ޒޫމް މީޓިންގް ތަކުގައި ނޭންގި ކެމެރާ ޖެއްސިފައި ހުރުމުން މީހާ ލަދުގަންނަން ޖެހޭ ފަދަ ކަންކަމާ ކުރިމަތި ވެއެވެ. ކޯޓުގެ އަޑު އެހުން ތަކާއި ބޮޑެތި ކުންފުނި ތަކުގެ މީޓިންގް ތަކުގައި މީހުންނަށް އޮޅިގެން ކެމެރާ ޖެއްސި ބަރަހަނާވުން ފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން, މިއީ އެހެން ކަންތައް ދިމާވި މީހެއްގެ ވާހަކައެވެ.

ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ޒޫމް މީޓިންގް އެއްގައި ކެމެރާ ޖެއްސިފައި އިންކަން ނޭންގި ކޮމްޕިއުޓާ ސްކްރީން ކުރިމަތީގައި ހުރެ ބަރަހަނާވެ ހެދުން ބަދަލު ކުރާ މަންޒަރު އާންމުވެ، މިކަމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވުމުން ދާތީ މާފަށް އެދިވަޑައިގެންފިއެވެ.

ބަރަހަނާވި މަންޒަރާއި އެކު އަމާޒުވި ފާޑުކިޔުމުގެ އިތުރުން، ޒޫމް މީޓިންގްގެ ސްކްރީންޝޮޓް ވަނީ މީސް މީޑިއާގައި އާންމު ވެފައެވެ. ސްކްރީންޝޮޓުން ފެނިގެން ދަނީ މެމްބަރ އަމޯޒް ބަރަހަނާވެ ހުންނަވަނިކޮށެވެ. ނިވައިކުރުމުގެ ގޮތުން ހަމަ އެކަނި ބޭނުން ކޮށްފައިވަނީ އަތުގައި އޮތް ފޯނެވެ.

2015 ވަނަ އަހަރުން ފެށިގެން ކެނެޑާގެ ކިއުބެކް ޕްރޮވިންސް ތަމްސީލު ކުރައްވާ މެމްބަރް ވިލިއަމް އެމޯޒް ހައުސް ކޮމަންސް ޒޫމް ކޮންފަރެންސް މީޓިންގްގައި ބަރަހަނާވެ ހެދުން ބަދަލު ކުރި މައްސަލައިގައި މާފަށް އެދިވަޑައިގެން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ދުވަން ގޮސް އައިސް އޮފިސް ހެދުމަށް ކެމެރާގެ ކުރިމަތީގައި ބަދަލު ކުރެވުނީ ކެމެރާ ޖެއްސިފައި ހުރިކަން ހަމަ އެއްގޮތަކަށް ވެސް އެނގިވަޑައިނުގެން ކަމަށެވެ. އެއީ އޮޅުމަކުން ވީ ކަމެއް ކަަމަށާއި، ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ވިދާޅުވެ މެމްބަރ އަމޯޒް ވަނީ ހުރިހާ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައި ގެންފައެވެ.

ކޮވިޑާއި ގުޅިގެން ހުރިހާ އެންމެންގެ ބައްދަލުވުންތައް ވެސް އޮންލައިން ވެފައިވާއިރު މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު