތަޅާލިއެވެ. އިންޝާގެ އެއްވެސް ހަރަކާތެއް ނެތުމުން ޞަފިއްޔާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ޞަފިއްޔާ ބޭނުންވީ އިންޝާ ވަގުތުން ހޮސްޕިޓަލަށް ގެންދާށެވެ. އިލްހާމަށް ގުޅާފައި އެ ޚަބަރު ދިނުމުން އިންޝާ އަރާމުކުރުމަށް ގޭގައި ބޭއްވުމަށް އިބްރާހީމްބެ ބުނެފައިވާކަމަށް އިލްހާމް ބުންޏެވެ. ޞައްތާރު ވެސް ލަފާ ދިނީ އިންޝާ އަރާމުކޮށްލުމަށް ގޭގައި ބޭއްވުމަށެވެ. މަރުޖީނާގެ އެދުމަށް އެގޭގައި ހުސްކޮށް ހުރި ކޮޓަރިއަކަށް އިންޝާ ބަދަލުކުރެވުނެވެ. އިންޝާ ލޯ ހުޅުވައިލާނެ އިރެއްގެ އިންތިޒާރުގައި ޞަފިއްޔާ ފެންޑާގައި އިނެވެ. މަރުޖީނާ އުޅުނީ ހޮޑު ލައިފައި ހުރި ތަން ސާފުކުރުމުގައެވެ. އެކަމުގައި ދީޕިކާ ވެސް އޭނާއަށް އެހީތެރިވަމުން ދިޔައެވެ.

"ކަޅު ކުލައިގައި ހޮޑު ހުރުން މީ އެއްގޮތަކަށްވެސް ރަނގަޅު ފާލެއްނޫން. މީ ވަރަށް ނުރައްކާކަމެއް. ޞަފިއްޔާއަށް ހީވަނީ ކިހިނެއްތަ؟" މަރުޖީނާ މޮޕް ހިފައިގެން އައިސް ޓައިލްސްމަތީ ކާތަމުން ވާހަކަ ދެއްކިއެވެ.

"ނޭނގެ މަށަކަށް." ޞަފިއްޔާ ދިނީ ކުރު ޖަވާބެކެވެ.

"މަށަށް ހީވާ ގޮތެއް ބުނަންތަ؟" މަރުޖީނާ ބުންޏެވެ. "މަށަށް ހީވަނީ އިންޝާ ބަނޑުބޮޑީހެން. އެވެސް ޖިންނިއެއްގެ ދަރިޔަކަށް."

ޞަފިއްޔާ އެއްވެސް ޝައުގުވެރިކަމެއް ނެތި މަރުޖީނާއަށް ބަލަހައްޓައިގެން އިނެވެ. އިންޝާއަށް ދިމާވި ކަންތައްތަކަކީ ޖިންނި ފަރާތު ކަމެއްކަން ޚުދު ޞަފިއްޔާ ވެސް ޤަބޫލުކުރެއެވެ. ޞައްޠާރު ވެސް ބުނީ އެއީ އިބްރީސްއާ ގުޅުންހުރި ކަމަކަށް ވެދާނެކަމުގައެވެ. ނަމަވެސް އެޔަކީ މަރުޖީނާ އެބުނާ ޒާތުގެ ކަމެއް ނޫނެވެ. މަރުޖީނާއަކީ މާ މޮޅަށް ކަންތައްތައް އެނގިގަނެގެން އުޅޭ އަންހެނެކެވެ. ކަޅު ހޮޑާއި ޖިންނީންގެ ދަރިއަކަށް ބަލިވެ އިނުމާ ގުޅުމެއްވާނަމަ މަރުޖީނާއަށް ވުރެ ބޮޑަށް އިބްރާހީމްބެއަށް އެކަން އެނގޭނެއެވެ. އިބްރާހީމްބެ އެފަދަ އެއްޗެއް ބުނެފައެއް ނުވެއެވެ. ޞަފިއްޔާ ބަލަހައްޓައިގެން އިންގޮތުން އޭނާ ދެއްކި ވާހަކަ ޞަފިއްޔާ ޤަބޫލުނުކުރާކަން މަރުޖީނާއަށް އެނގުނެވެ.

"ޞަފިއްޔާ ނުކުރާނެ ވީއްޔާ ޤަބޫލެއް." މަރުޖީނާ މޮޕް ބަހައްޓައިފައި އައިސް ޞަފިއްޔާ ގާތުގައި އިށީނެވެ. "ޞަފިއްޔާ އަޑެއް ނާހަމުތަ. މި އުޅޭ އިބިލީސް އާދަނު ގޯތި ހައްވާދިޔެ އަށްވެސް ހަމަ ވީ ތިޔަހެނޭ. އެންމެފަހުން ފަންޑިތަ ހަދައިގެން ބެލިއިރު ޖިންނިއެއް ހުރީ ހައްވާދިޔެއާ ބެހިފައި. ބަނޑުވެސް ބޮޑު. އަދި މަގޭ މާމަވެސް ޖިންނިއެއްގެ ދަރިއަކަށް ބަލިވެއިނޭ. މާމަވެސް އޭރު ލާ ހޮޑު ހުންނާނީ ހަމަ ކަޅުތެޔޮ ގަނޑެއްހެން. އެކަމުގައި އުޅެ މާމަވެސް އެ ހައްވާދިޔެވެސް މިދުނިޔެ އަޅާ ދިޔައީ."

"ދެން މަރޫ.. އެއީ ތި ކަހަލަ ކަމެއް ނޫނޭ." ޞަފިއްޔާ އިތުރަށް އެކަމާ ބަހުސްކުރަން ބޭނުން ނުވާތީ، ކުރު ޖަވާބެއް ދިނުމަށްފަހު އިންޝާގެ ޚަބަރެއް ބެލުމަށް ކޮޓަރިޔަށް ދިޔައެވެ. މަރުޖީނާއަށް ދެފަރާތަށް ބޯހޫރުވާލެވުނީ ޞަފިއްޔާގެ ވިސްނުން ކޮށި ކަމުންނެވެ. އާންމު މަޢުލޫމާތުގެ ޒައްރެއްގެ މިންވަރުވެސް ޞަފިއްޔާގެ ނެތީއެވެ. ޞަފިއްޔާ ޤަބޫލުކުރާ ގޮތުގައި މަރުޖީނާ ދެއްކީ ތުންތުން މަތިން އިވޭ "ފުލޯކު" ވާހަކަތަކެކެވެ.

*****

ޞައްތާރު މަގު ހުރަސްކޮށްފައި ސުނޯ ހައުސް ކައިރިއަށް ދިޔައިރު އިބްރާހީމްބެ ވާހަކަތަކެއް ދައްކަން ހުއްޓެވެ. ނިކާލް އެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޮލުން އިޝާރާތްކުރަމުން ދިޔައެވެ. ފައިރޫޒް ވެސް އެ ވާހަކަތަކަށް ސަމާލުކަންދީގެން ކަނުލާ އަޑުއަހަން ހުއްޓެވެ. ޞައްތާރު ގޮސް ފައިރޫޒް ގާތު ހުއްޓިލިއެވެ.

"މިރޭ އެއްގޮތަކަށްވެސް ނިހާ ބޭރަށް ނުނެރޭތި." އިބްރާހީމްބެ ބުންޏެވެ. "އިންޝާއަށް ދިމާވި ކަންތަކުން ޔަޤީންވެއްޖެ އިބްރީސްއަށް ގޯތިން ބޭރުގައި ތިބޭ މީހުންނަށް ވެސް ބާރު ފޯރުވޭކަން. އެހެންވީމަ ނިހާއަށް ފާރަވެރިވާތި. ކޮޓަރީގައި ޤްރުޢާން ޖަހާފައި ބަހައްޓާ. މާދަމާ ރޭ އިބްރީސް ނައްތާލެވޭނެ ގޮތަކާއި، އޭނާއާ ބެހޭ ހުރިހާ މަޢުލޫމާތެއް އެއްކޮށްގެން މަ އަންނާނަން. އަދި ބުނަން މަށަކަށް ނުފެނޭ އިންޝާގެ ހޭވެރިކަމެއް ނެތިއްޔާ އޭނަވެސް ބޭރަށް ނެރޭކަށް."

އިލްހާމް ޞަފިއްޔާއަށް ގުޅުމަށްފަހު، އިންޝާ ގެއިން ބޭރަށް ނެރުމަށް ނުފެންނަ ކަމަށް އިބްރާހީމްބެ ބުނެފައިވާތީ މަރުޖީނާ ގޭގައި ޞަފިއްޔާ އާއި އިންޝާ މަޑުކުރުމަށް ބުންޏެވެ. ޞަފިއްޔާ އެކަނިމާއެކަނި ހުންނަން ޖެހިލުންވާކަމަށް ބުނެ ޞަފިއްޔާގެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެ ގެޔަށް ނަޒީލް ފޮނުވުމަށް ޞަފިއްޔާ އެދުނެވެ. ނަޒީލް އިންޝާ ގާތުގައި މަޑުކުރަން ބޭނުންވުމުން އިލްހާމް އެކަމަށް އެއްބަސްވިއެވެ.

ނަޒީލް ގޮސް މަރުޖީނާ ގޯތި ތެރެއަށް ވަނުމުން، އިލްހާމް ސްނޯހައުސް ގޯތިތެރެއަށް ވަދެ، ކާރު ނެރުނެވެ. ނިކާލް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމަށްފަހު ނިހާ ގާތު އެތެރެއަށް ވަނުމަށް ބުންޏެވެ. އިސްޖަހާލައިގެން ހުރެ ނިހާ އެތެރެއަށް ވަނެވެ. ނިކާލް ފަހަތު ޝީޓަށް އަރައި ހަމަޖެހިލުމާއެކު ޞައްތާރު އެރީ ކާރުގެ ކުރީ ޝީޓަށެވެ. އިލްހާމް ކާރު ސުޓާޓްކޮށްލުމަށްފަހު ޞައްތާރުމެން ގެޔަށް ދިޔުމަށް މިސްރާބު ޖެހުމާއެކު، ފައިރޫޒް އިބްރާހީމްބެ ގެޔަށް ގެންދިޔުމަށް ސައިކަލުގައި ދަތުރު ފަށައިފިއެވެ.

ނިހާ ޝީޓުގައި ލެނގިލައިގެން ދެލޯ މަރައިގެން އޮތެވެ. ކައިރީގައި އިން ނިކާލް އިރުއިރު ކޮޅުން ނިހާގެ މާޔޫސްވެފައިވާ މޫނަށް ބަލާލައެވެ. ނިހާ ހިތަށް އަރާ ފައިބަމުންދާ އެއްޗެއް ނިކާލަށް ނޭގުނު ނަމަވެސް ނިހާގެ ހިތަށް ކުރާނެ އަސަރު އޭނާއަށް އިޙްސާސްވެއެވެ. ސިކުނޑިއަށް ބާރު ބޮޑުވާނެ ވަރު އަންދާޒާ ކުރެވެއެވެ. މިވޭތުވެ ދިޔަ ދެތިން ދުވަހު ނިހާގެ ހަޔާތަށް އައިސްފައިވާ ޒަލްޒަލާގެ ސަބަބުން ހަމަޖެހިލައިގެން އުޅޭނެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. ތޫފާނަކަށްފަހު ތޫފާނަކާ ނިހާ ކުރިމަތިލަމުން އެދަނީ އެއްވެސް އިހްތިޔާރެއް ނެތިއެވެ. ގެޔަށް ވަގަށް ވަން މީހަކު އަދިވެސް ފައިރޫޒަށް ވެސް ހޯދިފައެއް ނުވެއެވެ. އިބްރީސްގެ ކިބައިން ސަލާމަތްނުވެ ނިހާ ޖައްސާ "މޮޔަ" ވައްތަރުތައް ބަލަން ލަދުވެތިކަމާއި، ބިރުވެރިކަންމަތީ ހުންނަންޖެހޭނީ ކިހާ ދުވަހެއްވަންދެން ހެއްޔެވެ؟ ނިކާލްގެ އުންމީދަކީ ނިހާގެ ހަޔާތަށް އެޅިފައިވާ ބަނަ ވިލާގަނޑު ވީހާވެސް އަވަހަކަށް ސާފުވެގެން ދިޔުމެވެ. ނިހާ ހަމައަކަށް އެޅި ކުރީގެ ދިރިއުޅުމަށް ރުޖޫޢަވުމެވެ.

ފުން ފިކުރެއްގައި އަނގައިން ނުބުނެ ނިހާ އޮންނާތީ ނިކާލަށް އުނދަގޫވެގެން ދެތިން ފަހަރަކު ނިހާއަށް ނިކާލް ގޮވައިލިއެވެ. އެއްވެސް އުނދަގުލެއް ވޭތޯ ނިކާލް ސުވާލުކުރިއެވެ. ނަމަވެސް ނިހާއަށް އެ އަޑު އިވުނު ކަމަކަށް ނުހެދިއެވެ. ޖަވާބެއް ނުދިނެވެ. އެ ފިކުރުތަކުގައި ނިކާލް ބައިވެރިކުރާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ނިކާލް އިތުރަށް ސުވާލެއް ނުކޮށް ނިހާގެ ލޮބުވެތި މޫނަށް ބަލަހައްޓައިގެން އިނެވެ.

*******

އިބްރާހީމްބެ ބާރު ހިނގުމެއްގައި އޭނާގެ ހާއްސަ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އޭނާގެ ޖީބުގައި އޮތް ތަޅުދަނޑި ނަގާ ދޮރުފަތް ހުޅުވައިލިއެވެ. ކޮޓަރި ތެރޭގައިވަނީ ކަނު އަނދިރިކަމެވެ. އިބްރާހީމްބެ އެތެރެއަށް ފިޔަވަޅެއް އަޅާލަމުން ކަނާތް ފަރާތު އަރިމައްޗަށް އަތް ހިއްލާލަމުން ސުވިޗެއް ޖައްސާލުމާއެކު މަޑު އޮރެންޖު ކުލައިން ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އިބްރާހީމްބެ ދޮރު ލައްޕާ ތަޅުލުމަށްފަހު މޭޒުމައްޗަށް ދަބަސް އެއްލާލަމުން ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އޭނާ ކުރަން އައި މަސައްކަތް ފެށުމަށް އަވަސްވެގަތެވެ. މޭޒުމަތީގައިވާ ދުވަސްވީ ފޮތްތައް ހޭވުމުގައި އެތައް ވަގުތެއް އޭނާ ހޭދަކުރިއެވެ. އިބްރާހީމްބެ ބަލަން ބޭނުންވީ އިބްރީސްއަށް އިންޝާއާއި ނަޒީލަށް ބާރު ފޯރުވުނު ގޮތެވެ. ގަޑިއިރުތަކެއްގެ މަސައްކަތަށްފަހު، އޭނާ އެޅި ބުރު ތެރެއިން ބޭރުގައި ތިބި ބަޔަކަށް އިބްރީސްއަށް ބާރު ފޯރުވުނު ގޮތް އެނގުމުން އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

މާދަމާ ރޭ އެ ގެޔަށް ދިޔުމުގެ ކުރިން އިބްރީސްއާ ބެހޭގޮތުން ހުރިހާ އެއްޗެއް އެނގެން އިބްރާހީމްބެ ބޭނުންވެއެވެ. އިބްރީސް އަންދާލެވޭނެ ގޮތްތަކާއި، އިބްރީސްގެ "ހިސްޓްރީ" އެނގުން މުހިންމެވެ. އިބްރީސް ކަސްތޮޅު އެޅުވުނު ސަބަބާއި މިނިވަންވި ގޮތް އެނގެންޖެހެއެވެ. ނަމަވެސް އެ ކަންތައްތައް ހޯދުމަށް އޭނާގެ ފޮތްތަކުގެ ބޭނުމެއް ނުހިފޭނެއެވެ. އެއީ ފޮތަކުން އެނގޭނެ މަޢުލޫމާތެއް ނޫންކަމުން އެހެން ފަރާތެއްގެ މަދަދަށް އެދުމަށް އިބްރާހީމްބެ ނިންމިއެވެ.

"ޒިބްނާތު." އިބްރާހީމްބެ މަޑުމަޑުން ގޮވައިލިއެވެ.

*******

ނިހާ ދެއަތުން އޭނާގެ މޫނު ފޮރުވާލައިގެން އިނދެ ގިސްލަމުންދިޔައެވެ. ނިކާލް ދެކަކޫ މައްޗަށް ތިރިވެ ނިހާގެ އަތް ދުރުކޮށްލަން މަސައްކަތްކުރިއެވެ. ނިހާ ދެއަތަށް ބޯ ހޫރުވަމުން ގިސްލުމުގެ އަޑު ބާރުކޮށްލިއެވެ. ނިހާގެ ދެއަތް މޫނާ ވަކިކުރުމަށް މަސައްކަތްކޮށް ކާމިޔާބު ނުވުމުން ނިކާލް އެނދުގައި އިށީދެލީ މާޔޫސްވެފައި ހުރެއެވެ. ނިހާގެ ކޮނޑުމަތީ އަތް ބާއްވައިލައި، ގަޔާ ކައިރިކޮށްލައިގެން އިނދެ ނިހާއަށް ވިސްނައިދެވޭތޯ ނިކާލް ބެލިއެވެ. ވެގެން އުޅޭ ގޮތެއް ބުނުމަށް ތަކުރާރުކޮށް އެދުމުން ވެސް ނިހާ ރުއިން ނޫންކަމެއް ނުކުރެއެވެ.

"އަހަރެން ދެން ދަނީ. ނިހާ ހިތްހަމަޖެހޭވަރަށް ރޮވުނީމަ ގޮވާ." ނިހާގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން ޔަޤީންވުމުން ނިކާލް ތެދުވިއެވެ. ނިހާ ވަގުތުން ނިކާލްގެ އަތުގައި ބާރަށް ހިފަހައްޓައިލިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ނިހާގެ ދެލޯ ފެނުމުން ނިކާލްގެ ހިތަށް އަސަރުކުރިއެވެ. ނިހާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލަމުން ބޮޑުވައި އިނގިލިން ނިހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޯގާތެރިކަމާއެކު ނިކާލް ފުހެލައިދިނެވެ.

"ވަރަށް ލޯބިވޭ." ނިހާ ކުރެހިފައިވާ އަޑަކުން ލޯބިވާކަން ހާމަކުރުމާއެކު ނިކާލްގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ. ނިކާލް ހިނދުކޮޅަކަށް ހުއްޓުން އަރާފައި އިނުމަށްފަހު ނިހާގެ ނިތްކުރިއަށް ބޮސްދިނެވެ.

"ނިހާދެކެ އަހަރެން..." ނިކާލްގެ ޖަވާބު ފުރިހަމަ ނުވަނީސް ހުޅުވިފައިވާ ކުޑަދޮރުން ކޮޓަރި ތެރެއަށް އެޅުނު ހިޔަނި ފެނުމާއެކު ނިހާއަށް އެދިމާއަށް ބަލާލެވުނީ ކުއްލިއަކަށެވެ. ދޮރުން ބޭރުގައި އެމީހުންނަށް ބަލަންހުރި ސަފީނާ ފެނުމާއެކު ނިހާއަށް ފުންމައިގެން ތެދުވެވުނެވެ. ދެލޯ ބޮޑުކޮށްގެން ދޮރާ ދިމާއަށް ބަލާލުމަށްފަހު ނިކާލް ކޮބައިތޯ ބަލާލިއިރު ކޮޓަރި ތެރޭގައި އެކަކުވެސް ނެތެވެ. ނިހާ އެނބުރި ދޮރާ ދިމާއަށް ބަލާލިއިރު ސަފީނާ ހުރީ ނިހާ މޫނު ޖެހޭ ހިސާބުގައެވެ. ނިހާއަށް ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ.

"މަންމާ." ނިހާއަށް އުނދަގުލުން ބުނެވުނެވެ.

"ނިހާގެ ބައްޕައަކީ އިލްހާމް. ނިކާލްއާ ނިހާ. އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން. ތި ހިޔާލު ދޫކޮށްލާ." ސަފީނާ ފެންކަޅިވެފައިހުރެ ބުންޏެވެ.

ނިހާއަށް ސިހިފައި ހޭލެވުނުއިރު ކޮޓަރި ތެރެއިން އިވެމުން ދިޔައީ ޤުރުޢާނުގެ އަޑެވެ. އޭނާގެ ނިތްކުރިމަތިން ފާޅުވެފައިވާ ދާތިކިތައް ފޮހެލަމުން ފުރަތަމަ ވެސް ބަލާލީ ކުޑަދޮރާ ދިމާއަށެވެ. ކުޑަ ދޮރު ލައްޕާފައި ހުރުމުން ފެނުނު ހުވަފެނާމެދު ވިސްނަމުން އަރިޔަކަށް ޖެހިލިއެވެ. ހުޅުވިފައިވާ ދޮރުން ފެންޑާގައި ތިބި ފައިރޫޒާއި ނިކާލް ވަރަށް ރީއްޗަށް ފެނެއެވެ. އެމީހުން އޮލަ ވާހަކައެއްގައި ތިބި އިރު ނިހާއަށް ކަޅި ޖަހާނުލާ ބެލުނީ ނިކާލާ ދިމާއަށެވެ. ނިކާލްގެ ފިރިހެންވަންތަ ބިޔަ ހަށިގަނޑަށް ބަލަހައްޓައިގެން އޮއްވާ ނިހާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. ހުވަފެނުގައި މަންމަ ބުނި ޖުމްލަ ސިކުނޑީގައި ގުގުމާލިއިރު މިރޭ ސުނޯހައުސްގައި ހިނގާދިޔަ ކަންތައް ހަނދާނަށް އަޔެވެ. ނިކާލަކީ ނިހާގެ ބޭބެ ހެއްޔެވެ؟ ނިހާއަށް ދެލޯ މަރާ ބާރުކޮށްލެވުނު އިރު ހިތުގައިވަނީ ދިލަ ރިހުމެއް އުފެދިފައެވެ.

އިބްރީސް ކަސްތޮޅު އެޅެވުނު ސަބަބު ނިހާ މިރޭ ބުނެ ދިނީ ފަހަރެއްގައި ވެސް އެކަން ބަޔާންކޮށްގެން އިތުރު ހަޤީޤަތެއް ހާމަވެގެން ދާނޭ ކަމަކަށް ނޫނެވެ. އޭނާއަކީ އިލްހާމްގެ ދަރިޔަކަށް ވެދާނެއެކޭ ދުވަހަކު ވެސް ހިތަކަށް ނާރައެވެ. މީހަކު އެފަދަ ޝައްކެއްކޮށްފާނެ ކަމަކަށް ވެސް ހިޔެއް ނުކުރެއެވެ. އެހެނަސް ފައިރޫޒްގެ ދުލުން ބުނެލި އެންމެ ޖުމްލައަކުން އިލްހާމްގެ މޫނަށް ވެރިވި ހާސްކަމުން ނިހާގެ ހިތް ހަލަބޮލިކޮށްލީއެވެ. އިލްހާމްގެ މޫނުމަތިން ފެނުނު ބިރުވެރިކަމާއި، ހާސްކަން މިހާރު ވެސް ނިހާގެ ލޯ ކުރިމައްޗަށް ފެންނަ ކަހަލައެވެ. އިލްހާމް އެ ވަރަށް ނުތަނަވަސް ވާނީ އެކަމުގައި ކޮންމެވެސް ހަޤީޤަތެއް ވާތީއޭ ނިހާގެ ހިތް ބުނެއެވެ. ނިހާއަށް ނިދުނީ ވެސް އެކަމާ ވިސްނަން އޮއްވައެވެ. ނިދިޖެހުމާއިއެކު ހުވަފެނުގައި މަންމަ އައިސް ބުނެދިނީ ވެސް ހަމަ އެ ހަޤީޤަތެވެ.

ނިހާގެ ބައްޕައަށް އިލްހާމް ވެދާނޭ ނިހާގެ ހިތްބުނި ނަމަވެސް ސިކުނޑި އެކަމާ އެއްބަހެއް ނުވެއެވެ. އެ ހަޤީޤަތް ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އިލްހާމްގެ މުޑުދާރު ލޭ އޭނާގެ ގައިގައި ހުރެގެން ނުވާނެއެވެ. މަންމަ އެވަރުގެ ބޮޑުކަމެއް ވަންހަނާކޮށްފައި އޮވެދާނެ ހެއްޔެވެ؟ އެކަމުގެ ތެދު ދޮގު ހޯދާނީ ކިހިނެއް ހެއްޔެވެ؟ މަންމަ ސިއްރު ކުރިކަމެއްގެ ހަޤީޤަތް ވެސް އެނގޭނީ މަންމައަށެވެ. އެ ހަޤީޤަތް އެނގޭ އިތުރު މީހަކު ހުރެދާނެ ހެއްޔެވެ؟ ތަފާތު އެކި ހިޔާލުތަކުން ނިހާގެ ސިކުނޑިއަށް ބާރުކުރަމުން ދިޔައީ އެކަން ޔަޤީންކުރެވޭނެ ގޮތެއް ފެނޭތޯއެވެ.

ޖެހިގެން ހުރި ކޮޓަރީގައި އިލްހާމް ނިތްކުރިމަތީގައި އަތްބާއްވާލައިގެން އޮތީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައިއެވެ. ނިހާއަކީ އޭނާގެ ދަރިޔެކޭ އިލްހާމަށް ވެސް ހީވަނީއެވެ. ސަބަބަކީ މާޒީގައި ހިނގާފައިވާ އެ ހާދިޘާއެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މާޒީގެ ކަޅު ޞަފުޙާތަކެވެ.

އިލްހާމަށް ސަފީނާ އެންމެ ފުރަތަމަ ފެނުނީ މިސްކިތްދޮށަށް ފެންބަލާ ގޮސް ހުއްޓައެވެ. ފުރަތަމަ ފެނިލުމުން ވެސް ސަފީނާގެ ހަނދެއްފަދަ މޫނާއި ރާޅުބާނި އިސްތަށިގަނޑު އޭނާއަށް ކަމުދިޔައެވެ. ފުރަތަމަ ނަޒަރުން އިލްހާމްގެ ހިތުގައި ލޯބީގެ ވިންދު ޖަހަން ފެށިއެވެ. ސަފީނާ ބަނޑިޔާ ކިހިލި ޖަހާލައިގެން ހިނގައިގަތެވެ. އޭނާގެ ހިނގުމުގައި ހުރި އަންހެން ވަންތަކަމާއި ފަރިކަމުން އިލްހާމް އާޝޯޙުވިއެވެ. ސަފީނާގެ ބަނިޔާދަން ހަށިގަނޑަށް ބަލަމުން ސަފީނާގެ ފަސްފަހަތުން އެ ގެޔާ ހަމައަށް އިލްހާމަށް ދެވުނީ ބޭއިޚްތިޔާރުގައެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުހެން ސަފީނާގެ ފަރި ހަރަކާތްތަކަށް ފާރަލަމުން ގޮސް އެގޭ ދޮށުގައި މުގޯލިއަޅައިގެން ހުރުން އިލްހާމްގެ އާދައަކަށް ވިއެވެ. ނަތީޖާއެއްގެ ގޮތުން އިލްހާމްގެ ހިތުގައި އުފެދުނު ލޯބި ދުވަހެއް ދުވަހަކަށް ދިޔައީ ފުންވަމުންނެވެ. އެޔާއެކު އެ ލޯބި ހާސިލުކުރުމަށް ހިތް އެދެންފެށީ ކެތްނުވާ ވަރަށެވެ. ސަފީނާއާ އިސްވެ ވާހަކަ ދައްކަންފެށީ އިލްހާމްއެވެ. ވަރަށް ފަސޭހައިން ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދިގެން ދިޔައެވެ.

އިލްހާމްގެ ހިތުގައި އުފެދުނު ލޯބި ވަންހަނާކޮށްގެން ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ސަފީނާއަށް ލޯބި ހުށަހެޅުމަށް އޭނާ ނިންމިއެވެ. އެހެންމީހަކު އެމާ ބިނދެލަފާނެތީ އިލްހާމް ޖެހިލުންވީއެވެ. ޖެހިގެން އައި ހަފްތާގައި އިލްހާމް އޭނާގެ ހިތް ސަފީނާގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ. ލޯބިވާ ވާހަކައާއި ކާވެނިކުރަން އެދޭ ވާހަކަ ބުންޏެވެ.

"ލޯތްބޭ! އަހަންނެއް ލޯތްބެއް ނުވޭ!" ސަފީނާ ދިނީ ފިނި ޖަވާބެކެވެ.

އިލްހާމް ހިތްވަރު އެލުވައެއް ނުލައެވެ. ކޮންމެ ދުވަހަކު ސަފީނާއަށް ލޯބިވާ ވަރު ހާމަކޮށްދެމުން އޭނާގެ ފަހަތުން ހިނގަންފެށިއެވެ. އިލްހާމްގެ "ދީވާނާ" ހަރަކާތްތަކުގެ ސަބަބުން ސަފީނާގެ ހިތުގައި އިލްހާމްގެ މައްޗަށް ފޫހިކަން އުފެދެން ފެށިއެވެ. އިލްހާމަކީ ގޮތެއް ފޮތެއް ނެތް މީހެއްކަމަށް ސަފީނާ ބުނަން ފެށިއެވެ.

"މަ ވަރަށް ބޭނުން ސަފީނާޔާ އިންނަން." އެއްދުވަހެއްގައި އިލްހާމް ބުންޏެވެ. ސަފީނާ ތުން އަނބުރާލާފައި ކުރިޔަށް ހިނގައިގަތެވެ.

"ސަފީނާ! މަށާ ނީންނަން ތިއުޅޭ ސަބަބު ބުނެދީބަލަ." އިލްހާމް ސަފީނާގެ އަތުގައި ހިފެހެއްޓިއެވެ.

ސަފީނާ ގާތަށް އައި ރުޅީގައި އިލްހާމްގެ ކަންކަށިމަތީގައި ޖަހައި އިލްހާމްގެ އަތް ފޮޅުވާލަމުން ބުންޏެވެ.

"ލަދުކުޑަވެގެން ގަޔަށް ބޮލަށް އަރަންވެސް ފެށީއޭ ދޯ. މި ދުނިޔެ މަތިން ފިރިހެނުން ހުސްވިޔަސް ކަލެޔަކާ މަ ނީންނާނަން. ސަބަބު އަޑު އަހާ ހިތްވަންޏާ އަޑުއަހާ. ކަލެޔަކީ ނުލަފާ ސިހުރުވެރިޔެއްގެ ދަރިއެއް. ސިހުރުވެރިއެއްގެ ދަރިޔަކާ އިނދެ ދިރިއުޅުން ހަލާކުކުރާކަށް ނެތިން. އެއީ ސަބަބަކީ. ސާފު ވެއްޖެތަ؟"

އިލްހާމްގެ ހިތް ސަފީނާގެ މައްޗަށް ކަޅުވެގެން ދިޔައީ އެދުވަހުއެވެ. ސަފީނާގެ ރުހުމުގައި އެ ލޯބި ނުލިބިއްޖެ ނަމަ ގަދަކަމުން ނަމަވެސް އެ މަލުގެ ފޮނިކޮޅު ބޯލުމަށް އޭނާ ނިންމިއެވެ. އެހެނަސް އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ސަފީނާ ވަސީމްއާ ކައިވެނިކޮށް ރަށުން ބޭރަށް ފުރައިގެން ދިއުމުން އިލްހާމަށް ޖެހުނީ ސަފީނާ އަންނާނެ ދުވަހަކަށް އިންތިޒާރުކުރާށެވެ.

އިލްހާމް ކުރަމުން ދިޔަ ދިގު އިންތިޒާރުގެ ނިމުންއައީ އޭގެ ތިން އަހަރު ފަހުންނެވެ. ސަފީނާ އެނބުރި ރަށަށް އައީ ފިރިމީހާ ވަސީމަށް ދިވެހި ބޭސް ކުރުމުގެ ބޭނުމުގައެވެ. އޭރު އިލްހާމް އުޅުނީ ޞަފިއްޔާއާ އިނދެގެން ޞަފިއްޔާގެ ގޭގައެވެ. އެ ދަތުރުގައި އިލްހާމްގެ ދުއްތުރާ ސަފީނާއަށް ޖެހުނެވެ. ގޭގައި މީހުން ނޫޅޭ ދަނޑިވަޅު ބަލާފައި ސަފީނާއަށް ގޯނާކޮށް ޖެއްސުންކުރަން ފެށިއެވެ. އެކަމުގައި ހައްދު ފަހަނަ އަޅައި ގޮސް ސަފީނާ އެކަމެއް ދެކެ އެންމެ ޖެހިލުންވެ ބިރުގަތް ކަންތައް ވެސް އެންމެފަހުން އިލްހާމް ކުރީއެވެ. ސަފީނާގެ އިއްފަތްތެރިކަން ގަދަކަމުން ފޭރިގަތީއެވެ. ދައްތަގެ ދިރިއުޅުން ހަލާކުކުރަން ބޭނުންނުވާތީ އެ ހުރިހާކަމެއް ސަފީނާ ވަންހަނާކުރިއެވެ. ރަށުން ފުރައިގެން އެނބުރި ވަސީމުގެ ރަށަށް ދިޔައީ ވެސް އެ ސިއްރު ހިތުގެ އެންމެ ފުނުގައި ވަޅުލައިގެންނެވެ. ދުވަހަކުވެސް އިލްހާމް ފެންނަ ހިސާބަށް ނައުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ދުވަސް ކޮޅެއްފަހުން ސަފީނާ ނިހާއަށް ބަލިވެއިނެވެ.

އިލްހާމް ފުންނޭވާއެއް ދޫކޮށްލަމުން ތެދުވެ އެނދުގައި އިށީނދެލިއެވެ. އިލްހާމަށް ނިހާ އެއީ އޭނާގެ ދަރިޔެކޭ ހީވާ އެންމެ ބޮޑު ސަބަބަކީ އެދުވަހުގެ އެ ހާދިޘާއެވެ. ސަފީނާ ރަށުން ފުރައިގެން ދިޔަ ފަހުން ނިހާއަށް ބަލިވެ އިނީތީ، ނިހާ އޭނާގެ ދަރިޔަކަށް ވެދާނެކަމަށް ޝައްކުވެއެވެ. ނަމަވެސް އެއީ ހީއެކެވެ. އެކަން ޔަޤީންކުރާނެ ގޮތެއް އިލްހާމަކަށް ނުވިސްނުނެވެ.

*********

އެރޭގެ ހަމަ އެވަގުތެވެ. ގަޑިން މެންދަމުން އަލިވެ 02 ޖަހައިފިއެވެ. އިބްރާހީމްބެ އަދިވެސް އިނީ އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރި ކޮޅުގައެވެ. އޭނާ އިންތިޒާރުކުރަމުން އެދަނީ ޒިބްނާތަށެވެ. ޒިބްނާތަށް ހަވާލުކޮށްފައިވާ މަސައްކަތް ފުރިހަމަކޮށް އަންނާނެ އިރަކަށެވެ.

ކުއްލިއަކަށް އިބްރާހީމްބެގެ ބޯ މަތީގައިވާ 05 ވޯޓުގެ ބޮކި ނަރާއެކު އެނބުރެން ފެށިއެވެ. އިބްރާހީމްބެ އިސް އުފުލާ މައްޗަށް ބަލާލިއިރު ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާ އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނީއެވެ. ބޮކި ދެތިން ފަހަރު ކަނި ޖަހާލާފައި ނިވިއްޖެއެވެ. މުޅި ކޮޓަރި ތެރެއަށް ކަނު އަނދިރިކަން ފެތުރިގެން ދިޔައެވެ. އިބްރާހީމްބެ މޭޒުމަތީގައި ހުރި އުއްބައްތި ދިއްލާލިއެވެ. އުއްބައްތި ހިއްލާ ބަލާލިއިރު ފުރާޅުގައި ޖެހޭ ވަރުގެ ދިގު، ބިޔަ މީހެއް ކުރިމަތީގައި ހުއްޓެވެ. އިބްރާހީމްބެ ބަލަބަލާ ހުއްޓާ އެމީހާ ކުރުވެ އިބްރާހީމްބެ އާ އެއްވަރުވިއެވެ. އަދި ކިޔަމަންތެރިކަމާއެކު އައިސް އިބްރާހީމްބެ ކުރިމަތީގައި ހުއްޓިލަމުން އިސްޖަހާލިއެވެ. އިބްރާހީމްބެ މޫނަށް ވެރިވީ ފަޚުރުވެރިކަމެވެ.

"ކޮބާ؟ އިބްރީސް އާ ބެހޭ ގޮތުން އެނގުނީ ކޮން މަޢުލޫމާތެއް؟" އިބްރާހީމްބެ އެހިއެވެ.

"އިބްރީސް މިހުރިހާ ދުވަހު ހުރީ ހުރިހާ ބާރުތަކެއް އަތުލައި ކަސްތޮޅު އެޅުވިފައި." ޒިބްނާތު އިސްޖަހައިގެން ހުރެ ބުންޏެވެ. "އެއީ އިލްހާމަށް އަންހެން ދަރިޔަކު ލިބިދާނެތީ ސަބްރީނާ ކުރިކަމެއް. އެކަމަކު އިލްހާމަށް އަންހެން ދަރިޔަކު ލިބޭ ދުވަހުން ފެށިގެން އިބްރީސްއަށް މަޑުމަޑުން ބާރުތައް ލިބެމުންދާނެކަން ސަބްރީނާއަށްވެސް އެނގޭ. ކަންތައްވީވެސް އެހެން. އިލްހާމަށް އަންހެން ދަރިޔަކު ލިބި..."

"އިލްހާމަށް އަންހެން ދަރިޔަކު ލިބުނުތަ؟" ޒިބްނާތުގެ ވާހަކަ ހުއްޓުވަމުން އިބްރާހީމްބެ އެހިއެވެ.

"އިލްހާމްގެ އަންހެން ދަރިޔަކު ދިރި ދުނިޔޭގައި އެބަހުރި." ޒިބްނާތު ޔަޤީންކަމާއެކު ޖަވާބު ދިނެވެ.

ޒިބްނާތުގެ ޖަވާބު އިވިފައި އިބްރާހީމްބެ ކުޑަކޮށް ވެސް ހައިރާނެއްނުވެއެވެ. އޭނާގެ މޫނުމަތިން ފާޅުވީ ހިތްހަމަޖެހުމެވެ.

ދަންވަރުގެ ވަގުތު ކަމުން މަގުމަތިން އެއްވެސް ވަރަކަށް ދުއްވާ އެއްޗެއްގެ ހިލަމެއް ނުވެއެވެ. މަގުމަތިން ދިރޭ ފުރާނައެއްގެ ލިސާނެއްވެސް ނުވާއިރު މުޅި ހިސާބަށް ފެތުރިފައިވާ ހަމަހިމޭން ކަމަށް ބުރުއަރުވަމުން ގެންދަނީ ހީރިގެ މަޑުމަޑު މިއުޒިކީ އަޑެވެ. މި ހިތްގައިމު މާހައުލުގައި ޝައްދާދު ޑިއުޓީގައި އިނީ އިންނަ ހިތަކުންނެއް ނޫނެވެ. މާނިޢު ކުއްލިގޮތަކަށް މާލެ ދާންޖެހުމުން ދަންވަރު ޑިއުޓީ ނަގަން މިރޭ އޭނާއަށް މަޖުބޫރުވީއެވެ. އިބްރީސްގެ ކަންތައްގަނޑު ޝައްދާދަށް އިވި ހަމަލޮލަށް ފެނިފައިވާތީ މިރޭ އެގޯތި ތެރޭގައި އިންނާކަށް އޭނާއަކަށް ނުކެރުނެވެ. އޭނާ އިނީ މަގުގެ އަނެއްފަޅީގައި ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އޮޅިގެންވެސް ސުނޯހައުސް ގޯތި ތެރެއަށް ނަޒަރު ސީދާނުކުރަން އޭނާ އުޅޭތީ ބިރުގެންފައި އިންވަރު ހާމަވެގެން ދެއެވެ.

ސުނޯހައުސްގެ ގޯތީ ތެރެއިން ފެންނަނީ ފަނޑު އަލިކަމެކެވެ. މަގުމަތީގައި ހުރި ހޮޅިބުރި ތަކުން ގޯތީގެ ބަޔަކަށް އަލިކަން ފޯރި ނަމަވެސް ގަސްތައް ގިނަ ފަރާތް އަނދިރިއެވެ. އެ އަނދިރިކަމުގެ ތެރޭގައި ފެންނަން ހުރި ބޮޑު ބޯގަންވިލާ ގަސް ފެންނަނީ ނާމާން ގޮތަކަށެވެ. ކުއްލިއަކަށް އެ ގަސް ތެޅިލިއެވެ. ގަހުގެ ބުޑުން އޮލަދުންތައް ނުކުމެ، އެ ދުންތަކުގައި އިބްރީސްގެ ސިފަ ޖެހެމުން ދިޔައެވެ. އެއީ ބިރުވެރި ސިފައެއްގައި ހުރި ބިޔަ މީހެކެވެ. އަނދިރީގެ ތެރެއިން އޭނާގެ ރަތް ދެލޮލާއި ފޭރާ ދެދަތް ނޫން އިތުރު އެއްވެސް ތަނެއް ނުފެނެއެވެ. ބޯގަންވިލާ ގަހާ ދިމާއަށް ޝައްދާދު ބަލާލިނަމަ އުސް ފާރުމަތިން ގަސްތަކު ތެރެއިން ފާޅުވާން އެ ހުރި ބިރުވެރި އިބްރީސް އޭނާއަށް ފެނުނީހެވެ. ނަމަވެސް ޝައްދާދު އިނީ އޭނާގެ ފޯނަށް ނަޒަރު ސީދާކޮށްލައިގެންނެވެ. އިބްރީސް އެތައް އިރަކު ޝައްދާދަށް ބަލަހައްޓައިގެން ހުއްޓެވެ.

ފާޚާނާއަށް ދާންޖެހިގެން ޝައްދާދު ގޮނޑިން ތެދުވިއެވެ. ސުނޯހައުސް އާ ދިމާއަށް ބަލާލުމަށްފަހު އޭނާ މިސްރާބުޖެހީ އެގެޔާ މާދުރު ނޫން ހިސާބެއްގައި ހުރި އޭނާގެ އަމިއްލަ ގެޔާ ދިމާއަށެވެ. ޝައްދާދަށް ބަލަމުން ދިޔަ އިބްރީސް ބިރުވެރި އަޑަކުން ހީނގަތެވެ. ހީވާގޮތުން އޭނާ އިންތިޒާރު ކުރަމުން އައި ވަގުތު އައިސް ޖެހުނީއެވެ. އިބްރީސް މަޑުމަޑުން ދެލޯ މަރާލުމާއެކު ރަތް ކުލައިގެ ދެލޯ ކަނު އަނދިރީގެ ތެރެއަށް ޣައިބުވެގެން ދިޔައެވެ. އޭނާއަށް ފެންނަމުން ދިޔައީ ކޮޓަރިއެއްގެ އެނދުމަތީ ނުނިދިގެން ފުރޮޅެމުންދާ ރީތި އަންހެން ކުއްޖެކެވެ. އެއީ ނިހާއެވެ. އިބްރީސް މަޑުމަޑުން ހީނލިއެވެ. ނިހާއަށް ބާރު ފޯރުވުމުގެ ބޭނުމުގައި އިބްރީސް ދެލޯ މަރާ ބާރުކޮށްލުމާއެކު އިވިގެން ދިޔަ ޤުރުޢާނުގެ އަޑާއެކު ދެ ކަންފަތަށް ތޫނު ތަދެއް އަރާ ބައްވިއެވެ. އިބްރީސްގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެޔާއެކު އެ ތަދު ކެނޑިގެން ދިޔައެވެ. ދެވަނަ ފަހަރަށް ވެސް އެކަން އިބްރީސް ތަކުރާރުކުރިއެވެ. ކުރިމަތިލާން ޖެހުނީ ހަމަ އެ ވޭނީ ތަދާއެވެ. ނިހާގެ ކޮޓަރީގައި ޖަހާފައިހުރި ޤުރުޢާނުގެ ސަބަބުން އޭނާ ކުރަން އުޅޭ ކަންތަކަށް ހުރަސް އެޅިގެން ދަނީއެވެ. އިބްރީސް ރުޅިގަދަވެ ބިރުވެރި އަޑަކުން ހޭރިގަތެވެ. އަދި އޭނާގެ ބިޔަ އަތްތިލައިން މޫނުމަތީ އަތް ކާއްތައިލިއެވެ. އެވަގުތު އޭނާގެ ނަޒަރު ސީދާވެގެން ދިޔައީ ކުރި މަތިން ފެންނަން ހުރި މަރުޖީނާގެ ގެޔަށެވެ. އެޔާއެކު އޭނާގެ ރުޅިގަނޑު ފިނިވެގެން ދިޔައެވެ.

އެނދުމަތީގައި ދެލޯ މަރާލައިގެން އޮތް އިންޝާގެ ދެލޯ ކުއްލިއަކަށް ހުޅުވިގެން ދިޔައެވެ. އޭނާގެ ކަޅި ހުރީ ސީދާ ފަންގިފިލަޔާއި ދިމާއަށް ހުއްޓިފައެވެ. މަޑުމަޑުން އިންޝާ ތެދުވެ، ކޮޓަރިން ބޭރަށްނުކުމެގެން، ލަސް ފިޔަވަޅުތަކެއް އަޅަމުން ކުރިޔަށް ދިޔަ އިރުވެސް ގަދަ ނިދީގައި ގުގުރި ދަމަން ތިބި ނަޒީލަށާއި ޞަފިއްޔާއަށް ހޭވެރިކަމެއް ނުވެއެވެ. އިންޝާގެ ކަޅި ހުރީ އެއްދިމާއަކަށް ހުއްޓިފައެވެ. އޭނާ ބޭރު ދޮރު ހުޅުވާފައި މަގު މައްޗަށް ނުކުމެ، ދެއަތް ގަޔާލާ ފިއްތާލައިގެން ހުރެ މަޑު ހިނގުމެއްގައި ގޮސް ސުނޯހައުސްގެ ގޯތިތެރެއަށް ވަނެވެ. އެޔަށްފަހު ޗާބީ ދީފައި ހުރި ބުދެއްހެން ވާތް ފަރާތަށް އެނބުރި ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ.

ގަސްތަކު ތެރޭގައި ހިނގަމުން ދިޔަ އިންޝާއަށް ހޭވެރިކަންވީ އޭނާގެ ފައިތިލައަށް އެއްޗެއް ހެރުމުންނެވެ. އޭނާގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ވަށައިގެންވާ ކަނު އަނދިރިކަން ފެނި މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އޭނާއަށް މި ހުރެވުނީ ކޮންތާކު ހެއްޔެވެ؟ އެއީ ސުނޯހައުސް ގޯތިތެރެކަން ޔަޤީންވުމާއެކު ހިތް އޮބި ނޯންނަވަރަށް ތެޅެންފެށިއެވެ. ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމުން އިސާހިތަކު މުޅި މީހާ ހާސްކޮށްލިއެވެ. ފަރާތްފަރާތަށް ބޯހޫރުވާ ބަލަމުން އަވަސް ފިޔަވަޅުތަކެއް ފަހަތަށް އަޅަމުން އިންޝާ މަސައްކަތް ކުރީ އެތަނުން ނުކުންނާށެވެ. ހިޔަނި ތަކެއް ފަދައިން ފެންނަން ހުރި ގަސްތައް ވެސް އޭނާއަށް ސިފަވަމުން ދިޔައީ ބިރުވެރި ފުރޭތަތަކެއްގެ ސިފައިގައެވެ. އިންޝާ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނާ މީހެއްގެ ގައިގައި ޖެހުމާއެކު ހުއްޓުން އެރިއެވެ. އެމީހަކު އިންޝާގެ ދެކޮނޑުގައި ހިފައިލުމާއެކު އެއީ ނަޒީލްހެން އޭނާއަށް ހީވިއެވެ.

"ނަޒީލްތަ؟" އިންޝާއަށް ޔަޤީންނުވާތީ އަހާލީ ބިރުން ހުރެއެވެ.

"އާނ!" އިންޝާއަށް އިވުނީ ނަޒީލްގެ އަޑެވެ.

އިންޝާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނުއިރު ލެއްވި ރަޙުމަތަށް ޝުކުރުކުރަމުން ނަޒީލްގެ އަތުގައި ހިފައިގެން ހިނގައި ގަންނަން އުޅުނެވެ. އިންޝާ ބޭނުންވީ އެ ނާމާން ގެއިން އަވަހަށް ނުކުމެގެން ދާށެވެ. ނަމަވެސް ނަޒީލްގެ އެކަހަލަ ހިޔާލެއް ހުރި ހެނެއް ހިޔެއް ނުވެއެވެ. ނަޒީލް އިންޝާގެ އަތުގައި ހިފާ ގާތްކޮށްލިއެވެ. އަދި މެދުހަށީގައި ދެ އަތް އަޅުވައި ގަޔާ ކައިރިކޮށްލަމުން ބައްދާލިއެވެ. ދެމީހުންނަށް ތިބެވުނު ގާތްކަމުން ނަޒީލްގެ ހަށިގަނޑުގައި ނިވާކަމެއް ނެތްކަން އިންޝާއަށް އެނގުނެވެ. އަނދިރީގެ ތެރެއިން އެ ސޫރަ ނަޒީލާ ކިތަންމެ ވައްތަރު ގޮތަކަށް ފެނުނަސް އެއީ ނަޒީލެއް ނޫނެވެ. އިންޝާގެ ހިތަށް އެރި އެއްޗަކުން ދެފައިކޮޅުން ވާގި ދޫވާގޮތްވިއެވެ. އޭނާ ބިރުން ހުރެ ތުރުތުރުލަމުން ދިޔަ އަތް ނަޒީލްގެ ހަށިގަނޑުގައި ކާއްތައިލަމުން، މޫނުގައި އަތް ޖައްސާލުމާއެކު އެ މޫނުމަތިން ކުރަކިކަމެއް އިޙްސާސްކުރެވުނެވެ.

"އިބްރީސް." ބިރުވެރި އަޑެއް އިވުނެވެ. އިންޝާ މެޔަށް ފިނިވެގެން ދިޔުމާއެކު ތެޅިފޮޅި ގަނެވުނެވެ. އިބްރީސް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. އިބްރީސްގެ އަނގައިން ދުވި ފަރުހަކި ވަހުން އިންޝާ އަނބުރާ ނުގަތީ ކިރިޔާއެވެ.

އިންޝާ އިބްރީސްގެ މޭގައި ދެއަތް އަޅާ ކޮށްޕާލުމާއެކު ނިކަން ފަސޭހައިން އިބްރީސްގެ ހައްޔަރުން އޭނާ މިންޖުވިއެވެ. އޭނާ އަވަސް އަވަހަށް ފަހަތަށް ޖެހެމުން ގޮސް ގަސްތަކު ތެރެއިން ނުކުމެ، ގޭޓު ހުޅުވަން މަސައްކަތްކޮށް ވަރުބަލިވީއިރު ވެސް އެ ގޭޓު ހުޅުވޭ ގޮތެއް ނުވިއެވެ. ކަރު ބުޑުން ހަންދާވަރަށް ހަޅޭލެވިއިރު ވެސް އެ އަޑު އިވުނު މީހަކު ހުރި ހެނެއް ހިޔެއްނުވެއެވެ. ގަސްތަކު ތެރެޔަށް ބަލައިލާ ކޮންމެ ފަހަރަކު އިބްރީސް އެ ހުރި ހިސާބުގައި އިންޝާއަށް ބަލަހައްޓައިގެން ހުންނަތަން ފެނުމުން ހަރަކާތްތައް އަވަސްވެ ހަޅޭކުގެ އަޑު ގަދަވެގެން ދެއެވެ.

އިންޝާއަށް ފެންނަން ހުރި ރަތްކުލައިގެ ދެ ލޯ އޭނާއާ ގާތްވަމުން އަންނަހެން ހީވިއެވެ. އިބްރީސް އަންނަނީކަން ޔަޤީންވުމާއެކު ގޭޓު ކައިރިން ދުރަށް ފިޔަވަޅެއް އަޅައި ދުއްވައި ގަނެވުނެވެ. ނަމަވެސް އޭނާ ދެފައި އޮޅި ވިނަގަނޑު މައްޗަށް އަނގަވަތަށް ވެއްޓުމާއެކު ފަސް އެނބުރި ބަލައިލެވުނެވެ. އިބްރީސްގެ ހިލަމެއް ނެތުމުން ތެދުވަން މަސައްކަތް ކުރަމުން އިސް އުފުލާލުމާއެކު ދިޔައީ ސިހިގެންނެވެ. ކުރިމަތީ ފެންނަން އެ ހުރީ ނަޒީލްގެ ސިފަޖެހިގެން ހުރި އިބްރީސްއެވެ. ނަޒީލްގެ މޫނުގެ އެއްފަޅި ފިހިފައި ހުރުމުން ފެންނަނީ ބިރުވެރި ގޮތަކަށެވެ. އިންޝާގެ ހިތް ކުރިޔަށްވުރެ ބާރަށް ތެޅިގަތެވެ. ދާހިއްލާ ފޯވެފައި އޮތް އިންޝާ ހިންދިރުވާލަމުން ފަހަތަށް ލޫދެން މަސައްކަތްކުރިއެވެ. ނަޒީލް ވިނަގަނޑު މަތީ އިށީނދެ އިންޝާގެ ފައިކޮޅުގައި ހިފާ ގާތަށް ދަމައިގަތެވެ. އިންޝާ ލަމުން ދިޔަ ހަޅޭކުގެ އަޑު ވަގުތުން ކެނޑިގެން ދިޔައެވެ.

"މީ ކަލޭމެން މަށަށް ދީފައިހުރި އަނިޔާ!" "ނަޒީލް" މޫނުގެ ފިހިފައި ހުރި ފަޅީގައި އަތް ޖައްސާލަމުން ވާހަކަ ދެއްކީ ބިރުވެރި އަޑަކުންނެވެ.

އިންޝާ ލައިގެން ހުރި ހަރުވާޅުގައި ހިފައި "ނަޒީލް" ދަމައިގަތެވެ. އޭނާއަށް ބިރުން ގޮސް ގަޔަށް ކުޑަކަމު ދެވުނެވެ. އޭނާ ހަޅޭލަވަން މަސައްކަތްކުރަމުން ދެފަރާތަށް ބޯ ހޫރުވަމުން ދަނިކޮށް ނަޒީލް އޭނާގެ ގައިމައްޗަށް ޖެހިގަތެވެ. އިންޝާ ރޯމަހެއް މަރަށް ތެޅޭހެން ތެޅެމުން ދިޔައެވެ. ނަޒީލްގެ ހަރަކާތް އަވަސްވަމުން ދިޔައެވެ. ނަޒީލްގެ އަވަސް ހަރަކާތްތަކާއެކު އެ މޫނުމަތީގައި ފިހި ފޮޅިފައި ހުރި ހަންގަނޑު ދިޔައީ މަޑުމަޑުން ފަސޭހަވެ ކުލަ ބަދަލު ވަމުންނެވެ. އެ ޒަހަމު އެއްކޮށް ފަސޭހަވެ ހަންގަނޑު އޮމާންވެގެން ދިޔައިރު އިންޝާގެ ހޭވެރިކަމެއް ނެތެވެ.

އިންޝާއަށް ހޭވެރިކަންވީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ސިހިފައި ތެދުވެ އަވަސް އަވަހަށް ފަރާތް ފަރާތަށް ބަލާލެވުނެވެ. މިހާރު އެ ބިރުވެރި އެތި ފެންނާކަށް ނެތެވެ. އިންޝާގެ ތަނބިކައްޓާ ހަމަގައި އޮތް ހަރުވާޅު ނަގާ އަރުވާ ޖަހަމުން އޭނާ ދުވެފައި ގޮސް ގޭޓު ދޮރު ހުޅުވާލިއިރު ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން އިޙްސާސްވާ ހެނެއް ހިޔެއްނުވެއެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު މަގުގެ ދެކޮޅަށް ބަލާލެވުނެވެ. ފަތިސް ނަމާދަށް ހޭލާ އުޅޭ މީހުން މަގުމަތިން ފެނެއެވެ. އޭނާ ބާރު ދުވެލީގައި މަގު ހުރަސްކޮށް މަރުޖީނާ ގޯތި ތެރެއަށް ވަދެގެން ދިޔައެވެ.

*******

އާ ދުވަހަކަށް އިރު ދުނިޔެއަށް މަރުހަބާ ކީއިރު އިބްރާހީމްބެ ބޭނުންވާ ވަރަށް މަޢުލޫމާތު ހުރީ އެއްކުރެވިފައެވެ. އިރުއެރުމާއެކު އޭނާ ކޮޓަރިން ނުކުމެގެން ގޮސް ގެޔަށް ވަދެ، އެނދުގައި އޮށޯވެ ލޯ މަރާލީ ހިތްހަމަޖެހިފައި ހުރެއެވެ.

ނިހާއާއި އިލްހާމްގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ހޯދޭނެ ގޮތެއް އެމީހުންނަށް ވަނީ ވިސްނިފައެވެ. އެމީހުންނަށް ވިސްނުނު ގޮތުގައި އެ ސުވާލުގެ ޖަވާބު އިބްރާހީމްބެ ފަރާތުން ލިބޭނެއެވެ. ނިހާގެ ހަޤީޤީ ބައްޕައަކީ ކާކުކަން އިބްރާޙީމްބެއަށް ހޯދައި ދެވޭނެއެވެ. އިރު އޮއްސުމުގެ ކުރިން އިބްރާހީމްބެއާ ވަކިން ބައްދަލުކޮށް އެ ހަޤީޤަތް ހޯދަން އެމީހުން ވަނީ ރާވާ ނިންމައިފައެވެ.

ނިހާގެ ދިރިއުޅުމަށް އައިސްފައިވާ "އިބްރީސް" ނަމަކަށް ކިޔާ ތޫފާނުން ސަލާމަތްވާނެ ކަމުގެ އުންމީދާއެކު ފައިރޫޒްއާ ނިކާލްވެސް އާ ދުވަހަކަށް މަރުހަބާ ކިޔެވެ. އެމީހުން ހިތާހިތުން ދުޢާކުރަމުން ދިޔައީ ނިހާއަށް ރަނގަޅު ގޮތް މެދުވެރިވުމަށެވެ.

ޞަފިއްޔާހުރީ ނޭގުމެއްގެ ތެރޭގައެވެ. އޭނާއަށް މާގިނަ މަޢުލޫމާތެއް އެނގިފައެއް ނުވެއެވެ. ރޭގައި ނިހާއަށް ފަންޑިތަ ހެދުމުގެ ތެރޭގައި އެނގުނު ކަންތައްތައް މަންމައަށް ތަފްސީލުކޮށް ނަޒީލް ކިޔާދީފައެއް ނުވެއެވެ. ނަޒީލް ކިޔާ ދިނީ އިބްރީސްއާ ލަމްޙާއާއި އޮތް ގުޅުމުގެ ވާހަކައާއި، މާމަ އިބްރީސް ކަސްތޮޅު އެޅުވި ވާހަކައެވެ. ބައްޕަގެ އަންހެން ދަރިއެއް ދުނިޔޭގައި ހުރެދާނެ ކަމަށް ދެކެވުނު ވާހަކަ ނަޒީލް އޮޅިގެން ވެސް ނުބުނެއެވެ. އޭނާއަށް އަދިވެސް ޝައްކުގެ ނަޒަރަކުން ބައްޕައަށް ބެލެއެވެ. ބައްޕަ ސަފީނާއްތައާއެކު އެފަދަ ގުޅުމެއް ހިންގާފައި އޮވެދާނެ ކަމަށް ޤަބޫލުކުރެވެއެވެ. އެ ހަޤީޤަތް އެނގުމުން މަންމައަށް ވެދާނެ ގޮތް ހިތަށް އަރާފައި ނަޒީލް ހުންނަނީ ނިކަން ކަންބޮޑުވެފައެވެ.

ރޭގައި ދިމާވި ހިތްދަތި ބިރުވެރި ހާދިޘާ އިންޝާ އެންމެނަށް ސިއްރުކުރިއެވެ. އޭނާ މިއަދު ހުންނަނީ ނެގި މަޑުވެފައެވެ. އެއްވެސް މީހަކާ އަނގައިން ނުބުނެ އެކަހެރިވެ އިނދެ، އޭނާ ވިސްނަމުން ދިޔައީ ޖެހިޖެހިގެން 03 ރޭ މަތިން އޭނާއާ ކުރިމަތިވި އަނިޔާވެރި ހާދިޘާތަކާމެދުއެވެ. ފުންކޮށް ވިސްނާލުމުން އެކަމުގައި ނަޒީލްގެ ކުށެށް ނެތްހެން ހީވާންފެށިއެވެ. އޭނާއަށް އަނިޔާ ވާ ގޮތަށް އެދުން ފުއްދުން އެއީ ނަޒީލް ދުވަހަކު ވެސް ކުރި ކަމެއް ނޫނެވެ. ނަޒީލް އަބަދުވެސް ލޯބިކުރީ އިންޝާ އެންމެ ހިތްހަމަޖެހޭ އަދި ބޭނުންވާ ގޮތަށް ލޯބިކުރުމަށެވެ. ދުވަހަކުވެސް އަނިޔާވެރިވެފައެއް ނުވެއެވެ. ކުރިން އެކަން އޭނާއަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ރޭގައި އިބްރީސްގެ ފަރާތުން ތަހައްމަލުކުރަން ޖެހުނު ވޭނާއި، އެ ރަހުމުކުޑަކަން އެއީ ހަމަ އޭގެ ކުރިން ރޭތަކުގައިވެސް އިންޝާއަށް ނަޒީލްގެ ފުށުން ލިބުނު އަނިޔާއިން "މެހެސޫސް" ކުރެވުނު ކަންކަމެވެ. އެއްވެސް ތަފާތެއް ނެތެވެ. އެއީ އިބްރީސް ދިން އަނިޔާތަކެއްކަން އިންޝާއަށް ޔަޤީންވެގެން ދިޔުމާއެކު ދެލޮލަށް ކަރުނަ ގިނަވެގެން ދިޔައެވެ. ނަޒީލާ މެދު އެހައި ނުބައިކޮށް ދެކެވުނީތީ ދެރަވިއެވެ. ނަޒީލްގެ މައްޗަށް އިންޝާގެ ހިތް ސާފުވެގެން ދިޔައެވެ. ހަމައެޔާއެކު ނިހާއަށް ދިމާވި ހާދިޘާ ހަނދާނަށް އައުމާއެކު ކިލަނބުކަމެއް ވެސް ހިތުގައި އުފެދިގެން ދިޔައެވެ. އެކަމުގައި ނަޒީލްގެ ކުށެށް އޮވެދާނެބާއެވެ؟ ނަޒީލަށް ނިހާގެ ކޮޓަރިއަށް ދެވުނު ގޮތް ނޭނގޭކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެކަމުގައި ނަޒީލަށް އިތުބާރުކުރަން އުނދަގޫވިއެވެ. އެއީ އެ ހާދިޘާ ހިނގުމުގެ މާ ކުރިން ނަޒީލްގެ އަމަލުތައް ހުރި ގޮތުންނެވެ. އަމިއްލަ އަނބިމީހާއަށް އަނިޔާވެރި ނުވިޔަސް އެހެން އަންހެނަކަށް އަނިޔާވެރި ވެދާނެއެވެ. އެއީ އިންޝާއަށް ގަބޫލުކުރެވުނު ގޮތެވެ.

މެންދުރު ވަގުތު ފެންވަރާލައިގެން ނުކުމެ ނިހާ އެނދުގައި އިށީދެގެން އިނީ އިބްރާހީމްބެއާ ބައްދަލުކުރުމަށް ގެއިން ނުކުންނާނެ މޮޅު ގޮތެއް ވިސްނާށެވެ. ހެނދުނު ހޭލީންސުރެން ނިކާލާއި ފައިރޫޒް ހުންނަނީ އޭނާގެ ފޫބުޑުގައި ވިއްދާފައެވެ. އެމީހުންނަށް ނޭނގި ގެއިން ނުކުމެގެން ދިޔުމަކީ އުނދަގޫ ކަމެކެއެވެ. ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުމުގެ ހުއްދަ ވެސް އެމީހުން ނުދެއެވެ. ހެނދުނުގެ ސައި ވެސް ފައިރޫޒްގެ މަންމަ ގެނެސްދިނީ ކޮޓަރި އަށެވެ. މިއަދު ފައިރޫޒް ހުރީވެސް އޮފީހަށް ސަލާންބުނެ ނިހާގެ ޚިދުމަތުގައި ގޭގައެވެ. ނިހާ ކަމަކަށް ނުވަތަ އެއްޗަކަށް ބޭނުންވެގެން ހޯދައިފާނެކަމަށް ނިކާލް ނޫނީ ފައިރޫޒު އަބަދުހެން ނިހާ ފެންނަ ހިސާބުގައި ހުރެއެވެ.

"ފައިރޫ." ނިހާ ގޮވާލި އަޑަށް ފެންޑާގައި ހުރެފައި ފައިރޫޒް އަޔެވެ.

ފައިރޫޒްގެ ފަހަތުން ނިކާލް ވެސް އައިސް ކޮޓަރިއަށް ވަނެވެ. ނިކާލްގެ ރީތި ސޫރަ ފެނުމާއެކު ނިހާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހައިލެވުނީ ބޭއިހްތިޔާރުގައެވެ. މިހާރު ނިކާލާ ހަތަރު ކަޅި ހަމަކުރަން ނިހާ ޖެހިލުންވެއެވެ. އެ ކަސްރަތީ ހަށިގަނޑަށް ބަލަން ލަދުގަނެއެވެ. އެ ހިތުގައި ނިކާލްގެ މައްޗަށް އުފެދިފައިވާ ލޯތްބަކީ "ނަހަލާލު" ލޯތްބަކަށް ވެދާނެކަމުގެ ވަސްވާސްތައް ހިތުގައިވާތީ ފަސްޖެހެނީއެވެ.

"ކިހިނެއްވީ؟" ފައިރޫޒްގެ އަޑުއިވުނެވެ. ނިހާ މަޑުމަޑުން އިސް އުފުލާލުމާއެކު ނިކާލާ ހަތަރު ކަޅި ސީދާވެގެން ދިޔައެވެ. ނިކާލްގެ ތުންފަތް މައްޗަށް ވެރިކޮށްލައިގެން ހުރި ހިނިތުންވުން ފެނިފައި ނިހާގެ ނަޒަރު އަވަސް އަވަހަށް ފައިރޫޒަށް ބަދަލުކޮށްލިއެވެ.

"މީ! މީ! އަހަރެން! އިންޝާ ކައިރިޔަށް ދިޔަސް އެންމެ ރަނގަޅުތަ؟" ނިހާ މަޑުމަޑުން ބުނެލިއެވެ.

"ހިނގާދާން." ފައިރޫޒް ނުކުންނަން ހިނގައިގަތެވެ.

ނިހާއަށް އެކަނި އެ ގެޔަށް ދެވިދާނެކަމަށް ބުނުމުން ނިހާ އެކަނި ފޮނުވާކަށް ފައިރޫޒު އެއްބަހެއް ނުވިއެވެ. ސުނޯހައުސް ކައިރިޔަށް ދާއިރު ނިހާ އެކަނި ފޮނުވުން ރަނގަޅު ނޫންކަމަށް ނިކާލް ވެސް ބުނެލިއެވެ.

"އެންމެ ރަނގަޅު! ދެން ފަހުންދާނީދޯ." އެންމެ ފަހުން ނިހާއަށް ޖެހުނީ އެ ޚިޔާލު ދޫކޮށްލާށެވެ.

ފައިރޫޒަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޒުބޭދާ ގޮވާލި އަޑުއިވުމާއެކު ނިހާއަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ފައިރޫޒް ނުކުމެގެން ދިޔައެވެ. ނިހާއާއި ނިކާލް ކޮޓަރީގައި އެކަނިވީއެވެ. ނިހާގެ ހިތުގައި އުފެދިގެން ދިޔަ ނުތަނަވަސްކަމާއެކު އަވަހަށް އިސް ޖަހާލެވުނެވެ. މިހާރު ނިކާލާ ދެމީހުން އެކަހެރިވެ ހުންނަން ޖެހުމުން ނިހާގެ ހިތަށް އިންތިހާއަށް އުނދަގޫވެއެވެ. ކުރީގައި އެކަހަލަ ފުރުޞަތެއް ލިބުނަސް ނިހާގެ ހިތްއަވަސްވެ ފޮޅެނީ ލިބޭ އުފަލެއްގެ ބޮޑުކަމުންނެވެ.

ނިކާލް ގާތުގައި އިށީނުމާއެކު ނިހާގެ ނުތަނަވަސްކަން އިތުރުވިއެވެ. ހިތް އަވަސްވެފައިވާ ހާލުގައި އަތުގެ އިނގިލިތަކާ ކުޅެލަކުޅެލާ އިސްޖެހިފައި އޭނާ އިނީ ބަލާލަން ވެސް ނުކެރިފައެވެ.

ނިކާލް ފަރުވާތެރިކަމާއެކު ނިހާއަށް އަންނަމުން ދިޔަ ކޮންމެ ބަދަލެއް ދެނެގަންމުންދިޔައެވެ. ރޭގައި ގެއިން ނުކުތީންސުރެން ނިހާ ހުންނަނީ ފާޑަކަށެވެ. އޭނާއާ ހަތަރުކަޅި ހަމަނުކުރާކަމާއި ވާހަކަ ނުދައްކާކަން ފާހަގަވެއެވެ. ނިކާލް ގޮވާލިޔަސް އިވޭ ކަމަށް ހަދަނީ މަދު ފަހަރަކުއެވެ. ނިކާލް ފުރަތަމަ ހީކުރީ ނިހާއަށް ކުރިމަތިލާން ޖެހިފައިވާ ކަންތައްގަނޑުގެ ސަބަބުން އައި ބަދަލެއް ކަމަށެވެ. ތަހައްމަލުކުރަމުން ދާ ހިތްދަތިކަމުން ވާހަކަ ދައްކަން ބޭނުން ނުވަނީ ކަމަށެވެ. އެހެނަސް މިއަދު ވެސް ދެ ފަހަރަށް ނިހާ ފައިރޫޒްއާ ވާހަކަ ދައްކަނިކޮށް ނިކާލަށް ވަނީ ފެނިފައެވެ. ނިކާލްއާ ވާހަކަ ދެއްކުމަށް ނިހާ އުޒުރުވެރިވާ ސަބަބަކީ ކޮބައިބާއެވެ؟ ނިހާ ހިތްހަމަ ނުޖެހޭ ކަމެއް އޭނާއަށް ކުރެވުނީ ހެއްޔެވެ؟

"ކަމަކާ ހިތްހަމަ ނުޖެހިފަތަ؟" ނިކާލްގެ ފިރިހެންވަންތަ އަޑު ނިހާގެ ކަންފަތުގައި ޖެހުނެވެ.

"އުހުނ." ނިހާ ދެއަތަށް ބޯ ހޫރުވާލަމުން ޖަވާބު ދިނެވެ.

ނިކާލް އިތުރު ސުވާލެއް ކުރުމުގެ ކުރިން ނިހާ އަވަހަށް ތެދުވިއެވެ. ނިކާލް އެއްޗެއް ބުނި އަޑު އިވުނެވެ. ނަމަވެސް ނިހާ ނޭވާ ހިފަހައްޓައިލައިގެން ހުރެ ހަލުވިކޮށް ހިނގާލައިފައި ގޮސް ފާޚާނާއަށް ވަނެވެ. ދޮރު ލައްޕާލަމުން ދޮރުގައި ލައްވެވުނީ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލަމުންނެވެ. ނިކާލާ ކުރިމަތިލާން މިހާ ވަރަށް އުނދަގޫވާއިރު ކުރިޔަށް އޮތް ތަނުގައި އޭނާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟

ނިހާގެ އުޅުން ހުރި ގޮތުން ނިކާލް އިނީ އަޖައިބުވެ އަންތަރީސްވެފައެވެ. އޭނާއާ ވާހަކަދައްކަން ނިހާ ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ކުރެވުނީ ކޮން ކުށެއް ބާއެވެ؟ ގޯސްކޮށް ކަމެއް ކުރެވުނަސް ރަނގަޅުކުރަން އެނގޭނީ ބުނީމަ ނޫން ހެއްޔެވެ؟ ނިހާގެ އުޅުމަށް އައި ބަދަލުގެ ސަބަބުން ނިކާލް ކުޑަކޮށް ހިތްހަމަނުޖެހިފައި ފާޚާނާ ދޮރަށް ބަލަހައްޓައިގެން އިނެވެ. ނިހާއާ ވާހަކަ ދައްކާފައި ނޫނީ ބޭރަށް ނުނިކުންނަން އަޒުމު ކަނޑައަޅައިގެން ނިހާގެ އިންތިޒާރުގައި އެތައް އިރަކު އިނެވެ. ނިހާއެއް ނުނިކުތެވެ. އޭނާ ކޮޓަރީގައި އިންކަން ނިހާއަށް އެނގެނީ ކަންނޭގެއެވެ. ނިކާލް ތެދުވެގެން ގޮސް ފާޚާނާ ދޮރުގައި ޓަކި ޖަހާލަމުން ނިހާއަށް ގޮވާލިއެވެ.

"ނިކް. ހެޔޮނުވާނެ. މިހާރަކު ނޫން." ނިހާގެ އަޑު އިވުނެވެ.

ނިކާލް އެއްޗެއް ބުނަން އުޅެފައި އަނގަ ލައްޕާލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާ އިރުކޮޅަކު ވިސްނަން ހުރެފައި ނިހާއަށް ވަގުތުދިނުމަށް ނިންމާ އެކޮޓަރިން ނުކުތީ މާޔޫސްވެފައި ހުރެއެވެ.

އިލްހާމް އިބްރާހީމްބެއާ ބައްދަލުކުރުމަށް އެގޭ ކައިރިއަށް ތިން ފަހަރު ދިޔައިރު ވެސް ބައްދަލުވާ ގޮތެއް ނުވިއެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ ގޭގައި ނޫޅޭ ކަމަށެވެ. ފޯނަށް އެތައް ފަހަރަކު ގުޅުމުން ވެސް ޖަވާބެއް ނުދެއެވެ. އިބްރާހީމްބެ ގަސްދުގައި އޭނާއާ ބައްދަލު ކުރަން ބޭނުން ނުވަނީހެން ހީވުމުން އިލްހާމްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެ ބިރުވެރިކަން އިތުރުވެގެން ދިޔައީ އިބްރާހީމްބެ ޞައްތާރުއަށް ގުޅާފައި އެންމެން ސުނޯހައުސްއަށް ދާން ބުނުމުންނެވެ. ޞަފިއްޔާއާއި އިންޝާވެސް އެ ގެޔަށް ގެންދިޔުމަށް ބުންޏެވެ. އިބްރާހީމްބެ އެ އުޅެނީ އެންމެންގެ ތެރޭގައި އިލްހާމް ބޭޒާރުކުރަން ހެއްޔެވެ؟ އިލްހާމް ހިތުގައި އުފެދުނު ބިރުވެރި ރާޅުބާނިތަކުގެ ސަބަބުން މުޅި މީހާގެ ޠަބީޢަތު ގޯސްވެ ރުޅި ގަދަވެގެން ދިޔައެވެ.

ހަވީރު ފަހެއް ޖެހުމާއެކު އިލްހާމްމެން ސުނޯހައުސް ކައިރިއަށް ދިޔައެވެ. ނިހާ ހުންނަނީ ހިތް އަވަސްވެ ނުތަނަވަސްވެފައެވެ. އެ ރީތި ދޮން މޫނުމަތިން ބިރުވެރިކަމަށްވުރެން ބޮޑަށް ފެންނަނީ ހާސްކަމެވެ. އިބްރީސްއާ ކުރިމަތިލުމަށްވުރެ ފަޅާއަރައިފާނެ ހަޤީޤަތަކަށް އޭނާ މިހާރު މާ ބޮޑަށް ޖެހިލުންވެއެވެ. އިބްރާހީމްބެ އައިސް ނިހާގެ ބައްޕައަކީ އިލްހާމްއޭ ބުނެފިނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އިލްހާމް ބޭޒާރުވެ ފަޟީޙަތްވުން އެއީ ނިހާ ބޭނުންވާ ވެސް ގޮތެވެ. އެއީ އޭނާ ދިރިހުރުމުގެ އެއް މަޤުޞަދުވެސް މެއެވެ. އެހެނަސް އިލްހާމާއެކު އެހެން މީހުންނާ ހަތަރުކަޅި ހަމަކުރަން ނުކެރޭވަރުގެ ލަދެއްގައި ޚުދު އޭނާ ބެދޭކަށް ބޭނުމެއް ނޫނެވެ.

އިބްރާހީމްބެ ކޮނޑުގައި ދަބަހެއް އަޅުވައިގެން މަގު ކޮޅުން އަންނަތަން ފެނުމާއެކު އިލްހާމް އެ ދިމާއަށް ހިނގައިގަތެވެ. ޞައްޠާރު ފަހަތުން އަންނަން އުޅުމުން އެތަނުގައި މަޑުކުރުމަށް އިލްހާމް އެދުނެވެ. އިލްހާމް އެންމެންނާ ވަކިން އިބްރާހީމްބެއާ ބައްދަލުކުރަން ބޭނުންވި ސަބަބު ރޭކާލީ ނަޒީލަށާއި ނިހާއަށް އެކަންޏެވެ. ނަޒީލް އެކަމާ ހިތްހަމަޖެހުނު ނަމަވެސް ނިހާއަށް އެވީ ގޮތް ކަމަކު ނުދިޔައެވެ. އެ ހަޤީޤަތް އެނގުމުގެ ކުރިން އެކަން ފަސްލެވި ފޮރުވިގެން ދާކަށް ނިހާ ބޭނުމެއް ނޫނެވެ. ކިތަންމެ ލަދު ގަތް ނަމަވެސް އެ ހަޤީޤަތް އެނގިގެން ނޫނީ ނިހާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެގޮތުން އިލްހާމްގެ ރޭވުން ފެނަށް ދުއްވާލުމުގެ ނިޔަތުގައި ނިހާ ނިންމީ އިބްރާހީމްބެ އަންނަ އިރަށް އެންމެންގެ ތެރޭގައި އެ ސުވާލު ކުރުމަށެވެ.

އިލްހާމް އަންނަތަން ފެނުމުން އިބްރާހީމްބެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އިބްރާހިމްބެއާ އަރާ ހަމަވުމާއެކު އިލްހާމް ނަފްރަތުގެ ބެލުމަކުން އިބްރާހީމްބެއަށް ބަލާލިއެވެ. އިލްހާމްގެ "ޕްރެޝަރު" މަތިވެފައިވާ މިންވަރު އެ ބަލާލުމުން ވެސް އިބްރާހީމްބެއަށް އެނގުނެވެ. އެހެނަސް އިބްރާހީމްބެ ދެނަހުރިކަމަށް ނުހަދާ އިލްހާމްގެ ހާލު އަހާލިއެވެ.

"ހާލޭ! މަގޭ ހާލުތަ ކަލޭ އަދިވެސް އަހަންވީ." އިލްހާމް ނުރުހިފައި ހުރެ ބުންޏެވެ. "ކަލޭ ހީކުރީ ކަލޭ ލައްވާ މަ މިކަން މި ކުރުވަނީ ހިލޭ ކަމަށްތަ؟"

"ނޫނޭ! މަ ކަލެޔަކަށް ހިލޭ ކަމެއް ނުކޮށްދޭނަން. އެ ދުވަސް ފާއިތުވެ ހިނގައްޖެ." އިބްރާހީމްބެ ހީނލާފައި ޖަވާބު ދިނުމުން އިލްހާމް ކެކިގަތެވެ.

"އެހެންވީރު ބުނޭ! ނިހާ އަކީ މަގޭ ދަރިޔެއްތަ؟"

"ތި ސުވާލުގެ ޖަވާބު މަށަށްވުރެބޮޑަށް އެނގޭނީ ކަލެޔަކަށްނު. ޞަފިއްޔާ ނޫން ކިތައް މީހުން ކަލޭ *****؟" އިބްރާހީމްބެ ބޭނުންވީ އިލްހާމް ބޮޑަށް ރުޅި އަރުވާލާށެވެ.

"ކަލޭ ތިއުޅެނީ މަގޭ ކިބައިން ބަދަލު ހިފާނަމޭ ހިތާތަ؟" އިލްހާމް ދަތްކުނޑި ވިކާގަތެވެ. "ހަނދާން ނައްތާލާ. މަށާ ކުޅެން އުޅެފިއްޔާ ނަތީޖާ މާ ރަނގަޅެއް ނުވާނެ. އެހެންވީމަ ބުނަން ރަނގަޅު ވާހަކައެއް. ބޭކާރު އަނގަ ނާރުވާ މަ މި ކުރާ ސުވާލަށް ޖަވާބު ދީ."

"ހެހެހެ!" އިބްރާހީމްބެ ނުލަފާ ވައްތަރަކަށް ހީނލިއެވެ. "ހާސްނުވޭ. ތި ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބު ހިފައިގެން މިއައީ. ކެތްތެރިވެބަލަ. އާދޭ."

އިބްރާހީމްބެ ހިނގައި ގަތުމާއެކު އިލްހާމް ވެސް އޭނާ ފަހަތުން ހިނގައިގަތެވެ. އޭނާ ކުރި ސުވާލުގެ ޖަވާބު ދިނުމަށް އެދުމުން އިބްރާހީމްބެ އެޔަށް ޖަވާބު ދޭކަށް ހިޔާލެއް ނުކުރިއެވެ. ބޭނުން ވަރަކަށް ފައިސާދޭން ހުށަހެޅުމުން ވެސް އިބްރާހީމްބެގެ އަޒުމު ގުޑައެއް ނުލިއެވެ. އިބްރާހީމްބެ ހެވިފައި ހުރުމުން އިލްހާމް ވަކިން ބޮޑަށް ރުޅި ގަދަވިއެވެ. އޭނާ ބޭނުންވަނީ އިލްހާމް އެންމެންގެ ކުރިމަތީގައި ބޭޒާރުކުރަންކަން އެނގުމުން ރުޅިގަދަވެގެން މުޅިމީހާ ހުރީ ފަޅައިގެން ދާވަރުވެފައެވެ. އެކަން ކުރަން އިބްރާހީމްބެއާ ހަވާލުކުރެވުނު މޮޔަހިތަށް އެރިއެވެ. އިބްރާހީމްބެ ފަހަތުން އާދޭސްކުރަމުން ސުނޯހައުސްއާ ހަމައަށް އާދެވުނުއިރު އިލްހާމް އައިސްފައިހުރި ރުޅިއާއެއްވަރަށް ހާސްކަމާއި ކަންބޮޑުވުން ވެސް އެމޫނު މަތިން ފާޅުވާން ހުއްޓެވެ.

"އިބްރާހީމްބޭ." އިބްރާހީމްބެ އައިސް ހުއްޓުމާއެކު ނިހާ ގޮވާލިއެވެ.

ނިހާ ގޮވާލި ރާގުން ވެސް އޮޅުންފިލުވަން ބޭނުންވެގެން އެއުޅޭ އެއްޗެއް އިބްރާހީމްބެއަށް އެނގުނެވެ. އެ ސުވާލުގެ ޖަވާބު ނިހާއަށް މުހިންމުވާނެ ވަރު އިބްރާހީމްބެއަށް ވިސްނެއެވެ. އޭނާ ނިހާއަށް ބަލާލަމުން ހިނިތުންވެލިއިރު އިލްހާމް ހުރީ ދެލޯ ވަށްކޮށްލައިގެންނެވެ.

"ކަނބުލޮ. ތި ހީކުރަނީ އަދި މުޅިން ރަނގަޅަކަށް ނޫން." އިބްރާހީމްބެ ޖަވާބު ދިނީ ވަރަށް ނުސީދާކޮށެވެ.

އިބްރާހީމްބެގެ ޖަވާބުން ދޭހަވީ ކޮން މާނައެއްކަން ނޭގިފައި ނިހާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އިލްހާމަކީ އޭނާގެ ބައްޕަ ކަމެއް ނުވަތަ ނޫން ކަމެއް ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ.

"މިބުނީ އެކަހަލަ ކަމެއް ނެތޭ. ނިހާއާއި އިލްހާމްއާ ލޭގެ ގުޅުމެއް ނެތް." އިބްރާހީމްބެ ސާފުކޮށް ބުނެލަދިނެވެ. އިބްރާހީމްބެ ބެލިބެލުމުން އިލްހާމްގެ އަންހެން ދަރިޔަކު ހުންނަކަން އެނގިފައިވީ ނަމަވެސް އެ ދަރިޔަކީ ނިހާ ނޫންކަން ޝައްކެއްނެތް މިންވަރަށް ވަނީ ޔަޤީންވެފައެވެ.

ނިހާއަށް ހީވީ ބޯމަތީގައި އޮތް ބޮޑު ބަރެއް ހިއްލާލި ހެންނެވެ. ސިކުނޑިއަށާއި މެޔަށް ލިބުނު ފިނިކަމުގެ ސަބަބުން ފުން ނޭވާއެއް ދޫކޮށްލެވުނީ މާތްﷲއަށް ހަމްދުކުރަމުންނެވެ. އޭނާއަށް ލިބުނު އުފަލަށް ޝުކުރުކުރަމުން އިސް އުފުލާލިއިރު ނިކާލް ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން ނުރުހުމުގެ ކުލަވަރެއް ނިހާއަށް ފެނުނެވެ. އިލްހާމްއާމެދު ޝައްކު ކުރުމުން ހިތްހަމަނުޖެހުނީ ކަންނޭގެއެވެ.

"މާފުކުރޭ." ނިހާ ވައިއަޑަކުން ބުނެލަމުން ހިނިތުންވެލިއެވެ.

ދުވަސްގަނޑަކަށްފަހު ނިހާގެ މޫނުމަތިން ހިނިތުންވުން ފެނުމުން ނިކާލްގެ ހިތްހަމަނުޖެހުން ފިލައިގެންދިޔައެވެ. ނިހާ އެ ސުވާލުކުރިކަން ވެސް އެއްގޮތަކުން ރަނގަޅެވެ. އެ ޝައްކު ހިތުގައި އުފެދުނު އެންމެންގެ ހިތުން މިހާރު އެ ޝައްކު ފިލައިގެން ހިނގައިދާނެއެވެ.

އިރުކޮޅެއް ފަހުން ޞަފިއްޔާއާއި ނަޒީލް އިންޝާ ގޮވައިގެން ބޭރަށް ނުކުތެވެ. ޞަފިއްޔާމެން ފަހަތުން ނަލަ ހެދިލައިގެން މަރުޖީނާ ނުކުތީ ކުޅި ބަލާށެވެ. ނިހާއާ ލޭގެ ގުޅުމެއް ނެތްކަން އެނގުމުން އިލްހާމަށް ލިބުނު ހިތްހަމަޖެހުން ވެސް މަރުޖީނާ ފެނުމާއެކު ނެތިގެން ދިޔައެވެ. އެ އަންހެނާ ހުއްޓާ އިބްރާހީމްބެ އިތުރު އެއްޗެއް ބުނެފިނަމަ އިރު އޮއްސުމުގެކުރިން މުޅި ރަށަށް އެ ޚަބަރު ފަތުރާލާނެއެވެ. އެވެސް އެ އަންހެނާބޭނުންވާ ގޮތަކަށް އުނި އިތުރު ގެނެސް ބޮޑުކޮށް ގެނެވެ.

"މަ މި އައީ އިބްރީސްއާ ބެހޭ ހުރިހާ މައުލޫމާތެއް އެއްކޮށްގެން." އިބްރާހީމްބެ އެންމެންގެ މޫނަށް ބަލާލަމުން ވާހަކަ ދައްކަން ފެށިއެވެ. "މިރޭ ﷲ އިރާދަކުރެއްވިއްޔާ އޭތީގެ ކިބައިން ނިހާ ސަލާމަތް.... ނިހާ އެކަންޏެއް ނޫން. އިންޝާ ވެސް ސަލާމަތްކޮށްދޭނަން."

"އިންޝާއޭ؟" ނަޒީލް ހައިރާންވެފައި އެހިއެވެ.

ނަޒީލް އެކޭ އެއްފަދައިން އެންމެންގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ހައިރާންކަމާއެކު އެންމެންގެ ތޫނު ނަޒަރުތައް އިންޝާއަށް އަމާޒުވިއެވެ. ޞަފިއްޔާ ކަންބޮޑުވެފައި ހުރެ އިންޝާގެ އަތުގައި ހިފާލިއިރު ރޭގައި މަރުޖީނާ ދެއްކި ވާހަކަތައް ސިކުނޑީގައި ގުގުމާލިއެވެ.

"އާނ! އިންޝާއަށް ވެސް ވަނީ އިބްރީސްގެ އުނދަގޫ ފޯރާފައި. ރޭގައި އިންޝާއަށް ލެވުނު ކަޅު ހޮޑަކީ އެކަމުގެ ހެތްކެއް.." އިބްރާހީމްބެ ޖަވާބު ދިނެވެ.

"ކޮބާ މަ ބުނީމެއްނު." މަރުޖީނާ ޞަފިއްޔާ ކަންފަތް ބުޑުގައި ޗުކުޗުކު ތަޅުވަން ފެށިއެވެ. "ހަމަ ޖިންނި އެއޮތީ އިންޝާގެ ގަޔަށް އަރާފައޭ. އޭނަ ބަނޑުވެސް ބޮޑު. ދެން ލާހިކެއްނޫން ތިކަމުން ސަލާމަތްވާކަށް.. އޭނަ ދެން ހަމަވާނީ މަރު. ދެން ހަދާނީ ވެސް ވަކި ކިހިނެއްތަ؟ ވިހާފިއްޔާ މުޅި އާއިލާގެ ދުވަސް ދިޔައީ."

"ހުއްޓާލާ! މިދެން ކޮންގަޑިއެއްތަ؟" މަރުޖީނާ އަނގަގަދަވެގެން ގޮސް ކިޔޭ ނުކިޔޭ އެއްޗެއް ނޭގުމުން ޞަފިއްޔާ ހިތްހަމަ ނުޖެހުނެވެ. އިލްހާމް ރުޅި އައިސްފައި ޞަފިއްޔާއަށް ލޮލުން އިޝާރާތްކޮށްލީ މަރުޖީނާ އެތަނުން ގެންދިޔުމަށެވެ. މަރުޖީނާ އަތުގައި ހިފައިގެން ޞަފިއްޔާ އެތަނުން ދިޔައެވެ.

"ތީ އަޖައިބެއް ކަހަލަ ޖިންނިއެއްނު. ފުރަތަމަ ނިހާ. މިހާރު އިންޝާ. އަނެއްކާ މަށަށް ވެސް މިހިރީ އެބަލާވެރިކަން ޖެހިފައި. ކީއްވެގެންތަ މާމަ ތި އެއްޗަކު ހައްޔަރުކޮށްފައި ހުއްޓާ މިނިވަންވެގެން އެ އުޅެނީ. ރޭގަ ބުނި ބައްޕައަށް އަންހެން ދަރިޔަކު ލިބުނީމައޭ. އެހެންވެއޭ މިނިވަންވީ. މިއަދު ތިބުނީ އެކަހަލަ ކަމެއް ނެތޭ. ތީގަ ވާއެއް ނުވާއެއް އެބަ އެނގޭތަ؟ އޭތި މިނިވަންވާންވީ ކީއްވެގެން؟ އިންޝާއަށް ދުއްތުރާ ކުރަންވީ ކީއްވެ؟" އިންޝާއަށް އިބްރީސްގެ އުނދަގޫ ޖެހުމުން ނަޒީލް ކަންބޮޑުވެފައި ހުރެ ހިތުގެ އުދާސްތައް ބޭރުކުރަން ފެށިއެވެ.

"މަށެއް ނުބުނަމެއްނު އެ ދޮގެކޭ. އިލްހާމަށް އަންހެންދަރިޔަކު ލިބުނޭ."

"ކީކޭތަ ތި ކިޔަނީ؟" އިބްރާހީމްބެ ދެފަހަރު ދެގޮތަށް ވާހަކަ ދައްކާތީ އެ ވާހަކަތައް ހުއްޓުވަމުން ނިކާލް ބުންޏެވެ. "ތަންކޮޅެއް ސާފުވާނެހެން ބުނެބަލަ."

"މިކިޔަނީ އިލްހާމަށް އަންހެން ދަރިޔަކު ލިބުނޭ. އެދަރިޔަކީ ނިހާއެއް ނޫނޭ." އިބްރާހީމްބެ ބުންޏެވެ.

އެއަޑު އިވިފައި އެންމެ ބޮޑު ޝޮކެއް ލިބުނީ ނިކާލަކަށް ނޫނެވެ. މަރުޖީނާ އަނެއްކާ ވެސް އެދިމާއަށް އަންނާތީ އޭނާ ފަހަތުން ހަލުވި ފިޔަވަޅުތައް އަޅަމުން އައި ޞަފިއްޔާއަށް ވެސް އިބްރާހީމްބެ ބުނި އެއްޗެއް ސާފުކޮށް އިވުނެވެ. އޭނާއަށް ލިބުނު ޝޮކުގައި ހުއްޓުން އެރީ ކުއްލިއަކަށެވެ. (ނުނިމޭ)

 

ސީޒަން-01 ގެ ފަހުބައިގެ ތެރެއިން:-

"ރައްކާވާށޭ." ނިކާލް ހަޅޭލަވައިގަތެވެ. "ބައްޕަ އެ ބުނި އެއްޗެއް ކަލެޔަށް ނީވުނީތަ؟ ނޫނީ ކަލޭ ބީރީތަ؟ ބޭކާރު ވާހަކަ ނުދައްކާ މިތަނުން ދާންއުޅޭ. ކަލޭ ތި ދައްކާ ވާހަކަ ގަބޫލުކުރާނެ އެކަކު ވެސް މިތާކު ނެތް."

ނިހާ ދިޔައީ ސިހިގެންނެވެ. އިލްހާމަށް ނިކާލް ކުރާ "ކަނު" އިތުބާރު ފެނިފައި ނިހާގެ ތަލިން ކުޅު ހިކޭ ގޮތްވިއެވެ. ނިކާލްގެ ސިކުނޑީގައި ތެތްކަމެއް ވެސް ނެތީ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    ވާހަކަ.ކޮމް ގަ މި ވާހަކަ އެއްކޮށް އެބައިން!

    4
    3
    • ނި

      އެތަނުގައިވެސް ވާހަކަ އެއްކޮށް ނެތް.

      8
      1